31 May 2022

By: Aishath Maaha

ގާތުން ދިނުން ހުއްޓުވުމަކީ ގިނަ ފަހަރު ފަސޭހަ ކަމަކަށް ނުވެ އެވެ. އަމިއްލައަށް ހުއްޓާލާ ކުދިން އުޅުނަސް ގިނަ ކުދިންނަށް އެއީ ފަސޭހަ ކަމެއް ނޫނެވެ. މި ދުވަސްވަރަކީ މަންމަގެ އިތުރުން ދަރިފުޅަށް ވެސް ނިކަން އުނދަގޫ ދުވަސްވަރެކެވެ.

އުމުރުން ދޮޅު އަހަރަށް އަޅައިގެން އަންނައިރު ގިނަ ކުދިން ތިބެނީ ނިކަން ގަދައަށް ކިރަށް ދެވިހިފައިފަ އެވެ. ފޯމިއުލާ އަދި އެހެން ކަހަލަ ކިރެއް ނުބޯ ކުދިން ވެސް އުޅެ އެވެ. އެކަމުގެ ސަބަބުން ގާތުން ދިނުން ހުއްޓަން ބައެއް މައިން ޖެހިލުންވެ އުނދަގޫވެސް ވެ އެވެ. އޭގެ އިތުރުން ކުދިންގެ މިޒާޖާއި އުޅުމަށް ވެސް ބައެއް ފަހަރު ބަދަލު އާދެ އެވެ. ނުނިދުމާއި، ކޫސަނިވެ ރުޅި ގަދަވުން އަދި ބައެއް ކުދިން ކެއުމާއި ވެސް ދުރުވެ އެވެ.

ރިޕްލޭސްމަންޓަކަށް ބުއްފުޅި ދޭން އުޅުނަސް ބުއްފުޅި ނުބޯތީ އިތުރަށް އުނދަގޫވެ އެވެ.

މަންމައިން އެހެން މަންމަންގެ ހިޔާލާއި އެހީއަށް އެންމެ ގިނައިން އެދޭ އެއް ކަމަކީ ވެސް މިއީ އެވެ. މިއީ ބައެއް މަންމަމެންގެ ތަޖުރިބާގެ އަލީގައި ކިޔައިދީފައި ހުރި ޓިޕްސް އެވެ.

"ފުރަތަމަ، ދުވާލު ނުދެނީ"

"އެއްކޮށް ހުއްޓާނުލައި ފުރަތަމަ ދުވާލު ހުއްޓާލީ، އެ ވެސް މަދުކުރަމުން މަދުކުރަމުން، އެއްފަހަރާ ހުއްޓާލީމަ އޭތި އުނދަގޫވޭ ބޭބީއަށް އަންޑަސްޓޭންޑްވާން، ބުއް ބޯން ބޭނުންވެގެން އެހެން އުޅެން ފެށީމަ، ފެން ދެނީ، ނޫނީ އެހެން އެއްޗެއް ނޫނީ ކަމެއް ދައްކައިގެން ޑިސްޓްރެކްޓްކޮށްލަނީ، ދެން މަޑުމަޑުން ފެށީ ތަށީގައި މިލްކް ދޭން. ހަފްތާއެއް ވީއިރު މަޑުމަޑުން ގޮސް އެކަށް ހޭނިއްޖެ، ދުވާލު ނިދަން ވެސް ބުއް ބޯން ބޭނުން ވެގެން ނޫޅޭ. ދެން ރޭގަނޑު ވެސް ފުރަތަމަ ނިދުމުގެ ކުރިން އެ ބޯ ގަޑި ހުއްޓުވީ ހަމަ ދުވާލު ހެދިހެން، މަހެއް ވީއިރު އެއްކޮށް ހުއްޓިއްޖެ. ފުރަތަމަ ދެތިން ރޭ ވަރަށް ރުއި ނުނިދަން ވެގެން ވެސް. ދަންވަރު ހޭލީމަ ވެސް ނުދޭން އުޅުނީމާ ވަރަށް ވަރުއެރުވި، މަންމަމެން ވަރަށް ހިތްވަރު ކުރަން ޖެހޭނެ،"

"މަލަން އެޅީ"

"ބޭސް މަލަން އަޅާނީ ހަލާކުވީމަކަން ދަރިފުޅަށް އެނގޭނެ، އޭރު ހުރީ ދެ އަހަރާއި ދެ މަސް ވެފައި. ގޯޒް ފޮތިކޮޅެއްގައި ރަތްކުލަ ކޮޅެއް ހާކާލާފައި ޓްރާންސްޕޭރެންޓް މަލަން އެޅީ، ދެން ރަތްކުލަ ފެންނާތީ އޭނައަށް ހީވީ ހަލާކުވެފަ އޭ، އޭގެ ފަހުން ނޫޅޭ ބޯކަށް،"

ހަބަރު

"ލޮނު ހޭކީމާ ވެސް އެއްވެސް ބަދަލެއް ނައި، ލުނބޯ ތޮށި ގާނާފައި ވެސް އުނގުޅިން، އޭގެ ރަހަ އެހާ ގިނައިރު ނުއެއް ހުރޭ، ދެން އުނގުޅީ ބާމު. ބާމު ވީ ދަރިފުޅަށް މީރު އެއްޗަކަށް. ދެން އުނގުޅީ ހަބަރު، ހަބަރު އުނގުޅީމަ ވެސް އައި ބޯން، ދެން ހަމަ ދިނީ. ހަބަރުރަހަ ލައިގެން ތެދުވި ގޮތަށް އޭގެ ފަހުން ހަމަ ބުނަނީ އައްޗި އޭ. ފުރަތަމަ ދުވަސްކޮޅު ދަންވަރަށް ވަރަށް ވަރު އަރުވާ ރުއި. އެ ގަޑިއަށް ޕެކެޓް ދޭން ފެށީ، ހަފްތާއެއް ތެރޭ ހުއްޓިއްޖެ، ފަހުން ޕެކެޓް ވެސް ނުދެން، ޕެކެޓް ދިނަސް ފެން ދޭން ވާނެ، ނޫނީ ދަތް ފަނިކާނެ،"

"އެންމެ ފުރަތަމަ އުނގުޅީ ލޮނު. ވޯކެއް ނުކުރި. ލުނބޯ ތޮށި ގާނާފައި ވެސް އުނގުޅިން. އޭގެ ރަހަ އެހާ ގިނައިރު ނުއެއް ހުރޭ، ދެން އުނގުޅީ ބާމު، ބާމު މީރު އެއްޗަކަށް ވީ، ދެން އެންމެ ފަހުން ހަބަރު އުނގުޅީ، ހަބަރު އުނގުޅީމަ ވެސް އުޅުނު ބޯން، ދޭން ވެސް ދިނިން އެކަމަކު ރަހަ ލައިގެން ތެދުވި ގޮތަށް ވަރަށް ވަރު އެރުވި، ބުއްފުޅި ވެސް ނުދެވުނު، ހޭލާ ހުންނައިރު އޭގެ ފަހުން ބޯކަށް ނޫޅޭ، އެކަމް ނިދީގައި ވަރަށް އުޅޭ، އެހެންވެ ނިދީގައި ދޭން ފެށީ ބުއްފުޅި، ހަފްތާއެއް ވީއިރަށް އެކަށް ހުއްޓިއްޖެ، މިހާރު މަހެއްވީ އޭގެ ފަހުން، މިހާރު ވެސް އަހާލަން ދޭތެރެއަކުން ބޯނަންހޭ، އައްޗި އޭ ބުނާނީ،"

"ދަރިފުޅަށް ވިސްނައިދީ"

"އަހަރެން ދަރިފުޅަށް ވިސްނައިދީގެން ހުއްޓުވީ. އޭރު ދޮޅު އަހަރު. ކިޔާ އެއްޗެހި ރަނގަޅަށް ދޭހަވޭ، ކިޔައިދިނީ މިހާރު ބޮޑު ކުއްޖެކޭ ބޮޑެތި ކުދިން ނުބޯނޭ، ބޯން އުޅޭއިރަށް ހަމަ އެހެން ވާހަކަ ދައްކަނީ. އެންޑް ވިސްނައިދިނީ ބުއް ނުބުޔަސް މަންމަ އާއި ހަގް ކުރެވޭނެޔޭ އަބަދު ވެސް. މަންމައާ އެކީ ކުޅެވޭނޭ، މަންމަ އުރާނެކަން، މަންމަ ގާތުގައި ނިދަން ވެސް ނިދޭނެ ކަން، މިގޮތަށް ކިޔައިދީގެން ވަރަށް ސްލޯކޮށް ގެންދިޔައީ، 2 މަސް ތެރޭ ހުއްޓުނީ، ދަރިފުޅަށް ޕްރޫވްކޮށްދޭން ވާނެ ދައްކާ ވާހަކައިގެ ތެދުކަން، އޭރަށް ފަސޭހަވާނީ، ދެން ވާނެ ކޮންސިސްޓަންޓް ވާން، އެއް ދުވަހު މިހެން ކިޔާފައި ނުދީފައި އަނެއް ދުވަހު ދިނީމަ ދަރިފުޅަށް ވެސް ކޮންފިއުޒް ވާނީ. ބުއް ދިނުން ހުއްޓާލި ފަހުން މުޅި ރޭ އެކީ ނިދަން އޮންނަން ފެށީ، ކުރިން ހޭލާނެ ތިން ހަތަރު ފަހަރު،"

"ދުރުކޮށްލީ"

"އެކި އެކި ގޮތްގޮތަށް ހުއްޓަން އުޅުނިން، ބުއްފުޅި ވެސް ބޮއޭ. އެކަމަކު ވެސް ބުއް ބޯން ބޭނުންވަނީ، ހަބަރު އުނގުޅައިގެން ވެސް މާބޮޑަށް ވަރު އަރުވާތީ ނުކެރުނީ ހުންނަން އަސްލު. މަލަން އެޅީމަ ވެސް ބުނަނީ ނައްޓާލާށޯ. ނުވެސް ކައި، ނުވެސް ނިދާ، އަބަދު ކޫސަނިވެފަ. ދެން އެންމެ ފަހުން ހެދިގޮތަކީ ދަރިފުޅުގެ މާމަގެޔަށް އޯވަ ނައިޓަށް ފޮނުވީ. ދެ އަހަރު އޭރު ބަރާބަރު، ދުވާލަށް ވެސް އެހެން އެ ގެޔަށް ގެންދާނެ މުޅި ދުވަހު އުޅެން. އެގޮތަށް އަހަރެން ފެންނަން ނެތިއްޔާ އޯކޭ މުޅި ދުވަސް ވެސް. އެހެންވެ އޯވަ ނައިޓަށް ބޭއްވީ އެ ގޭގަ މާމަ ކައިރީގައި. ފުރަތަމަ ރޭ ދަންވަރު ހޭލައިގެން ރުއި، ބުއްފުޅި ވެސް ނުބުއި ރުޅިގަދަ ކޮށްލައިގެން. އެކަމަކު އޭނަ މާމަ ހިފަހައްޓާލި މުޅި ރޭ އަހަރެންނަށް ނުގުޅާ، އެގޮތަށް ތިން ރޭ ނިންދެވިން ދުރުގައި، ނުވެސް ދަން ދަރިފުޅު ގާތަށް. ވީޑިއޯ ކޯލް ކުރަން ކާގަޑިތަކުގައި. މަންމި ބަލިވެޔޭ ކިޔާފައި ދޮގު ހަދައިގެން، ދެވަނަ ރޭ ވެސް ރުއި، އެކަމަކު ތިން ވަނަ ރޭ އޯކޭ. ގެޔަށް ގެނައީ ހަތަރު ވަނަ ރޭ، އެރޭ ގެޔަށް އައިސް ވެސް ނޫޅޭ، ހަނދާން ނެތިފަ ހުރީ، މިގޭގައި އެހެން ކުޑަ ކުއްޖެއް ވެސް ނޫޅޭތީ އާ އެކީގައި އެއްވެސް ހަނދާނެއް ނެތް އޭނަގެ،"

"ފާހާނާއަށްށޭ ކިޔާފައި ދަނީ"

"ދުވާލަށް ވަރަށް ފަސޭހައިން ހުއްޓުނު، އެކަމަކު ދަންވަރު ފީޑްތައް އުނދަގޫވީ، އެހެންވެ އެގަޑީގައި ބުނަނީ މަންމި ފާހަނައަށް ދަނީ އޭ، ފުރަތަމަ ދެތިން ދުވަހު ދޫކޮށްނުލާ، އެކަމަކު ފަހުން ގަބޫލުކުރޭ، މަންމި އަންނަންދެން ބަސް އަހައިގެން އޮންނާށޭ ބުނީ އޮށުވަންނާނޭ، އެހެން އޮއްވަ ނިދޭ އޭނައަށް،"

"ނިދާގަޑި ބައްޕައަށް ބަދަލުކޮށްލީ"

"އަށް މަސް ވީއިރަށް ދަންވަރަށް ހޭލުން ހުއްޓާލި، އެކަމަކު ނިދާނީ ވަރަށް ގިނައިން ބޮއެގެން، ކައިގެން ކުޑަކޮށް ކުޅެލާފައި ނިދުމުގެ ކުރިން ބުއް ބޯނެ 45 ވަރަށް މިނެޓްވަންދެން، ނޫނީ އެޔަށްވުރެ ގިނައިރު، ކުޅެ ނިމެންދެން ބައްޕަ ބޭނުންވާނީ، ދެން ބުއްބޯން އަސްލު މަންމަ މި ހޯދަނީ، އެހެންވެ ކާން ދީފަ ނުކުމެލަނީ ބޭރަށް، ހަޒްބަންޑް ދެން އުޅޭނީ ފެންވަރުވާ ނިންދަވާ ހުރިހާ ކަމެއް ކުރަން، ނިދާ ގަޑި ވަރަށް ބޮޑަށް ލަސްވެސް ވި، އެކަމަކު ވެސް ހިފަހައްޓާލީ، 2 އަހަރާއި 6 މަސް ވެއްޖެ ވިއްޔަ، ފެމެލީ އިންފްލްއެންސާ ހެދި އެހާ ދުވަސް ވަންދެން ދިނީ ވެސް، އެގޮތަށް އެގަޑީގައި ބޭރަށް ދާން ހެދީމަ ވަރަށް ނެގެޓިވް ކޮމެންޓްސް ވެސް އައި ފެމެލީ ތެރެއިން، އެކަމަކު ހަމަ އިގްނޯކޮށްލާފައި ދިޔައީ، ދަރިފުޅަށް ވިސްނައިދީފަ ދަނީ ވެސް، ބަރާބަރު 5 ދުވަސް، ހުއްޓިއްޖެ، ބައްޕަ އާއެކީ ނިދާތީ ބުއްފުޅި ބޮއެގެން ނިދަންފެށީ،"

ގާތުން ދިނުން

Popular