21 Nov 2022

By: Aminath Ibrahim

ޚިތާނުކުރުމަށް ފިރިހެންކުދިން ތައްޔާރުކުރާއިރު އަތްފައިގައި ހީނާފަތް އެޅުމަކީ އެންމެ އިހުގެ އާދަކާދައިން އަދިވެސް މުޅިން ނުފިލައި އޮތް ދިވެހި ލައިފްސްޓައިލް ޓްރެންޑެކެވެ. މި ހަނދާން ހުންނަ ފިރިހެން ކުދިންނާއި ބޮޑެތި މީހުން މިހާރު ވެސް އުޅޭނެ އެވެ.

އެކަމަކު ހިތާނުކުރުމާ ގުޅުވައިގެން ހީނާފަތް އެޅުމުގެ ހާއްސަ ބޭނުމެއް ވަކި އެބަ އޮތް ހެއްޔެވެ؟ މިއީ ކީއްކުރަން ކޮށް އުޅުނު ކަމެއް ހެއްޔެވެ؟

ދިވެހި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ތަޖުރިބާކާރު، ގދ. ގައްދޫ އަހުމަދު ސައީދު، 74، ވިދާޅުވި ގޮތުގައި ހީނާ ފަތް (ލަވްސޯނިއާ އިނާމިސް) އަކީ އޭގައިވާ އަޖައިބުކުރުވަނިވި ސިއްހީ މާއްދާތަކުގެ ސަބަބުން ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ހާއްސަ ގަދަރަކާއި އިއްޒަތެއް ދެވިފައިވާ "ޕޮއިސް" ފަތެކެވެ. އޭގެ އިތުރުން، މި ފަތް ބޭނުންކުރުމުން ރީތި ރަތް ކުލައެއް އަރާތީ، ހާއްސަ މުނާސަބާތަކަށް ޒީނަތްތެރިވުމުގެ ގޮތުން އާދަކާދައިގެ ތެރޭގައި ހިމެނިފައި އޮންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑައިރު ވެސް ހީނާފަތް އަޅައި އުުޅުނު. ފިރިހެންކުދިން ހީނާފަތް އަޅުވާނީ ދެ އީދަށާއި ޚިތާނު ކުރާއިރު. ޚިތާނުކުރާއިރު އަޅުވަނީ ސިއްހީ ވިސްނުމަކަށްވުރެ ބޮޑަށް، ޒީނަތްތެރިކުރުމުގެ ވިސްނުމަކުން ވިސްނާފައި ކަމަށް އަޅުގަނޑު ގަބޫލުކުރަން. ޚިތާނުކުރުމަށް އަޅުގަނޑުމެން އިހުގައި ކިޔައި އުޅެން އިސްލާން ކުރުން. އެއްސުންނަތް ކުރުން. އެހެންވީމާ މި ކަމަކީ ފިރިހެން ދަރިފުޅާއި އެ ދަރިފުޅުގެ އާއިލާ އާއި ތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް އަންނަ ވަރަށް އުފާވެރި މަތިވެރި ދުވަހެއް،" އޭނާ ވިދާޅުވި އެވެ.

ހީނާފަތަކީ، ހަމުގެ މައްސަލަތަކުގެ ފަރުވާ އަށް ހަދާ ފަތްޕިލާވެލީގެ ބޭހުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބާވަތެކެވެ. ހަމުގެ ބަލިތައް ނޫން ބަލިތަކަށް ވެސް މީގައި ޝިފާ ލައްވާފައިވެ އެވެ.

"އެހެންވީމާ މިހާ ބޮޑު ގަދަރެއް ދިވެހިންގެ ހިތުގައި އޮތް ފަތެއް، މިހާ އުފާވެރި މުނާސަބަތަކާ ގުޅިގެން އައުމަކީ ގަބޫލުކުރެވޭ ކަމެއް."

ސ މަރަދޫ، އުމުރުން 69 އަހަރުގެ އަބްދުﷲ ޝަރީފް، އޭނާގެ ޅަ ދުވަސްވަރުގައި ކޮންމެ އީދަކު ހީނާފަތް އެޅި އެވެ. ދިވެހި ތާރީހާއި ސަގާފަތުގެ މައުލޫމާތު މުއްސަނދި، ޝަރީފު ފާހަގަކުރެއްވީ ދިވެހިން އިހުގައި ފިރިހެންކުދިން ޒީނަތްތެރިކުރުމަށް ބެހެއްޓި ޝައުގުވެރިކަމެވެ.

"ވަކި އުމުރެއް ވަންދެން ލިބޭ މީހުން އެމީހުންގެ ފިރިހެން ދަރިންގެ ކަރުގައި ރިހި ފަށް އަޅުވާނެ. އުނަގަނޑުގައި ރިހި ފައްޓަރު އަޅުވާނެ. އަޅުގަނޑުގެ ޅަފުރާވަރަށް އެޅުމާ ހަމައަށް އުނަގަނޑުގައި އެއްނަރުން ގަތާފައިވާ ފައްޓަރެއް އޮތް،" ޝަރީފު ފާހަގަކުރެއްވި އެވެ.

އެހެންވީމާ، ހާއްސަ މުނާސަބަތާ ގުޅުވައިގެން ފިރިހެންކުދިންގެ ހަތަރެސްފައި ހީނާފަތުން ރަތްކުރުމަކީ މި ޝައުގުވެރިކަމާއި އަހައްމިއްޔަތުކަމުގެ ތެރެއިން އައިސްފައިވާ ކަމަކަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހީނާފަތް އެޅުމާ ގުޅޭގޮތުން އިހު ދިވެހިން ގަބޫލުކޮށް އުޅުނު ވިސްނުމެއް ވެސް އޭނާ ހިއްސާކުރި އެވެ.

"އިހުގައި ބުނާނެ، ހީނާފަތް އަޅުވާފައި ހުއްޓާ ކުއްޖާ މަރުވެއްޖެ ނަމަ ގިނީގައި ނުލައްވާނެއޭ. އޭގެ މާނައަކީ އެ ގުނަވަނެއްގައި އަލިފާން ނުހިފާނެ އޭ. އެކަމަކު މިއީ ބުރަދަނެއް ނެތް ގަބޫލުކުރުމެއް. ޚިތާނުކުރާ އުމުރުގެ ކުދިންނަކީ ދީނުގައި މައުސޫމް ކުދިން،" ޝަރީފު އިތުރަށް ވިދާޅުވި އެވެ.

ދިވެހި ސަގާފަތާއި ތާރީހުގެ މައުލޫމާތު މުއްސަނދި، ގދ. ތިނަދޫ ބޭފުޅެއް ކަމަށްވާ 72 އަހަރުގެ އަބްދުﷲ ވާހިދު ވެސް، ޚިތާނުކުރުމާއި ހީނާފަތް އެޅުމާ ގުޅޭގޮތުން ފާހަގަކުރެއްވީ އެއްގޮތް ކަންތައްތަކެކެވެ. މިއީ ދިވެހިންގެ އާދަކާދައިގެ ތެރެއަށް ކޮންއިރަކު ކިހިނެއް ވަތް ކަމެއް ކަން ނޭނގުނަސް، އޭނާ ވެސް ގަބޫލުކުރަނީ، ދިވެހިންގެ ދިރިއުޅުމުގައި ހީނާފަތަށް ދެވިފައިވާ މަގާމާއި ގަދަރުގެ ސަބަބުން، ހާއްސަ މުނާސަބަތު ތަކުގައި ބޭނުންކުރާ ފަތަކަށް އެ ފަތް ވެގެންދިޔައީ ކަމުގަ އެވެ.

ދާދި ފަހަކާ ހަމައަށް ހިތާނުކުރުމަކީ ބޮޑު ރަސްމިއްޔާތެކެވެ. އެކުވެރި އަވައްޓެރި އެންމެން، ރަށެއްގައި ނަމަ، މުޅި ރަށް އެއްތަންވެލާ، ކައްކައި ކައި ހަދާ މުނާސަބަތެކެވެ. ހިތާނުކުރުމަށް ތައްޔާރުކުރާ ކުއްޖާގެ ދެ ފައިތިލައިގައި އާންމުކޮށް ހީނާފަތް އަޅުވާނީ ޚިތާނުކުރުމުގެ ދުވަހެއް ނުވަތަ ދެ ދުވަސް ކުރިންނެވެ. ފައިގައި އަޅާ ހީނާފަތުގެ ކުލަ މަހެއް ދެމަހެއް ވާއިރު ވެސް ގަދައަށް ހިފާލާފައި ހުރެ އެވެ.

އެހެންވީމަ ބުނެބަލާށެވެ. ޚިތާނުކުރަން ހީނާފަތް އެޅި ހަނދާން އެބަހުރި ހެއްޔެވެ؟

ސަގާފަތް

Popular