By: Asima Nizar
މިއީ ވަރަށް ވޭން އަޅާ ބައްޔެކެވެ. ފަރުވާތަކުން ލުއި ލިބުނަސް ސޮރައިސިސް އަކީ އެއްކޮށް ރަނގަޅުކުރެވޭ ކަމެއް ނޫނެވެ. ހަމުގެ ސެލްތައް އުފެދޭ މިންވަރު އަވަސްވުމުން ހަންގަނޑު ހިކި، ކަސްނަގާ އަދި ދުޅަވެފައިވާ ބައިތަކެއް މި ބަލީގައި އުފެދެ އެވެ. އަދި އެ ތަންތަން ކަހައި އާދަޔާ ހިލާފަށް ތަދުވެ އެވެ.
މީހާގެ ހަމުގެ ކުލަ އަދި ބަލީގެ ބާވަތުން އަލާމާތްތައް ތަފާތުވެދާނެ އެވެ. އާންމު އަލާމާތްތަކުގެ ތެރޭގައި؛
- ހަމުގައި ރަތްކުލައިގެ، އަދި އޭގެ މަތީގައި އަޅި ކުލައިގެ ކަސްތަކެއް ހުންނަ ބައިތައް އުފެދުން
- ކަސްތައް ހިކި، ފަޅައިގެންގޮސް ލޭ އައުން
- ކެހުމާއި ދިލަނެގުން ނުވަތަ ތަދުވުން
- ނިޔަފަތިތައް ބޯވުމާއި ވަޅުވަޅު ހެދުން ނުވަތަ ނިޔަފަތި ވަކިވުން
- އުޅަނބޮށި، ކަކޫ، ބޮލުގެ ހަންގަނޑު އަދި އުނަގަނޑު ފަދަ ތަންތަނުގައި ގިނައިން މިގޮތަށް އުފެދުން
- މޫސުމަށް އަންނަ ބަދަލުން ނުވަތަ ބައެއް ސަބަބުތަކާ ހުރެ އަލާމާތްތައް ގޯސްވެ ފަހުން ރަނގަޅުވުން
- ޕްލާކް ސޮރައިސިސް: މިއީ އެންމެ އާންމު ބާވަތެވެ. އެ ބާވަތުގައި ހަންގަނޑު ހިކި، އުފުލިފައިވާ އަދި ކަސްނަގާ ބައިތައް އުފެދެ އެވެ.
- ނިޔަފަތީގެ ސޮރައިސިސް: މި ހާލަތުގައި އަތާއި ފައިގެ ނިޔަފަތިތަކަށް އަސަރުކޮށް، ނިޔަފަތީގެ ކުލަ ބަދަލުވުމާއި ނިޔަފަތި ނެއްޓޭގޮތްވެ އެވެ.
- ގަޓޭޓް ސޮރައިސިސް: ފެންތިކިތަކެއް ގޮތަށް ހުންނަ ކުދި ތިކިތަކެއް، ގަޓޭޓް ސޮރައިސިސްގައި ހަންގަނޑުގައި ނަގަ އެވެ.
- އިންވާސް ސޮރައިސިސް: ކިހިލިފަތްދޮށާއި އުނަގަނޑު އަދި އުރަމަތިން ތިރި ފަދަ ހަމުގެ އެކި ފަތްޖެހޭ ތަންތަނުގައި ނަގާ އޮމާން އަދި ރަތްކުލައިގެ ބައިތަކަކީ އިންވާސް ސޮރައިސިސްގެ އަލާމާތެވެ.
- ޕަސްޓިއުލާ ސޮރައިސިސް: މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ހާލަތެކެވެ. ޕަސްޓިއުލާގައި ހަންގަނޑުގައި ދޮސްލާފައިވާ ކުދި އުންތަކެއް ނަގަ އެވެ.
- އެރިތުރޯޑާމިކް ސޮރައިސިސް: މުޅި ހަށިގަނޑުގެ ބޮޑު ބައެއްގައި ރަތްވެ، ހަމުގެ މަތީ ފަށަލަ ނެއްޓެމަށް ކިޔަނީ އެރިތުރޯޑާމިކެވެ. އެއީ ވެސް ވަރަށް ނުރައްކާތެރި އަދި މަދުން ފެންނަ ބާވަތެކެވެ.
ސޮރައިސިސް ހުންނަ މީހެއްގެ ހަންގަނޑު ހުރި ގޮތް.
ސޮރައިސިސް ޖެހެން މެދުވެރިވާ ސީދާ ސަބަބު މުޅިން ސާފުނުވިއަސް، އޭގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދިފާއީ ނިޒާމު އަދި ޖެނެޓިކްސް އެވެ.
- ދިފާއީ ނިޒާމުގެ މައްސަލަ: ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އޮޅިގެން އަމިއްލަ ހަމުގެ ސެލްތަކަށް ހަމަލާދީ، ސެލްތައް އުފެދޭ މިންވަރު އާދަޔާ ހިލާފަށް އަވަސްކޮށްދެ އެވެ. އާއްމުކޮށް ހަމުގެ ސެލްތައް އާވާން 28 ދުވަސް ނެގިއަސް، ސޮރައިސިސް ހުންނަ މީހުންގެ ހަމުގެ ސެލްތައް 3-4 ދުވަސް ތެރޭގައި އާވެ އެވެ.
- ވާރުތަވުން: އާއިލާގެ މީހެއްގެ ގައިގައި ސޮރައިސިސް ހުންނަ ނަމަ އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
އަލާމާތްތައް އިތުރުވާ ސަބަބުތައް / ޓްރިގާތައް
ސޮރައިސިސްގެ އަލާމާތްތައް ކުއްލިއަކަށް ގޯސްވާން ދިމާވާ ބައެއް ކަންކަމުގެ ތެރޭގައި:
- އިންފެކްޝަންތައް: ކަރުގެ އެތެރެ ދުޅަވުމާއި ތަދުވުމާއި ހަންގަނޑަށް ޖެހޭ އިންފެކްޝަންތައް
- މޫސުން: ފިނި އަދި އައްވާއި ތެތްކަން ކުޑަ މޫސުން
- ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލުކުރުން ނޫނީ އޭގެ ދުންގަނޑުގެ އަސަރުކުރުން
- ބައެއް ކަހަލަ ބޭސްތައް: ލޭ މައްޗަށް ދާތީ ބޭނުންކުރާ ބައެއް ބޭސްތަކާއި ލިތިއަމް އަދި އެންޓިމެލޭރިއަލް ބޭސްތައް ކެއުން
ދިމާވެދާނެ އެހެނިހެން ނުރައްކާތައް
ސޮރައިސިސް ހުންނަ މީހުންނަށް އިތުރު ބައެއް ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެެވެ. އޭގެ ތެރޭގައި؛
- ސޮރިއޭޓިކް އާތުރައިޓިސް: ކަކުލާއި އަތްފައިގެ ރިއްސުމާއި ހުޅުތައް ދުޅަވުން
- ޓައިޕް-2 ހަކަރު ބަލި ހުރުން
- ބަރުދަން އާދަޔާ ހިލާފަށް އިތުރުވުން
- ލޭ މައްޗަށް ދިއުން
- ހިތުގެ ބަލި ހުރުން
ސޮރައިސިސްގެ އަލާމާތެއް ފެނި އަދި އެކަމުގެ ސަބަބުން ދުޅަހެޔޮކަމާއި ހަމަޖެހުމަށް އަސަރުކުރާނަމަ ވީހާ ވެސް އަވަހަކަށް ހަމުގެ ހާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. އޭރުން ކޮންމެ ވެސް ވަރެއްގެ ލުއެއް ލިބޭނެ އެވެ.