12 Jun 2022

By: Aishath Maaha

މިއޮތީ ބަނބުކެޔޮ މޫސުން އައިސްފަ އެވެ. ބަނބުކެޔޮ ތެލަށްއެޅުން ރަށްރަށުގައި ވަރަށް ގަދަޔަށް ކުރިއަށް އެބަދެ އެވެ. ތެލުލި ބަނބުކެޔޮ މިއީ ދެން އަހަރެމެންގެ އެންމެންގެ ވެސް ފޭވަރިޓް ސްނެކެވެ.

ތެލުލި ބަނބުކޭލާއި. ބަނބުކެޔޮ ބަތާއި، ބަނބުކެޔޮ ރިހަ އެވެ. ފެނު ކައްކައިގެންނާއި ފިހެގެން ވެސް ކައެވެ. ހަކުރު ލައިގެން ބޯ ކޮށް، ބޮނޑިބަތް ވެސް ހަދަ އެވެ. ބަނބުކެޔޮ ފްރައިޑް ޗިކަން ވެސް ތައްޔާރުކުރެ އެވެ. ބަނބުކޭލުގައި ކޮންމެ އެއްޗެއް ވެސް ދިވެހިންނަށް ވަރަށް ކަމުދެ އެވެ. ބަނބުކެޔޮ ބަތާއި ގަރުދިޔަ އާއި ފިހުނު މަހާއި ލޮނު މިރުހާ ލައިގެން މެންދުރު ގަޑީގައި ކާލަން ލިބިއްޖެ ނަމަ މުޅި ދުވަސް ވެސް އުފާކޮށްލައި ހިތްހަމަ ޖެހެ އެވެ. -- މެންދުރަށް ބަނބުކެޔޮ ބަތް މިއީ ސަޅި މޫޑެކެވެ.

ބަނބުކެޔޮ ތެލަށް އަޅަނީ. މިއީ ދިވެހިންގެ އެންމެ ފޭވަރިޓް ސްނެކް

އެކަމަކު އެންމެ ކަމުދަނީ ތެލުލި ބަނބުކޭލެވެ. ފޮނިކޮށާއި ކުޅިކޮށް ވެސް ބައެއް މީހުން ބަނބުކެޔޮ ތެލަށް އަޅަ އެވެ. ކުދިކޮށްނާއި ބޮޑެތިކޮށް ކޮށައިގެންނެވެ. ކަރުގަނޑު ނަގައިގެން ވަށްކޮށް ކޮށައިގެން ވެސް ބައެއް ރަށްރަށުގައި ބަނބުކެޔޮ ތެލަށް އަޅަ އެވެ.

މިދުވަސްވަރު ރަށުން ފޮނުވާ ކޮންމެ ފޮށިގަނޑެއްގައި ވެސް ބަނބުކެޔޮ ހުންނާނެ އެވެ. ބަނބުކެޔޮ ދަޅެއް ނުލިބޭ މީހަކު ވަރަށް މަދެވެ.

ބަނބުކެޔޮ އެކި ގޮތްގޮތަށް ތެލަށް އަޅައިގެން ދިވެހިންނަަށް ކަމުދޭ.

ބަނބުކެޔޮ މޫސުމުގައި ހަވީރުގެ ސަޔަށް ހެދިކާ އާއި ބިސްކޯދަށް ވުރެ ވެސް ކަމުދަނީ ބަނބުކޭލެވެ. ތެލުލި ބަނބުކޭލާއި ކަޅު ސައެވެ. ތެލުލި ބަނބުކޭލާއި ކުޅި ރިހާކުރު ވެސް ކަމުދެ އެވެ. ފިލްމެއް ނުވަތަ ސީރީޒެއް ބަލަން އިންނަ އިރު ވެސް މި ދުވަސްކޮޅު އަތުގައި އޮންނަނީ ބަނބުކެޔޮ ތައްޓެކެވެ.

ބަނބުކެޔޮ މޫސުން ފެށިގެން އުޅޭއިރު ހަދިޔާއަކަށް ވެސް ބަނބުކެޔޮކޮޅެއް ނުލިބޭ މީހަކު އެބަހުރި ހެއްޔެވެ.

ކަވަ ފޮޓޯ: އިނޫ މާޖިދު

Popular