15 Aug 2022

By: Ahmed Jaishan

ކޮވިޑް ތެރޭގައި ގިނަ ބައެއްގެ މަސައްކަތު އާދަކާދައަށް ބޮޑު ބަދަލެއް އައިކަން އެނގެ އެވެ. ކޮވިޑްގެ ތެރެއިން ބައެއް މީހުން ފެށި މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައި އެ މީހުން މިހާރު ބަރޯސާވާ މަސައްކަތްތަކަށް ވެސް ބަދަލުވެފަ އެވެ. ދެމަފިރިން ކަމަށްވާ ޝަހުޒާ ހުސައިން އާއި ހުސައިން ހަލީލަށް ވެސް ވީ މިކަހަލަ ގޮތެކެވެ.

ހަލީލާއި ޝަހުޒާ

އެތައް މަހެއް ވަންދެން، ރަނގަޅު މުސާރައެއް ނުލިބި ގޭގައި ތާށިވާން ޖެހުމުން ޝަހުޒާ އާއި ހަލީލް އަމިއްލަ މަސައްކަތެއް ކުރުމަށް ވިސްނި އެވެ. މި ވިސްނުމުގައި، ތަފާތު އެއްޗެހި ކެއްކުމަށް ފަހު އެ ވިއްކަން ވިސްނީ މާ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމަކަށް ވިސްނާފައެއް ވެސް ނޫނެވެ.

"އަސްލު ގޭގައި ކައްކާފައި ވިޔަފާރިއެއް ފެށީ މާ ބޮޑު ސަމާލުކަމެއް ލިބޭނެ ކަމަކަށް ބަލައިފައެއް ނޫން. ވަރަށް އަތްމަތި ދަތިވި ކޮވިޑްގެ ދުވަސްކޮޅު. އެހެންވެ އިތުރަށް އަތްމައްޗަށް ލުއިކުރުމުގެ ގޮތުން ފެށީ މި މަސައްކަތް،" ހަލީލް ކިޔައިދިނެވެ.

View this post on Instagram

A post shared by FoodCravings.mv (@foodcravings.mv)

ގޭގައި ދެމީހުން މަސައްކަތް ފެށީ ތަފާތު އެކި ކަހަލަ އެއްޗެހި ކައްކައި އެ ވިއްކުމުގެ އުއްމީދުގަ އެވެ. އެހާ ހިސާބުން "ފުޑް ކްރޭވިންގްސް" އުފެދިގެން އައީ އެވެ. ފުޑް ކްރޭވިންގްސް އިން ކޭކާއި ތަފާތު މީލްސްތަކުގެ އިތުރުން އެކި ކަހަލަ ޑެޒާޓްތައް ހަދާފައި ވިއްކަން ފެށީ ކޮވިޑްގެ ތެރޭގަ އެވެ.

އެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އާންމުންގެ ފަރާތުން ލިބުނު ސަމާލުކަމުންނެވެ. ގިނަ ބަޔަކަށް ފުޑް ކްރޭވިންގްސް ކަމުދާން ފެށި އެވެ.

ދެމަފިރިންގެ ޕާނީ ޕޫރީއަށް ވަނީ ދިވެހި ރަހަތައް ތައާރަފުކޮށްފައި

ޝޯޝަލް މީޑިއާގައި ވިޔަފާރި ފަށައިގެން ދެމަފިރިން ކުރިއަށް ދިޔައީ މާ ގިނަ އުއްމީދުތަކެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ދެމަފިރިންގެ ރެސިޕީތައް އާންމުންނަށް ކަމުދާން ފެށި އެވެ. އޭގެތެރެއިން ވެސް އެންމެ ގަދަޔަށް ވައިގައި ހިފާފައިވަނީ ފުޑް ކްރޭވިންގްސްގެ "ޕާނީ ޕޫރީ" އެވެ.

"އަޅުގަނޑުމެނަށް ފާހަގަކުރެވުނު ޕާނީ ޕޫރީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެމުންދާ ކަން،" ހަލީލް ބުންޏެވެ.

ޕާނީ ޕޫރީ ތައްޔާރުކުރީ ވަރަށް ގިނަ ރިސާޗުތަކަށް ފަހު

ގިނަ ބަޔަކަށް ކަމުދާނެ ގޮތަކަށް މާކެޓުކޮށް ޕާނީ ޕޫރީ އުފައްދަން ފެށީ ދެމަފިރިން ތަފާތު ޓްވިސްޓަކާ އެކުގަ އެވެ. އެއީ ޕާނީ ޕޫރީގެ ރަހަ މުޅިން ބަދަލުކޮށް އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ދިވެހި ކޮށްލައިގެންނެވެ. މިއީ ގިނަ ބައެއްގެ ސަމާލުކަން އެ ޕާނީ ޕޫރީ އަށް ހުއްޓުނު އެއް ސަބަބެވެ.

އިންޑިއާގެ މި ސްޓްރީޓް ފުޑް ވަރަށް ގިނަ ދިވެހިންނަށް ކަމުދާން ފަށައިފި އެވެ. މިއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ދެމަފިރިންގެ މަސައްކަތް އެއްކޮށް ބަދަލުކޮށްލީ ހަމައެކަނި ޕާނީ ޕޫރީ އަށެވެ.

"ފުރަތަމަ ތަފާތު އެކި އެއްޗެހި ހަދައި އުޅުނީ. އެކަމަކު ޕާނީ ޕޫރީ އަށް އޮތް ޑިމާންޑު ބޮޑުވެ ފުޑް ކްރޭވިންގްސްގެ މަސައްކަތް އެއްކޮށް ޕާނީ ޕޫރީ އަށް ބަދަލުކޮށްލީ،" ހަލީލް ކިޔައިދިނެވެ.

View this post on Instagram

A post shared by FoodCravings.mv (@foodcravings.mv)

ޕާނީ ޕޫރީގެ މަލަމަތި ދިވެހިންގެ ތެރޭގައި ބަދަލުކޮށްލުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައިވެ އެވެ. ޕާނީ ޕޫރީގައި ލާ ރަހަތަކުގެ އަސްލު ނުގެއްލޭނެ ގޮތަށް ދިވެހި އިންގްރީޑިއަންޓް ބޭނުންކުރުމަށް ވަނީ ތަފާތު އެކި ކަހަލަ ރިސާޗުތައް ހަދައިފަ އެވެ.

ޕާނީ ޕޫރީގެ ހުރިހާ ބަޔަކީ ގޭގައި ހަދައިގެން ވިއްކައި ބައިތަކެވެ. އެއަށް ބޭނުންވާ ފިލިން އާއި ފެން އަދި ޕެލެޓަކީ ވެސް ގޭގައި ހަދާ އެއްޗެއްސެވެ. މި މަސައްކަތުގައި އެންމެ ބުރަކޮށް އުޅެނީ ޝަހުޒާ އެވެ. ތަފާތު އެކި ރިސާޗުތައް ހަދައިގެން ދިވެހި ރަހަތައް ކަމަށްވާ ރިހާކުރު ފަދަ ރަހަތައް ވަނީ ޕާނީ ޕޫރީ އަށް އިންކޯޕަރޭޓް ކޮށްފަ އެވެ.

.

ބަދިގޭގެ މަސައްކަތް ކުރުމުގައި ޝަހުޒާ ބޮޑަށް އުޅޭ އިރު ކޮންމެ ރެއެއްގެ 10 އިން ފެށިގެން ދުވާލު ހަތަރެއް ޖަހަންދެން އޯޑަރު ނަގަ އެވެ. އޯޑަރުތައް ނެގުމަށް ފަހު އޯޑަރަށް މަސައްކަތް ފަށާނީ މެންދުރު ފަހު އެވެ. އެއީ ޕާނީ ޕޫރީ ވީހާ ވެސް ތާޒާކަން މަތީގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

ޕާނީ ޕޫރީ ސެޓުގެ އޯޑަރުތަކަށް ތައްޔާރުކޮށް ނިމުމުން އެތަކެތި ޑެލިވާ ކުރުމުގެ މަސައްކަތް ހަލީލް ކުރެ އެވެ.

View this post on Instagram

A post shared by FoodCravings.mv (@foodcravings.mv)

ޕާނީ ޕޫރީގެ މަސައްކަތް މިހާރު ވެސް އަންނަނީ އިތުރަށް ވައިގައި ހިފަމުންނެވެ. ގިނަ ބަޔަކަށް ޕާނީ ޕޫރީގެ ރަހަށް ވަރަށް ކަމުދެ އެވެ. އެއާ އެކު ދެމަފިރިން ދެކޭ ހުވަފެނަކީ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ހުވަފެނެވެ.

"މިހާރު މަސައްކަތް ކުރަނީ މި ވިޔަފާރި އިތުރަށް ފުޅާކޮށް ފިހާރައެއް ކަހަލަ ތަނެއް ހުޅުވައިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް،" ހަލީލް ކިޔައިދިނެވެ.

Popular