23 Jan 2019

"ގޮށްރާޅު" ކިހާ ބާރަކަށް ބިންދާލާނެބާ؟

"ގޮށްރާޅު" ކިހާ ބާރަކަށް ބިންދާލާނެބާ؟

By: Aishath Maaha

ދިވެހި ސިނަމާއަށް ދެން ނަގަން އޮތް އެންމެ ބޮޑު ރާޅަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ތުރިލާ "ގޮށްރާޅު" އެވެ. މިއީ ޒުވާން ޑައިރެކްޓަރު އަހްމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. ދިވެހި ފިލްމު އޯޑިއަންސް ކުރާ އުންމީދު ބޮޑެވެ. އެއް ސަބަބަކީ އަހަރުގެ ފެށުން ނިވައިރޯޅިއަކުން ވަރުގަދަކޮށް ފިލްމު އިންޑަސްޓްރީއަށް އާކޮށްލައިދީފަ އޮތުމެވެ.

ޑާކްރެއިންގެ ފިލްމުތަކަކީ ދިވެހި ފިލްމު އިންޑަސްޓްރީ މުޅިން އާ ހަރުފަތަކަށް ގެންގޮސްދިން ސްޓޫޑިއޯ އެކެވެ. ކޮލިޓީ މޮޅު ފިލްމުތަކެއް ގެނެސްދިނެވެ. އާޓް ފިލްމުތަކާއި ރޮމޭންޓިކް ކޮމެޑީ އާއި ފެމެލީ ޑްރާމާތައް ގެނެސްދިނެވެ.

ގިނަ ޖޯންރާތަކެއް ގެނެސްދިން އިރު ވެސް އެ ސްޓޫޑިއޯ އިން ގެނެސްދިން އާޓް އެއްވެސް ފިލްމެއް ކޮމާޝަލީ ކާމިޔާބެއް ނުވި އެވެ. އެކަމަކު ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުން އެވޯޑުތައް ގެނަ އެވެ.

މޫމިންގެ "ކެރެކްޓާތައް" ޝިނާނަށް ގެނެސްދެވިދާނެތަ؟

ގޮށްރާޅަށް ކުރާ އިންތިޒާރާ ކުރެވޭ އުންމީދުތައް ގުޅިފައިވާ އެއް ފަރާތަކީ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވާ މޫމިން ފުއާދެވެ. މޫމިންގެ ކޮންމެ ސްކްރީންޕްލޭއަކީ މިހާތަނަށް މަގުބޫލުކަން ހޯދާފައިވާ ސްކްރީންޕްލޭ ތަކެވެ. "ލޫދިފާ" އަކީ އޭގެ މިސާލެކެވެ. މޫމިންގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހުސައިން ނޫރައްދީން ޕްރޮޑިއުސްކުރި ލޫދިފާ ޑައިރެކްޓްކުރީ ވެސް މޫމިން އެވެ. ދިވެހި ފިލްމު އެވޯޑްސް 2016 ގައި އެންމެ މޮޅު ފިލްމަކަށް ލޫދިފާ ހޮވާ އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވީ އެ ފިލްމުން މޫމިން އެވެ.

އޭގެ އިތުރުން މި އަހަރު ދިވެހި ސިނަމާއަށް ގެނައި ފުރަތަމަ ފިލްމު ނިވައިރޯޅިއަކީ ވެސް އޭގެ މިސާލެކެވެ. މޫމިންގެ އަމިއްލަ ސްކްރީންޕްލޭއަކަށް އެ ފިލްމު ޑައިރެކްޓްކުރީ ވެސް މޫމިން އެވެ. ސްކްރީންޕްލޭގައި މޫމިން "ބިލްޑް" ކުރި ކޮންމެ ކެރެކްޓާއެއް އެންމެ ފުރިހަމަ ގޮތުގައި ފިލްމުން އޭނާ ވަނީ ދައްކާލާފަ އެވެ. ކޮމާޝަލީ މާބޮޑު ފައިދާތަކެއް ނުލިބުނަސް "ހެޕީ ބާތު ޑޭ" އަދި "ހޭލާ" އަކީ ވެސް ޓެކްނިކަލީ މޮޅު ދެ ފިލްމެވެ.

ދެން އުފެދޭ ސުވާލަކީ ޝިނާނަށް މޫމިން އުފައްދާ ފައްކާކޮށްފައި އޮތް ކެރެކްޓާތައް އެންމެ ފުރިހަމައަށް ކެމެރާގެ ކުރިމައްޗަށް ގެނެސްދެވިދާނެ ހެއްޔެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ފަތިސް ހަނދުވަރުގެ ފެށުން" އަށް ވިޝުއަލް އިފެކްޓްސް ހަދައި ތްރީޑީގެ ހައްލު ހޯދައިދީ އެ ފިލްމު ވެއްޓެން ދިޔަ އަޑިގަނޑުން އެ ފަހަރު ސަލާމަތްކޮށްދިނީ ޝިނާން އެވެ. "ހެޕީ ބާތު ޑޭ" އަށް ވެސް އޭނާ ވިޝުއަލް އިފެކްޓްސް ހަދައިދިނެވެ. ވިޝުއަލް އިފެކްޓްސް އާއި ސެނެމެޓޮގްރަފީގައި ޝިނާންގެ ހުނަރުވެރިކަން އޮތީ މިހެން ތައުރީފްކޮށްގެން ނިންމާލެވޭ ވަރަށް ވުރެ މާކުރީގަ އެވެ.

ސޯލޯ ޑައިރެކްޝަނަކަށް ޝިނާން މި ނުކުތީ މުޅިން އާ ޖޯންރާއެއްގެ ފިލްމެއް ހިފައިގެންނެވެ. ޝިނާންގެ ޑައިރެކްޝަނެއް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ފާތުމަތު ނަހުލާގެ މާސްޓާޕީސް "4426" އިންނެވެ. އެހެން ނަމަވެސް އެ ފިލްމުގެ ބައިތައް ޝިނާންގެ ޒުވާން ސިކުނޑިން އަތުރާލީ ނަހުލާގެ ޒަމާންވީ ތަޖުރިބާއާ އެކުގައި ކަމެވެ. އެ މަސައްކަތް ކިތަންމެހާ ވެސް ފުރިހަމަ އެވެ.

އޭގެއިތުރުން އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ފިލްމީ ދާއިިރާގައި ތަޖުރިބާހުރި ފުންނާބު އުސް ތަރިންނެވެ. އެއާ ހިލާފަށް "ގޮށްރާޅު" ކާސްޓުގެ ބޮޑު ބަޔަކީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ތަރިންނެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މުހައްމަދު ޖުމައްޔިލް، ހަސަން އިރުފާން (ޒަކިއްޓެ)، އައިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، އަބުުދުﷲ އަޒާން އެވެ. އޭގެ އިތުރުން ނާސިތް، ހަމްދާން ފާރޫގް، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ. އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދެ އެވެ. ފިލްމީ ދާއިރާގައި ތަޖުރިބާ ހުރި ނަމަވެސް މިއީ ޖުމައްޔިލަށް މުޅިން ތަފާތު ރޯލަކަށްވާނެ އެވެ.

ޑާކްރެއިންގެ "އެންމެ ފަހު ވިންދާ ޖެހެންދެން"، "މީ ލޯތްބަކީ"، "ވާށޭ މަށާ އެކީ" އަދި "ވަކިން ލޯބިން" ގައި ވެސް ޖުމައްޔިލް ފެނިގެން ގޮސްފައިވަނީ ލޯބީގެ ރޯލަކުންނެވެ. "4426"ގައި ލޯބީގެ ރޯލެއް ނުކުޅުނު ނަމަވެސް "ގޮށްރާޅު"ގައި ޖުމައްޔިލް ދައްކާލާނެ ކަމަށް ބެލެވޭ ރޯލު ކިތަންމެހާވެސް ތަފާތެވެ. އެހެންވީމަ އެންމެ ފުރިހަމައަށް ޖުމައްޔިލަށް އެ ރޯލު ކުޅެވިދާނެތޯ އަދި ޝިނާނަށް ޖުމައްޔިލް ލައްވާ އެ އެކްޓިން ދެއްކިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. އޭގެ އިތުރުން ޒަކިއްޓެ އާއި ދެންތިބި އާ ތަރިންގެ ފަރާތުން ވެސް އެންމެ ފުރިހަމަ އެކްޓިން އެއް ނެރެވިދާނެތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ އެއިން ކޮންމެ ކެރެކްޓާއެއް ވެސް ތަފާތު އާދަޔާ ހިލާފު ފެންވަރަކަށް މޫމިން ބިލްޑުކުރާނެ ކަމަށް ޔަގީންވާތީ އެވެ. މޫމިންގެ ބޮލުގައި އެއިން ކޮންމެ ކެރެކްޓާއެއް ފައްކާކޮށްފައިވާ ފެންވަރަށް ސްކްރީނުން ފެނިގެން ހިނގައިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ކޮންމެއަކަސް ގޮށްރާޅު މިއީ ޝިނާނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. ފިލްމުގެ ދެ ޓްރެއިލާ އެއް ވެސް މިހާރު މިވަނީ ދޫކޮށްލާފަ އެވެ. ޓްރެއިލާތަކަށް ބަލާފަ ފިލްމަށް ކުރެވޭ އުންމީދު ބޮޑެވެ.

ފިލްމާމެދު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ތިބީ ފޮނި އުންމީދުތަކެއް ކޮށްގެންނެވެ. ފިލްމާ ގުޅޭގޮތުން މޮގާ ބުނަނީ ފިލްމުގެ ބައެއް މަންޒަރުތައް ބަލާއިރު "ސީޓުގައި ހިފަހައްޓާލައިގެން" އިންނަން ޖެހޭވަރުވާނެ ކަމަށެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular