By: Nurah Rasheed
ނުވަދިހައިގެ އަހަރުތައް އުފާވެރި ކޮށްދިނީ ހަމަ އެކަނި އޭރުގެ ކާޓޫނުތަކާއި ފިލްމުތަކާއި ގެންގުޅުނު ފާޑުފާޑުގެ އެއްޗިއްސެއް ނޫނެއެވެ. މީގެ ތެރޭގައި ވީޑިއޯ ގޭމު ވެސް ހިމެނެއެވެ. އަހަރެމެންނަށް މިހާރު ފެންނަ ބައެއް ގޭމުތަކަކީ ވެސް އެ ދުވަސްވަރު އުފަންވެފައިވާ އެއްޗިއްސެވެ. ގެޔަށް ކުލާސް ކުދިންނާއި ރައްޓެހިން ގެނެސް ގޭމު ކުޅެން ތިބި ހަނދާން ވޭހެއްޔެވެ؟ ސްކޫލުގެ ހޯމް ވޯކް ނުހަދާ ގޭމު ކުޅެން ބޭނުންވެ، މަންމައާ ދެބަސްވާ ހިސާބަކަށް ނުދޭހެއްޔެވެ؟ މިހާރު ހައި ޓެކް ގޭމިންގެ ތެރެއަށް ގެއްލިފައިވާ ޒަމާނެއްގައި އަހަރުމެންގެ ކުޑައިރު އުފާކޮށްދިން ބައެއް ވީޑިއޯ ގޭމުތަކަށް ބަލައިލަން ހިނގާށެވެ.
ޕްރިންސަސް ޕީޗާސް ސަލަމާތް ކުރުމުގެ ގޮތުން ދުވަމުންދާ ފެންވައިރުކުރާ މި އިޓަލީ މީހާ އަކީ ސުޕާ މާރިއޯއެވެ. ގިނަ ހުރަސްތަކަކާ ކުރިމަތި ލަމުން، ދުވަމުން އަންނަ މީހާގެ މި ގޭމުގެ ހުރިހާ ލެވެލްއެއް ނިންމީ ތީގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟
އޭރު ގޭތެރޭ އިނދެގެން ޕްލާސްޓިކު ބަޑިއެއް ޓީވިއަށް އަމާޒުކޮށް، އަސްދޫނި މެރުން ވީ ވަރަށް މަޖާ ކަމަކަށެވެ. މި ގޭމުގައި އުޅޭ ޑޯގަށް ކާންދޭން އަސްދޫނި މަރަން ލިބޭނީ އެންމެ ތިން ފުރުސަތެވެ. އަދި މީގެ ބޭނުން ރަނގަޅަށް ހިފައި އަސްދޫނި މެރުމުން ދެން އިންނަ ލެވެލްއަށް ދެވެއެވެ.
ސެގާގެ މި ގޭމަކީ ވެސް ތީގެ ތެރެއިން ބައެއް މީހުން އޭރު ކުޅޭ ހިތްވި އެއް ގޭމުކަން ޔަގީނެވެ. ނޫ ކުލައިގެ މި ވަލު ކަށި ކޮއްޔަކީ އަޑަށް ވުރެ ބާރަށް ދުވާ އެއްޗެކެވެ. މި ގޭމުގައި ސޮނިކް އުޅެނީ ހުރިހާ ނުބައި ކަންތައްތަކަކުން ދުނިޔެ ސަލާމަތް ކުރުމުގެ މަސަތްކަތުގައެވެ.
ފިލާވަޅު ހަދަން ދަންވަރު ހޭލައި ނުތިބެވުނަސް ރައްޓެހިން އެއްކޮށްގެން ކޮންޓްރާ ކުޅެން ތިބީ ކޮން ބައެއް ހެއްޔެވެ؟
ރެޑް ފެލްކޮން ކިޔާ ޓެރަރިސްޓު ގްރޫޕެއްގެ އަތްދަށުން ދުނިޔެ ސަލާމަތްކުރަން އުޅޭ މި އެކްޝަން ގޭމަކީ ނިންޓެންޑޯގެ މީހުން ބުނާ ގޮތުގައި "ލެޖެންޑްރީ" ގޭމެކެވެ.
އަލާޑިންގެ ކެރެކްޓާއަށް ބިނާކޮށް ހަދާފައިވާ މި ގޭމަކީ ނިންޓެންޑޯ ކޮންސޯލް ގޭމިން އާ ހަރުފަތަކަށް ގެންގޮސްދިން އުފެެއްދުމެކެވެ. ގޭމު ލޯންޗުކުރުމާ އެކު ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފައެވެ. އަލާޑިން ކާޓުނު ބަލައިގެން ނުފުދި، މި ގޭމު ކުޅުނު މީހުން އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ.