7 Feb 2021

ޔޫސުފަށް ދިމާވީ ނާދިރު ހާލަތެއް؛ އަބަދު ވޭނުގައި!

"ޔޫސުފް ނެގިއިރު ޔޫސުފްގެ އެއްވެސް އެއްޗެއް [ގުނަވަނެއް] މަސައްކަތެއް ނުކުރޭ. [ދުނިޔޭގައި ހުންނާނެކަމުގެ] އެހާ އުއްމީދެއް ވެސް ނެތް، ހަމަ ފުރާނަ ހުރިކަން އެކަނި."

"ޔޫސުފް ނެގިއިރު ޔޫސުފްގެ އެއްވެސް އެއްޗެއް [ގުނަވަނެއް] މަސައްކަތެއް ނުކުރޭ. [ދުނިޔޭގައި ހުންނާނެކަމުގެ] އެހާ އުއްމީދެއް ވެސް ނެތް، ހަމަ ފުރާނަ ހުރިކަން އެކަނި."

By: Ifraz Ali

އާއިޝަތު އާޝިދާ އޭނާގެ ދެ ވަނަ ދަރިފުޅު، ޔޫސުފް ހާމިދު މުހައްމަދަށް ބަލިވެ އިނދެ، ފަސް ވަރަކަށް މަސް ވީތަނާ ބަނޑަށް އުނދަގޫތަކެއް ވާން ފެށި އެވެ. އޭނާގެ އާއިލާ ދިރިއުޅޭ ރ.ދުވާފަރާ އެންމެ ގާތުގައި ހުންނަ އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން އެނގުނީ، ބަނޑުތެރޭގައި ކުއްޖާ އޮންނަ ފެންދުލި ފަޅައިގެން ގޮސްފައިވާކަމެވެ. އެ ހޮސްޕިޓަލުގައި ދުވަސްތަކެއް ވަންދެން އޮވެފައި، އިމަޖެންސީގައި މާލެ އައީ ބަނޑަށް ހަތް މަހުގަ އެވެ. މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން، އާޝިދާ އާއި އޭނާގެ ފިރިމީހާ ހާމިދު މުހައްމަދަށް ލިބުނީ ހިތްފަޅައިގެންދާ ވަރުގެ ޚަބަރެކެވެ. ހެދި ޓެސްޓުތަކުން ފާހަގަވީ، ދަރިފުޅުގެ ބޯ އާދަޔާ ޚިލާފަށް ބޮޑުވަމުންދާކަމެވެ.

ޑޮކްޓަރުން އެންގީ ވީ އެންމެ އަވަހަކަށް ދަރިފުޅު ނެގުމަށެވެ. އައިޖީއެމްއެޗްގައި ސިޒޭރިއަން ހަދައިގެން، ދަރިފުޅު ނެގީ މިދިޔަ އަހަރު ސެޕްޓެމްބަރު 23 ގަ އެވެ. އެއީ އެ ދެމަފިރިންނަށް މި ޚަބަރު ލިބުނުތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ދެމަފިރިންގެ ދަރިފުޅު، ތުއްތު ޔޫސުފަށް އަދި އެންމެ ފަސް މަހެވެ.

"ޔޫސުފް ނެގިއިރު ޔޫސުފްގެ އެއްވެސް [ގުނަވަނެއް] މަސައްކަތެއް ނުކުރޭ. [ދުނިޔޭގައި ހުންނާނެކަމުގެ] އެހާ އުއްމީދެއް ވެސް ނެތް، ހަމަ ފުރާނަ ހުރިކަން އެކަނި،" އާޝިދާ ކިޔައިދިނެވެ.

ޔޫސުފް.

"ޑޮކްޓަރު ވެސް އުއްމީދު ކަނޑާލައިފައި ތިބީ. އޮކްސިޖަން ވެސް ގުޅައިފައި ވެންޓިލޭޓަރުގައި ބޭއްވީ. ގާތްގަނޑަކަށް މަހެއް ފަހުން އޮކްސިޖަން ދިނުން ހުއްޓާލީ،" އޭނާ ބުންޏެވެ.

ޔޫސުފަކީ، އަލަށް އުފަންވާ ކުދިންގެ މެދުގައި އެހާ އާންމު ނޫން ސިއްޚީ މައްސަލައެއް ކަމަށްވާ ކޮންޖެނިޓަލް ހައިޑްރޯސިފަލުސް ހުންނަ ކުއްޖެކެވެ. މި މައްސަލަ ހުންނަ ކުދިންގެ ބޯ އާދަޔާ ޚިލާފަށް ބޮޑުވަނީ، ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ސިކުނޑީގައި މާ ގިނައިން ފެން ހެދޭތީ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުފަންވާ ކޮންމެ 90،000 ކުއްޖަކުން އެއް ކުއްޖަކަށް މި ހާލަތު ދިމާވުމުގެ ފުރުސަތު އޮވެ އެވެ. އަދި ރާއްޖޭގައި ވެސް މީގެ ކުރިން މަދުމަދުން މި ކަހަލަ ކޭސްތައް ފެނިފައި އެބަހުއްޓެވެ.

ޔޫސުފް އާއި އޭނާގެ މަންމަ އައިޝަތު އާޝިދާ އާއި ބައްޕަ ހާމިދު މުހައްމަދު.--

ޔޫސުފް ވިއްސައިގެން ދެ މަހެއްހާ ދުވަސް ވަންދެން އޮތީ ނާސަރީގައި ބާއްވައިފަ އެވެ. އަދި ޔޫސުފް ވިހޭތަނާހެން، ޑޮކްޓަރުންގެ ލަފަޔަށް ކުޑަ އޮޕަރޭޝަނެއް ވެސް ކުރަންޖެހުނެވެ. އެއީ ޔޫސުފްގެ ބޮލަށް ޖަމާވާ ފެންތައް ބޭރުކުރުމަށްޓަކައި ވަގުތީ ގޮތުން ކުޑަ ހޮޅިކޮޅެއް ބޮލަށް ލެއްވުމަށެވެ. އެއީ ޔޫސުފް ތަންކޮޅެއް ބޮޑުވުމުން، ފަހުން ބޮޑު އޮޕަރޭޝަނެއް ކުރާ ގޮތަށެވެ.

ވެންޓިލޭޓަރުގައި މާ ގިނަ ދުވަހު ބާއްވައިގެން ފަރުވާކުރަން ވެއްޖެ ނަމަ، އެކަމަށް ވެސް ބޮޑު ޚަރަދެއް ހިނގާނެތީ އެ ވަގުތަށް އެންމެ ރަނގަޅު އިޚުތިޔާރަކަށް އެ ދެމަފިރިންނަށް ވެސް ފެނުނީ، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ކުޑަ އޮޕަރޭޝަނެއް ކޮށްގެން، ދަރިފުޅު ތަންކޮޅެއް ބޮޑުވަންދެން ކެތްކޮށްލާށެވެ.

"ބޭބީ މާ ކުޑަކަމުން، ބޭބީ ގައިގައި އޭރު ހުރީ 1.400 ކިލޯ. އެހެންވެ މާ ކުޑަ ވީމަ ޑޮކްޓަރުން ވިދާޅުވީ 5 ވަރަކަށް ކިލޯއަށް ބަރުވީމައޭ ބޮޑު އޮޕަރޭޝަން ކުރެވޭނީ،" ޑޮކްޓަރުން ބުނި ކަމަށް އާޝިދާ ބުންޏެވެ.

"އެހެންވެ މިހާރު މި ތިބީ އެ ބޮޑު އޮޕަރޭޝަން ކުރަން އައިސް،" އާޝިދާ ބުންޏެވެ.

"ޔޫސުފަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް"

އާޝިދާ ބުނީ ދަރިފުޅުގެ ބޯ އާދަޔާ ޚިލާފަށް ބޮޑުވުން ފިޔަވައި، ރަނގަޅު ސިއްޚަތެއްގައި ހުންނަ ކުއްޖަކާ ޔޫސުފާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ބަލިވެ އުޅޭ ކުއްޖަކާ ބަލައިފައި އޭނާގެ ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށް ބުންޏެވެ.

ޔޫސުފަށް މީހުން ގޮވައި ހެދުމުން ބަލައި، ހީ ހަދާ އުޅެ އެވެ. އެކަމަކު އާޝިދާ ބުނީ މިހާރު ބޮލުގައި މާ ގިނައިން ފެންހެދިފައި ހުރުމުން ތަންތަނަށް ބަލައި އުޅެން ދަރިފުޅަށް ކުރިއަށް ވުރެ އުނދަގޫވާކަން ފާހަގަވާ ކަމަށެވެ. އަދި ދަރިފުގެ ބޮލަށް މާ ބޮޑަށް ބަރުވެފައި ހުރުމުން އުރައިގެން އުޅެން ޖެހެނީ ވެސް ވަރަށް ފަރުވާތެރިކަމާ އެކު އެވެ.

"އުރައިގެން އަޅުގަނޑުމެން ގެންގުޅެނީ ބާލީހަކަށް ލައިގެން. ހަމަ އަތުން މިހެން ނަގައިގެން ހެދީމަ އިނގިލިތައް ދަނީ ބޮލަށް ވަދެގެން، އެހާ މަޑުވީމަ. ފެން ހުންނަ، ހަމަކަށް ފެން އަޅައިފައި ހުންނަ އުސޫލުން،" އާޝިދާ ކިޔައިދިނެވެ.

ޔޫސުފް ވިހައިގެން ވެންޓިލޭޓަރުގައި ބާއްވާއިފައި.

އެހެންވެ، އާޝިދާ ދަރިފުޅު އަތް މައްޗަށް ނަގައިގެން އުޅެނީ ވަރަށް މަދުންނެވެ.

"އެކަމަކު ބައެއް ފަހަރު ބޭބީ ނަގައިގެން އުނަގަނޑު މަތިވެސް މޮޑެ ހަދަން. އެހެން ނޫނީ އަބަދު އެހެން އޮންނަން ވީމަ، ރިއްސާނެއެއްނުން ގައިގެ ތަންތާ ވެސް ދޯ،" އޭނާ ބުންޏެވެ.

ވިއްސައިގެން ފުރަތަމަ މަހު ދަރިފުޅު ހަށިގަނޑުގައި ލޭ ނުހިފަހައްޓައިގެން އަށް ފަހަރެއްގެ މަތިން ލޭ ވެސް އެޅި އެވެ.

"މިހާރު ކުރަން އުޅޭ ބޮޑު އޮޕަރޭޝަންގައި ޑޮކްޓަރުން ބުނީ ބަނޑަށް ހޮޅިއެއް ގުޅާނީއޭ ފެންތައް ބޭރުކުރަން. ބޮލަށް ގުޅީމާ މާ ބޮޑަށް ބޮލަށް ބާރުވާނެތީ. އެ ފެންތައް ދައުރުވާ ގޮތެއް ނެތީމަ، ޑޮކްޓަރުން ބަނޑަށް މި ގުޅަނީ ހޮޅިއެއް. އޭރުން ކުޑަކަމުދާއިރު އާއި ބޮޑުކަމުދާއިރު ވެސް އެ ފެންތައް ބޭރުވާނެ،" ކުރަން ތައްޔާރުވާ އޮޕަރޭޝަންގެ ވާހަކަތައް އާޝިދާ ކިޔައިދިނެވެ.

ޔޫސުފްގެ އާއިލާއަށް އެހީވުމަށް ބޭނުންވާ މައުލޫމާތު މި ލިންކުން ލިބޭނެ.

އެންމެ ދަތީ މާލޭގައި ތިބުން

ބޮޑު އޮޕަރޭޝަން ކުރުމަށްޓަކައި ދަރިފުޅު ގޮވައިގެން އާޝިދާ އާއި ހާމިދު މާލެ އައިތާ މިހާރު މަހެއް ވާން ކައިރިވަނީ އެވެ. މިކޮޅަށް އައިތާނެހެން ލިބުނު ޚަބަރަކީ ދަރިފުޅުގެ އޮޕަރޭޝަން ކުރާ އޭޑީކޭގެ ޑޮކްޓަރު ކުއްލިއަކަށް ބަލިވެ، ޗުއްޓީއަށް ދާންޖެހުނު ކަމެވެ. އެކަމަކު މިހާރު ވަނީ އެކަމަށް ތައްޔާރުވެފަ އެވެ.

އެކަމަކު ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފައިގެން މިހާ ގިނަ ދުވަހު މާލޭގައި ތިބެންޖެހުމުން އެ ދެމަފިރިންނަށް ވަނީ ޚަރަދުތަކަށް ދަތިވެފަ އެވެ. އަދި ޑޮކްޓަރަށް ނުދެއްކޭތީ، އޮޕަރޭޝަނަށް ދާނެ ސީދާ ޚަރަދު ވެސް ޔަގީންނުވާ ކަމަށް އާޝިދާ ބުންޏެވެ. އެހެންވެ، ދަރިފުޅުގެ އޮޕަރޭޝަނަށް ދާ ޚަރަދު ހޯދުމަށްޓަކައި މިދިޔަ ހަފުތާގައި އެންސްޕާއަށް ވަނީ ހުށަހަޅައިފަ އެވެ.

"ދަރިފުޅު އޮޕަރޭޝަން ކޮށްގެން ވެސް އަދި މާލޭގައި ކިހާ ދުވަހަކު ތިބެން ޖެހޭނެ ކަމެއް ނޭނގެ،" އާޝިދާ ބުންޏެވެ.

ކުޑަކުދިން ބަލިތައް

Popular