11 Jul 2019

By: Ahmed Nadym

މީހުން ބުނެ އުޅެއެވެ. އަމިއްލަ ނަފުސު ދެކެ ލޯބިވާން ދަސްނުވަނީސް އެހެން މީހަކަށް ތިބާ ދެކެ ލޯތްބެއްނުވެވޭނެއެވެ. މިއީ ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރަން ބޭނުންވާ ވަރަށް ފަށުވިކޮށްފައި އޮތް، އެހާމެ ލޯބި އިބާރާތްކޮޅެކެވެ. އެކަމަކު ބިރުވެރި އިންޒާރެއް ވެސް އޭގައި އެބައޮތެވެ. އަދި ހާއްސަކޮށް ޑިޕްރެޝަންގެ ދާންޏަށް ވެއްޓި ބަލިކަށިވެފައިވާ ނަފުސަކަށް މި ވާހަކައިގެ ބިރުވެރިކަން ވަކިން ބޮޑެވެ. މިސާލަކަށް މި ސަބަބާ ހެދިއެވެ. – އެ ބުނާ އަމިއްލަ ނަފުސު ދެކެ ލޯބިވާން މަށަށް ނޭނގިއްޖެ ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މި ހިތުގައި އަމިއްލަ ނަފުސަށް ދުވަހަކުވެސް އެ ބުނާ ލޯބި ނުއުފެދި ވެސް ހިނގައިދާނެ ނޫން ހެއްޔެވެ؟ -- ފުރާވަރުގެ ހިޔާލުތަކުން ގޮފިތައް ފަޅަމުން އެ ގޮފިތައް ކަފިވަމުން ބޮޑުވަމުން އައިއިރު އަހަރެން އެންމެ ބިރުގަތް އެއް ކަމަކީ މިއީއެވެ. އެންމެ ބިރުގަތީ، ފުރާވަރު ފަހަނަޅައި ގޮސް ޒިންމާ އުފުލަން ޖެހޭ ބޮޑު މީހަކަށްވާ ދުވަހު އަހަރެންގެ މުށުތެރެއިން އެ ދިރިއުޅުން ބީވެގެން ގޮސް ގެއްލިދާނެތީއެވެ. އެކަމަކު އަހަރެއް ދެ އަހަރެއް ފަހުން ދެން ހީވީ އެ ހުރިހާ ވިސްނުމެއް ކުށްހީތަކަކަށް ބަދަލުވި ހެންނެވެ. – އަހަރެން ދެކެ ވަރަށް، ހަމަ އަސްލަށް ވެސް، ވަރަށް، ވަރަށް ބޮޑަށް ލޯބިވާ ބައިވެރިޔަކު ކުއްލިއަކަށް އަހަރެންގެ މި ހަޔާތަށް ވަދެ ނިކަން ބާރަށް މި ޖިސްމުގައި ބައްދައިގަތީއެވެ.

އެހިސާބުން ހިތަށް އެރީ މިހެންނެވެ. – އެންމެފަހުން އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސު ދެކެ ލޯބިވެވުނީތާއެވެ. -- އެކަމަކު އަސްލު ކުށްހީއަކަށް ބަދަލުވީ އެ ހިޔާލެވެ. އަހަރެންގެ އަސްލު ބައިވެރިޔަކަށްވީ ދެން ވެސް ޑިޕްރެޝަން އެވެ. އަދި އަހަރެން ދެކެ އިންތިހާ އަށް ލޯބިވާ، ލޯބި ލޯބި މީހަކު އަހަރެންގެ އުނގަށް ވެއްޓި އޮތްއިރު އަހަރެންގެ ގައިގައި ބައްދައި ވަކި އަޅުވައިގެން އޮތް ޑިޕްރެޝަން އެކަމަށް ދިން ފަރުވާލެއް އަދި ސަމާލުކަމެއް ވެސް ނެތެވެ. ކަހިރުވަކެކޭ ވެސް ހިތަކަށް ނާރައެވެ.

ބައިވެރިޔާގެ ހުރިހާ ވަގުތެއްހެން އަހަންނަށެވެ. އަހަރެން ހެއްވަން އޭނާ ޖޯކުތައް ހުސްކުރެއެވެ. އަހަރެން އުފާކޮށްދޭން ކުލަތައް ހުސްކޮށް އެންމެ ހިތްގައިމު މާތައް ގެނެސްދެއެވެ. އަހަންނަކީ އޭނާ އަށް އެންމެ ރީތި އިންސާނާއޭ ނުބުނާ ރެއެއް ދުވާލެއް ފާއިތުވެ ނުދެއެވެ. އެތައް ސަތޭކަ ފަހަރު ކޮންމެ ދުވަހަކު އެ ވާހަކަ ތަކުރާރުކުރެއެވެ. އަދި އަހަރެން ބޭނުންވާހާ އިރަކަށް ބޭނުން ކޮންމެ ތަނަކަށް ގެންގޮސްދެއެވެ. ކޮނޑުގައި ބޯއަޅައިގެން އޮވެ އަހަރެން ކިތަންމެ އިރެއް ހޭދަކުރިޔަސް އެއްވެސް ޝަކުވާއެއް ވެސް ނުކުރެއެވެ. އަހަރެން ރޯކަން އެނގިއްޖެ ނަމަ ބައްދާލައިގެން އެގޮތަށް ކިތަންމެ އިރަކުވެސް ހުރެފާނެއެވެ. އަހަންނާ ހެދި އޭނާ ވަރުބައްޔެއް ނުވެއެވެ. ދުވަހަކުވެސް އޭނާ ވަރުބަލިނުވާނެއޭ ބުނެއެވެ. އަބަދުވެސް އަހަންނަށް މި ހިމާޔަތާއި ލޯބި ދޭނަމޭ ބުނެއެވެ. ވައުދުވެއެވެ. ތަރި ހަނދު ހެކިކޮށް ހުވާކުރެއެވެ. – އެކަމަކު ދެން ވެސް އަހަރެންގެ ބައިވެރިޔަކަށްވީ ޑިޕްރެޝަންއެވެ. އަހަންނަށް އަޅާނުލި އެހާލާތެވެ. އަހަރެން ބަލިކަށިކޮށް ނިކަމެތިކޮށްލި އެ އިހުސާސްތަކެވެ.

ނަމަވެސް ހިތަށް އެރީ މިހެންނެވެ. – އެންމެފަހުން އަހަރެން ދެކެ ލޯބިވާ މީހަކު އަހަންނަށް ލިބުނީއެވެ. – ދެން ހިތަށް އެރީ މިހެންނެވެ. – އެ ލޯބީގެ ބަދަލު އަހަރެން އޭނާ އަށް ދޭނީ ކިހިނެތް ހެއްޔެވެ؟ އޭގެ ބަދަލު އަހަންނަށް ދުވަހަކުވެސް އަދާކުރެވިދާނެ ހެއްޔެވެ؟

ދެ މީހުން ދިމާވެއްޖެ ނަމަ އަބަދުވެސް ވާހަކަ ދައްކަނީ އޭނާއެވެ. ފެންކަޅިވެ އެނދު މައްޗަށް ވެއްޓި އޮވެ ކަރުނައިން އެ ދާން ތެންމަމުން ގެންދާއިރު އަހަރެންގެ ބޮލުގައި ފިރުމާލަދޭ މީހަކީ އޭނާ އެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަނީ އެ ލޯތްބާއި އޯގާތެރިކަން ފޮޅައި ކޮއްޕައި ފައްސާލުމަށެވެ. އެންމެ ބިރު ގަންނަނީ އެހެން ވެދާނެތީއެވެ. ކޮއްޕައި އޭނާ ވައްޓައިލެވިދާނެތީއެވެ. އަނެއްކޮޅުން މި ހިޔާލުތައް ބޮލުގައި އެނބުރޭ ކޮންމެ ވަގުތަކީ އަމިއްލަ ނަފުސުގެ ހާލާތު ހިތަށް ތަސައްވުރުކުރެވި އެ ނަފުސު ދެކެ އިންތިހާ އަށް ރުޅިއާދެވޭ ހިނދުކޮޅުތަކެވެ. ނަމަވެސް އެންމެ ނުރައްކާތެރި ހާލަތުގައި ވެސް އަހަންނަށް ލިބެނީ އޭނާގެ އޯގާވެރިކަމެވެ. އިރުއަރަން ދެން އަހަރެންގެ ގައިގައި ބައްދައިގެން ފިރުމާލަ ފިރުމާލަ އޮވެދާނެއެވެ. އަބަދުވެސް އަހަރެންގެ ކިބައިން މައާފަށް އެދޭނީ އޭނާއެވެ. އޭނާގެ އަތުތެރޭގައި އެ އަޑު އަހަން އޮވެ އަހަންނަށް ނިދެ އެވެ. ހޭލުމުން ދެން ކިޔައިދޭން ފަށަނީ ލޯބިވާ ވަރެވެ. އެކަމަކު ކޮންމެ ދުވަހަކީ ވެސް އަހަރެމެން ދެ މީހުންގެ ގުޅުމުގައި މުޅިން އާ ގޮންޖެހުމެކެވެ.

އަބަދުވެސް ހީވަނީ އުސް އިމާރާތެއްގެ އެންމެ މަތިން ވެއްޓޭ ހެންނެވެ. ވެއްޓިގެންދާ މި ނަފުސު ސަލާމަތްކުރަން އަންނާނެ މީހަކު ނުވާނެ ހެންނެވެ. އެކަމަކު ވެއްޓިގެންދާ މި ނަފުސު، ބިމުގައި ގޮސް ނުޖެހެނީސް، އަބަދުވެސް ހިފަނީ އޭނާއެވެ. ލޯބިވާ ވާހަކަ ކިޔައިދެނީ އޭނާއެވެ. އުފާވެރި ހަނދާނެއް ނެތަސް އުފާކޮށްދެނީ އޭނާއެވެ. އަމިއްލަ ނަފުސު ދެކެ ލޯބިވާން އަހަންނަށް ނޭނގުނަސް، އަހަރެން ދެކެ އިންތިހާ އަށް ލޯބިވަނީ އޭނާއެެވެ.

އެހެންވީމަ، މީހުން ނުބުނަނީ މިހެންނެވެ. އަމިއްލަ ނަފުސު ދެކެ ލޯބިވާން ނޭނގުނަސް، އެހެން މީހަކަށް ތިބާ ދެކެ އިންތިހާ އަށް ލޯބިވެވިދާނެއެވެ.

މީހުން ނުކިޔައިދެނީ މި ވާހަކައެވެ. ޑިޕްރެޝަން ތިބާ އަށް އޮޅުވާލަފާނެއެވެ. އެކަމަކު ހަޔާތަކީ ކެއްސެއް ނޫނެވެ.

ބައިވެރިޔާ އަކީ ޑިޕްރެޝަން ހުންނަ މީހެއް ނަމަ، ހަނދާނުގައި ބަހައްޓާތި!

1- ޑިޕްރެޝަން އަކީ އޭނާގެ އިހްތިޔާރެއް ނޫން

2- ތިއީ އެއްވެސް ކަމެއް ނޫނޭ ނުބުނާތި

3- މާދަން ތިކަންތައް ރަނގަޅުވެދާނެއޭ ވެސް ނުބުނާތި

4- ގާތަށް ގެންދިއުމުގެ ކުރިން އޭނާ ތިބާ ކޮއްޕައި ދުރުކޮށްލާނެ

5- އަމިއްލަ އުފާތައް ގުރުބާންކުރަން ޖެހިދާނެ

6- ވާހަކަ ދައްކައިގެން ދެ މީހުން ލޯބީގެ އިމެއް ކަނޑައެޅުން

7- ފަސޭހައިން ހިޔާލު ބަދަލުވެ ކަންކަމަށް ފޫހިވެދާނެ

8- އެކަމަކު ހުރިހާ މައްސަލައެއްގެ ކުށްވެރިޔަކީ ތިބާއެއް ނޫން

9- ގަދަކަމުން އޭނާގެ ލޯބި ހޯދަން ނޫޅޭތި

10- އަމިއްލަ ހިތި ތަޖުރިބާތަކާ އޭނާގެ އިހުސާސްތައް އަޅާނުކިޔާތި

11- ދެ މީހުންގެ ވަގުތުތައް ހޭދަކުރާނެ ގޮތް ރާވާލުން ބުއްދިވެރި

ސިއްހަތު ޑިޕްރެޝަން

Popular