27 Mar 2024

By: Aishath Mihna Nasih

ޒުވާން އުމުރުގައި ހަމަޖެހޭ ދިރިއުޅުމެއްގައި ހަމަޖެހިގެން އުޅުނަސް އާއިލީ ޒިންމާތައް ގިނަ އެވެ. ޝައުގުވެރިކަމާ އެކު ކޮންމެ ދުވަހަކު އޮފީހަށް ގޮސް މަސައްކަތް ކުރަނިކޮށް، ބައެއް މުވައްޒަފުން ޗުއްޓީ ނެގުމާ އެކު މަސައްކަތް ގިނަވެ، ބްރޭކެއް ނެތި އުޅެން ޖެހުމުން މަސައްކަތް ދެކެ ފޫހިވެ އެވެ.

ހެނދުނު ހޭލައިގެން އޮފީހަށް ދިއުން ވެސް ބުރަވެއްޖެ އެވެ. ގެއަށް ދިޔަޔަސް ހުންނަންޖެހެނީ ނުތަނަވަސްކަމެއްގަ އެވެ. އެއްވެސް ކަމަކަށް ސަމާލުކަން ދެވޭކަަމަކަށް ނުވެ އެވެ.

މިއީ ވަރަށް ގިނައިން އަހަރެމެންނާ ކުރިމަތިވާ ހާލަތެކެވެ. މިއީ މަސައްކަތުގެ ބާން އައުޓް އެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުން ހުއްޓުވަން ބާންއައުޓްގެ އަލާމާތްތައް އަވަހަށް ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އޮފީސް ބާންއައުޓް ދެނެގަނެ އެކަން ހައްލުކުރެވިދާނެ ގޮތްތަކެކެވެ.

ބާންއައުޓް ދެނެގަންނާނީ ކިހިނެއް؟

ޖިސްމާނީ އަލާމާތްތައް: ވަރުބަލިވުން، ބޮލުގައި ރިހުން، ނިދި ނުލިބުން، ކެއުމަށް އަންނަ ބަދަލުތައް ފަދަ ޖިސްމާނީ އަލާމާތްތަކަށް ސަމާލުކަން ދޭށެވެ. މި އަލާމާތްތަކަކީ މަސައްކަތުގެ ސްޓްރެސްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބެމުންދާކަން ދޭހަވާ އަލާމާތްތަކެކެވެ.

ނަފްސާނީ އަލާމާތްތައް: މަސައްކަތްތަކުގެ ސަބަބުން ފޫހިވެފައިވާ ކަމުގެ އިހުސާސް ކުރުމަކީ ބާންއައުޓްގެ އާންމު ނިޝާނެކެވެ. ވަޒީފާއަށް ޝައުގުވެރިކަން ކުޑަވެ، މަސައްކަތާއި ނުވަތަ އޮފީހުގެ އެހެން މުވައްޒަފުންނާ ވަކިވެފައިވާ ކަމުގެ އިހުސާސް ކުރެވޭނަމަ އެއީ ބާންއައުޓް ފަށައިގަންނަ ކަމުގެ ނިޝާނަކަށް ވެދާނެ އެވެ.

ޕާފޯމަންސް ދަށްވުން: ބާންއައުޓް ވުމުން މަސައްކަތުގައި އުފެއްދުންތެރިކަމާއި ޕާފޯމަންސް ދަށްވެދާނެ އެވެ. ސަމާލުކަން ދިނުމުގެ ގާބިލުކަން ދަށްވުމާއި، ސުންގަޑިތައް ފުރިހަމަކުރުމާއި، ނުވަތަ ފެންވަރުގެ މިންގަނޑުތައް ދަމަހައްޓަން ގާބިލުކަން ދަށްވެފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، މަޑުޖެހިލައި، ކުޑަކޮށް ހަމަޖެހިލަން ހަށިގަނޑަށް ފުރުސަތު ދޭންވީކަން ގަބޫލުކުރާށެވެ.

އެކަނިވެރިކަން: އެހެން މީހުންނާ މުއާމަލާތުކުރަން ބޭނުން ނުވުމާއި، ސޯޝަލައިޒްވުމުން ދުރުވުމާއި، އެހެން އޮފީސް އެކުވެރިންނާ ގުޅިގެން އުޅެން ފަސްޖެހުމަކީ ވެސް ބާންއައުޓްގެ ނިޝާނަކަށް ވެދާނެ އެވެ. އަދި މިފަދަ ހާލަތެއްގައި ހުންނައިރު އެހެން މުވައްޒަފުންނާ ގުޅުން ކެނޑިފައިވާ ކަމުގެ އިހުސާސް ކުރެވި، މަސައްކަތުގެ މާހައުލުގެ ތެރެއިން އެކަށީގެންވާ ސަޕޯޓް ނުލިބޭ ކަމުގެ އިހުސާސް ވުމަކީ ތިމާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ.

ބާންއައުޓް

ހައްލަކީ ކޮބާ؟

އިޙްސާސްތައް ގަބޫލުކުރުން: ބާންއައުޓް ތަޖުރިބާ ކުރުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫން ކަމަށާއި އެއީ ގިނަ ދުވަހު ސްޓްރެސްވެފައި ހުރުމުން އެކަމަށް ހަށިގަނޑުން ދޭ ގުދުރަތީ ޖަވާބެއްކަން ދެނެގަތުމަކީ ހައްލު ހޯދުމުގެ ފުރަތަމަ ފިޔަވަޅެވެ.

ބައުންޑަރީސް ސެޓްކުރުން: ދިރިއުޅުމުގެ އެހެން ދާއިރާތަކަށް މި ބާންއައުޓް ފެތުރިގެން ނުދިއުމަށްޓަކައި މަސައްކަތާއި އަމިއްލަ ދިރިއުޅުމާ ދެމެދު ބައުންޑަރީސްތަކެއް ކަނޑައަޅަންޖެހެ އެވެ. ކަސްރަތުކުރުމާއި، ރިލެކްސޭޝަން ޓެކްނިކްސް އާއި ލޯބިވާ މީހުންނާ އެކު ވަގުތު ހޭދަކުރުން ފަދަ އަމިއްލަ ނަފްސަށް އަޅާލުމުގެ ހަރަކާތްތަކަށް އިސްކަންދިނުމަކީ މިކަމުން އަރައިގަތުމަށް އެހީވެދޭނެ ކަންކަމެވެ.

ސުޕަވައިޒަރާ ވާހަކަދެއްކުން: މަސައްކަތުގައި އުނދަގޫތަކެއް ކުރިމަތިވާ ނަމަ ސުޕަވައިޒަރާ ނުވަތަ އެޗްއާރު ޑިޕާޓްމަންޓާ މުއާމަލާތް ކުރަން ފަސްނުޖެހޭށެވެ. ތިމާގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ފާޅުގައި މަޝްވަރާކޮށް، އެއްބާރުލުންހޯދާ ވޯކްލޯޑާއި ސްޓްރެސް މެނޭޖްކުރުމަށް ސްޓްރެޓެޖީތައް ހޯދުމަކީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހާލަތަކުން ދުރުހެލިވުމަށް މުހިންމުކަމެކެވެ.

ސަޕޯޓް ހޯދުން: ސަޕޯޓް ހޯދުމަށް ރައްޓެހިންނާއި، އާއިލާގެ މެމްބަރުންނާއި، ނުވަތަ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހަކާއި މި ވާހަކަތައް ހިއްސާކުރެވިދާނެ އެވެ. އިތުބާރު ކުރެވޭ މީހަކާ ވާހަކަ ދެއްކުމަކީ ތިމާގެ އިހުސާސްތައް ވެލިޑޭޓްކުރެވި، ދިމާވެގެން އުޅޭ މައްސަލަތަކުން އަރައިގަތުމަށްޓަކައި އިތުރު ޚިޔާލުތަކެއް ލިބި ބާންއައުޓްއާ ކުރިމަތިލާން މާ ފައިދާހުރި ގޮތެއްގައި އެހީތެރިވެދޭނެ ކަމެކެވެ.

އިސްކަންދޭ ކަންތައްތައް އަލުން ވަޒަންކުރުން: ފަހަތަށް ފިޔަވަޅެއް އަޅައި ކެރިއަރުގެ ލަނޑުދަނޑިތަކާއި އިސްކަންދޭ ކަންތައްތައް އަލުން ވަޒަންކުރުމަކީ މިފަދަ ދަނޑިވަޅެއްގައި މުހިންމު ކަމެކެވެ. ތިކުރަނީ އަމިއްލަ ޝައުގުވެރިކަމާއި، ވެލިއުސްއާ ގުޅޭ މަސައްކަތެއް ހެއްޔެވެ؟ މިއަށްވުރެ ފުރިހަމަ އަދި ބެލެންސްޑް މަސައްކަތުގެ ދިރިއުޅުމެއް އުފެއްދުމަށްޓަކައި ގެނެވޭނެ ބަދަލުތަކެއް އެބަހުރި ހެއްޔެވެ؟

އަމިއްލަ ނަފްސަށް އޯގާތެރިވުން ޕްރެކްޓިސްކުރުން: ބާންއައުޓްގެ ތެރެއިން ދަތުރުކުރާއިރު އަމިއްލަ ނަފްސަށް އޯގާތެރިވެ އެފަދަ ކަންތައްތައް ޕްރެކްޓިސްކުރުން ވަރަށް މުހިންމެވެ. އެހީތެރިކަމަށް އެދުމާއި ބޭނުންވާ ވަގުތުތަކުގައި ބްރޭކް ނެގުމަކީ އޯކޭ ކަމެއްކަން ހަނދާން ކުރާށެވެ. އުފާވެރިކަން ގެނެސްދީ، ދުޅަހެޔޮކަމަށް ފުރުސަތުދޭ ހަރަކާތްތަކަށް އިސްކަން ދޭށެވެ.

އޮފީސް ބާންއައުޓްގެ އަލާމާތްތައް އަވަހަށް ދެނެގަނެ، އެކަން ހައްލުކުރުމަށް ޕްރޮއެކްޓިވް ފިޔަވަޅުތައް އެޅުމުން، ސްޓްރެސް އިތުރަށް ބޮޑުވުން ހުއްޓުވައި، މަސައްކަތުގެ ދިރިއުޅުމުގައި ބެލެންސާއި ފުރިހަމަކަމުގެ އިހުސާސް އަލުން ހޯދައިދެވޭނެ އެވެ. ބާންއައުޓަކީ އާންމު ތަޖުރިބާއެއްކަން ހަނދާން ކުރާށެވެ. އަދި ސަޕޯޓް ހޯދުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫން، ވަރުގަދަކަމުގެ ނިޝާނެކެވެ.

މެންޓަލް ހެލްތް

Popular