14 Apr 2021

By: Ifraz Ali

މިއީ މި ފަހުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ސޯޝަލް މީޑިއާއަށް ތިލަވާ ބަހުސެކެވެ. ދިވެހިންގެ ހިތުން ހާއްސަ މަގާމެއް ދީފައިވާ އަދި ކޮންމެ ރޯދަ މަހަކު ސުފުރާމަތީގައި އެންމެ ހިނގާ އެއް ހެދިކާ ކަމަށްވާ ހަވާދުލީ ބިހުގެ ބަހުސެވެ.

ޓޮމާޓޯ ޕޭސްޓް އަޅައިގެން ހަވާދުލީ ބިސް ހަދާފައި، އެއަށް ހަވާދުލީ ބިހޭ ނުކިޔާށޭ ވަރަށް ގިނަ މީހުން ބުނެ އެވެ. ހަވާދުލީބިހަށް ވާނީ ހަވާދު އަޅައިގެން އެ ހެދީމަ އެވެ.

އެއް ބަޔަކަށް މީރީ ހަވާދުލީބިހަށް ޓޮމާޓޯ ޕޭސްޓް އަޅައިގެންނެވެ. އަނެއް ބަޔަކަށް ހަމަ ސީދާ ހަވާދު އަޅައިގެން ހެދުމުން ނޫނީ މި ކަމަކުނުދެ އެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ހެޔޮ މީހުން ވެސް އެބަ ތިއްބެވެ.

މަޝްހޫރު ޝެފް މުހައްމަދު އާދިލްގެ ހިޔާލު ވެސް މިކަމުގައި ވަރަށް ތަފާތެވެ. އޭނާ ބުނަނީ ޓޮމާޓޯ ޕޭސްޓް އަޅައިގެން ހަދާ ހަވާދުލީބިސް ވެސް ހަމަ ވާނީ ހަވާދުލީބިހަށް ކަމަށެވެ. އެކަމަކު އެއީ އާދިލް މި ބުނާ އެއްޗެހި އަޅައިގެން ހަދާ ނަމަ އެވެ.

އެކަމަކު އާދިލް ވެސް އެއްބަސްވަނީ ހަވާދުލީބިހޭ ބުނަންޏާ އޭގައި ހަވާދު ހުންނަންޖެހޭނެ ކަމަށެވެ.

"މިސާލަކަށް ޓޮމާޓޯ ޕޭސްޓް އަޅައިގެން ހަވާދުގަނޑު ހަދަންޏާ، އެއަށް ދިރި ނޫނީ ކޮތަނބިރި ކަހަލަ ތަފާތު ސްޕައިސްތައް އަޅައިގެން ހަދައިފި ނަމަ އެވެސް [ޓޮމާޓޯ ޕޭސްޓުގަނޑު] އެ ވަނީ ހަވާދަކަށް،" ޓޮމާޓޯ ޕޭސްޓް އަޅައިގެން ވެސް ހަވާދުލީބިސް ހެދިދާނެއޭ ބުނީ މިހެންވެ އެވެ.

"އަދި ހަވާދު ނުޖެހޭ ހަމަ ކޮންމެހެން ދިވެހި ހަވާދަށް ވާކަށް،" އާދިލް ބުންޏެވެ.

ދިވެހިން އާންމުކޮށް ހަވާދޭ ކިޔައި އުޅެނީ ރިހަ ކައްކަން މި އަޅާ ކަރީ ޕޭސްޓުތަކަށެވެ. އެކަމަކު އާދިލް ބުނީ ޓޮމާޓޯ ޕޭސްޓަށް ވެސް އެކި ކަހަލަ ސްޕައިސްތައް އެޅުމުން އެވެސް ވާނީ ހަމަ ހަވާދަކަށް ކަމަށެވެ. ސްޕައިސް އެއްކުރާ ކޮންމެ އެއްޗެއް ވާނީ ހަވާދަކަށެވެ.

ޝެފް އާދިލަށް ޕާސަނަލީ އެންމެ ކަމުދަނީ ޓޮމާޓޯ ޕޭސްޓާއި ހަވާދު އެއްކޮށްގެން ހަދައިފައި ހުންނަ ހަވާދުލީބިހެވެ.

"ޓޮމާޓޯ ޕޭސްޓް އެޅީމަ އެއަށް އިތުރު ދެ ފްލޭވާއެއް އާދޭ. އޭއީ ކުޅިފޮނި ރަހައެއް. އެކަމަކު ހަވާދުގައި އިންނާނީ ހަމައެކަނި ކުޅި ރަހައެއް،" އޭނާ ބުނީ ގިނަ ރަހަަތައް ހުންނަ ނަމަ ޝެފުންނަށް އެ އެއްޗެއް ރަނގަޅުވާ ކަމަށެވެ.

***

ކަވަ ފޮޓޯ ކްރެޑިޓްސް: ބޮޑުކައްކާ

ޓޮމާޓޯ ހެދިކާ

Popular