28 Dec 2021

By: Ahmed Jaishan

ކޮންމެ އަހަރެއް ނިމި އާ އަހަރެއް ފެށޭނީ ކޮންމެ މީހެއްގެ ވެސް އެތައް އުންމީދަކާ އެކުގަ އެވެ. އާ އަހަރާ އެކު މުޅިން ތަފާތު އާ ކަންތައްތަކެއް ކުރުމަށް ގިނަ ބަޔަކު އަޒުމު ކަނޑައަޅާނެ އެވެ. މި ފަހަރު، އާ އަހަރާ އެކު އަޒުމު ކަނޑައަޅާ ކަންތައް ނުވަތަ ރެޒޮލިއުޝަން ތަކަކީ ކޮބައިހެއްޔެވެ؟

މި އަހަރު ފެށުނު އިރު ވެސް ގިނަ ބަޔަކު ވާނީ ތަފާތު ކަންތައްތަކެއް ކުރުމަށް އަޒުމު ކަނޑައަޅައިފަ އެވެ. ނަމަވެސް ކޮންމެ ކަމަކީ އެހާ ފަސޭހައިން ކާމިޔާބު ކުރެވޭ ކަމަކަށް ނުވެދާނެ އެވެ. ގިނަ ބަޔަކަށް އެންމެ ބޮޑަށް ދިމާވާ ކަމަކީ އަހަރު ފަށާއިރު އޮންނަ އުއްމީދާއި އަޒުމު ވަކި ހިސާބަކުން މެދުކަނޑާލެވުމެވެ.

ހަމަ ގައިމު ވެސް މި އަހަރު ފެށި އިރު ބައެއް މީހުން ވާނީ އާ ޑައެޓެއް ފެށުމަށް ނުވަތަ ގިނައިން ކަސްރަތު ކުރުމަށް ފަދަ ކަންތައްތަކަށް އާ އަހަރުގެ ރެޒޮލިއުޝަން ސެޓުކޮށްފަ އެވެ. އެ ކަންކަމުގެ ތެރެއިން ގޯލުތައް ކާމިޔާބު ކުރެވުނީ ކޮން ބަޔަކަށް ހެއްޔެވެ؟

އާ އަހަރާ އެކު އާ ގޯލުތަކެއް ހޯދާ މީހުންނަށް މިފަހަރު ކުޑަ އެހީއެއް ވާނަމެވެ. މި ފަހަރު ގޯލު ސެޓު ކުރާއިރު މާ ބޮޑެތި ކަންތައް ކުރުމުގެ ބަދަލުގައި ކުދިކުދި ގިނަ ކަންތައް ކަނޑައަޅަން ވަރަށް ރަނގަޅުވާނެ އެވެ. މި ކަންތައްތަކަކީ މީހާގެ މާލީ ހާލަތާއި ސިއްހަތާއި އެ ނޫން ވެސް ކަންތައްތަކަށް އެހީއަކަށް ވާނެ ކަންތައްތަކަށް ހަދަން ވަރަށް ސަޅި ވާނެ އެވެ.

ސޯޝަލް މީޑިއާއިން ކުޑަ ބްރޭކެއް

ސޯޝަލް މީޑިއާއާ ނުލައި އުޅުމަކީ މިހާރު ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. ދުނިޔެ ވަށައިގެންވާ ހުރިހާ ކަމެއް އެނގެނީ އެއިންނެވެ. މިއީ ހުރިހާ ކަމަކަށް "އަޕްޑޭޓް" ވެ ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ސޯޝަލް މީޑިއާ އަކީ އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ވެސް ވާ ކަމެކެވެ. އެހެންވުމުން ސޯޝަލް މީޑިއާއިން ކުޑަ ބްރޭކެއް ނެގުން ވަރަށް މުހިއްމެވެ. އަންނަ އަހަރުގެ ރެޒޮލިއުޝަނަށް ސެޓު ކޮށްލަންވީ ކަމަކީ އެންމެ މަދު ވެގެން ހަފްތާ އަކަށް ނަމަވެސް އަންނަ އަހަރު ތެރޭގައި ސޯޝަލް މީޑިއާއިން ބްރޭކެއް ނެގުމަށެވެ.

ފޮތް ކިޔުމަށް އާ ހިތްވަރެއް

ވަކި ކަހަލަ ފޮތެއް ކޮންމެހެން މުހިއްމެއް ނޫނެވެ. ލިސްޓަށް ލާންވީ ފޮތް ކިޔާ މިންވަރު އިތުރު ކުރުމަށެވެ. އޭގެތެރޭގައި ކަމުދާ ވާހަކައިގެ އިތުރުން ހިސްޓްރީ އަދި ނޮން ފިކްޝަން ވާހަކަތައް ކިޔުމަކީ ވެސް ބަހުގެ މުއްސަނދި ކަމުގެ އިތުރުން މައުލޫމާތުގެ މުއްސަނދިކަން އިތުރުވާ ކަމެކެވެ. އެގޮތުން އެންމެ މަދު ވެގެން މަހަކު އެއް ފޮތް ކިޔާލެވޭތޯ ބެލުމަށް ގޯލެއް ކަނޑައަޅާށެވެ. މިއީ ސިކުނޑިއަށް ވަރަށް ފައިދާ ވާނެ ކަމެކެވެ.

ގިނައިން ފެން ބުއިން

ފެނަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. އެކަމު ދުވަހުގެ ހަލަބޮލިކަމުގެ ސަބަބުން ގިނަ ފަހަރަށް މިއީ އެންމެ އެދެވޭ މިންވަރަށް ނުކުރެވޭ ކަމެކެވެ. އެހެންވީމާ ފެންބޯ މިންވަރު އިތުރު ކުރުމަށް ރެޒޮލިއުޝަން ކަނޑައަޅާށެވެ. މިކަން ކުރުމަށްޓަކައި ފެން ބުއިމުގެ އާދަތަކަށް ބަދަލެއް ގެނައުން ވަރަށް މުހިންމެވެ. ރީފިލް ކުރެވޭ ފުޅިއެއް ގެންގުޅުމަކީ ފެން ބުއިން އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ. އަދި ފޯނުގައި ރިމައިންޑާ ސެޓުކޮށްގެން ނުވަތަ ފެން ބުއިމަށް ހަނދާންކޮށްދޭ އެޕެއް އެޅުމަކީ ވެސް މިކަމަށް އެހީއަކަށް ވާނެ ކަމެކެވެ.

އަވަހަށް ހޭލައިގެން ނާސްތާކުރުން

ދުވަހުގެ ނާސްތާ އަކީ އެ ދުވަހެއްގެ އެންމެ މުހިއްމު ކެއުމެވެ. ނަމަވެސް ޝެޑިއުލްތަކާއި މަސައްކަތްތައް ހުންނަ ގޮތުން މިއީ އެންމެ ގިނަ ފަހަރަށް ދޫކޮށްލެވޭ ކެއުމެވެ. އާންމުކޮށް ހޭލާ ވަގުތަށް ބަދަލު ގެނެސް ތަންކޮޅެއް މައިރާ ހޭލަން އާދަކުރުން ވަރަށް މުހިއްމެވެ. އަދި މައިރާ ހޭލަން އާދަކޮށްފި ނަމަ ހެނދުނުގެ ނާސްތާއަށް ވަގުތު ލިބޭނެ އެވެ. މި ވަގުތުގެ ނާސްތާ ބަލާއިރު މޭވާ އާއި ތަރުކާރީ އަދި އޯޓްސް ފަދަ ބާވަތްތައް ހިމެނޭ ގޮތަށް ނާސްތާ ތައްޔާރުކުރުމަކީ ބުއްދިވެރި ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑަށް ފައިދާ ވުމުގެ އިތުރުން ބަނޑަށް އުނދަގުލެއް ވެސް ނުވާނެ އެވެ.

ސިއްހަތު އާއްމު ދިރިއުޅުން

Popular