6 Nov 2022

ހަތަރު ފަހަރު ބައިގެން ދިޔަފަހުން ދެއްވި ހަތަރު ދަރިންނާ އެކު

ތޭރަ އަހަރު ވަންދެން ދަރިއެއްގެ އުންމީދުގައި މި ދެމަފިރިން އެޅި ކަރުނަ އާއި ކުރި ދުއާ އިޖާބަކުރައްވައި، ދެއްވި ހަތަރު ދަރިންނާ އެކު މިހާރު އުޅެމުންދަނީ ޝުކުރުވެރި ދިރިއުޅުމެއްގައި

ތޭރަ އަހަރު ވަންދެން ދަރިއެއްގެ އުންމީދުގައި މި ދެމަފިރިން އެޅި ކަރުނަ އާއި ކުރި ދުއާ އިޖާބަކުރައްވައި، ދެއްވި ހަތަރު ދަރިންނާ އެކު މިހާރު އުޅެމުންދަނީ ޝުކުރުވެރި ދިރިއުޅުމެއްގައި

By: Aminath Ibrahim

ސ.މީދޫ އަވާމެންދުރުގޭ ހަސަން ޒާހިރާއި އޭނާގެ އަނބި ފާތުމަތު ނަސީރު ތޭރަ އަހަރު ވަންދެން ދަރިއެއްގެ އުންމީދުގައި އެޅި ކަރުނަ އާއި ކުރި ދުއާ އިޖާބަކުރައްވައި، ދެއްވި ހަތަރު ދަރިންނާ އެކު އުޅެމުންދަނީ ޝުކުރުވެރި ދިރިއުޅުމެއްގަ އެވެ. އެކަމަކު މިއީ ބައިގެންދިއުމާއި، ތަކުރާރުކޮށް ބައިގެންދިއުމުގެ ވޭނާއި އެކަނިވެރިކަން ތަހައްމަލުކުރާ ހުރިހާ މައިންނާއި ބަފައިންނަށް ލިބޭ ނަސީބެއް ނޫނެވެ.

"އަދިވެސް ހަނދާން އެބަހުރި ފުރަތަމަ ދަރިފުޅު ބައިގެންދިޔަ ދުވަސް. އަންހެނުންގެ ބަނޑަށް ސާދަ ވަނައަށް ވީ ހަފުތާގައި ދަރިފުޅުގެ ވިންދު ގެއްލި ބައިގެންދިޔައީ. ވަރަށް ގިނައިން ލޭ އައިސްފައި، ބޮޑު މަސްގުޅައެއް އެ ލެއާއެކު އައީ،" ހަސަން ޒާހިރު، 43، ފޯނުން ކިޔައިދޭން ފެށި އެވެ.

ސާފުކޮށް އަޑު އަންނަހާ ގާތުގައި އޭނާގެ އަންހެނުން ފާތުމަތު އިނދެ، ވާހަކަތަކުގެ ތެރެއަށް ދޭތެރެއަކުން ވަދެލައި އުނި އިތުރު ހިމަނާލަ އެވެ.

އެ ދެމަފިރިން ކައިވެނިކުރީ 2006 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެ ކައިވެންޏަށް ފުރަތަމަ ފަހަރަށް ފާތުމަތު ބަލިވެއިނީ އެކުގައި އުޅޭތާ ތިން އަހަރު ފުރެން ދަނިކޮށް 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. ތިން މަހުގައި އެ ދަރިފުޅު ބައިގެންދިޔަ ގޮތަށް އެއާ ޖެހިގެން އައި ހަތް އަހަރު ތެރޭގައި ތިން ފަހަރަށް ބަލިވެ އިނެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ބަނޑަށް ތިން މަސް، ނުވަތަ ތިން މަހާއި ދުވަސްކޮޅެއް ކޮށްފައި ބައިގެންދަނީ އެވެ.

އެހެންވާ ކޮންމެ ފަހަރަކު އެ ދެމީހުންގެ ދިރިއުޅުމަށް އެތައް ވޭނަކާއި ތަކުލީފެއް ގެނުވަ އެވެ. ހިތާއި އުންމީދުތައް ކުދިކުދިވެ އެވެ. ފާތުމަތުގެ ހަށިގަނޑު ފަރުވާ އާއި އަޅައިލުން ބޭނުންވާ ވަރަށް ބަލިވެ އެވެ. ނަފްސާނީ އަނދިރިގަނޑެއްގައި ދެމަފިރިން ބަންދުވެ އެވެ.

"ފުރަތަމަ އިންޑިއާ އަށް ދިޔައީ 2009 ވަނަ އަހަރު. އެފަހަރު ޑޮކްޓަރުން ބުނީ ހުރިހާ ކަމެއް ރަނގަޅު ކަމަށް. ސްޕާމް ކައުންޓާއި ސްޕާމްގެ ސިއްހަތު ވެސް ރަނގަޅު ކަމަށް. އަންހެނުންގެ ވެސް މައްސަލައެއް ނެތް،" ހަސަން ކިޔައިދިނެވެ.

"އޭގެ ފަހުން އެތައް ފަހަރަކު އިންޑިއާ އަށް ދިޔައިން. އެންމެ ފަހުން 2017 ވަނަ އަހަރު ނިންމީ އައިވީއެފްއަކަށް ދާން. އައިވީއެފް ހެދުމާ ހަމައިން ވިހާ ދުވަސް ވަންދެން ތިބީ އިންޑިއާ ގައި."

ހަސަންގެ ދެމަފިރިން، ހަތަރު ދަރިންނާ އެކު

ޗެންނާއީގެ ހޮސްޕިޓަލަކުން ހެދި އައިވީއެފްގައި ފާތުމަތުގެ ރަހިމުގައި ތިން ބިސް އިންދިއެވެ. އަދި އެ ތިން ބިސް ކާމިޔާބު ވެސް ވި އެވެ. ފުރަތަމަ ތިން މަހުގައި އުނދަގޫތަކެއް ދިމާވިޔަސް، ވިހެއުމާ ހަމަޔަށް އިތުރު ކަންތައްތަކެއް ކުރިމައްޗެއްނުވެ އެވެ. އެ ތިންކުދިން ވިހެއީ ބަނޑަށް 32 ހަފުތާގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

"ނަސީބަކީ ވަރަށް އެހެން ކަހަލަ އެއްޗެއް. އުޅެއުޅެ ކުއްޖަކު ނުލިބިގެން ގޮތް ހުސްވުމުން އައިވީއެފް ހަދައިގެން އެއްމާބަނޑު ތިންބެއިން ލިބުނުތާ 11 ވަނައަށްވީ މަހު ހަތަރު ވަނަ ދަރިފުޅަށް ފާތުމަތު ބަލިވެ އިނީ އެއްވެސް އާޓިފިޝަލް އެހީއަކާ ނުލާ،" ހަސަން ޒާހިރު ބުންޏެވެ.

އޭނާ ބުނީ، އެހާ ދުވަސް ވަންދެން އެކި ޑޮކްޓަރުންނަށް ދެއްކި އިރު ވެސް ވަކި ސީދާ ސަބަބެއް ދައްކާފައި ދަރިން ނުލިބޭ ސަބަބު ބުނަން ޑޮކްޓަރުންނަށް ވެސް ދަތިވި ކަމަށެވެ.

ރިކަރެންޓް ނުވަތަ ތަކުރާރުކޮށް ބައިގެންދިއުން

އަހަރެމެންގެ ސަގާފަތުގައި ބައިގެންދިއުމުގެ ވާހަކަ ދެއްކުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް ގިނަ މީހުން ހީކުރާ ވަރަށް ވުރެ ބައިގެންދިއުން ތަޖުރިބާކުރާ މިންވަރު އާންމެވެ.

"ބަލިވެއިންނަ ކޮންމެ ފަހަރަކު އެބަ އޮވޭ ބައިގެންދިއުމުގެ 20 ޕަސެންޓް ޗާންސް. މީގެ ގިނަ މިންވަރަށް ބަލާ ނަމަ ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކީ މިސްކެރީޖް ތަޖުރިބާކުރާ މީހެއް،" ރާއްޖޭގައި، ދަރިމައިވުމުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މައުލޫމާތު ސެޝަނެއްގައި ސްރީލަންކާގެ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ ޕްރޮބޮދަނާ ރަނަވީރާ ކިޔައިދެއްވި އެވެ.

ރިކަރެންޓް މިސްކެރީޖް މާނަކުރަނީ ތަކުރާރުކޮށް ވިދިވިދިގެން ތިން ފަހަރަށްވުރެ ގިނައިން ބައިގެންދިއުމަށެވެ. ބައެއް ގައުމުތަކުގައި ޑޮކްޓަރުން، ވިދިވިދިގެން ދެފަހަރު ބައިގެންގޮސްފިނަމަ ރިކަރެންޓް މިސްކެރީޖްގެ ގޮތުގައި ބަލަ އެވެ.

މިގޮތަށް ބައިގެންދާ ނަމަ، ބަލިވެ އިންނަ ކޮންމެ ފަހަރަކު ބައިގެންދިއުމުގެ ޗާންސް އިތުރުވެ އެވެ. އަދި މަތިވަމުންދާ އުމުރާ އެކު މި ރިސްކު އިތުރަށް ބޮޑުވެ އެވެ.

ރިކަރެންޓް މިސްކެރީޖް ނުވަތަ ވިދިވިދިގެން މިގޮތަށް ބައިގެންދިއުމާ ބެހޭ ގޮތުން ހޭލުންތެރިވާންޖެހޭ މިންވަރު ބޮޑެވެ. ނަމަވެސް، މިކަން ތަޖުރިބާކުރާ ގިނަ ދެމަފިރިން އަދިވެސް ފާޅުގައި މިފަދަ ވާހަކަ ހިއްސާކުރަން ޖެހިލުންވެ އެވެ. އިވިދާނެ ދެރަ ބަހަކަށް، ނުވަތަ ކޮށްފާނެ ބަދުނާމަކާ މެދު ކަންބޮޑުވާތީ، ރަހުމަތްތެރިންނާއި އާއިލާގެ އެހީތެރިކަން ހޯދުމުން ދުރުހެލިވެ އެވެ. އެހެންކަމުން ތަކުރާރުކޮށް މި ހިތްދަތިކަން ތަޖުރިބާކުރާ ދެމަފިރިން، ހާއްސަކޮށް އަންހެންމީހާ ހޭދަކުރަނީ އެކަނިވެރި ދުވަސްތަކެކެވެ.

"ބައިގެންދިއުމުން، ނުވަތަ ބައިގެންދާން ފެށުމުން، އެ ޒިންމާ އަންހެންމީހާ އެބަ ނަގާ. ވަރަށް ގިނައިން އަމިއްލަ ނަފްސަށް ކުށްވެރިކުރޭ. ނަމަވެސް ގިނަ ފަހަރަށް މިސްކެރިޖް ވުމަކީ އެމީހުންގެ ކޮންޓްރޯލްގެ ތެރޭގައި އޮންނަ ކަމެއް ނޫން،" ޑރ ޕްރޮބޮދަނާ ތަފްސީލްކޮށްދެއްވި އެވެ.

"އެއީ ސްޓްރެސް ކުރާ މިންވަރު ބޮޑުވެގެން ނުވަތަ އަންހެނަކު ކުރާ މަސައްކަތާ ގުޅިގެން ވާކަމެއް ނޫން،"

ހަސަން ޒާހިރާއި ފާތުމަތު ވެސް ޑޮކްޓަރު އެ ވިދާޅުވި ފަދަ ކަންތައްތަކެއް ތަހައްމަލުކުރި އެވެ. އޭނާ ކިޔައިދިނީ ތަކުރާރުކޮށް ނުލިބި، ބައިގެންދާ ދާންފެށުމުން އަންހެނުންނަށް ކުރި އަސަރެވެ. އެހެން މީހަކާ އެކު ދިރިއުޅުމެއް ފެށުމަށް ވެސް ވަކި ހިސާބަކުން ނަސޭހަތްދީ ބާރުއަޅަން ފެށި ފެށުމެވެ.

"އަންހެންމީހާ ވަރަށް ބޮޑަށް ނަފްސާނީގޮތުން ނިކަމެތިކަން އިހުސާސްކުރާނެ، ޖިސްމާނީގޮތުން ވެސް ބަލިކުރާ ކަމެއް މިކަމަކީ،" ހަސަން ބުންޏެވެ.

ހަސަން ނަސީރާއި ފާތުމަތުގެ ހަތަރު ކުދިން: ބޮޑު ތިން ކުދިންނަކީ އައިވީއެފް ހަދައިގެން ލިބުނު އެއްމާބަނޑު ތިން ކުދިން

ހަގީގަތުގައި، ރިކަރަންޓް މިސްކެރީޖްގެ ފަހަތުގައި ވާ ހަގީގަތް 90 ޕަސެންޓް ފަހަރު ޑޮކްޓަރުންނަށް ވެސް ހޯދައިނުގަނެވެ އެވެ.

ނަމަވެސް ތަކުރާރުކޮށް ބައިގެންދިއުމަށް މަގު ފަހިކޮށްދޭ، ނުވަތަ ފުރުސަތު ބޮޑުވާ ކަންކަން ހުރެ އެވެ. މިސާލަކަށް ތައިރޮއިޑް ބަލި ނުވަތަ ހަކުރު ބަލި ހުރެ، ފަރުވާ ނުކޮށް ހުރުން ހިމެނެ އެވެ.

ޖެނެޓިކްސްގެ ސަބަބުން ވެސް ވިދިވިދިގެން ތަކުރާރުކޮށް ބައިގެންދިއުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ. އެއީ ވާރުތަވާ އެއްޗެއް ކަމުގައި ވިޔަސް ނުވަތަ މިއުޓޭޝަނެއް ކަމުގައި ވިޔަސް މެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތީގެ ވަބާއާއި، މާގިނައިން ކެފެއިން ބޭނުންކުރުމާއި ބަރުދަން އިތުރުވުމަކީވެސް ނުރައްކާ ބޮޑުވާ ކަމެއް ކަމުން މިފަދަ ހާލަތްތަކުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމަށް ޑރ ޕްރޮބޮދަނާ ލަފާދެއްވި އެވެ.

"ދިފާއީ ނިޒާމުގައި ހުރި ބަލިކަށިކަމަކުން ނުވަތަ ލޭ ގަނޑުވާ ނިޒާމް (ތްރޮމްބޯފީލިއާ) ގެ އާދަޔާ ހިލާފު ކަންތައްތަކުގެ ސަބަބުން ވެސް މިގޮތަށް ބައިގެންދާން މެދުވެރިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ފައިބްރޮއިޑްސް، ޕޮލިޕްސް، ނުވަތަ ޔޫޓެރިންގެ އާދަޔާ ހިލާފު މައްސަލަތަކާއި މައިބަދައިގެ މައްސަލަ ހުރުމަކީ ވެސް މިކަމަށް މަގުފަހިވާ ކަންކަމެވެ.

ރިކަރެންޓް ނުވަތަ ތަކުރާރުކޮށް ބައިގެންދިއުމަށް ފަރުވާ ހޯދުން

ދެ ފަހަރެއްގެ މަތިން، ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް މިސްކެރޭޖް ވެފައިވާ އަންހެނުން އޮބްސްޓެޓްރިޝަން އަދި ގައިނަކޮލޮޖިސްޓުންގެ ލަފާ ގަވާއިދުން ހޯދުމަކީ މުހިއްމު ކަމެކެވެ. ޑރ. ޕްރޮބޮދަނާ ލަފާދެއްވަނީ އެގޮތަށެވެ.

މިގޮތަށް ގަވާއިދުން ދައްކަމުން ދާއިރު، ލޭގެ ތަހުލީލުތަކާއި ތަފްސީލީ އަލްޓްރާސައުންޑް ހެދުމަށް ޑޮކްޓަރުން އިރުޝާދު ދީފާނެ އެވެ. އަދި ޑީއެންއޭ (ކެރިޔޯޓައިޕް) ލޭގެ ޓެސްޓު ހަދަން ވެސް ދެ އެވެ. މީގެ އިތުރުން މިސްކެރޭޖްގެ ފަހުން ބައިގެންދާ ކުއްޖާގެ ޓިޝޫ ޑީއެންއޭ ޗެކް ކުރުމަށް ވެސް ޑޮކްޓަރުން ލަފާ ދީފާނެ އެވެ.

ނަމަވެސް، ޑރ ޕްރޮބޮދަނާ ވިދާޅުވި ގޮތުގައި އާންމުކޮށް ކުރާ މިފަދަ ޓެސްޓުތަކުން ނަތީޖާ ރަނގަޅު ކަމަށް ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.

ބައެއް ކޭސްތަކުގައި ޑޮކްޓަރުން އައިވީއެފް ހެދުމަށް ވެސް ލަފާދެ އެވެ.

ތަކުރާރުކޮށް ބައިގެންދިއުމުގެ ވޭނާއި ހިތްދަތިކަން

ހަސަން ޒާހިރާއި އޭނާގެ އަންހެނުން ވެސް އެންމެ ބޮޑަށް ފާހަގަކުރީ ތަކުރާރުކޮށް ބައިގެންދިއުމާ ކުރިމަތިލާން ޖެހުމުން އެ ދެމަފިރިންގެ ދިރިއުޅުމަށާއި ދެމީހުންގެ ނަފްސާނީ ސިއްހަތަށް ކުރި އަސަރެވެ.

ވަކި ހިސާބަކަށް ދާހިސާބުން ފަރުވާއަކަށް ކެތް މަދުވެގެން އެކި ޑޮކްޓަރުންނަށް ދެއްކުމާއި އެކަމަށް ހިނގާ ހަރަދާއި ބޭނުންކުރަންޖެހޭ ގިނަ އަދަދެއްގެ ބޭހާއި ޓީއެމްސީ އިންޖެކްޝަންތަކާއި މިފަދަ އެތައް ކަމަކަށް ފަހު އަނެއްކާވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން އެ ލިބޭ ހިތްދަތިކަމެވެ. އަންހެނުންނަށް އޭގެ ސަބަބުން ލިބެމުންދިޔަ ނިކަމެތިކަމެވެ.

"އަނެއްހެން ބުނަންޏާ ޑެސްޕަރޭޓްވޭ. ބޯ ގޮވާ ހިސާބަށްދޭ. އަންހެނުން ވެސް ވަކި ހިސާބަކުން ކިޔަން ފަށައިފި އެހެން މީހަކާ އިންނަން. އެންމެ ހިތަށް ދަތިވަނީ ބަނޑު ބޮޑުވެގެން އުންމީދުތަކާއި ޕްލޭން ރާވަން ފަށާ ހިސާބުން ދަރިފުޅު މަރުވާތީ،" ހަސަން ޒާހިރު ބުންޏެވެ.

"އެންމެ ފަހުން އައިވީއެފް ހަދައިގެން އެކޮޅުގައި ތިއްބައިވެސް ދެވަނަ މަހުގައި ކުރިއެކޭ އެއްގޮތަށް ލޭ އަންނަން ފެށީ. ހިތަށް އެރީ ކޮންމެ ފަހަރަކު މިހެންނޭ ވަނީ. އެހެން ނަމަވެސް އިރާދަފުޅުން އެފަހަރު ދިން ފަރުވާއިން ކުދިން ސަލާމަތްވި."

ހަރަދުތަކާއި މާގިނަ ފަރުވާތަކެއް ނުހޯދުނަސް، ބައިގެންދިއުމަކީ ދަރިން ބޭނުންވެގެން އުޅޭ ދެމަފިރިއަކަށް ވޭނީ ތަޖުރިބާ އެކެވެ. ނަމަވެސް ފުރަތަމަ ޓްރައިމެސްޓާގައި ބައިގެންދިއުން އާންމުކޮށް މީހުންނަށް އެހާ ބޮޑު ކަމެއްގެ ގޮތުގައި ނުބެލޭ ފަހަރު އާދެއެވެ.

"ބައެއް ފަހަރަށް އާއިލާ ތެރޭގައިވެސް ނުވަތަ ގާތް ރަހުމަތްތެރިންނަށް ވެސް ރަނގަޅަށް ނުވިސްނި 'ނަސީބެއް ނޫންހޭ ތަންކޮޅެއް ކުރީކޮޅު ތިހެން ވީކަން' ނުވަތަ 'އަދި ބޭބީ އަކަށް ބަދަލުވާން ވެސް ނުފަށާނެ' ފަދަ ޖުމްލަތައް ބޭނުން ކުރެވޭ. މިއީ މައިމީހާ އަށް ވަރަށް ފުން އަސަރުތަކެއް ކުރުވަފާނެ ވާހަކަތަކެއް،" ޑރ ވިދާޅުވި އެވެ.

ބައިގެންދާ ދުވަސްވަރަކީ ދެމަފިރިއަކަށް ނުވަތަ ހާއްސަކޮށް އަންހެންމީހާއަށް އާއިލާ އާއި ރަހުމަތްތެރިންގެ އެހީތެރިކަމަށް އިންތިހާ އަށް ބޭނުންވާނެ ދުވަސްކޮޅެކެވެ. މިފަދަ ތަޖުރިބާ ތަކުން ނަފްސާނީ ގޮތުން ވެސް ނުރަނގަޅު ހާލަތަކަށް ބައެއް ފަހަރު އެކަން ތަހައްމަލުކުރާ ދެމީހުން ހިނގައިދެ އެވެ. އެހެންކަމުން ފޕްރޮފެޝަނަލް ނަފްސާނީ ފަރުވާ ހޯދުމަކީ ވެސް ޑރ ޕްރޮބޮދަނާ ވިދާޅުވި ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.

"ވަރަށް އެހެން ކަހަލަ ދުވަސްތަކެއް އެއީ. ބައިގެންދިއުމަށްފަހު އެ އަންނަ ދުވަސްކޮޅަކީ ވިހައިގެން އުޅޭއިރެކޭ އެއްގޮތް ދުވަސްކޮޅެއް. އަންހެނުން އެހާ ވީކް ވާނެ، އަދި ދަރިފުޅު ނުވެސް ނެތި އެ ހުސްކަމާއެކު ވަރަށް އެކަނިވެރިކޮށް ވަރަށް ހިތްދަތިކޮށް އުޅޭ ދުވަސްވަރެއް އެއީ. ފިރިންނަށް ވެސް އަޅުގަނޑު ބުނެލަންބޭނުންވަނީ، އެކި މީހުންނަށް އެކި އިމްތިހާން ކުރިމަތިލާން ޖެހޭނީ. އެފަދަ އުނދަގޫ ހާލަތެއް މެދުވެރިވުމުން ތިމަންނާގެ އަންހެނުން ބިކަ ކޮށް ނިކަމެތިކޮށްނުލާށޭ." މުހިއްމު މެސެޖެއް ދެމުން ހަސަން ވާހަކަ ކުރުކޮށްލި އެވެ.

ސިއްހަތު ދަރިން ނުލިބުން

Popular