20 Jan 2022

ކައިވެނިކުރާ ނަމަ ނެށުމުގެ ޝޯއަކަށް ވެސް މިހާރު ފަރިތަކުރަންޖެހޭ

By: Ahmed Jaishan

މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ހިނގި އެކައްޗަކީ ކައިވެނި ޕާޓީތަކުގައި ނަށާފައި ހުންނަ ވީޑިއޯތަކެވެ. ގްރޫޕް ހަދާފައި، ކޮރިއޮގްރާފްކޮށްގެން ހުށަހަޅައިދޭ މި ނެށުންތައް މިހާރަކަށް އައިސް ވަރަށް މަގުބޫލެވެ.

ރާއްޖޭގައި ކައިވެނި ހަފްލާތައް އާންމުކޮށް ބާއްވަމުން އައީ އެއް ގޮތަކަށެވެ. އެއީ ކައިވެނިކުރާ ދެ މީހުން އަގުބޮޑު ބެކްޑްރޮޕެއްގެ ކައިރީގައި އެތައް ގަޑިއިރަކު ކޮޅަށް ހުރެގެންނެވެ. ހަފްލާތަކުގައި ދެމީހުން ވެސް ރީތި ހެދުންތައް ލައިގެން އާއިލާ އާއި އެކުވެރިންނާ ސަލާމްކުރަން ތިބެފައި ކައިގެން ޕާޓީ ނިމެނީ އެވެ.

ނަމަވެސް ކޮރިއޮގްރާފް ކޮށްފައިވާ ޑާންސް ރޫޓިންތައް ކައިވެނި ހަފްލާގެ ތެރޭގައި މިހާރު އެބަ ދައްކާލަ އެވެ. މި ޑާންސް ރޫޓީންތައް އާންމުކޮށް ޕާފޯމްކުރަނީ ފިރިހެން މީހާގެ ފަރާތުންނެވެ. މިކަމުގައި ފިރިހެން މީހާ އާއި އޭނާގެ އެކުވެރިންނާއި އާއިލާގެ މެމްބަރުން ވެސް ބައިވެރިވާ މަންޒަރު ފެނެ އެވެ.

View this post on Instagram

A post shared by Shifaaz 🌞 (@sotti)

"އަސްލު މީގެކުރިން އެއްވެސް ވަރަކަށް ނަށައި ނުވެސް އުޅެން. މި ކައިވެނި ޕާޓީ އަށް ހަމަ ދަސްކުރީ ރޫޓީން އެއް،" ވަރަށް ފަހުން ކައިވެނި ކުރި ޒުވާނަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެގޮތަށް ޑާންސް ރޫޓީންއެއް ތައްޔާރުކުރަން ހިތަށް އެރީ ސޯޝަލް މީޑިއާއިން އެކަން ފެނިގެން ކަމަށެވެ. އަދި ބޭރުގެ ފިލްމުތަކުން ވެސް އެކަހަލަ މަންޒަރު ފެންނަ ކަމަށާއި އެ ފެންނަ ފެނުމުގައި ވަރަށް މަޖާކަމެއް ހެން ހީވާތީ އެކަން ކުރަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ. އޭގެއިތުރުން ކައިވެނި ހަފްލާގެ ތެރެއިން އަންހެނުން ހެއްވާލަން ކުޑަކަމެއް ކޮށްލަން ބޭނުންވުމަކީ ވެސް އެއް ސިއްރު ކަމަށް ބުންޏެވެ.

އިނގިރޭސި ލަވައަކާއި ހިންދީ ލަވައެއްގެ މެޝަޕް ހިމެނޭ އެ ޑާންސް ރޫޓީން އަށް ތައްޔާރުވުމުގެ މަސައްކަތް ވަނީ ކައިވެނި ހަފްލާގެ ހަފްތާއެއް ކުރީން ފަށައިފަ އެވެ.

"ބޭބެއަކާއި ރައްޓެއްސެއް ގާތުގައި އެހީ ރޫޓީންގައި ބައިވެރިވެވޭނެތޯ. ފުރަތަމަ އުޅުނު ވަރަށް ދެކޮޅު ހަދަން އެކަމު ވަރަށް ކިޔައިގެން އެއްބަސްވި،" އޭނާ ބުންޏެވެ.

އޭގެފ ފަހުން ކޮންމެ ދުވަހަކު ޕްރެކްޓިސް ކޮށް ރޫޓީން ދަސްކޮށް ނިންމާލި އެވެ. ހުށަހެޅުން ދިޔައީ ވަރަށް ފުރިހަމަކޮށް، އެންމެ ހެއްވާލައި މަޖާކޮށްފަ އެވެ.

މި ޓްރެންޑަކީ ރާއްޖޭގެ ކައިވެނި ހަފްލާތަކުގައި ކުރިއަށް އޮތް ތަނުގައި އާންމު ކަމަަކަށް ވެސް ވެދާނެ އެވެ.

*****

ކަވަ ފޮޓޯ ކްރެޑިޓްސް : ވެޑިން މޯލްޑިވްސް

ކައިވެނި އާއްމު ދިރިއުޅުން

Popular