14 May 2022

By: Aishath Maaha

އަހަރެމެން އެންމެން ވެސް މި މަސައްކަތް ކުރަނީ އަބަދުވެސް އަހަރެމެންގެ ބެސްޓް ސެލްފް އުފައްދާށެވެ. އުނި ސިފަތައް ރަނގަޅުކުރަން މަސައްކަތްކުރާށެވެ. މިއީ މީހާ މެޗުއާވެ "ގްރޯ" ވާން މަސައްކަތް ކުރާ ކަމުގެ ހެއްކެކެވެ. ތިމާގެ ފަރާތުން އެހެން މީހަކަށް ދެވިދާނެ ދެރައަކަށް ނުވަތަ ގެއްލުމަކުން ސަލާމަތްކުރާށެވެ.

އެކަމަކު ބައެއް ފަހަރު ރަނގަޅަށް ކަމެއް ކޮށްދޭން އުޅެގެން ނުވަތަ އެންމެ ރަނގަޅަށް އުޅެން އުޅެގެން ނޭނގި ނަމަވެސް ޓޮކްސިކް ބިހޭވިއާއަކަށް ފުރުސަތުދެވޭ ފަހަރު އާދެ އެވެ. ގިނަ ފަހަރަށް އެއީ ޓޮކްސިކް ބިހޭވިއާކަން ނޭނގި އެވެ.

މިސާލަކަށް ގާތުގައި އުޅޭ މީހުންނަށް އެންމެ ރަނގަޅަށް ކަންތައްކޮށްދޭން އުޅެގެން މާދުރަށް ކަންތައް ގެންދެވޭ ފަހަރު ވެސް އާދެ އެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ މީހާއަށް އެކަމުން ދެރަލިބި ދެރަ އިހުސާސްކުރަން ޖެހޭ ފަހަރު ވެސް އާދެ އެވެ.

މި ކިޔައިދެނީ ނޭނގި ނަމަވެސް ބައެއް ފަހަރު ފެންނަ ޓޮކްސިކް ބިހޭވިއާ ތަކެވެ.

އަމިއްލަ އިހުސާސްތަކަށް ފުރުސަތު ނުދިނުން

ކުދިކުދި ކަންކަން ބޮޑުކަމަކަށް ނުހަދައި އެކަން ދޫކޮށްލުމަކީ ރަނގަޅުކަމެކެވެ. އެކަމަކު އެއީ ހަގީގަތުގައި އަމިއްލަ ނަފްސަށް އެއިން އަސަރެއް ކުރާ ކަމެއް ނަމަ އިހުސާސްތަކަށް ފުރުސަތުދޭން ޖެހެ އެވެ. އެކަމުގެ ސަބަބުން އެހެން މީހެއްގެ އިހުސާސްތަަކަށް އަސަރުކޮށްފާނެތީ އެކަން ހިންދާލައިގެން އަބަދު ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އަބަދު މިހެން ކަންތައް ކުރަން ވެއްޖެނަމަ އަމިއްލަ އިހުސާސްތައް ބޭރުނުކުރެވި އެކަމުން އަމިއްލަ މީހާއަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ.

މާބޮޑަށް އެކަނިވެރިކަމަށް ލޯބިކުރުން

ބައިވެރިއެއް ނެތި ސިންގަލްކޮށް ހުރުމަށް ލޯބިކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން މީހަކަށް ޑިޕެންޑްނުވެ އެކަނި އުޅެން ދަސްކުރުމަކީ މުހިންމުކަމެއް ނަމަވެސް ގޯސްވާ ހިސާބެއް ވެސް އޮންނާނެ އެވެ. އެކަނި އުޅެން މާބޮޑަށް ކޮމްފޮޓެބަލްވެ ބައެއް ފަހަރު މާބޮޑަށް މީހުން ދުރުކޮށްލެވެނީ އެވެ.

ހުރިހާ ކަމެއްގައި މިނިވަންވެ އެހެން މީހަކަށް އެއްވެސް ކަމެއްގައި ޑިޕެންޑުނުވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އިންސާނަކަށް ވީތީ އެހެން އިންސާނުންނަށް ކަންކަމުގައި ޑިޕެންޑުވެ ރަނގަޅު ގުޅުން އުފައްދަން ޖެހޭނެ އެވެ. އެ ގުޅުމެއްގެ ސަބަބުން ދިރިއުޅުމަށް ދަތިވާނަމަ ނުވަތަ ހަމަޖެހުން ގެއްލޭ ނަމަ އެ ގުޅުމަކާ ދުރުވުން މުހިންމެވެ. އެކަމަކު އެހެން މީހުންގެ އެހީތެރިކަން ވެސް ހޯދަންވާނެ އެވެ. އުފާވެރިކަމަކީ ހަމައެކަނި އަމިއްލަ މީހާގެ ސަބަބުން ލިބޭ އެއްޗެއް ކަމަށް ގަބޫލުކޮށް އެހެން މީހުންގެ ފަރާތުން އުފާވެރިކަމެއް ލިބޭނެ ކަމެއް އުންމީދު ނުކުރަމަކީ ޓޮކްސިކް ސިފަ އެކެވެ. ފަހަރުގައި މިހާތަނަށް ދިމާވި މީހުން ރަނގަޅު ނޫނީ އެވެ. އެކަމަކު އިތުބާރު ކުރެވޭ ރަނގަޅު މީހަކާ ދިމާވެއްޖެ ނަމަ އެމީހަކު ބްލޮކް ނުކޮށް އިހުސާސްތަކަށް ފުރުސަތު ދޭން ވާނެ އެވެ.

ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރަން ޖެހޭ ކަމަށް ގަބޫލުކުރުން

ކުރާ ކޮންމެ ކަމެއް ވެސް ކުރަންވާނީ އެންމެ ފުރިހަމައަކަށް ކަމަށް ބުނެ ގްލޮރިފައި އެކުރާ ވިސްނުމަކީ ހަގީގަތުގައި ޓޮކްސިކް ސިފައެކެވެ. ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރަން އުޅުމަކީ ޑިޕްރެޝަނާއި، އެންޒައިޓީ އަދި އެހެނިހެން ނަފްސާނީ ބަލިތަކާއި ގުޅުވާލާ ކަމެކެވެ. ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ކުރަން އުޅުމަކީ އަމިއްލަ ނަފްސަށް ޕްރެޝާ ބޮޑުވެ ހަދަން ނުޖެހޭ މިސްޓޭކްތަކަށް ފުރުސަތުދެވޭ ކަމެކެވެ.

ހުރިހާ ކަމެއް އެއްވެސް މިސްޓޭކަކާއި ނުލައި އެންމެ ފުރިހަމައަށް ކުރަން އުޅުމުން މިސްޓޭކް ހެދޭނެ ކަމަށް ގަބޫލުކުރާ ކުރުން ބަދަލުވާނެ އެވެ. އެކަމަކު ލުއިކޮށް މިސްޓޭކް ހެދޭނެ ކަމަށް ގަބޫލުކޮށް އެކަން ކުރުމަކީ ހެދޭ ގޯސްތައް ވެސް ފަސޭހައިން ދެނެގަނެވި ރަނގަޅު ކުރަން ފަސޭހަވާނެ ގޮތެކެވެ. އަދި ހަޔާތުގެ މި ދަތުރަކީ އެންމެ ފުރިހަމަ ދަތުރު ނޫންކަން ގަބޫލުކުރެވި އަމިއްލަ ނަފްސާ ދޭތެރޭ ލުއިކޮށް ކަންތައް ކުރަން ސިކުނޑިއަށް ދަސްވާނެ އެވެ.

ރޭގަނޑު ނުނިދުން

ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. ހާއްސަކޮށް ޓްރޯމާ އާއި ޑީލްކޮށް އެއިން ހީލްވާން މަސައްކަތް ކުރާ މީހުންނަށް ރެމް ސްލީޕް ވަރަށް މުހިންމެވެ. އެއީ މި ސައިކަލްއަކީ ސިކުނޑި އަމިއްލައަށް ހީލްވާން މަސައްކަތްކޮށް ހަށިގަނޑަށް ބޭނުންވާ އަރާމު ގެނެސްދޭނެ ސައިކަލް އެކެވެ.

ނިދަންޖެހޭ ވަރަށް ނުނިދާނަމަ ހަށިގަނޑަށާއި ސިކުނޑިއަށް ހީނުކުރާ ވަރުގެ ގެއްލުންތައް ލިބޭނެ އެވެ.

ރޭގަނޑު ހޭލައި ހުރެގެން ކުރަން ހުރީ ކިތަންމެ މުހިންމު ކަމެކޭ ހީވިޔަސް ހަގީގަތުގައި ނިންޖަށްވުރެ އެހެން އެއްވެސް ކަމެއް ރޭގަނޑު މުހިންމެއް ނޫނެވެ. އެކަން ފަހަށް ބަހައްޓާފައި ނިދުމަކީ އަމިއްލަ ނަފްސަށް ވެސް އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރެވި ކިހާ މުހިންމުކަމެއްކަން އަންގައިދެވޭ ކަމެކެވެ.

އަމިއްލަ އިހުސާސަށް ނުބަލައި ވެސް އެހެން މީހުން ރުއްސުން

މިކަހަލަ މީހުންނަށް ކިޔަނީ ޕީޕަލް ޕްލީސާ އެވެ. އެއީ ކޮންމެ ކަމެއް ކޮށްގެން ވެސް އެހެން މީހުން ރުއްސައި އެހެން މީހުން ހިތްހަމަޖެއްސުން މުހިންމު ކަމެއް ކަމުގައި ދެކި އެކަން ކުރާތީ އެވެ.

އަމިއްލަ ނަފްސަށް ލިބޭ ދެރައެއް، ގެއްލުމަކަށް ނުވިސްނާ އެހެން މީހުން ރުއްސަން އުޅުމަކީ އެކަމުގެ ނާޖާއިޒް ފައިދާ މީހުން ނަގާނޭ ކަމެކެވެ. މާބޮޑަށް ހެޔޮވެ މީހުން ރުއްސަން އުޅޭނެ ކަމެއް ނެތެވެ. އެންމެ ފުރަތަމަ އަމިއްލަ ނަފްސެވެ.

Popular