24 Nov 2022

ވޯލްޑް ކަޕް: ބިސްކޯދު ޕެކެޓުގެ ސްޓިކާ އާއި ދަނޑުފޯރި މާ އުފާވެރި

ވޯލްޑް ކަޕް: ބިސްކޯދު ޕެކެޓުގެ ސްޓިކާ އާއި ދަނޑުފޯރި މާ އުފާވެރި

By: Aminath Ibrahim

ދުނިޔެއަށް އަންނަ އެންމެ ބޮޑު ކުޅިވަރުގެ އީދު ރާއްޖޭގައި ވެސް ހިއްޕާލައިފި އެވެ. މިފަހަރު މި ލިބޭ އުފާ މާ ބޮޑުވެފައި ފުރިހަމައޭ ހީވެ އެވެ. މާސިންގާ ބަލިމަޑުކަމެއްގައި ތެޅި ބަލިވެފައި ތިއްބައި ހިންދެމިލާނެ ފުރުސަތެއް ދުނިޔެއަށް ލިބުމުން ކުރެވޭ އުފާވެރި އިހުސާސެކޭ ވެސް ހިތަށް އަރަ އެވެ.

އެކަމަކު އަދިވެސް އާވަނީ ނުވަދިހައިގެ ފުޓްބޯޅަ އީދުން ދިން ހަނދާންތަކެވެ. އެންމެ 16 އިންޗީގެ ކުދި ފޮށި ޓީވީ އެވެ، ނިއުޓްރޯ ބިސްކޯދުގެ ތަތް ކުނޑީގެ "މީރު" ސްޓިކާ އާއި ދަނޑުފޯރީގެ ޖޯކުތަކުން ދިވެހިންގެ ސާދާ، ހިމޭން ދިރިއުޅުމަށް ގެނުވި ހާއްސަކަމާއި ޝައުގުވެރި ކަމެވެ.

ބޮޑު ސްކްރީނާއި އިންޓަނެޓްގެ އަރާމުކަން މިއަދު ލިބި ތިބެ ހިތަށް އަރަ އެވެ. އަދި އެއް ފަހަރު އެ ދުވަސް އަންނަ ނަމަ އެވެ. އެ ވައިގެ ވަހުން އެއްވަސްވެލައި އެ ޖައްވަށް އަދި އެއްފަހަރު ފުން ނޭވާއެއް ލާން ލިބޭ ނަމަ އެވެ.

މެޗު ބަލަން ހޭލައި ތިބުން، އޭރުގެ ދިވެހިން ކުރި ތަފާތު ތަޖުރިބާ އެއް

ރާއްޖެއަށް ވޯލްޑްކަޕް ދައްކަން ފެށީ 1986 ވަނަ އަހަރު އެވެ. އޭރުން ފެށިގެން 1998 އާ ހަމައަށް މެޗުތައް އޮތީ ސައުތު އެމެރިކާ އާއި ޔޫރަޕްގަ އެވެ. އެހެންވެ، ދިވެހިން މެޗުބަލަން ތިބެންޖެހުނީ ދަން ވަންދެން ހޭލަ އެވެ.

އަވަހަށް ނިދުމުގެ އާދައެއް އޮތް ދިވެހިން، ކުޅިވަރެއްގެ ޖޯޝުގައި ކުރި އެއީ ތަފާތު ތަޖުރިބާއެކެވެ. ފުޓުބޯޅަ އަށް ދިވެހިންގެ ހިތުން ދިން ބޮޑު ގަދަރެކެވެ.

ރާއްޖެއަށް ދުވާލުގެ ވަގުތު ވޯލްޑްކަޕް ބެލޭގޮތްވީ 2002 ވަނަ އަހަރު ކޮރެއާ ޖަޕާނުގައި ވޯލްޑްކަޕް ބޭއްވުމާއެކު އެވެ. އެ ފަހަރު މެޗުތައް އޮތީ ހެނދުނާއި މެންދުރާއި ހަވީރު އެވެ.

ވަކި އުމުރެއް ނެތި ސްޓިކާ އެއްކުރުމުގެ ވާދަވެރިކަމެއް

ވޯލްޑްކަޕް ޕަނީނީ ސްޓިކާ

ނުވަދިހަ އަށެއްގެ ވޯލްޑްކަޕް ސީޒަނަށް ނެރުނު ނިއުޓްރޯ ބިސްކޯދު އުރައިގެ އެތެރޭގައި ހަތަރު ވަރަކަށް އިންޗީގެ ސްޓިކާއެއް އޮވެ އެވެ. އުރައިގެ ތެރޭގައި ބިސްކޯދުގެ ކުނޑި ތަތްވެ، ކްރީމް ގަނޑުގެ ރަހައިން މީރުވެފައި އޮންނަ މި ސްޓިކާ އެއްކޮށްގެން ސްޓިކާ ފޮތް ގެންގުޅުނު މީހުން އޭރު މަދެއް ނޫނެވެ.

އޭރުގެ އެންމެ މަޝްހޫރު ފުޓްބޯޅަ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ ޑިއޭގޯ މެރަޑޯނާ، ޒައިނުދީން ޒިދާން، ޑޭވިޑް ބެކަމް، ރޮބާޓޯ، ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ ސްޓިކާ އެންމެ ގިނައިން އެއްކުރި މީހުންނަށް އެ މީހަކު އުޅުނު ބައެއްގެ ތެރޭގައި ހާއްސަ ނަމަކާއި މަޝްހޫރުކަމެއް ލިބެ އެވެ. ކުޑަކުދިން، މި ސްޓިކާއިން ވިޔަފާރި ވެސް ކޮށް ހެދި އެވެ.

ޕޯސްޓްކާޑް ގޮތަށް ހުންނަ ޕަނީނީ ސްޓިކާ އަކީ ވެސް މިގޮތަށް އެންމެ ފޯރީގައި އެއްކުރި އެއް ސްޓިކާއެވެ. މި ފޯރިއެއް ގަދަވެގެން އައިސް ފަހުން ބޫމާގައި ވެސް ސްޓިކާ ހިމެނި އެވެ.

އަންހެންކުދިންގެ ހިތް ގެނބުނީ އިޓަލީގެ ރީތި ޖާޒީ އާއި ސްޓައިލަށް

އިޓަލީގެ ރީތި ޖާޒީ އާއި ސްޓައިލަކީ ދިވެހި އަންހެންކުދިންގެ މެދުގައި މަޝްހޫރުވި ސްޓައިލެއް

ކުޅިވަރާއި ފުޓުބޯޅައިގެ މާބޮޑު މައުލޫމާތުތަކެއް ލިބެން އޭރު ނެތްއިރު ވެސް، އިޓަލީގެ ރީތި ޖާޒީ އާއި ކުޅުންތެރިންގެ "ސްޓައިލިޝް ލޫކްސް" އަށް ދިވެހި އަންހެންކުދިން މަރުދިނެވެ. ވޯލްޑްކަޕާއި، ކުޅުމުގެ ސްޓައިލާއި އުކުޅުތައް ހޯދުން ފިރިހެންކުދިންނަށެވެ. އަންހެން ކުދިންނަށް އޭރުގެ އިޓަލީ ޓީމެވެ.

ވޯލްޑްކަޕް "އީދު" އިއުލާން ކުރާނީ އިމާދު ލަތީފާއި ޝާހިދު

އިމާދު ލަތީފާއި ޝާހިދު: ކުޅިވަރުގެ މައުލޫމާތު މުއްސަނދި ދެ ބޭފުޅުން

އިމާދު ލަތީފާއި މުހައްމަދު ޝާހިދުގެ ވޯލްޑްކަޕް ޕްރީޝޯ އަކީ އޭރުގެ އެންމެ ފުރިހަމަ ޝޯ އެވެ. އެ ދެ ބޭފުޅުންގެ ފުރިހަމަ ހުށަހެޅުމާއި ކުޅިވަރުގެ މައުލޫމާތު މުއްސަނދި ވާހަކަތައް އަޑުއަހަން އާދަވީ ވަރުން އަދިވެސް ބައެއް މީހުން މި މުނާސަބަތެއްގައި އެންމެ ބަލާހިތްވާ ދެ މޫނަކީވެސް އެއީ އެވެ.

ދަނޑުފޯރިން ހެއްވި ހެއްވުން އަދިވެސް ހާއްސަ

ޓީވީއެމް ދަނޑުފޯރި ވީޑިއޯއެއްގެ ޕްރިވިއު ފޮޓޯއެއް. ވޯލްޑްކަޕްގެ ފޯރި އެތައް ތަނެއް އިތުރުކުރި

މަރުހޫމް އަބްދުލް ޣަފޫރު (ކުޑޭ) އާއި ޓީވީއެމް އިއްބެ ފަދަ ބޭފުޅުން އޭރު އަޑުއަޅައިގެން ގެނެސްދިން ދަނޑު ފޯރިއަކީ މުޅި ގައުމު އޭރު އިންތިޒާރުކުރި "ކޮމެޑީ މޮމެންޓް" އެކެވެ. ފުޓުބޯޅަ ނުބަލާ މީހުން ވެސް ހާފްޓައިމްގައި ދައްކާ ފަސް ވަރަކަށް މިނިޓްގެ މި ކްލިޕްކޮޅު ބަލަން ޓީވީ ދޮށަށް އެއްވެ އެވެ.

މިހާރު ދަނޑުފޯރިއެއް ނާދެ އެވެ. ޓީވީ ރައިޓްސް ފަދަ ކަންކަން އައުމާ އެކު މިފަދަ ކޮންޓެންޓް މިގޮތަށް ދެއްކޭނެ ފުރުސަތު ވެސް ނެތީ އެވެ.

ފޮށި ޓީވީން ފުޓުބޯޅަ ބަލަން އަވަށު އެންމެން ޖަމާވާނެ

ނުވަދިހައިގެ ފަހުކޮޅަށް އެޅުނު އިރުވެސް ގިނަ ގޭގޭގައި ޓީވީއެއް ނުހުރެ އެވެ. އަމުދުން ރަށްރަށުގައި ޓީވީ ހުންނާނީ ދެތިން ގެއެއްގަ އެވެ. ހުންނާނީ އެންމެ ބޮޑުވެގެން ވެސް 23 އިންޗީގެ ސްކްރީން ޓީވީ އެވެެ. އެއިން ގިނަ ފަހަރަށް ކުޅުންތެރިންގެ މޫނު ވެސް ވަތްކެއް ނުވާނެ އެވެ. ވީކް ސިގްނަލްގެ ވާހަކަ އާއި ކޮންމެ ފަސް މިނުޓަކުން އެންޓަނާގެ މިސްރާބު ދިމާކުރަން އަނބުރަން ކުރަންޖެހޭ މަސައްކަތަކީ އަދި މުޅިން އެހެން ވާހަކަ އެކެވެ.

މި ހުރިހާ ހަނދާނެއް ހިމެނެނީ މާޒީގެ އެންމެ ރީތި ސަފުހާތަކުގެ ތެރޭގަ އެވެ. އެއީ އަބަދުވެސް އާ ކުރެވޭނެ ހަނދާންތަކެކެވެ. ބުނެބަލާށެވެ. ވޯލްޑްކަޕް ސީޒަނާއެކު އެންމެ ހަނދާންވަނީ ކޮން ކަމެއް ހެއްޔެވެ؟

ސަގާފަތް ފީފާ ވޯލްޑް ކަޕް

Popular