15 Nov 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ނޮވެމްބަރު 12 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އާއިން! އަހަރެން ބޭނުންވަނީ އާއިން ލިންތާއާ ކައިވެނިކުރަން..." ހިޔާލު ބަދަލުވުމުގެ ކުރީން އަހަރެން އެޖުމްލަ ދުލުން ބޭރުކޮށްލީމެވެ.

އާއިން ބަލަން އިންގޮތުން ހީވަނީ އޭނައަށް ނޭނގޭ ބަހަކުން އަހަންނަށް ވާހަކަދެއްކުނުހެންނެވެ. ހިމޭންކަން ދިގުލައިގެން ދާން ފެށުމުން އަނެއްކާ ވެސް ވާހަކަދައްކަން ޖެހުނީ އަހަންނަށެވެ.

"އާއިން! އިވިއްޖެތަ އަހަރެން މިބުނި އެއްޗެއް؟ އަހަރެން ބޭނުންވަނީ އާއިން ލިންތާއާ ކައިވެނިކުރަން." ދެވަނަ ފަހަރަށް ބުނަން މާބޮޑަށް ވެސް ފަސޭހަވި އެވެ. އަހަރެންގެ ހިތްވަރާއިމެދު ޚުދު އަހަރެން ވެސް ހިނދުކޮޅަކަށް ހައިރާންވި އެވެ.

އާއިން ވާހަކަދެއްކުމުގެ ކުރިން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލި އެވެ. "ނޫން." ދުރުބަލާލަމުން އާއިން އިއްވައިލި އެވެ. އާއިންގެ ކޯކަށިގަނޑު ހަރަކާތްކުރިތަން އަހަންނަށް ރީތިކޮށް ފެނުނެވެ.

ފުރަތަމަ އެޖަވާބު އިވިގެން އަޖައިބެއްފަދަ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އެއީ ކުޑަހިނދުކޮޅަކަށެވެ. އާއިން ދެވަނަ ފަހަރަށް ވާހަކަދައްކަން ދެނެވެ.

"ލިވީ ތިހާލުގައި ވަނިކޮށް އަހަރެންގެ ހަޔާތަށް ދެވަނަ މީހަކު ގެންނާކަށް ބޭނުމެއް ނޫން. އަހަރެން ލިންތާ ހަނދާން ނައްތާލައިފިން." އާއިންގެ ފަހު ޖުމްލަ ޚުދު އަމިއްލަ ނަފްސް ވެސް ޤަބޫލުކުރިކަމެއް ނޭނގެ އެވެ. އެއަޑު ނިކުތީ އެހާ ވެސް ޔަޤީންނުވާ ރާގެއްގަ އެވެ.

އެކަމަކު އަހަރެން އަޅައިގަތީ އޭނަ ކުރިން ބުނި ވާހަކައިގަ އެވެ. އާއިންގެ ފަސްޖެހުމަކީ އަހަރެންނަށް ކުރިމަތިވެފައިވާ ހާލެވެ. އޭނައަށް ކުރެވޭ ކުށްވެރި އިހްސާސެވެ.

"އެއީ ހިނގި އެކްސިޑެންޓެއް. އަހަންނަށް މިހެން ދިމާވީ އާއިންގެ ކުށަކުން ނޫން. އަހަރެން އާއިން ކުށްވެރިއެއް ނުކުރަން. އަދި އަހަރެން މިހާލުގައި އޮތުމަކީ އާއިން އަމިއްލަ އުފާތަކަށް ހުރަސް އަޅަންވީ ސަބަބެއް ނޫން." އަހަރެންގެ އަނގައިން އެޖުމްލަތައް ނިކުތްހާ އަވަހަށް އާއިން ބަލައިލި އެވެ.

އަހަރެން މަޑުމަޑުން ބޯޖަހައިލީ އިތުރަށް ޔަޤީންކޮށްދިނުމުގެ ގޮތުންނެވެ. އާއިން ފުންނޭވައެއް ދޫކޮށްލިގޮތުން ހީވީ އެއޮތް ހުރިހާއިރު ނޭވާނުލައި އިނދެފައި ދޫކޮށްލި ފުރަތަމަ ނޭވާހެންނެވެ. ދެން އަނެއްކާ ވެސް ބަލައިލީ ދުރެވެ.

"އަހަރެން ލިންތާ ދޫކޮށްލައިފިން. އެވަރުން ނުވެގެން އޭނަ ވަޒީފާއިން ވެސް ކަނޑާލައި ފޮނުވާލީ. ކިހިނެތް އަހަރެން އަލުން އޭނަ ކުރިމައްޗަށް ދާނީ..." އާއިން ބޮލުގެ އިސްތަށިގަނޑުގައި ހިފާލައިފައި ވާހަކަދެއްކި އެވެ.

"އަހަރެން ލިންތާ ރުއްސާނަން." އަހަރެންގެ އަޑުނިކުތީ އަހަރެން ބޭނުންވިވަރަށްވުރެ ޔަޤީންކަމާއިއެކުގަ އެވެ.

ދެން އެތަނަށް ވެރިވީ ހިމޭންކަމެވެ. ދެމީހުންކުރެ އެކަކަށް ވެސް ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ކަހަލަ އެވެ. އާއިންގެ ފޯނު ރިންގްވުމުން އަވަހަށް ނަގައި ވާހަކަދައްކަމުން ނިކުތްއިރު ހީވީ އެތަނުން ނިކުންނާނެ ބަހަނާއެއް ނުފެނިފައި އިންހެންނެވެ. އާއިން ނިކުތްހާ އަވަހަށް އަހަންނަށް ދެއަތް މުށްކަވާލައިފައި ގެނެސް ލޯމަތީ ޖައްސާ ބާރުކޮށްލެވުނެވެ. އަހަރެން މިކުރީ ކީއް ހެއްޔެވެ؟ އާއިން ނޫނެކޭ ބުނި ހިސާބުން އެވާހަކަ އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓައިނުލީ ކީއްވެހެއްޔެވެ؟ ހުއްޓިފައި އޮތް ކައިވެންޏަކަށް އަލުން މަގެއް މިކޮށައިދިނީ ބަދަލުގައި ކޯއްޗެއް ލިބޭނެކަމަށް ހެއްޔެވެ؟ ހޮސްޕިޓަލުގެ މި ކޮޓަރީގެ އޮވެ އޮވެ އަހަރެންގެ ސިކުނޑިއަށް އަސަރުކުރީ ހެއްޔެވެ؟

ނިކަމެތިކަން އިހްސާސް ކުރެވޭ ކޮންމެ ފަހަރަކު މިހާރަކަށް އައިސް އެންމެ ހަނދާން ވަނީ ސާހިލް މަތިންނެވެ. އާއިން ދިއުމުން އެކަނި އޮތް ވަގުތުކޮޅު އިޚުތިޔާރެއް ނެތި ސާހިލް މަތިން ހަނދާންވީ ސަބަބެއް ނެތިއެއް ނޫނެވެ. ބަދަލުގައި ލިބޭނެ އެއްޗެއް ނެތި އަމިއްލަ އުފާތައް ޤުރުބާން ކުރި މީހަކަށް ސާހިލް ވާނެ އެވެ. އޭގެ ބަދަލުގައި ކޮންމެވެސް ދުވަހަކުން ސާހިލްއަށް ލިބޭނެ ކަމުގައި އަހަރެން އުންމީދު ކުރީމެވެ.

***

ބިއްލޫރި ބޯޅައިގެ ހާދިސާ ހިނގުމަށްފަހު ވެސް އަހަންނާއި ސާހިލްގެ މެދުގައި ވަކި ހާއްސަ އެކުވެރިކަމެއް ނުއުފެދެ އެވެ. އަހަރެން ވާހަކަދައްކައިފިނަމަ އޭނަ ވާހަކަދައްކަ އެވެ. ބައެއްފަހަރު ކައިރިން ފެނިއްޖެނަމަ ހަތަރުކަޅި ހަމަކޮށްފާނެ އެވެ. ސާހިލްގެ އެހެން އުޅެނީ އޭނަގެ ހުންނަ ލަދުރަކި ކަމަކުންކަން އަހަންނަށް ވިސްނުނީ ފަހުންނެވެ.

އަހަރެންގެ ބައްޕަ މާލެ ގޮސްލާފައި އެއަންނައިރު އަވަށްޓެރީންގެ ކުދިންނަށް ވެސް ހަދިޔާ ދެ އެވެ. ބައްޕަ އަންނަ ފުރަތަމަ ދެތިން ދުވަހު އަހަރެންނާއެކު ކުޅެން އަންނަ ކުދިން ގިނަ ވާނެ އެވެ. އެކުދިން ނިކުމެގެން ދާނީ ބައްޕަ ހަދިޔާ ބަހާ ނިމުނީމަ އެވެ. ދެން ފެންނާނީ މަދުފަހަރެއްގަ އެވެ. ބައްޕަ އައި ދުވަހު ހަސަން ވެސް ބައްޕަ ނުފެނިގެން އައެވެ. ހަސަން ދެކޮޅު ހޯދާލައިފައި ބައްޕަގެ ވާހަކަ އެހި އެވެ. އޭރު ބައްޕަ ގޭގައި އުޅެ އެވެ. ބައްޕައަށް އެއަޑު އިވިގެން ނިކުތީ ހަސަންއަށް ހަދިޔާ ހިފައިގެންނެވެ.

ހަސަންއަށް ވީ ހަދިޔާ ދީ ނިމުމާއެކު ވަގުތުން ކާލައިފައި އެހީ ސާހިލްއަށް ވީ ބައި ކޮބައިތޯ އެވެ. ހަސަން އެދުނީ އެތަކެތި އޭނައާ ހަވާލު ކުރުމަށެވެ. ގެއަށް ދެވުމުން ސާހިލްއާ ހަވާލުކުރާނެ ވާހަކަ ބުނީ އަމިއްލަ އަށެވެ. އެކަމަކު އަހަރެންގެ ހިތް ބުނީ އިދިކޮޅަށެވެ. ބައްޕަ ސާހިލްގެ ބައި ދިނުމުން ހަސަން ނިކުމެގެން ދިއުމާއެކު އަހަރެންނަށް ހީވާ ގޮތަށް ބުނީމެވެ. ބައްޕަ ހިނިތުންވެލާފައި ބުނީ ސާހިލް ވަކިން ގެނެސް އޭނައަށް ހަދިޔާ ދޭނެ ކަމުގަ އެވެ.

ނަމާދުން އައި ގަޑީގައި ދިމާވެގެން ބައްޕަ ގެއަށް އައީ ސާހިލް ގޮވައިގެންނެވެ. އަހަރެން ވެލިގަނޑުގައި އުނދުން ހަދައިގެން ކައްކަން އިންއިރު ސާހިލް ގޯތިތެރޭ ހުރި އަށްޓެއްގައި ދުރު ބަލަހައްޓައިގެން އިނެވެ. ބައްޕަ އައިސް ތިން މެޓަޔާއި އެޕޯލޯއެއް ދިނުމުން ޝުކުރުވެރި ލޮލަކުން ބަލާލައިފައި އޭގައި ހިފި އެވެ. ބައްޕަ ސާހިލްގެ ބޮލުގައި އަތް ޖައްސާލައިފައި މިސްރާބު ޖެހީ އަނެއްކާ ވެސް އެތެރެއަށެވެ. ސާހިލްގެ އަތުގައި ހުރި އެއްޗިއްސަށް އެއްފަހަރު ބަލާލައިފައި ލީ ފަޓްލޫނުގެ ޖީބަށެވެ. އޭނަ ގޮސް ގެއަށް ވަންނާންދެން އަހަރެން ބަލަން އިނީމެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ހަސަން ގެއިން ނިކުމެގެން އައިސް އެގޭ ބޮޑު އުނދޯލީގައި އިށީނދެލީ ސާހިލް ގެންދިޔަ އެއްޗެހި ކަމުންނެވެ. މީހަކު ނުބުންޏަސް އެއީ ސާހިލް ގެންދިޔަ އެއްޗެހިކަން އަހަންނަށް އެނގުނެވެ. އަދި ހަސަން ސާހިލްއަށް ގެންދަން އެއްބަސްވެގެން ގެންދިޔަ އެއްޗެހި ވެސް ނުދޭނެކަމުގެ ޔަޤީންކަން އޮތެވެ. އަދި އެއީ އަލަށް ވާކަމެއް ނޫންކަމާއި އަބަދުވެސް އެކަން ހިނގާ އުސޫލުކަން އަހަންނަށް ވިސްނުނެވެ. އަހަރެން ސުވާލު އުފެދުނީ ސާހިލް އެކަން އަލިބެއާ ހަމައަށް ގެންދިޔަ ކަމާއިމެދުގަ އެވެ.

ހަސަން ގެއިން ނިކުމެގެންދިޔަ ތަން ދެކެފައި އަހަރެން ސާހިލް ހޯދަން ދިޔައީމެވެ. އޭނަ ގެނެސް އަހަރުމެން ފެންޑާގައި ބަހައްޓާފައި ކޮޓަރިއަށް ވަދެފައި ނިކުތީ އަތަށް މެޓާތަކެއް އަޅައިގެންނެވެ. ފުރަތަމަ އަހަރެން ބުނީ އަހަރެން ދޭން ވަޢުދުވި ހަދިޔާ އަދި ބައްޕައަށް ނުލިބޭ ކަމަށެވެ. ސާހިލް އެކަމަށް އެއްޗެއް ނުބުނެ އެވެ. އަހަރެން މެޓާތައް ދިނުމުން ސާހިލް ހައިރާންވެފައި ބަލަން ފެށި އެވެ. ގެއަށް ނުގޮސް ކާލަން އެދިފައި ސާހިލްގެ އަތަށް ލައިދިނުމުން އަނެއްކާ ވެސް އިސްއުފުލާލައިފައި ބަލައިލީ އަހަރެންގެ މޫނަށެވެ. ސާހިލް ދިން އެއްޗެހި ހަސަން ކޭކަން އެނގޭ ވާހަކަ ބުނުމުން ހިނދުކޮޅެއްގެ ނުތަނަވަސްކަމެއް މޫނުން ފައުޅުވި އެވެ. އޭނަ ދެން ދިނީ އަހަރެން ހައިރާން ކުރުވި ޖަވާބެކެވެ. އެއީ އެއެއްޗެހި ހަސަންއަށް ދިނީ އަމިއްލައަށް ކަމަށެވެ. އޭނަ ދެން ކިޔައިދިނީ ހަސަން އަބަދު ވެސް އެގޮތަށް ލިބޭ އެއްޗެހި ދޭން ބުނާ ކަމަށެވެ. ނުދީފިނަމަ ނިމެނީ ސާހިލްއަށް އަނިޔާ ލިބިގެންނެވެ. އަލިބެ ސާހިލްއާ އެއްކޮޅަށް ޖެހިއްޖެނަމަ އަސްމާއްތަ އަނެއްކޮޅަށް އަރަ އެވެ. ދެމަފިރިން ޒުވާބަކަށް ގޮސް، ހަސަންގެ އަނިޔާތަކާއި ކުރިމަތިލުމަށްވުރެ އެގޮތް ރަނގަޅު ކަމަށެވެ. އެހެންވެ އޭނައަށް އެއްޗެއް ލިބޭ އިރަށް ގެންގޮސް ހަސަންއަށް ދެނީ އެވެ. އެވާހަކަތައް އަހަން ހުރިއިރު އަހަރެން ދެރަވި އެވެ. އޭނަ އެގޮތަށް ފޮރުވުމެއްނެތި އަމިއްލަ ހާލަތު ކިޔައިދިން ފުރަތަމަ ފަރާތަކަށް އަހަރެން ވާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. އަހަންނަށް ނޭނގުނަސް އަހަރެމެންގެ މެދުގައި އެކުވެރިކަމެއް އުފެދިފައި އޮތްކަން އިހްސާސްވީ އެވަގުތު އެވެ.

ހަފްތާއެއް ފަހުން އެކުވެރި ކުދިންތަކަކާއި ޒުވާބުކޮށްގެން ގެއަށް އައި ހަސަން އެރުޅީގައި ހުރެގެން ސާހިލްއަށް ހަމަލާދިނީ ގާބުރިއަކުން ޖަހައިފަ އެވެ. އަހަންނަށް ފެނުނީ މަންމަ ސާހިލް ގެނެސް އަހަރުމެން ގެއަށް ވެއްދިތަނެވެ. ކަނާތް ފަރާތުން މޫނު މައްޗަށް ފައިބަމުންދިޔަ ލޭ ފެނިފައި ބިރުން އަހަރެންނަށް އަނގަމަތީ އަތް އެޅުނެވެ. މަންމަ ސާހިލް ގެނެސް ގޮނޑިއެއްގައި ބައިންދާފައި އިސްތަށިގަނޑު ތެރެއިން ހަލާކުވެފައި ތަން ހޯދިއިރު ސާހިލް އިނީ ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ހިމޭނުންނެވެ. ވޭން އަޅާކަން މޫނުގެ ކުލައިން އެނގުނަސް އަނގައިން އެންމެ އަޑެއް ވެސް ލައްވާނުލަ އެވެ. އުމުރުން ބާރަ އަހަރުގައި ވެސް ސާހިލްގެ ހުރި ހިތްވަރު އަހަންނަށް ފެނުނީ އެދުވަހު އެވެ. ނަސީބަކުން ހަލާކުވެފައި ހުރީ ކުޑަ ތަންކޮޅެކެވެ.

މަންމަ އެދުމުން ސާހިލް އެރޭ އަހަރުމެން ގޭގައި ނިންދަން ބާއްވަން އަލިބެ އެއްބަސްވި އެވެ. ކައިގެން އައިސް ސާހިލްއަށް ތަންމަތި ހަދައިދިނީ ފެންޑާގައި ހުރި އަށިމަތީގަ އެވެ. މަންމަ އެދުމުން ނިދަން ވަން ނަމަވެސް އަހަރެން ބޭނުންވީ ސާހިލްއާ ވާހަކަދައްކާލަން އިނުމަށެވެ.

ނިދަން އޮވެފައި މަންމަމެން ކޮޓަރިއަށް ވަންކަން ޔަޤީންވުމުން އަހަރެން ނިކުތީމެވެ. ދޮންތަ ވެސް އޭރު އޮތީ ގަދަނިދީގަ އެވެ. ގައިމަތީ ރަޖާ އޮތަސް އަބަދު ފިނީގައި އޮވެ ނިދާ ކުއްޖަކަށް އާދަވެފައިވާ ފަދައިން ސާހިލް އޮތީ ކުރުގެޅިލައިގެންނެވެ. އަހަރެން ގޮސް ކައިރިވުމުން އެކަން އިހްސާސްވެގެން ލޯ ހުޅުވާލި މީހަކު ފަދައިން ސާހިލް ލޯ ހުޅުވައިލި އެވެ. އެލޮލުގައި ނިދީގެ އަސަރެއް ނެތެވެ. އަހަރެން ސިހިފައި ފަހަތަށް ޖެހިލުމާއެކު އޭނަ ތެދުވެ އިށީނެވެ. ފަނޑުއަލީގައި އެއަޅި ދެލޯ ފެނިގެން ކުޑަކޮށް ޖެހިލުންވި އެވެ.

"އަހަރެންގެ ކޮއްކޮއެއް ހުރޭ." އަހަންނަށް އެއްޗެއް ނުބުނެވެނީސް ސާހިލް ފެށި އެވެ.

އަޑު އިވުނީ ރަނގަޅު އެއްޗެއް ކަމާ މެދު އަހަރެން ސުވާލު އުފެދުނެވެ. ޔަޤީން ނުވެފައި ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ.

"އަހަރެން އަލިބެ ކައިރީ މަންމައާ ބެހޭގޮތުން ސުވާލު ކުރީމަ ބުނީ އަހަރެންގެ ކޮއްކޮގެ ވާހަކަ. އަންހެންކުއްޖެއް." ވާހަކަދެއްކިއިރު އެއަޑަށް ވެރިވި އުފާވެރިކަން އަހަންނަށް ފާހަގަވި އެވެ. ސާހިލް ދުރު ބަލާލި ގޮތުން ވާހަކަ ކުރިއަށް ގެންދަން އުޅޭހެން ހީވެގެން އަހަރެން އެނދުގެ އަނެއްކޮޅުގައި އިށީނދެލީމެވެ.

އަލިބެ ބުނީ މަންމަ ވަރަށް ފަހުން އަހަރެންގެ ވާހަކަ އެހި ކަމަށް. ބުނީ މަންމައަށް އަހަރެން ދޫކޮށްލާފަ ދާން ޖެހުނީ ދޮންބައްޕަ އަހަންނާއި ހަވާލުވާން ބޭނުން ނުވެގެން ކަމަށް." ސާހިލްގެ ވާހަކަ އަހާފައި އެއީ އުފާވެރި ކަމެއް ކަމެއް ނޫނީ ހިތާމަވެރި ކަމެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އެހެންވެ ދޭނެ ޖަވާބެއް ނޭނގިގައި ހިމޭނުން އިނީ އެވެ.

"އަލިބެ ބުނީ މާލެ ދާއިރަކުން އަހަރެން މަންމައަށް ދައްކާލަން ގެންދާނެ ކަމަށް. އެއިރުން ކޮއްކޮ ވެސް ފެންނާނެ." ސާހިލްގެ އުފާވެރިކަން އިތުރަށް ސިއްރެއް ނުވި އެވެ. ފުރަތަމަ ފަހަރަށް އެތުންފަތަށް ވެރިވި ހިނިތުންވުން ދެކެފައި އަހަރެންނަށް ބަލަން އިނދެވުނީ ހައިރާންވެފަ އެވެ. އެހިނިތުންވުން އެހާ ރީތީ އޭނަ އާންމުކޮށް ނުކުރާ ކަމަކަށް ވާތީ ބާއޭ ހިތަށްއެރި އެވެ. ސާހިލް ޖޯޝާއެކު ދެއްކީ އެމީހުންނާއި ބައްދަލު ކުރަން ދާން އޭނަ ވާން ބޭނުންވާ ތައްޔާރީ ތަކުގެ ވާހަކަ އެވެ. ކޮއްކޮއާ މަންމައަށް ގެންދަން ބޭނުންވާ ހަދިޔާގެ ވާހަކަ އެވެ.

އަތިރިމައްޗަށް ގޮސް އުޅޭއިރު ރީތި ބޮއެއްޔެއް ފެނުނަސް އޭނަ ރައްކާކުރަން ފެށީ ކޮއްކޮއަށް ގެންދާށޭ ބުނެފަ އެވެ. އަހަންނަށް ރީތި އެއްޗެއް ފެނުނަސް ގެންގޮސް ސާހިލްއަށް ދެމެވެ. އެންމެ ފަހުން އޭނަ އިންތިޒާރު ކުރި ދުވަސް އައިސް ޖެހުނެވެ. އަހަރެންގެ ޅަ ހިތް ތެޅިގަތީ އެދުވަހު ސާހިލް އައިސް ދިން އިތުރު ތަފްޞީލަކުންނެވެ.

***

އާއިން ފޯނު ނިންމާފައި އެނބުރި އައިސް ގިނައިރު އިނީ ހިމޭނުންނެވެ. އޮފީހުގައި މަސައްކަތް ބުރަވެ ގިނަވަގުތު އެކީ ހޭދަ ކުރަން ނުލިބުނަސް ދެމީހުންގެ މެދުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ޔާނިޝް އައިސް ވަދެފައި މަޑުކުރަން ހުށައެޅުމުން އާއިން ޤަބޫލު ކުރީ އެފަދަ ފުރުސަތެއް ނުލިބިފައި ހުރި މީހަކު ފަދައިންނެވެ. އޭނަ ނިކުމެފައި ވަންތާ އޭރު ދިހަ މިނިޓް ނުވިއަސް އެތާ ގިނައިރުވެފައި އިންފަދަ އެވެ. އާއިން ނިކުތުމުން އަހަންނަށް ވެސް ލެވުނީ ހަމަޖެހުމުގެ ނޭވަ އެކެވެ. ދައްކާނެ ވާހަކައެއް ނެތިފައި ހިމޭނުން ތިބުން މާ ހިތަށް އުދަނގުލެވެ.

ޔާނިޝް ދޮންތައަށް ގުޅައިގެން ވީޑިއޯ ޖައްސާފައި އަހަރެންގެ އަތަށް ފޯނު ދިނެވެ. ތުއްތު ދަރިފުޅު ފެނިގެން އަހަރެންގެ މެއަށް ބާރުވެގެން އައެވެ. މަންމަ އާއި ދޮންތަ ފެނުމުން ލޮލުގައި ކަރުނަ ގިނަވި އެވެ. ދޮންތަ ދިނީ އުފާވެރި ޚަބަރެކެވެ. އެއީ ދެދުވަހެއްގެ ތެރޭގައި މަންމަ މާލެ ފޮނުވާ ވާހަކަ އެވެ. ފުރަތަމަ އުފާވި ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެން ނުތަނަވަސްވި އެވެ. މަންމަމެނަށް ހަޤީޤަތް އެނގުމުން ވާނެ ގޮތާއިމެދު ވިސްނެން ފެށި އެވެ. އަހަރެންގެ ދެފައިގެ ވާހަކަ މަންމަ ކައިރީ ބުނުން ވާނީ ފުރަތަމަ ފަހަރަށް އަހަރެންނަށް އެކަން އެނގުންފަދަ ކަމަކަށެވެ. އަހަރެންގެ އެއްކޮށްފައިވާ ހުރިހާ ހިތްވަރެއް ވައިގެތެރެއަށް ބުރައިގެންދާނެ އެވެ. މަންމަގެ ކަރުނަ ފެނިފައި އަހަރެން ބަލިކަށި ވާނެ އެވެ. އަމިއްލަ ހާލަތު ބަލައިގަނެގެން އަހަރެން އަޅައިގެން މިއުޅޭ ހަމަޖެހުމުގެ މޫނުގަނޑު ނެގޭނެ އެވެ. އަދި އާއިން އާއި ލިންތާގެ ވާހަކަ އެނގުން ވާނީ ހިތަށް ވެސް އަރުވާލަން ނޭނގޭފަދަ ބޮޑު ކަންތައްގަނޑަކަށެވެ.

ފޯނު ނިމުމުން އަހަރެން އަހަރެންގެ އަމިއްލަ ދުނިޔެއަށް ދޫކޮށްލައިފައި ޔާނިޝް އިނީ ފޯނުން ކޮންމެވެސް އެއްޗެއް އަޑު އަހާށެވެ. އަހަރެންގެ ފޯނު ރިންގް ވާން ފެށީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އަހަންނަށް ބަލައިލެވުނީ ޔާނިޝްއަށެވެ. ހެޑުސެޓު ޖަހައިގެން އިންއިރު ޔާނިޝްގެ ނަޒަރު ހުރީ ދުރަށެވެ.

ވިސްނައިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ. އެކޮޅުން ވާހަކަނުދައްކައި ހިނދުކޮޅެއް ހޭދަވެގެން ދިއުމުން އިސްވެ ހަލޯއޭ ބުނެލީމެވެ.

"ހަ..ހަލޯ.." އެކޮޅުން ވާހަކަދެއްކި ކުއްޖާގެ އަޑުގައި ޖެހިލުންވުމުގެ އަސަރުވި އެވެ.

ދަންނަ އަޑެއްކަމުގައި ހިތް ބުނެލި ނަމަވެސް ކާކުކަމެއް ހަނދާނެއް ނުވި އެވެ. އަހަރެން އިންތިޒާރު ކުރީ އަންހެންކުއްޖާ ވާހަކަ ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އެހެނެއް ނުވި އެވެ. ދެވަނަ ފަހަރަށް ވެސް ގޮވާލަން ޖެހުނީ އަހަންނަށެވެ. އެއާއެކު އަންހެންކުއްޖާ އަނެއްކާ ވެސް ބުނެލީ ހަމައެކަނި "ހަލޯ" މިހެންނެވެ.

"ޔަލްވީތަ؟" ކެތްމަދުވެފައި ވަނިކޮށް އެކޮޅުން އިތުރު އެއްޗެއް ބުންޏެވެ.

"ޔަލްވީ ވާހަކަދައްކަނީ. ތީ ކާކު؟" އަހަންނަށް އިތުރަށް ނާހައެއް ނޯވެވުނެވެ.

އެކޮޅުން އަނެއްކާ ވެސް ހިމޭންކަން އިޚުތިޔާރު ކުރީ އެސުވާލު އަހައިފަ އެވެ. އޭނަ އަނގައިން ނުބުނެ ވީ ވަގުތު ދިގުވީ ވަރަކަށް އަހަރެންގެ ކެތްތެރިކަން ކުޑަވަމުން އައެވެ. އެވަގުތު ކަންފަތްދޮށުގައި ހީވީ މީހަކު އެއްޗެއް ބުނެލި ހެންނެވެ. އެއީ ކާކުކަން އަހަންނަށް އެނގުނީ އެހާ ވެސް ކުއްލި ގޮތަކަށެވެ. ވަގުތުން އާހެއްގެ އަޑު އަނގައިން ނިކުތީ ލިބުނު ސިހުމަކުންނެވެ.

"ލިންތާ....." އެނަން އަހަރެންގެ އަނގައިން ނިކުތީ ވައިއަޑަކަށެވެ. އެއީ އަހަރެން ކުރި ސުވާލެއް ނޫނެވެ. އެކަން ލިންތާއަށް ވެސް އެނގުނުކަން ޔަޤީންވި އެވެ.

"ރަނގަޅު. ލިންތާ މީ." ލިންތާ ޖަވާބުދިނެވެ. -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular