21 Nov 2022

ދަރިފުޅުގެ އެކްޒީމާ ހުންނަ ނަމަ އެނގެންވީ ކަންކަން

ދަރިފުޅުގެ އެކްޒީމާ ހުންނަ ނަމަ އެނގެންވީ ކަންކަން

By: Aminath Ibrahim

ހަންގަނޑު އިންފްލޭމްވެ ދުޅަވުމާއި، ރަތްވުމާއި ހިރުވުން އަދި ބިހިނެގުން ފަދަ އަލާމާތްތައް ހިމެނޭ އެކްޒީމާ ނުވަތަ އެޓޯޕިކް ޑާމަޓައިޓިސް އަކީ އޭޓޯޕީ ކިޔާ ހާލަތެއްގެ ސަބަބުން މެދުވެރިވާ ހަމުގެ މައްސަލައެކެވެ. ޑާމަޓައިޓިސްގެ މާނައަކީ ހަންގަނޑު އިންފްލޭމް ވުމެވެ. މިގޮތް ވާއިރު، ހަންގަނޑު ރަތްވެފައި ހުރެދާނެ އެވެ. ނުވަތަ ހިރުވާފާނެ އެވެ. އަދި ބޯވެ ބިހިވެސް ނަގާފާނެ އެވެ. ހުރިހާ އަލާމާތްތަކެއް އެއްފަހަރާ ފެނުން ވެސް އެކަށީގެންވެ އެވެ.

އެކްޒީމާގެ އަލާމާތްތައް

- ހަންގަނޑުގެ ތެތްކަން މުޅިން ކެނޑި ކުރަކިވެ ހިރުވާ ގޮތަށް ހުރުން

- ހަން ފޮޅިފައި ހުންނަ ތަންތަނުގައި ރަތް ކަމެއް ހުރުން، ނުވަތަ ދިޔާ ފެނެއް އެތަންތަނުން އައުމަށްފަހު އަނެއްކާވެސް ތޮށި ލުން

- ތަކުރާރުވުން (ރަނގަޅުވެފައި ހުރެފައި އަނެއްކާ ވެސް ހިރުވުމަށްފަހު ފާރުވުން. މިއަށް ކިޔަނީ ފްލެއާ-އަޕް ވުން)

- ދުވާލަށްވުރެ ރޭގަނޑުގެ ވަގުތުގައި ބޮޑަށް ފާހަގަވޭ

މި އަލާމާތްތައް އެކި އުމުރުގެ ކުދިންގެ ކިބައިގައި ތަފާތުވެ އެވެ. އަހަރު ނުފުރޭ ކުދިންގެ ތެރެއިން އެކްޒީމާ ހުންނަ ކުދިންގެ، ކޮލާއި ނިތްކުރިއާއި ބޮލުގެ ހަމުގައި ދެންމެ މި ބުނި ސިފަތަކާ އެއްގޮތް ޑްރައި-ޕެޗް ތަކެއް ހުރެދާނެ އެވެ.

އެއަށްވުރެ ބޮޑެތި ކުދިންނާއި ފުރާވަރުގެ ކުދިންގެ ތެރެއިން އެކްޒީމާ ހުންނަ ކުދިންގެ ކަކުލުގެ އެތެރެ ފަޅީގަ އާއި 'ޖޮއިންޓްސް' ތަކުގައި މި ކަހަލަ ތަންގަނޑު ގަނޑު ނަގާފައި ހުރެ އެވެ. ބައެއް ފަހަރަށް މި ޕެޗް ތަކުގެ ކުލަ، ގައިގެ ހަމުގެ ކުލައަށްވުރެ ގަދަވެފައި ވަކިން އަޅައިގަންނަ ގޮތެއް ހުރެ އެވެ.

ކިހިނެއް ވެގެން ވާ ކަމެއް؟

އެކްޒީމާ އަކީ ކިހިނެއް ވެގެން ވާހަކަމެއްކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ. ޓްރިގާވާ ކަންކަން ބައިވަރެވެ. މާހައުލުގައި ހުންނަ ކަމަކުން ހަށިގަނޑު ރައްކާތެރިކުރުމަށް އަހަރެމެންގެ ދިފާއީ ނިޒާމު މަސައްކަތްކުރާއިރު އަންނަ ރިއެކްޝަނެއްގެ ގޮތަށް ވެސް މިކަން އައިސްދާނެ އެވެ. ނުވަތަ ނުގުޅޭ އެއްޗެއް ކެވޭތީ ނުވަތަ ހަމަށް އެލާޖިކްވާ އެއްޗަކަށް ނުވަތަ މާއްދާއަކަށް ހުށަހެޅުމުގެ ސަބަބުން ވެސް އެކްޒީމާ އެކްޓިވޭޓް ވެދާނެ އެވެ. މިސާލަކަށް، ޖަނަވާރުގެ ކެހެރި، ހިރަފުސް ފަދަ މާއްދާތައް ހިމެނެ އެވެ. އެކި މީހުންގެ ދިފާއީ ނިޒާމު މަަސައްކަތްކުރާނީ އެކި ގޮތަށެވެ. ބައެއް ކުދިންނަށް މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖެނެޓިކް ކަމެއްގެ ގޮތުގައި ވެސް އެކްޒީމާ ލިބެ އެވެ.

ޑައިގްނޯސްކުރާނީ ކިހިނެއް؟

ކުރިން މި ބުނި ފަދަ އަލާމާތްތައް ފެންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ކުއްޖާގެ އަލާމާތްތަކަށް ބެލުމަށްފަހު އެކްޒީމާ ކަން ނުވަތަ ނޫންކަން ބުނެދޭނީ ޑޮކްޓަރެވެ. އެހެންވީމާ، މިފަދަ މައްސަލައެއް ދިމާވެގެން އެއްވެސް ހާލަތެއްގައި އަމިއްލަ އަށް ގަނެގެން ބޭސް ކޭއްތުމާއި ބޭނުންކުރުމަކީ ގެއްލުން ބޮޑުވެދާނެ ކަމެކެވެ.

މައިންބަފައިންނަށް ނުވަތަ ބެލެނިވެރިޔާއަށް ކުރެވޭނީ ކޮން ކަމެއް؟

ކުޑަކުދިންގެ ޑޮކްޓަރު، ޑރ އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުގައި، އެކްޒީމާގެ އެންމެ މައިގަނޑު އެއް އަލާމާތަކީ ހަންގަނޑުގެ ތެތްކަން ކެނޑުމެވެ. އެހެންކަމުން ހަންގަނޑުގެ ތެތްކަން ދެމެހެއްޓުމަށް ގަވާއިދުން މޮއިސްޗުރައިޒް ކުރުމަކީ އެންމެ ފުރަތަމަ ސްޓެޕެވެ.

މައިލްޑް އަދި ސިވިއާ އެޓޯޕިކް ޑާމަޓައިޓިސް ހުންނަ ކުއްޖެއްގެ އަލާމާތްތައް ކޮންޓްރޯލްކުރަން ކުރެވިދާނެ ކަންތައްތަކެއް ހުރެ އެވެ.

ސޯޕް ފްރީ އެއްޗެހި ބޭނުންކުރުމާއި ފެންވަރުވާއިރު ސޯޕް ބޭނުންކުރަންޖެހޭ ހާލަތްތައް މަދުކުރުން؛ މިިސާލަކަށް، ހީސް ލައްވާފައި ސޯޕް ބޭނުން ނުކުރުން

ފެންވަރުވާފައި ގައިން އެ ހުރިހާ ފެން ހިއްކާލުމަށްފަހު ގައިގައި އެއްޗެއް އުނގުޅުމުގެ ބަދަލުގައި މަތިމަތިން ފެން ހިއްކާފައި މޮއިސްޗުރައިޒް ކުރުން

ދޭތެރެއަކުން މޮއިސްޗަރައިޒް ކުރާއިރު ވެސް ފެން ހާކާލުމަށްފަހު މޮއިސްޗުރައިޒާ އުނގުޅުން. ވަރަށް ބޮޑަށް ސްކިން ޑްރައިވާ ކުއްޖަކަށް ތެޔޮ ފަދަ މާއްދާ އެއް އެކުލެވޭ މޮއިސްޗުރައިޒާ އެއް ބޭނުންކުރުން

ހަންގަނޑު ޑްރައި ވިޔަ ނުދީ ނުވަތަ ޑްރައިވުމުގެ ޗާންސް ވީހާވެސް ނުދިނުން

ސިވިއާ އެކްޒީމާ ހުންނަ ނަމަ އަބަދު އޭސީ ތެރޭގައި ނުގެންގުޅުން، ފިނި ތަނެއްގައި ގެންގުޅޭ ނަމަ އެކަށީގެންވާ ވަރަށް މޮއިސްޗުރައިޒް ކުރުން

އެންމެ ތުއްތު އިރުން ފެށިގެން ގެންގުޅޭ ގެންގުޅުމުގައި، އެކުދިންގެ ހަމުގައި އުނގުޅައި ޖައްސަން އެކި ވައްތަރުގެ ގިނަ ބާވަތްތައް ބޭނުން ނުކުރުން

އެކްޒީމާ އަކީ އެކި ސިވިއަރިޓީގައި އެކި ކުދިންނަށް ދިމާވާ ކަމެކެވެ. އެހެން ނަމަވެސް މީހާގެ ފުރާނައަށް ގެއްލުންވާ ބައްޔެއް ނޫނެވެ. އެކްޒީމާ އޭގެ ޒާތުގައި ބޮޑު މައްސަލައަކަށް ވަނީ ސިވިއާ ކުދިންނާއި މީހުންނަށް ބައްޔާއެކު އުޅުން އުނދަގޫވުމެވެ. ބޭރުފުށުން ފެންނަން ހުންނަ އަލާމާތްތަކަކަށް ވެފައި، އަބަދު ހިރުވުމާއި އެކަމުންސަލާމަތްވުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭތީ ބައްޔާއެކު އުލެން އުނދަގޫވުމެވެ. އަދި މިކަމުގެ ސަބަބުން އަންނަ ނަފްސާނީ ވަރުބަލިކަމެވެ.

ސިއްހަތު ކުޑަކުދިން

Popular