By: Ahmed Jaishan
ކޮންމެ ދުވަހެއްގެ ބިޒީ ޝެޑިއުލްގައި އުޅޭ އިރު އަމިއްލަ ނަފްސަށް އެންމެ އެކަށީގެންވާ ގޮތުގައި ވަގުތު އޮންނަނީ ނުދެވިފަ އެވެ. ކުރަންޖެހޭ ކަންތައްތައް ގިނަކަމުން ބައެއް ފަހަރަށް މުޅި ދުވަހުގެ ވަގުތު އޮންނަނީ ކުޑަވެފަ އެވެ. ގިނަ ފަހަރަށް، އަމިއްލަ ނަފްސާ މެދު ވިސްނާ ވެސް ނުލެވެ އެވެ. ނަމަވެސް މިއީ ކުރަން ވަރަށް މުހިއްމު ކަމެކެވެ.
ގިނަ ވަގުތު މަސައްކަތުގައި އުޅެ ހުސް ވަގުތު ވުމުން ގޭގެ ކަންތައްތައް ކުރަން ޖެހިފައި އޮންނާތީ ކޮންމެ ދުވަހެއް ގިނަ ފަހަރަށް އޮންނަނީ ރޫޓީންކޮށް ރިޕީޓު ވެފަ އެވެ. އެހެންވެ ދުވަހުގެ ޝެޑިއުލް ފުރި މީހާ މަސައްކަތް ކުރަނީ ޝެޑިއުލްގެ ދަށުން މެޝިނެއް ގޮތަށެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ސެލްފް ރިފްލެކްޝަނަކީ ކޮބާ؟
ސެލްފް ރިފްލެކްޝަން އަކީ އެންމެ ފަސޭހަ ގޮތަކަށް ބުނާ ނަމަ އަމިއްލަ ނަފްސަށް ކޮންމެވެސް ވަރެއްގެ ނަޒަރެއް ހިންގާލުމެވެ. މިއީ ކޮންމެހެން ލޯގަނޑަށް ބަލައިގެން އަމިއްލަ ސިފައާ ދޭތެރޭ ވިސްނުމެއް ނޫނެވެ. އަމިއްލަ ނަފްސާ ދޭތެރޭ ތަންކޮޅެއް ފުންކޮށް ވިސްނާލުމެވެ.
.
މިސާލަކަށް، ކޮންމެ ދުވަހެއް އެއްގޮތަކަށް ރިޕީޓްކުރަމުން ގެންދާއިރު މީހާ އަމިއްލައަށް ކަނޑައަޅާފައިވާ ގޯލުތަކާއި ދެކޭ ހުވަފެންތަކުގެ މަތިން ހަނދާންނެތޭ ގޮތް ވެދާނެ އެވެ. އެހެންވެ ސެލްފް ރިފްލެކްޓް ކޮށްލުމަކީ އަމިއްލަ އަށް ކަނޑައަޅާފައިވާ ގޯލުތަކަށް ވާސިލުވުމަށް ސީދާ މަގު ހޯދާލުމަށް ލިބޭ ވަގުތެކެވެ.
އަމިއްލަ ގޯލެއް ކަނޑައެޅިފައި ނުވާ ނަމަ ސެލްފް ރިފްލެކްޝަން އަކީ އެކަމަށް މަގެއް ލިބުމަށް ވެސް އެކަށީގެންވާ ކަމެކެވެ. އާންމުކޮށް ކުރަމުން އަންނަ ކަންތައްތަކާއި ހަޔާތުގައި މިހާރު އާދެވިފައިވާ ހިސާބަށް ފުންކޮށް ވިސްނާލައި އެނަލައިޒް ކޮށްލުމަކީ ސެލްފް ރިފްލެކްޝަންގައި ކުރެވިދާނެ ކަމެކެވެ. އެހާ ހިސާބުން ދެން ކުރިއަށްދާނެ ގޮތުގެ މަގެއް ވިސްނަން ވެސް ފަސޭހަ ވާނެ އެވެ.
ނަމަވެސް ސެލްފް ރިފްލެކްޝަންގެ ސަބަބުން ފައިދާ ވަނީ އަމިއްލަ ދިރިއުމަށް އެކަންޏެއް ނޫނެވެ. އަމިއްލަ ހަޔާތުގެ ކަންތައްތަކަށް ވަގުތުކޮޅެއް ނަގައިގެން ރިފްލެކްޓް ކުރާ ނަމަ ވަށައިގެންވާ މާހައުލުގެ މީހުންނަށް ވެސް ސަމާލުކަން ދެވެ އެވެ. އަދި އާއިލާ އާއި އެކުވެރިންގެ ހަޔާތުގެ ކަންތައްތަކަށް ވެސް ސަމާލުކަން ދެވޭގޮތް މީގެ ސަބަބުން ވެ އެވެ. ނަތީޖާއެއްގެ ގޮތުން ރަށްޓެހިންނާއި އާއިލާ މެމްބަރުންނާ އެކު އޮންނަ ގުޅުން ރަނގަޅު ކޮށް ވަރުގަދަ ކޮށްލުމަށް ފުރުސަތު ލިބެ އެވެ.
ސެލްފް ރިފްލެކްޝަން އަކީ ކުޑަކުޑަ ކަމެކެވެ. އޭގެ ސަބަބުން ބޮޑެތި އެތައް ފައިދާއެއް ހަމަގައިމުން ވެސް ކުރާނެ އެވެ. އެހެންވީމަ އެންމެ މަދުވެގެން ހަފްތާއަކު އެއް ފަހަރު ނަމަވެސް ސެލްފް ރިފްލެކްޓް ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟