4 Aug 2022

އެމެރިކާ ޔޫޓިއުބާ މި ކިޔަނީ ދިވެހި ލަވައެއް

By: Ahmed Jaishan

ދިވެހިންގެ ކެއުމާއި މިއުޒިކަކީ ދުނިޔޭގެ އެކި ސަރަހައްދުގެ މީހުންނަށް ވެސް ކަމުދާ އެއްޗިއްސެވެ. އެމެރިކާގެ މަޝްހޫރު ޔޫޓިއުބް ލަވަކިޔުންތެރިއެއްގެ ދިވެހި ކަވައަކާ އެކު ދިވެހި މިއުޒިކު ގިނަ ބަޔަކަށް ކަމުދާކަން އިތުރަށް އެނގިގެން ގޮސްފި އެވެ.

މަޝްހޫރު ޔޫޓިއުބް ލަވަކިޔުންތެރިޔާ ސޭމް ސުއީ ވަނީ މި ފަހަކުން ޓިކްޓޮކްގައި ހާއްސަ ޗެލެންޖެއް ފަށައިފަ އެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމަކުން ލަވައެއް ކިޔުމަށް ކުރިއަށް ގެންދާ ޗެލެންޖެކެވެ. އެ ޗެލެންޖުގެ ދަށުން ކޮންމެ ގައުމެއްގައި ހިމެނޭ ލަވައެއް އެ ގައުމެއްގެ ބަހުން ކިޔާނެ އެވެ.

ކޮންމެ ގައުމެއްގެ ލަވަކިޔުމުގެ ޗެލެންޖު 195 ލަވައިގެ ތެރެއިން ދިވެހިރާއްޖެ ޖެހިފައިވަނީ 40 ވަނަ އަށެވެ.

ސޭމްއާ އެކު އިތުރު އެމެރިކާގެ އާޓިސްޓެއް ބައިވެރިވެގެން ރާއްޖޭގެ ޗެލެންޖު ފުރިހަމަކުރުމަށް ކިޔާފައިވަނީ ޒީރޯ ޑިގްރީ އެޓޯލްގެ "އެން ވަގުވީ" އެވެ. ލަވައިގެ މިއުޒިކާއެކު ސޭމް ވަނީ ލަވައިގެ ދެތިން ކަޑިއެއް ކިޔައިފަ އެވެ.

ސޭމް ލަވަކިޔާލާފައިވަނީ ވަރަށް ރާގަށެވެ. އެއާ އެކު އެތައް ބައެއްގެ ލޯބި އަންނަނީ ސޭމް އަށް ލިބެމުންނެވެ. އަދި ގިނަ ބަޔަކަށް އެ ލަވަ ކިޔާފައިވާ ގޮތް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. ދިވެހި ޔޫސަރުންނަށް ވެސް އެ ލަވަ ވަނީ ފެނިފަ އެވެ. އަދި ދިވެހިންގެ ފަރާތުން ވެސް އެ ލަވަ އާއި އާޓިސްޓަށް އަންނަނީ ވަރަށް ބޮޑަށް ތަރުހީބު ލިބެމުންނެވެ.

ދިވެހިން ބުނާގޮތުގައި ސޭމް އެ ލަވަކިޔާފައިވަނީ ވަރަށް ރަނގަޅަށެވެ. އަދި ދިވެހި ބަސްތައް ކިޔާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް ދިވެހިން ބުނެ އެވެ.

Popular