7 Nov 2022

By: Aminath Ibrahim

އަހަރެމެންގެ ލޮލަށް ސާފުކޮށް ނުފެންނަ ސޫތްޕާއި އެތަކެތީގެ ދުނިޔޭގެ ހިތްގައިމުކަމާއި އެ މާހައުލުގެ ރީތި ކުލަތައް މެކްރޯ ފޮޓޯގްރަފީން ދައްކާލުމަކީ ސ.ހިތަދޫ އަށް އުފަން އަލީ އިބްރާހިމްގެ ހުސްވަގުތުގެ ހޮބީ އެވެ. ކޯއްޓޭ އާއި އީކުއެޓޯރިއަލް ވިލެޖާއި ރަށުތެރޭގެ ގުދުރަތީ މާހައުލުން އޭނާ ނަގަމުންދާ ކުދިކުދި ސޫފިތަކުގެ ޑީޓެއިލް ފޮޓޯތައް ހައިރާންކޮށްލާހާ ފުރިހަމަ އެވެ. އެ ފޮޓޯތަކުން އޭނާ ދައްކަމުން، ނިއުޅަމުން އެ އަންނަނީ އަހަރެމެންގެ ވަށައިގެންވާ މާ ރީތި ދުނިޔެއެއްގެ މަންޒަރުތަކެކެވެ.

މެކްރޯ ފޮޓޯގްރަފީ އަކީ ހަމަލޮލަށް ނުވަތަ ނޯމަލް ކެމެރާއަކުން ނަގާއިރު ޑީޓެއިލްތަކާ އެކު ނުފެންނަ ތަންތަނާއި ތަކެތި ބޮޑުކޮށް އެތަކެތީގައި ހުންނަ އަސްލު ކުލަތަކާއި އެންމެ ކުދި ރޮނގުތަކާއި ތިކިތަކާއި ތަފްސީލުތަކާ އެކު ފޮޓޯގައި ހާމަކޮށްލުމެވެ. މެކްރޯ ފޮޓޯގްރާފަރުން މިގޮތަށް ނަގާ އެންމެ ހިތްގައިމު ފޮޓޯތަކަކީ ގުދުރަތީ މާހައުލުގެ ފޮޓޯތަކެވެ. އާންމުކޮށް، މާމެލާމެއްޔާއި ސޫފި ފަދަ ކުދި ދިރުންތަކެވެ.

އަލީ ބުނި ގޮތުގައި، މެކްރޯ ފޮޓޯގްރަފީއަށް އޭނާގެ ހިތް ޖެހެންފެށީ، ފޮޓޯ ނެގުމުގެ އާ ގޮތެއް ދަސްކުރުމަށް އުފެދުނު ޝައުގުވެރިކަމެއްގެ ތެރެއިންނެވެ. ރާއްޖޭން ވެސް މަދުން ނޫނީ މެކްރޯ ފޮޓޯގްރާފަރުން ނުފެންނާތީ، އެ ސްޓައިލްގެ ފޮޓޯ ނެގުމަށް އޭނާގެ ހުސްވަގުތުގެ ބޭނުންކުރާތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ.

"އާންމުކޮށް ސޫތްޕެއް ފެނުނީމާ އަހަރެމެން ވަރަށް ބިރުގަންނާނެ. އެކަމަކު މި ފޮޓޯތަކުން އެންލާޖްކޮށް ބަލާލާއިރު އެތަކެތީގެ ރީތިކަމަށް ތައުރީފުކުރެވޭ. އަހަރެމެންގެ ނޭފަތް ދަށުގައިވާ ދުނިޔެއެއް މި ފެންނަނީ. ވަރަށް ހިތްހަމަޖެހޭ ކަމެއް މި ކަމަކީ،" އަލީ ބުންޏެވެ.

View this post on Instagram

A post shared by αℓι ιвяαнιм ✳️🇲🇻✳️ (@alys_capture)

އުމުރުން 34 އަހަރުގެ އަލީ އަކީ ފޮޓޯ ނެގުމަށް ކުޑައިރުއްސުރެ އުފެދުނު ޝައުގުވެރިކަމާ އެކު މީގެ ފަސް އަހަރު ކުރިއާ ހަމައަށް އެކި ސްޓައިލްތަކުގެ ފޮޓޯ ނަގައި އުޅުނު ޒުވާނެކެވެ. މެދުކެނޑުމަކަށް ފަހު އަނެއްކާވެސް އޭނާގެ ޝައުގުވެރިކަން ފޮޓޯގްރަފީއާ ގުޅުވައިދިނީ މެކްރޯ ފޮޓޯ ނެގުމަށް އުފެދުނު މި ލޯތްބެވެ.

ފޮޓޯ ނެގުމަށް އޭނާ ބޭނުންކުރަނީ ސެމްސަންގް 22 އަލްޓްރާ ފޯނެކެވެ. ފޮޓޯތައް ނަގަނީ، އެ ފޯނުގެ 108 މެގަޕިކްސެލް ކެމެރާގައި، އަމިއްލަ އަށް ތައްޔާރުކުރާ ލެންސްތަކެއް އަޅުވައިގެންނެވެ.

"ހަލާކުވެފައި ހުންނަ ކެމެރާތަކުގެ ލެންސް ނަގައިގެން އެއިން އަޅުގަނޑު ލެންސް ތައްޔާރުކުރަނީ. 100 އެމްއެމް އާއި 75 އެމްއެމްގެ ހަތަރު ލެންސް މިހާރު އެބަ އޮތް." އަލީ ތަފްސީލުކޮށްދިނެވެ.

މީގެ ތެރޭގައި ޝޯޓް ރޭންޖް؛ ގާތްގަނޑަކަށް އެއް ސެންޓި މީޓަރާއި ފަސް ސެންޓިމީޓަރު ދުރުގައި ހުރެގެން ފޮޓޯ ނަގަންޖެހޭ ލެންސް ވެސް ހިމެނެ އެވެ.

މި ހިމަނާލަނީ އަލީގެ ތަފާތު ސްޓައިލްގައި އޭނާ ނަގާފައިވާ ބައެއް ފޮޓީ ތަކެވެ.

1. ލަދުރަކި ސަލްޓިސައިޑާ އެއް ފޮޓޯއަށް ހުއްޓިގެން

ސަލްޓިސައިޑާ ނުވަތަ ޖަމްޕިން ސްޕައިޑާ: މިއީ އާންމުކޮށް ގަސްތަކުގެ ތެރޭގައި އުޅޭ ފައިދިގު މަކުނުގެ ވައްތަރެއް. މުޅި ގައިގައި ކެހެރި ހުންނަ މި ވައްތަރުގެ ފައިދިގު މަކުނު ރާއްޖޭގައި ގިނަ -- ފޮޓޯ/އަލީ އިބްރާހިމް

2. ފުރޯދަނޑިއެއްގެ ނާސްތާގެ ވަގުުތު

މިއީ ރޮބަ ފްލައި އެއް. ޑްރެގަންފްލައި އާއިލާ އަށް ނިސްބަތްވާ ރޮބާފްލައި އަކީ އެސޮރުމެންނަށްވުރެ ކުދި ސޫފިތައް ހިފައިގެން ކައި އުޅޭ ސޫތްޕެއް. މި ފޮޓޯގައި އެ ފެންނަނީ ހާއްސަ ވަގުތެއްގައި ހާއްސަ މަންޒަރެއް. -- ފޮޓޯ/ އަލީ އިބްރާހިމް

3. މެއްސެއް ކަމަކު، ރީތި

މިއީ އާންމުކޮށް ފެންނަ މެހީގެ ތަންކޮޅެއް ބޮޑު ސައިޒުގެ މެހި އާއިލާއަކަށް ނިސްބަތްވާ މެއްސެއް. މިތަކެތި އުޅޭ ނަޖިސްކަމުން ކައިރީގައި އުޅޭއިރު ފަކުރު ހީވިޔަސް، މީގެ ކުލަތަކާއި ސިފަ މިގޮތަށް ބަލާއިރު ޝައުގުވެރި. -- ފޮޓޯ/ އަލީ އިބްރާހިމް

4. ދެ ކުޅަނދުރުގެ އެކަހެރި ވަގުތުކޮޅެއް

ތިކް ލެގްޑް ހޮވަ ފްލައި: މިއީ ސާފިޑައި އާއިލާއަށް ނިސްބަތްވާ އެންމެ އާންމު ވައްތަރުގެ ސޫތްޕެކެވެ. ކަށި ޖަހާ ވައްތަރުގެ ކުޅަނދުރާ އެއްގޮތް ސިފަތަކެއް ފެންނަ ފެނުމުގައި ހުރެ އެވެ. މި ސޫފީގެ ކާނާ އަކީ މަލުގެ ފޮންޏެވެ.

5. ކްރެބް ސްޕައިޑާއާއި އޭތީގެ ޝިކާރަ

ފައިދިގު މަކުނުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ "ކްރެބް ސްޕައިޑާ"އެއް ކުޅަނދުރެއް ހިފައިގެން ކަނީ. މި ވައްތަރުގެ ފައިދިގު މަކުނަކީ ޝިކާރަކުރުމުގައި ކެތްތެރިކަމާއި ތޫނުފިލިކަން ދައްކާ ސޫތްޕެއް. ކެއުމަށް ހިފާ ކުދި ތަކެތި އެސޮރުގެ ފައިތައް ބޭނުންކޮށްގެން މަރާލާ. އެކަމަކު ބޮޑެތި ސޫފި ފަދަ ތަކެތި މެރުމަށް އެސޮރުގެ ވިހަ އިންޖެކްޓް ކުރޭ ފޮޓޯ/އަލީ އިބްރާހިމް

މިފަދަ ހިތްގައިމު އެތައް މަންޒަރެއް އޭނާގެ އިންސްޓަގްރާމް ގެލެރީގައި އެބަ ހުއްޓެވެ. އަލީ ބުނީ، އޭނާގެ އަމާޒަކީ ދަސްކޮށް، މިހާރަށްވުރެ ވެސް ތަފްސީލީ ކުލަ ރީތި ފޮޓޯތަކެއް ނެގުން ކަމަށެވެ.

މެކްރޯ ފޮޓޯ ނެގުމަކީ ގިނަ ވަގުތާއި މަސައްކަތް ހޭދަވާ ކަމެކެވެ. އަލީ ބުނީ، ބައެއް ފަހަރު އެންމެ ފޮޓޯއެއް ނަގަން ބައިގަޑި އިރު ނުވަތަ ބައެއް ފަހަރު ގަޑިއެއްހާ އިރުވެސް ހޭދަވާ ކަމަށެވެ.

"އެކަމަކު ވަރަށް ހިތްހަމަޖެހޭ ކިތަންމެ ވަގުތެއް ހޭދަކޮށްގެން ވިޔަސް ރީތި އޭންގަލަކުން ރީތި ފޮޓޯއެއް ނެގުނީމާ،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by αℓι ιвяαнιм ✳️🇲🇻✳️ (@alys_capture)

މެކްރޯ ފޮޓޯގްރަފީ އެކި މީހުން ނަގައި އުޅެނީ އެކި ގޮތަށެވެ. އަލީ ގެ މި ފޮޓޯތައް އޭނާ ނަގަނީ މުޅިން ވެސް ފޯނުންނެވެ.

"ރަނގަޅު އާލާތްތަކާ އެކު އަތުގައި އޮންނަ ފޯނުން ވެސް ހީނުކުރެވޭހާ ފުރިހަމަ ކަންކަން ކުރެވޭ. މިހާރު ބޭނުންވަނީ ވީހާވެސް ބޮޑަށް މޮބައިލް މެކްރޯ ފޮޓޯގްރަފީ އެކްސްޕްލޯކުރަން."

މިވަގުތަށް އޭނާ ނަގައި އުޅެނީ މުޅިންވެސް ސޫފިތަކުގެ ފޮޓޯ އެވެ. އަލީ ބުނީ އެންމެ އުނދަގޫކަމަކީ ނަގާ ސޫފިތަކުގެ އަސްލު ނަމާއި ވައްތަރު ދެނެގަތުން ކަމަށެވެ. އެކަން އޭނާކުރަނީ ގޫގުލް ފޮޓޯ ސާޗް ފީޗާއިންނެވެ. މިހާރުވެސް ނަން ނޭނގޭ ދެ ސޫތްޕެއްގެ ފޮޓޯ އަތުގައި ވެއްޖެ ކަމަށްވެސް ބުންޏެވެ.

ފޮޓޯގްރަފީ

Popular