ބޭނުންވާ ތަކެތި
1 ކުކުޅު (1400 ގުރާމުގެ، ރިހައަށް ކޮށައިފައި، ލޮނު ލައިފައި)، 6 ޖޯޑު ފެން، 2 ޖޯޑު ކާށިކިރު، 3 މޭޒުމަތީސަމުސާ ހަނާކުރި ހުނިހަވާދު / ތެޔޮ ހަވާދު / އައްޑޫ ހަވާދު (ހިމުންކޮށް ފުނޑައިފައި)، 1 ފިޔާ (ބޮޑު، އަރިމަތިން ކޮށައިފައި)، 1 ފިޔާ (ކުޑަ)، 1 ސައިސަމުސާ ދިރި، ½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)، 1 ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރައިފައި)، 2 ލޮނުމެދު (ބޮޑު)، ½ ސައިސަމުސާ އިނގުރު (ގާނައިފައި)، 1 މޭޒުމަތީސަމުސާ ގިތެޔޮ، ހިކަނދިފަތް، ރާނބާފަތް، ލޮނު، (ބޭނުން ނަމަ) ގިތެޔޮމިރުސް
ރިހައަށް އަޅާ ކިރުޖޯޑު ތައްޔާރުކުރާ ގޮތް
ކުޑަ ފިޔާ، ލޮނުމެދު، ދިރި އެއްކުރުމަށް ފަހު، މިކްސްޗަރުގައި ނުވަތަ ވަނުގައި (ދިރިކޮޅު ހިމުން ނުވާ ވަރަށް) ޗިސްކޮށްލާށެވެ. އޭގެ ތެރެއަށް ފޮނިތޮށިކާފޫރުތޮޅި، އަސޭމިރުސް އަޅައި، ސަމުސަލަކުން އެއްކުރުމަށް ފަހު ކިރުޖޯޑުގެ ތެރެއަށް އަޅައިލައިފައި މަތިޖަހައިފައި ބަހައްޓާށެވެ.
ކުކުޅު ރިހަ ހަދާނެ ގޮތް
ގިތެލުގައި ފިޔާ މީރުކޮށްލާށެވެ. ފިޔާކޮޅު މޯޅިވީމައި، އިނގުރުކޮޅާއި ހަވާދުކޮޅު އަޅައިފައި، އެއް ޖޯޑު ފެނާއި ބައި ޖޯޑު ކާށިކިރު އަޅައިގެން ހަވާދުކޮޅު ކައްކާނީ އެވެ. ރަނގަޅަށް ކެކެން ފެށުމުން ކުކުޅުކޮޅު އަޅައި ފަސް ޖޯޑު ފެން އަޅައިފައި، ބައި ޖޯޑު ކާށިކިރު އަޅައިގެން ކައްކާނީ އެވެ. ކުކުޅުކޮޅު ރޯފިލުމުން، ތައްޔާރުކުރި ކިރުޖޯޑު އަޅައިފައި، ލޮނު ހެޔޮވަރު ކޮށްފައި، ބޭނުން ނަމަ ގިތެޔޮމިރުސްކޮޅެއް ލުމަށް ފަހު، ފަސް މިނެޓު ވަންދެން ކައްކައިލައިފައި، ހިކަނދިފަތާއި ރާނބާފަތް އަޅައިފައި އުނދުން ނިއްވާލާށެވެ.