20 Aug 2022

މީގެ އިންޓަވަލް ފުޅިއެއް ގެންގުޅުނިންތަ؟

By: Ahmed Jaishan

ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު މީމްއެއް ފެންނަ އިރަށް އެނގެނީ ހުރިހާ އެންމެން ވެސް ކުޑައިރު އުޅެފައިވަނީ ދާދި އެއްކަހަލަ ދިރިއުޅުމެއް ކަމެވެ. ގިނަ ބަޔަކު ކުޑައިރުގެ ތަފާތު ގިނަ ހަނދާންތަކެއް އެއްގޮތް ވާއިރު މިއީ ވެސް ކަމެކެވެ. އެއީ ކުޑައިރު ސްކޫލަށް ގެންދިޔަ އިންޓަވަލް ފުޅި އެވެ.

ދާދިފަހުން ސޯޝަލް މީޑިއާ ޕޭޖަކަށް ލާފައިވާ ފޮޓޯއަކުން ގިނަ ބައެއްގެ ކުރީގެ ހަނދާންތައް ވަނީ އާވެފަ އެވެ. އެއީ އިންޓަވަލް ފުޅިއެއްގެ ފޮޓޯއަކުންނެވެ.

މިހާރު 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކުޑައިރު ސްކޫލަށް ދިޔައިރު ކޮންމެވެސް އިރެއްގައި މިފަދަ އިންޓަވަލް ފުޅިއެއް ވާނީ ގެންގުޅެފަ އެވެ.

ބައިނޮކިއުލާ ނުވަތަ ދުރުމިއެއްހެން ހުންނަ މި ފުޅި ހުންނަނީ ދެ ބަޔަކަށް ބަހާލައިފަ އެވެ. މި ފުޅި ބޭނުންކުރަނީ ފެން އެޅުމާއި ޖޫސް އެޅުމަށެވެ. ފެނާއި ޖޫސް އެކައްޗަކަށް އަޅައިގެން ގެންދެވޭތީ މިއީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ.

ކުޑައިރު ސްކޫލަށް ފޮނުވާއިރު މީގެ އިންޓަވަލް ފުޅިތައް ކަރުގައި އަޅުވާފައި ފޮނުވާނެ އެވެ. ކުދިންގެ ކަރުގައި "ދުރުމި" އިންޓަވަލް ފުޅި އޮންނަ ހަނދާން މިހާރު ވެސް ބައެއް މީހުން ހުންނާނެ އެވެ.

ގިނަ ބަޔަކަށް އެ ފޮޓޯ ފެނިގެން ހަނދާން މިވަނީ ކުޑައިރުގެ މި ހަނދާނެވެ.

ސްކޫލް އާއްމު ދިރިއުޅުން

Popular