ކުޑަކުޑަ އީހާން އަށް އަހަރަކާއި ދިހަ މަހެވެ. ފެންނަ ފެނުމަށް އެއްވެސް އުނިކަމެއް ނެތެވެ. އެ އުމުރުގެ އެހެން ކުދިންނާ ތަފާތުވާ ހަމަ އެކަނި ކަމަކީ "ހިމޮފީލިއާ" އެވެ. ރާއްޖޭގެ އާބާދީގެ އެތަކެއް ހާސް މީހުންގެ ތެރެއިން އީހާން ތަފާތު ވާ ސަބަބަކީ މިއެވެ.
ކުޑަކުޑަ އީހާން އަށް އަހަރަކާއި ދިހަ މަހެވެ. ފެންނަ ފެނުމަށް އެއްވެސް އުނިކަމެއް ނެތެވެ. އެ އުމުރުގެ އެހެން ކުދިންނާ ތަފާތުވާ ހަމަ އެކަނި ކަމަކީ "ހިމޮފީލިއާ" އެވެ. ރާއްޖޭގެ އާބާދީގެ އެތަކެއް ހާސް މީހުންގެ ތެރެއިން އީހާން ތަފާތު ވާ ސަބަބަކީ މިއެވެ.
ހިމޮފިލިއާ ނުވަތަ ލޭ މަނާ ނުވާ ބައްޔަކީ، ގައިން ތަނެއް ކަނޑައިގެން ދިއުމުން، ލޭ މަނާ ކޮށްދިނުމަށް އެހީވެދޭ ޕްރޮޓީން ފެކްޓާ 8 އަދި 9، ހަށިގަނޑުން މަދުވުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ. ދުނިޔޭގެ ނިސްބަތުން ވެސް މަދު، މި ބަލި ހުންނަ މީހުން ރާއްޖޭގައި ވެސް މަދެވެ. މިހާތަނަށް ރިކޯޑު ކުރެވިފައިވަނީ އަށާރަ ނަމެކެވެ. އީހާން އަކީ އެ ލިސްޓުގެ އަށާރަ ވަނަ އެވެ.
"ވިހައިގެން ހަ މަސް ވީއިރު ވެސް އީހާން ގެ ފަރާތުން ތަފާތެއް ފާހަގައެއް ނުވޭ. ދުޅަހެޔޮކޮށް ލޯބިކޮށް ބޮޑުވަމުން އައީ. އެކަމަކު ހަ މަހުގައި ފިރުކެން ފަށައިގެން ކަކުލާއި ފައިގެ ތަންތަން އާދަޔާ ހިލާފަށް ނޫފައިގެންފައި ދުޅަވާން ފެށުމުން ކަންބޮޑުވާން ފެށީ، އެ ފަހުން، ކިރިޔާ ތަނެއްގައި ޖެހޭ އިރު ނޫފައިގަނޭ. ނުޖެހުނަސް ދެ ހަން ދޭތެރެއަށް ލޭ ފޭދިފައި ހުރޭ" ދެ ދަރިންގެ ތެރެއިން ހަގަށް ލިބުނު އީހާންގެ ހިމޮފީލިއާ އަލާމާތްތައް ފާހަގަވާން ފެށި ގޮތް މަންމަ، ފާތުމަތު ތައުފީގް (ފާތުން) ކިޔައިދިނެވެ.
ހަމަހުގެ ތުއްތު ދަރިފުޅާ އެކު 31 އަހަރުގެ މަންމަގެ ދިރިއުޅުން ބަދަލުކޮށްލީ، ދަރިފުޅު ހިމޮފީލިއާ 'އޭ' އަށް ޕޮޒިޓިވްވެ، އެ ބަލީގެ ވެސް އެންމެ ސިވިއާ ކޭސް އެއްގެ ގޮތުގައި ޑޮކްޓަރުން އީހާން ފާހަގަކުރުމުންނެވެ. އެހާ ހިސާބުން ފާތުންގެ ދެމަފިރިންގެ ހުރިހާ ވަގުތެއް ކުޑަ ދަރިފުޅަށް ހުސްކުރަން ޖެހުނެވެ. ގޭގައި އަބަދުވެސް ދެމަފިރިން ކުރެ ކޮންމެ ވެސް އެކަކު ހުންނަން މަޖުބޫރުވި އެވެ. ދެމީހުންގެ ހުރިހާ އުފަލެއް ދަރިފުޅަށްޓަކައި ގުރުބާންކުރަން ޖެހުނެވެ. ދެމީހުން ވެސް ވަޒީފާ އަށް ދަމުން، ދެ ދަރިންނާއެކު ފަށަން ޖެހުނީ އުނދަގޫ ދަތުރެކެވެ.
"އީހާން އަކީ މި ބަލި ހުންނަ ކުދިންގެ ތެރެއިން ވެސް ތަފާތު ކުއްޖެއް. ޓެސްޓު ހެދުމުން އެނގުނީ އީހާންގެ ހަށިގަނޑުގައި ލޭ މަނާކޮށްދޭ ޕްރޮޓީން ފެކްޓާ އަށެއް، އެއްވެސް މިންވަރަކަށް ނެތް ކަން. އޭގެ މާނައަކީ ބިރު އޮތީ ހަމައެކަނި ތަނެއް ކަނޑައިގެން ދިއުމުން ލޭ މަނާ ނުވެ އެތައް ގަޑި އިރެއް ހޭދަވާތީ އެކަންޏެއް ނޫން. އެތެރަހަށްޓަށް ލޭ ލީކުވާން ފަށައިފިއްޔާ ނުރައްކާ ހާލަތަކަަށް ދަރިފުޅު ހިނގައިދާނެ ކަމުގެ ބިރު އެހާ ހިސާބުން އުފެދެން ފެށީ،" ފާތުން ކިޔާލަދިނެވެ.
މި ބަލީގެ ނުރައްކާ ބޮޑުވާ އަނެއް ސަބަބަކީ މިއެވެ. ތަނެއް ކަނޑައިގެން ނުދިޔަޔަސް ތަނެއްގައި ޖެހޭ ގޮތަކުން، މީހަކު ބާރަށް ހިފާލައިގެން ވެސް މަސްގަނޑަށް ނޫނީ ހަންގަނޑުގެ ތެރެއަށް ލޭ ފޭދިދާނެ އެވެ. ސީރިއަސް ކޭސް އެއްގައި އެތެރަހަށީގެ އެކި ގުނަވަންތަކާއި ސިކުނޑިއަށް ވެސް ލޭ ފޭބުމަކީ ދުރު ކަމެއް ނޫނެވެ.
މިއީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ. އެކަމަކު ވަގުތީ ފަރުވާއެއްގެ ގޮތުގައި، އެ މީހެއްގެ ގައިން މަދުވާ ޕްރޮޓީން ޑައިރެކްޓް ކޮށް ލޭގެ ތެރެއަށް އިންޖެކްޓް ކުރެ އެވެ. މިއީ ހަރަދު ބޮޑު، ލިބުން ދަތި އިންޖެކްޝަނެކެވެ. ރާއްޖޭން ވެސް ލިބެން ނެތް ފަރުވާއެކެވެ.
"މި އިންޖެކްޝަންތައް ވަރަށް އަގު ބޮޑު. ރާއްޖޭގައި ޓްރީޓްމަންޓެއް ގޮތަށް އިންޖެކްޝަންތައް ދޫ ނުކުރޭ. އެހެންވެ، އަމިއްލައަށް ބޭރުގެ ޖަމިއްޔާއަކަށް ގުޅައިގެން އީހާނަށް ބޭނުންވާ ޓްރީޓްމަންޓް ފުރިހަމަ ދެ މަސް ވަންދެން އަޅުގަނޑު ހޯދިން. ހުއްޓާލައި އެއަށްވުރެ މޮޅު ފަރުވާއެއް ހޯދަން ޖެހުނީ ދަރިފުޅުގެ ހަށިގަނޑު އެ އިންޖެކްޝަނަށް ރެސިސްޓްވާން ފެށުމުން،" ފާތުމަތު ކިޔައިދިނެވެ.
އެ ދެމަފިރިން މިހާރު ތިބީ ދަރިފުޅާއެކު އިންޑިއާގަ އެވެ. އީހާން އަށް މިހާރު ދެމުން އަންނަނީ ހިމޮފީލިއާ އަށް ޓްރީޓްކުރަން ދުނިޔޭގައި މުޅިން އަލަށް އުފައްދައި، އެމެރިކާގެ އެފްޑީއޭ އިން 2017 ވަނަ އަހަރު އެޕްރޫވް ކޮށްފައިވާ "ހެމްލިބްރާ" ނަމަކަށް ކިޔާ ތެރަޕީ އެކެވެ. އިންޖެކްޝަން ޖަހާ ކޮންމެ ދެ ދުވަހަކަށް ދެ ހާހެއްހާ ޑޮލަރު ހޭދަވާ މި އަގުބޮޑު ފަރުވާ އިންޑިއާގައި ދޭން ފެށީ ވެސް ވަރަށް ފަހުންނެވެ. އީހާން އަކީ ކެރެލާގައި މިހާތަނަށް މި ތެރަޕީ ނަގާ ފުރަތަމަ ކުއްޖާ އެވެ. މުޅި އިންޑިއާ އަށް ބަލާ ނަމަ އެގައުމުން އެ ފަރުވާ ހޯދާ ތިން ވަނަ ކުއްޖާ އެވެ.
މިވަރުގެ އަގުބޮޑު ފަރުވާއެއް ފާތުމަތުގެ ދެމަފިރިންނަށް ހޯދެނީ އާސަންދަ ލިބޭތީ އެވެ.
"ގިނަ މީހުނަށް ހަގީގަތުގައި ނުވެސް އެނގޭ ހިމޮފީލިއާ އަކީ ކޯއްޗެއްކަން ވެސް. އިހާން ފަދަ ދަރިއަކު ހުންނަ މީހަކަށް އެނގޭނީ މިއީ ނަފްސާނީ ގޮތުން ވެސް ކިހާވަރެއްގެ ވޭން ހުރި ކަމެއް ކަން. ދަރިފުޅުގެ ހިޔާލު ސިކުނޑިން ނެއްޓޭ އެންމެ ފަޅި ސިކުންތެއް ވެސް ނުދޭ، އޮފީހުގަ ހުއްޓާ ފޯނެއް އަޔަސް ހީވަނީ ދަރިފުޅަށް ކަމެއް ވެގެން ގުޅަނީ ހެން،" ހިމޮފިލިއާ ހުންނަ ދަރިފުޅާ އެކު ފާތުންގެ ހާލަކީ މި އެވެ.