22 Aug 2019

އެހާ ލޯބިވީމޭ

އެހާ ލޯބިވީމޭ

By: Mariyam Yasma

ފަހަތަށް ފަހަތަށް ގޮސް ކޮޓަރީގެ ދޮރާއި ދާދި ގާތްވީއިރު ވެސް ވިޝަލްގެ ނަޒަރު އެހުރިގޮތަށް ހިފެހެއްޓިފައި ހުއްޓެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް އެނބުރިފައި އަހަރެން ނިކުމެގެން ދިޔައީ މާމަގެ ކޮޓަރިއާ ދިމާއަށެވެ.

ދޮރުމައްޗަށް އެރިއިރު މާމަ އެނދުމަތީ އިނީ ޚަތިމު ހުޅުވާލައިގެންނެވެ. އަހަރެންގެ ފިޔަވަޅުގެ އަޑު އިވިގެން އިސްއުފުލައިލި އެވެ. އެވަގުތު އަހަރެން ފެނިގެން މާމަ ދިޔައީ ސިއްސައިގެންނެވެ. އެކަމަކު އެކުލަވަރު ރިހުމަކަށް ބަދަލުވާން ނެގީ ސިކުންތުކޮޅެކެވެ. އެވީގޮތް އަހަންނަށް އެނގުނެވެ. މާމަ ފުރަތަމަ ސިހުނީ އަހަރެން ސޫރައިން ޔުމްނު ފެނުނުހެން ހީވެފަ އެވެ. އެކަމަކު ފަހުން އަހަރެންމީ ޔުމްނު ނޫންކަން ހަނދާންވީ އެވެ.

އަހަރެންގެ ހިތަށް ތަދުވި އެވެ. އެންމެން ޔުމްނުގެ ނަޒަރުން އަހަންނަށް ބެލުން ހުއްޓައިލާނީ ކޮންއިރަކުން ހެއްޔެވެ؟

"ޔާނާ ކަމަކުތަ ތިއައީ؟" މާމަގެ ނަޒަރު އަނެއްކާ ވެސް ޚަތިމަށް ބަދަލުކޮށްލުމަށްފަހު އެހި އެވެ.

"މާމައަށް އެނގޭތަ ވިޝަލް ދޫކޮށްލިކަން؟ އޭނަ އެބައުޅޭ ގެއަށް އައިސް.. އަހަންނަށް އޭނަ ފެނިއްޖެ." އަހަރެން ދޭން ބޭނުންވި ޚަބަރު ދީ ނިމުނުއިރު މާމަ ޚަތިމު ލައްޕާލައިފި އެވެ.

ދެން ފެނުނީ ޚަތިމާއެކު ފޮތްގޮނޑި އެނދުމަތީ ބެހެއްޓުމަށްފަހު ތެދުވިތަނެވެ. މާމައަށް ހިނގުނު އެންމެ ހަރެއްކޮށް ހިނގާފައި އަހަރެން ފަސްދީ ދޮރާއި ދިމާއަށް ދާން ފެށުމުން އަހަރެން ވެސް އެނބުރުނީ އެވެ. މާމަގެ މިސްރާބު ހުރީ ވިޝަލް ހުރި ދިމާއަކަށްކަން އެނގުމުން ވާނުވާ ބަލަން ފަހަތުގައި ހުންނަން ބޭނުންވި އެވެ. އަހަންނަށް ދޮރާއި ހަމައަށް ދެވުނުއިރު މާމަ އައުޓް ހައުސް ހުންނަ ފަރާތުން ގޯތިތެރެއަށް ނިކުމެއްޖެ އެވެ. މާމަ ދިޔަ މަގުން ގޮސް ބޭރަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އަހަރެން ގަނޑުވި އެވެ. ބޭރުތެރެއިން ފެނުނީ އަހަރެން ހީކުރިފަދަ މަންޒަރެއް ނޫނެވެ.

މާމަ ހުރީ ވިޝަލްގެ ކުރިމަތީގަ އެވެ. މާމަގެ ދެއަތުން ވިޝަލްގެ މޫނުގެ ދެފަރާތުން ހިފާލެވިފައި ވީއިރު މާމައަށް ފަސޭހަ ވާނެހެން ވިޝަލް ހުރީ ބޯގުދުކޮށްގެން ތިރިވެލައިގެންނެވެ. ބަލަން ހުއްޓާ މާމަ ވިޝަލްގެ މޫނުގެ އެތަންމިތާ ބޮސްދޭން ފެށި އެވެ. ފުރަތަމަ ކަނާތު ކޯތާފަތުގަ އެވެ. ދެން ނިތުގަ އެވެ. ދެން އަނެއް ކޯތާފަތުގަ އެވެ. އަތްތިރިކޮށްލުމުގެ ކުރިން އަދިވެސް އެއްފަހަރު ނިތުގައި ބޮސްދިނެވެ.

"ދަރިފުޅު ހާލު ކިހިނެތް؟ އެމީހުން ކާ އެއްޗެއް ދިންތަ؟ ބޯނެ ފެން ދިންތަ؟ އަނެއްކާ އެމީހުން އެއްވެސް އަނިޔާއެއް ކުރިތަ؟ ދަރިފުޅަކަށް ނޭނގޭނެ މާމަ ބިރުގަންވަރެއް. މާމަ ހާދަ ދުޢާއެއްކޮށްފީމޭ ދަރިފުޅު ހެޔޮހާލުގައި އެނބުރި އައުމަށް އެދި..." މާމަގެ ވާހަކަތައް އަހާފައި އަހަރެންގެ ހަތަރެސްފައި ފިނިވި އެވެ.

ކުށްވެރިޔާ ގެއިން ނެރެ އެއްލައިލުމުގެ ބަދަލުގައި މާމަ އެކުށްވެރިޔާއަށް ހިމާޔަތް ދެނީ ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ ޔުމްނުގެ ޤާތިލަކީ ވިޝަލް ކަމުގައި މާމަ ޤަބޫލު ނުކުރަނީ ހެއްޔެވެ؟ ނޫނީ މާމަގެ މައްޗަށް ވިޝަލް ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރުވަނީ ހެއްޔެވެ؟ ހިތް ބޮޑަށް ބުރަވީ ފުރަތަމަ ވިސްނުނު ގޮތަށެވެ. އެއީ މާމަގެ އަމަލުތައް ހުރީ ނުފޫޒެއްގެ ދަށުގައިވާ މީހެއްގެ އަމަލުތައް ހުންނާނެފަދަ ބީދައަކުން ނޫނެވެ.

ވިޝަލް ޖަވާބުދޭން ތައްޔާރުވި ވަގުތު މާމަގެ ފަހަތުން އަހަރެންނަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ލޮލާއި ލޯ ސީދާވި ވަގުތު އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ. އެހިނދުކޮޅު ދިގު ދެމިގެން ނުދަނީސް މާމަ ވިޝަލްގެ ދަތްދޮޅީގައި ހިފާ ސަމާލުކަން އަނބުރާ ހޯދި އެވެ.

"އަދިވެސް ނުބުނަމެއްނު ދަރިފުޅަށް ގެއަށް އާދެވުނުގޮތެއް. އެމީހުން... އެމީހުން ކީކޭ ކިޔާފަ ދޫކޮށްލީ؟" މާމަ ދެން ކުރީ އެވަގުތު އަހަރެން ވެސް ޖަވާބު ހޯދަން އެންމެ ބޭނުންވި ސުވާލެވެ.

އަހަރެންގެ ފޯނު ރިންގް ވީ އެންމެ ނުބައި ގަޑީގަ އެވެ. އޭގެ ރިންގް އަޑާއެކު މާމަ އެނބުރި ބަލައިލި އެވެ. އަހަރެން އަވަހަށް ޖީބުތެރެއިން ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލައިލީމެވެ. ދެބުމަ ކައިރިކޮށްލެވުނީ ނުދަންނަ ނަންބަރެއް ފެނިފަ އެވެ. ނަގަންވީ އެއް ކަމެއް ނުވަތަ ނޫންކަމެއް ނުވިސްނިފައި ހުއްޓާ ކެނޑުނެވެ. ފުން ނޭވައެއް ދޫކޮށްލައިފައި އިސްއުފުލާލިއިރު ވިޝަލް މާމަ ގޮވައިގެން ގެއަށް ވަންނަން ހިނގައިގެންފި އެވެ. އަހަރެންގެ މޭގަނޑު އިތުރަށް ފިނިވީ ދެނެވެ. ވިޝަލްމެން ކައިރިވާތަން ފެނިގެން ދުރަށް ދާން ދުވާނެ ކޮޅެއް ނޭނގިގެން ދެފަހަރު ދެކޮޅަށް ބަލައިލުމަށްފަހު އިސްޖަހައިލިތަނާ އަނެއްކާ ވެސް ފޯނު ރިންގްވި އެވެ. ފޯނެއް އައިސްގެން އަހަރެން އެހާ އުފާވި ވަގުތެއް އައިކަމެއް ނޭނގެ އެވެ.

ކާކުތޯ ވެސް ނުބަލައި ނަގައި ކަންފަތުގައި ޖަހައިގެން އަހަރެން ހިނގައިގަތީ އެތަނުން ކަނާތް ފަރާތުގައިވާ އަނބު ގަސްތަކާއި ދިމާއަށެވެ. ހިކި ފަތް އެޅިފައިވާ ވިނަގަނޑުމަތިން ގޮސް އަނބުގަސްތަކުތެރޭ ހުއްޓުނުއިރު ވެސް ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެ އެވެ. ފޯނުން ވާހަކަނުދައްކާކަން އިހްސާސްވީ އަދި ދެނެވެ. ކަންފަތާއި ވަކިކޮށްލާފައި ބަލައިލިއިރު ފޯނު އޮތީ ކެނޑިފަ އެވެ. އެކަމަކު ގުޅާފައި ހުރީ ކުރިން ވެސް ގުޅި ނަންބަރުންނެވެ. ވިސްނަން ހުރެލާފައި ފޯނު އަނބުރާ ޖިންސްގެ ޖީބަށް ކޮށްޕައިލުމަށްފަހު ފުރަތަމަ ފަހަރަށް އެތަނުގެ ވަށައިގެން ލޯ ހިންގައިލެވުނެވެ.

ގެއަށް އައިތާ ހަފްތާއެއްވީއިރު މިނޫނީ އަދި ގޭގެ މިފަރާތަކަށް ނުނިކުންނަމެވެ. ގިނައިން ހޭދަކުރެވުނީ ކޮޓަރީގަ އެވެ. ނޫނީ މަންމަ ފެންނަ ހިސާބުގައި ގޭތެރޭގަ އެވެ. އަހަންނަށް ނޭވާ ހިފަހައްޓައިލެވުނީ އަނބު ގަހުގެ ހިޔަލުގައި އަލަށް ތަރައްޤީކޮށްފައިވާ ހިތްފަސޭހަ ތަންކޮޅު ފެނިފަ އެވެ.

ތިރިކޮށް ފާރު ރާނައިގެން ހަދާފައިވާ ޕާޓިއޯގެ އެތެރޭގައި ގާ އަޅައިފަ އެވެ. އެއްކޮޅެއްގައި ހިޔާކޮށްފައިވާ ދެމީހުންނަށް އެރޭ އުނދޯއްޔެކެވެ. ހުސްތަން ދޫކޮށްފައި ދެން ހުރީ ވަށައިގެން މީހުންނަށް ތިބެވޭ ގޮތަށް އިހުގެ ގޮތްގަނޑު ޖަހާ ދަގަނޑު ގޮނޑިތަކެއް ބަހައްޓައިފަ އެވެ. ވަންނައިރު ދެފަރާތުގަ އާއި އަދިވެސް ދެތިން ސަރަހައްދެއްގައި ފާނޫޒް ހަރުކޮށްފަ އެވެ. އެއްކަނެއްގައި އަދި ގަލުން ރާނާފައިވާ ބާބެކިއު ގްރިލްއެއް ވެސް ހުއްޓެވެ. އިތުރު ސުވާލެއް ކުރުމެއްނެތި ވެސް އެއީ ކާކުގެ މަސައްކަތެއްކަން ވިސްނުނެވެ. އެތެރޭގައި ވިޝަލްއާއި މާމައާ ދައްކަފާނެ ވާހަކައަކާއިމެދު ފިކުރު ކޮށްލެވުނީ އަނެއްކާ ވެސް ދެނެވެ.

ހަރުކޮށް އެތެރެއަށް ވަދެގެން ދިޔައިރު ގޭގެ އެއްވެސް ތާކުން އެދެމީހުން ކުރެ މީހަކު ނުފެނުނެވެ. ސިޓިންރޫމްގައި މަންމަ އިނީ އާދައިގެ މަތިން ކުޑަދޮރުން ބޭރު ބަލާށެވެ. އެވަގުތު ރާބިޢާ ނިކުތްތަން ފެނުނީ ބަދިގެއިންނެވެ. އޭނަގެ އަތުގައި ކާތތަށިތައް އަތުރާފައިވާ ތަބަކެކެވެ. އަހަރެން ސުވާލުކުރުމުން ރާބިޢާ ބުނީ ކާއެއްޗެހި ގެންދަނީ މާމަ ބުނެގެން އެކޮޓަރިއަށް ކަމެވެ. އަހަންނަށް އަތް މުށްކަވައިލެވުނެވެ. ޤާތިލަކަށް އެވަރަށް މާމަ ހޭހަން ކުރަން ޖެހޭ ސަބަބެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. މާމައަށް އެކަން އަދި މުޅިން ޔަޤީން ނުވިއަސް ޔުމްނުއަކީ މާމަގެ ލެ އެވެ. އަދި ވިޝަލް ހައްޔަރު ކުރެވުނީ ތުހުމަތު ކުރެވިގެންނެވެ.

އަތުން ފައިން ގޯހެއް ނުހެދެނީސް އަހަރެން އަނބުރާލައިފައި ދިޔައީ ކޮޓަރިއަށެވެ. ކުޑައިރުކޮޅެއް ފަހުން ރާބިޢާއަށް ގޮވައިގެން ގެންދިއުމުން ވިޝަލް ގެއަށް އައި ސަބަބު ބުނެދިނެވެ. ޔުމްނު މަރާލިކަމަށް ސާބިތުވާވަރަށް ހެކި ނެތުމުން މައްސަލަ ނިމެންދެން ދޫކޮށްލީ އެވެ.

ރާބިޢާ ނިކުތްފަހުން އަހަންނަށް ކުރެވުނު ކަމަކީ ކޮޓަރިތެރޭ ދެކޮޅަށް ހިނގުމެވެ. އެތެރެހަށީގައި ހީވަނީ އަލިފާން ރޯވެފައިވާ ހެންނެވެ. ސިކުނޑި އޭގެ އެންމެ ބާރުމިނުގައި އެނބުރެމުން ދިޔަ އެވެ. މަރާލި ކަމަށް ސާބިތު ނުވާންވީ ކީއްވެ ހެއްޔެވެ؟ ޔުމްނު މަރުވުމުގެ އެއްރޭ ކުރިން އެދެމީހުން މަގުމަތީ ހޫނު ޒުވާބެއް ކުރަނިކޮށް ފެނުނު މީހާގެ ބަސް ހެއްކަކަށް ނުވޭ ހެއްޔެވެ؟ ވިޝަލްގެ ކަރުގައި ޔުމްނުގެ އަތުން ނިޔަފަތީގެ ނިޝާނެއް ހުރިކަމަށް އެބުނާ ބުނުން އެއީ ތެދެއްކަމަށް ވާނަމަ އެއަށްވުރެ ބޮޑު ހެއްކަކީ ކޮބާ ހެއްޔެވެ؟ ޔުމްނުހާ އުފާވެރި ކުއްޖަކު ކައިވެނި ކުރަން ތައްޔާރުވެފައި އަމިއްލަ އަށް މަރުވުމުން އޭގައި ލޯބިވެރިޔާގެ އަތް ނޫން އެހެން މީހެއްގެ އަތެއް ވެދާނެ ހެއްޔެވެ؟ ފިރިހެނުންނަކީ ހިތްވަރުގަދަ ބައެއް ކަމުގައި ވިޔަސް ތިމާ ލޯބިވާ މީހަކު މަރުވެގެން ދިއުމުން އަސަރު ނުކުރާނެ އެއްވެސް މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. އެކަމަކު ޔުމްނުގެ ޖަނާޒާ އޮތް ދުވަހު އެންމެން ފެންކަޅިވެ ރޮއިފައި އުޅުނު އިރު ވެސް ވިޝަލްގެ ލޮލުން ޔުމްނުއަށްޓަކާ އެންމެ ކަރުނަތިއްކެއްވެސް ވައްޓައިނުލާކަން އެއީ އަހަރެން ހަނދާން ހުރި ހަޤީޤަތެކެވެ.

ވިޝަލް ގެއިން ނިކުތްކަން ޔަޤީންކޮށްފައި ނޫނީ ބޭރަށް ނިކުންނާކަށް އަހަރެން ބޭނުމެއް ނުވި އެވެ. އެކަން އަހަންނަށް ޔަޤީންވީ ޔުމްނުގެ ކޮޓަރިއަށް ވަދެ ކުޑަދޮރުން ބެލިއިރު އައުޓް ހައުސްގެ ބޮކިތައް ދިއްލާފައި ހުއްޓާ ފެނުނީމަ އެވެ. މަންމަގގެ އަތުގައި ހިފާ ކުޑަކޮށް އަތުލަފިކޮށްގެން ގެންގޮސް ކޮޓަރިއަށް ވައްދައި އެނދުގައި ބެއިންދުމުން ދެން އެނަޒަރު ހުރީ ފާރަށް ހުއްޓިފަ އެވެ. މަންމަގެ ބޮލުގައި ފިރުމާލައިފައި އެމޫނަށް ބަލަން އިރުކޮޅަކު އިނީމެވެ. ލޮލަށް ކަރުނަ ގިނަވާން ފެށުމުން ތެދުވެގެން ނިކުތީ ރާބިޢާ ކޮބައިތޯ ބަލާށެވެ. ހަވީރު މަންމައަށް ކާއެއްޗެއް ދިންތޯ އެހުމުން ރާބިޢާ ދިނީ އަހަރެން އަހަން ބޭނުންވި ޖަވާބެވެ.

އަހަރެން އެގެއަށް އެނބުރި އައިފަހުން މާމަ ފުރަތަމަ ފަހަރަށް ކާމޭޒު ދޮށަށް ކާން އެރީ އެރެ އެވެ. އަހަރެން ފެނުމުން އެމޫނުން ފެންނަ ސިހުމުގެ އަސަރު އެވަގުތުވެސް ފެނުނެވެ. އެކަމަކު ދާދި އަވަހަށް އެކުލަވަރު ބަދަލުކޮށްލާފައި މާމަ ގޮވީ ކާން ހަދަން އުޅުނު ރާބިޢާ އަށެވެ. ވިޝަލް ކައިރީ ކާން އަންނަން ބުނަން އައުޓް ހައުސްއަށް ދިޔައިންތޯ އެހި އެވެ.

"ދިޔައިން. ބުނީ ނުއެއް ކާނަމޭ. ނިދި އައިސްފައޭ.." ރާބިޢާ ޖަވާބުދިނެވެ.

އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. އެކަމަކު އެއާ ޚިލާފަށް މާމަގެ ހަމަޖެހުން ގެއްލުނެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ ވަގުތަކީ އެއީ އެވެ. މާމަގެ ހިތަށް އަނިޔާ ދެވިދާނެތީ ވެސް މަޑުން ހުރެވޭނީ ވަކި ވަރެއް ދެންނެވެ.

"މާމާ! އަހަންނަކަށް ނުވިސްނުނު. މާމައަށް ކީއްވެ ޤަބޫލުނުކުރެވިގެން ތިއުޅެނީ ޔުމްނުގެ މަރުގައި ވިޝަލްގެ އަތެއް ވާކަމަށް؟" އަހަރެން ކުރި ސުވާލު އަހާފައި ވަގުތުން މާމަގެ ސަމާލުކަން ލިބުނެވެ.

ލިބުނު ސިހުމާއެކު އެމޫނަށް އެރި ކުލަ ދެން ބަދަލުވީ ހިތްހަމަނުޖެހުމަށެވެ. ރާބިޢާ އަވަހަށް އަހަރުމެންނަށް ފުރުސަތު ދީފައި އެތަނުން ނިކުތެވެ.

"ވިޝަލް ނުކުރާނެ އެކަހަލަ ކަމެއް. މާމައަށް ވިޝަލް އެނގޭ.." ކުޑައިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ހުރެފައި ދުރުބަލައިލަމުން މާމަ ޖަވާބުދިނެވެ.

"އަހަރެން ހީކުރީ އަހަންނަށް ވެސް އޭނަ އެނގޭ ކަމަށް..." ކަރުތެރެއިން ނިކުންނަން ތައްޔާރުވި އިހްސާސްތައް ދިރުވާލައިފައި އަހަންނަށް ބުނެވުނެވެ. މާމަ އޭގެ ތަފްޞީލަށް ނޭދެނީސް ހުސްތަށި ދުރުކޮށްލައިފައި އަހަރެން ތެދުވެގެން ދިޔައީ ބޭރަށެވެ.

ވިޝަލް ގޭގައި އުޅޭކަން އެނގިހުރެ އެރޭ އެންމެ ލޮލުފިޔައެއްވެސް ޖެހުންވީ ނާކާމިޔާބު ކަމަކަށެވެ. ލޯ މެރިލާއިރަށް ސިހިފައި ހޭލެވެ އެވެ. ބޭރުން ކިރިޔާ އަޑެއް އިވުނަސް ހިތް ތެޅެން ފަށަ އެވެ. އެންމެ ފަހުން އަހަންނަށް ނިދުނީ މަންމަ ކޮޓަރިއަށް ގޮސް މަންމަ އެނދުގެ އަނެއްފަޅީގައި އޮވެ އެވެ. ފަތިހު އަނެއްކާ ވެސް ހޭލެވުނީ ޔުމްނުގެ ހުވަފެނެއް ފެނިގެންނެވެ. ޔުމްނު ހެމުން ދިޔައީ ހެއްލެމުންދިޔަ އުނދޯއްޔެއްގައި އިނދެ އެވެ. ފަހަތުގައި ހިނިއައިސްފައި ހުރީ ވިޝަލް އެވެ. އެކަމަކު ވިޝަލްއަކީ އެގޮތަށް ހެވިފައި ހުންނަ މީހެއް ނޫނެވެ. އަހަންނަށް ހޭލެވުނީ ވިޝަލް ހެއްލާލިލެއް ބާރު ކަމާއެކު ޔުމްނު އުނދޯލިން ވެއްޓި އަނގަވަތަށް ޖެހުނުތަނާ އެވެ.

ނިއްކުރިއާ އަތްފައިން ދާހިއްލާލައިފައި ހުރިއިރު ކަރުތެރެ ހިކިކަމުން ހިންދިރުވައިލަން އުދަނގޫވި އެވެ. ފަތިސްވެ އަލިވާން އުޅޭކަން އެނގުނީ ގަޑި ބެލީމަ އެވެ. އަހަރެން މަންމަ ކޮޓަރިން ނިކުމެގެން ގޮސް ބަދިގެއަށް ވަދެ ފެންތައްޓެއް ހިފައިގެން ބޭރރަށް ނިކުމެލަން ގަސްތުކުރީމެވެ. ވިނަގަނޑުމަތީ ހަރުލާފައިވާ ޝަބްނަމްތިކިތަކަށް ބަލައިލުމުން ފިނިފައިބާފައި ހުރިކަން ދޭހަވި އެވެ. ބޭރަށް ނިކުތުމާއެކު އައިސް މޫނުގައި ބީހުނު ވައިރޯޅިއާއެކު ތުރުތުރު ލައިގަތެވެ. ފެންތަށިން ކޯވަރެއް ދަމާލައިފައި ދުރު ބަލަން ހުއްޓާ ބުޅާ ގޮވާ އަޑު އިވެން ފެށި އެވެ.

ގޭގައި އެއްވެސް އިރެއްގައި ބުޅާ ގެންގުޅުނު ކަމެއް އަހަންނަކަށް އެނގިފައެއް ނެތެވެ. އުޅޭނަމަ އަހަންނަށް ނުފެނިއެއްވެސް ނުހުންނާނެ އެވެ. އަހަރެން އޭގެ އަޑަށް ފާރަލަމުން ގެ ވަށާލައިފައި ގޮސް ނިކުމެވުނީ އައުޓް ހައުސް ހުންނަ ފަރާތަށެވެ. އިސާހިތަކު ދެފައި ބިމުގައި ތަތްލި އެވެ. އައުޓް ހައުސް ފެނިގެނެއް ނޫނެވެ.

ތަންކޮޅެއް ދުރުގައި އަހަންނަށް ފުރަގަސްދީގެން ބުޅާތަކަށް ކާންދޭން އުޑަފައިން އިން ވިޝަލް ފެނިފަ އެވެ. ލައިގެން ހުރި އަޅި ޓީޝާޓްގެ ފުރަގަސް ކަރާއި ހަމައިން ތިރިއަށް ބޮޑު ބޮޅެއްހެން ތެމިފައި ހުރީ ދާހިއްލައިގެން ކަން އެނގެ އެވެ. އަރާފައި ހުރި ޓެނިހާއި ލައިގެން ހުރި ކަކުލާއި ހަމައަށް އަންނަ ސޯޓުން ވެސް އެކަމަށް ހެކިދެ އެވެ.

ނޭވާ ލިއަސް ވިޝަލްއަށް އަހަރެން ހުރިކަން އެނގިދާނެތީ ޖެހިލުންވި އެވެ. އެންމެ ހެނދުނު އެގަޑީގައި އިތުރު މީހަކު ހޭލާ އުޅޭކަމެއް ވެސް ނޭނގެ އެވެ. ވިޝަލް ބޭނުންނަމަ އޭނަ ބޭނުން ކޮންމެ ގޮތެއް އަހަންނަށް ހަދަންވީ އެވެ.

ގުޑާނުލެވިފައި ހުއްޓާ ވިޝަލް ތަށްޓަށް ކާއެއްޗެހި އަޅައި ނިމިގެން ބަލަން އިނެވެ. ހުރިހާ ބުޅާތައް ހޭ ވައްޓާލައިފައި ކަމުން ދަނިކޮށް އެއްބުޅާ ކައި ފުރައިގެން ދުރަށް ޖެހުނެވެ. އޭތި ދެން އައީ ވިޝަލްގެ ފައި ބުޑަށެވެ. ވިޝަލް ބުޅަލުގެ ކަނދދުރާމަތީ ލަސްލަހުން ފިރުމަން ފެށުމުން އޭތި ވިޝަލްގެ ފައިބުޑުގައި ބަނޑުޖަހައިގެން އޮތީ ލޯމަރާލައިގެންނެވެ. މީގެ ކުރިން ވެސް އެތަކެއް ފަހަރު ހަމަ އެގޮތަށް އެކަން ހިނގާފައިވާ ކަހަލަ އެވެ.

ފަސޭހަ ގޮތަކަށް އެތަނުން ފިލޭނެ ގޮތެއް ވިސްނަމުން ދެކޮޅު ހޯދާލައިފައި އަހަރެން ފަހަތަށް ފިޔަވަޅެއް އެޅީމެވެ. ވިޝަލްއަށް އަހަރެންގެ ހިލަންވީ އެ ފިޔަވަޅުންނެވެ. އަހަންނަށް ކާމިޔާބު ނުވަނީސް އެނބުރި ބަލާލައިފައި ކޮޅަށް ތެދުވި އެވެ.

"ޔާނާ..!" އަހަރެންގެ އަތުން ހީބިހި ނަގައިގަތީ ފިނިވެގެނެއް ނޫނެވެ. ވިޝަލްގެ ފިރިހެންވަންތަ ބަރު އަޑުން އަހަރެންގެ ނަން ކިޔާލީމަ އެވެ.

ވިޝަލްގެ ނަޒަރުން ސަލާމަތް ވުމަށްޓަކައި އެމޫނަށް ނޫން ހުރިހާ ތަނަކަށް އަހަރެން ބެލީމެވެ. ނާރު ހިލިފައިވާ އެވަރުގަދަ މުލައްދަނޑިއަށެވެ. މެއާ ހަމައިން ވާންވެލާފައި އޮތް ޓީޝާޓްގައި ލިޔެފައިވާ "ޑެވިލް" މި ލަފްޒަށެވެ. މަސް ހަރުކަން ފައުޅުވާން ހުރި ދެފަޔަށެވެ. ވިޝަލް ފުރަތަމަ އައި ދުވަހުން ފެށިގެން ކަކުލުގައި ފައުޅުވާން ހުންނަ ލަކުނަށެވެ. އަދި ކުރިއްސުރެ ވިޝަލްގެ ފައިދަށުގައި އޮތް ބުޅަލާއި ބައިވެރިވެގެން އޭނަގެ ފައިބުޑަށް އެއްވި އިތުރު ބުޅާތަކަށެވެ.

"އަހަރެން... އަހަރެން ދާންވެއްޖެ.." ގަދަކަމުން ހިންދިރުވައިލުމަށްފަހު ވިޝަލްއަށް އިތުރު އެއްޗެއް ނުބުނެވެނީސް އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

ދާންވެގެން ފުރަގަސްދިނުމުގެ ކުރިން ފަޅި ސިކުންތަކަށް އަހަރެންގެ ނަޒަރު އެމޫނަށް ހުއްޓުނެވެ. އެވަގުތު އެމޫނުން ރިހުމުގެ ކުލަވަރު ފެނުނުހެން ހީވި އެވެ. އެކަމަކު އަހަންނަށް ޔަޤީން ނުވަނީސް ވިޝަލް އެކުލަވަރު ބަދަލުކޮށްލައިފި އެވެ. ނޫނީ އެއީ އަނެއްކާ ވެސް ނުބައި ހީއެކެވެ.

ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ގެއަށް ވަދެވުމާއެކު އަލުން އޮކްސިޖަން ލިބުނު ކަހަލަ އެވެ. އަތުގައި ހުރި ފެންތަށި އެތާ ހުރި ކުޑަ މޭޒުމަތީ ބެހެއްޓުނީ ބޭނުންވި ވަރަށް ވުރެ ބާރަށެވެ. ދެފައިކޮޅުން ވާގިދޫވާހެން ހީވެގެން ވެއްޓިގަނެވުނީ ސޯފާއަށެވެ. ދެއަތުން މޫނު ފޮރުވާލެވުނުއިރު ލޮލުގައި ކަރުނަ ހުއްޓެވެ. ނޭވާ ހަމައަކަށް އެޅުނުއިރު ވެސް ހިތުގެ ތެޅުން ހަމައަކަށް ނޭޅެ އެވެ. ސިކުނޑި ކޮންމެ ގޮތަކަށް ވިސްނިއަސް ހިތް ހަނދާން ހުރެ އެވެ. ހިތް އޭގެ ފުރަތަމަ ލޯބި ހަނދާނެއް ނުނެތެ އެވެ. އާއެކެވެ. ވިޝަލްއަކީ ހަމައެކަނި ޔުމްނުގެ ވާން އުޅުނު ފިރިމީހާއެއް ވެސް ނޫނެވެ. އެއީ މިއޮތް ބޮޑު ދުނިޔެއިން އަހަރެންނަށް ލޯބިވެވުނު ހަމައެކަނި އިންސާނާ ވެސް މެ އެވެ. އެކަމަކު އެހެން އެންމެންގެ ހިތުން އިސް މަޤާމު ހޯދި ފަދައިން ވިޝަލް ގެ ހިތް ވެސް ކާމިޔާބު ވީ ޔުމްނުއަށެވެ.

"ކިހިނެތްވެފަ ތި އިނީ؟" ކުޑަ އިރުކޮޅެއް ފަހުން ރާބިޢާ ނިކުމެ ވާހަކަދެއްކި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ތެދުވެވުނެވެ.

"ބުޅާތަކެއް...." އަހަންނަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް އަނގައިން ނިކުތެވެ.

"ހޫމ އެއީ މިދިމާ ވަލުތެރޭ އުޅޭ ވަގު ބުޅާތަކެއް. ވިޝަލް ކާންދޭތީ ކޮންމެ ދުވަހަކު މިގެއަށް އަންނާނެ. އަނެއްހެން އުދަނގުލެއް ނުކުރާނެ. ކާ ގަޑި ޖެހުނީމަ އައިސް ކައިގެން ހިނގައިދާނެ..." ރާބިޢާ ހިނިތުންވެލާފައި އޮޅުންފިލުވައިދިނެވެ.

ލިބުނު އާ މައުލޫމާތުން އަހަރެން ހައިރާންވި އެވެ. އެކަމަކު އެއީ ކުޑަ ހިނދުކޮޅަކަށެވެ. މިހާރުގެ ވިޝަލްގެ ގޮތެއް ނޭނގެ އެވެ. އެކަމަކު އަހަރެންނަށް ކުޑައިރު ދަސްވި ވިޝަލް އެފަދަ ހުރިހާ އެއްޗަކަށް އަޅާލި އެވެ. ލޯބި ކުރި އެވެ. ވިޝަލް ފުރަތަމަ އަހަރުމެން ގެއަށް އައިއިރު އޭނަ އިންނަނީ އެއްވެސް މީހަކާއި އަނގައިން ނުބުނެ ހިމޭނުންނެވެ. ބައްޕައަށް އޭނަ ގޭގައި ބަހައްޓަން ކަމުނުގޮސްގެން މާމައާ ޒުވާބުކޮށްފައި އެންގީ އައުޓްހައުސްއަށް ބަދަލު ކުރުމަށެވެ. އެތަން އޭރު ހުންނަނީ ގުދަނެއް ހެންނެވެ.

އަހަރެން ދޫންޏަށް ލޯބިކުރާތީ މާމަ އަހަރެންނަށް ހަދިޔާކުރި މައިނާ ޖޯޑެއް ގޭގައި ހުއްޓެވެ. އެމައިނާތައް ގޮވާ އަޑަށް ޔުމްނުއަށް އުދަނގޫވެގެން އެ ގެންގޮސް ބަހައްޓާފައި ހުރީ އައުޓް ހައުސްގަ އެވެ. ކާންދޭންވުމުން އަހަރެން އެތަނަށް ދަނީ އެވެ. ވިޝަލް އެތަނަށް ބަދަލު ކުރި ފަހުން އަހަރެން ދިޔައިރު އޭނަގެ ނަޒަރު ހުރީ އެމައިނާތަކަށް ހުއްޓިފަ އެވެ. އެއަށްފަހު އަހަރެން އެ ދޫނިތަކަށް ކާންދޭން ދާ ކޮންމެ ފަހަރަކު ވިޝަލްއާ ބައްދަލުވަނީ އެތަނުންނެވެ. އެދޫނިތަކަކީ އަހަރުމެން ގެއިން ވިޝަލްއަށް ލިބުނު ފުރަތަމަ އެކުވެރިންނެވެ. އަހަންނާއި ވިޝަލްގެ އެކުވެރިކަން ވެސް ފެށުނީ އެދޫނިތަކާއި ހިސާބުންނެވެ.

ހިޔާލުތައް މާ ދުރަށް ނުދަނީސް މަޑުމަޑުން ބޯ ހޫރާލައިފައި އަހަރެން ތެދުވީމެވެ. ކޮޓަރިއަށް ވަންނަން ވެގެން ގޮސް ގޮސްފައި ހިޔާލު ބަދަލުވެގެން ވަނީ ޔުމްނުގެ ކޮޓަރިއަށެވެ. ކުޑަދޮރު ކައިރިއަށް ހުއްޓި ހުއްޓާ ވިޝަލް ގެއާ ދިމާއަށް ދާތީ ފެނުނެވެ. ބަލަން ހުއްޓާ ދެން ފެނުނު މަންޒަރަކުން މޭގަނޑު އަނގައަށް ނައީ ކިރިިޔާ އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular