22 Dec 2022

By: Aminath Ibrahim

ވޯލްޑްކަޕްގެ ނިމެން ގާތްވުމުން އެންމެން ކުރީ އެއް ސުވާލެކެވެ. އެ ފޯރިގަނޑު ފިލައިދިޔުމުން ދެން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދައިފިން ހެއްޔެވެ؟ ނުވަތަ އަދިވެސް ތިޔަ ތިބީ ވޯލްޑްކަޕްގެ ފޯރިގަނޑު ކެނޑުމުގެ ފޫހިގަނޑުގައި ކުރާނެ ކަމެއް ނޭނގިފައި ހެއްޔެވެ؟

ޗުއްޓީގައި އަދިވެސް ތަން އެބަ އޮތެވެ. އާ އަހަރު ފެށުމާ މި ދެމެދުގައި ހުރި ދުވަސްތައް އަދިވެސް ޝައުގުވެރިކޮށްލެވިދާނެ އެވެ. މިއީ ޑިސެމްބަރުގެ ޗުއްޓީ ކަމަށް ވާތީ، އާއިލާ ނުވަތަ ރައްޓެހިންނާ އެކު ދަތުރެއް ރާވާލަން ވެސް މުނާސަބު ވަގުތެކެވެ.

އެހެންވީމާ، މި ހިމަނާލަނީ ދަތުރުކުރަން ޝައުގުވެރިވާ މީހުންނަށް، އިންސްޓަގްރާމްގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ދިވެހި ޒުވާން ދަތުރުވެރިޔާ، ޝާން އިބްރާހިމް ކައިރިން އަހައިގެން ދަތުރު ދެވިދާނެ ރީތި ރަށްތަކުގެ ލިސްޓެކެވެ.

ބ ދޮންފަނު

މިއީ ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށްހެން ދަތުރުކުރި ޝާން އަށް އެންމެ ހިތްގައިމު އެއް ރަށެވެ. މި ރަށުގެ މީހުންގެ ހިތްހެޔޮ ކަމާއި އެކުވެރިކަމާއި މެހުމާންދާރީ ރާއްޖޭގެ ރަށަކުން މަދުން ނޫނީ ނުލިބޭ ކަމަށް ބުންޏެވެ.

ރަށުގެ ހަމަހިމޭން މާހައުލާއި ފެހި ކަމަކީ ދަތުރު ދާ މީހަކަށް ލިބޭނެ އިތުރު ބޯނަސްއެކެވެ. މި ރަށުގައި ޗުއްޓީ ހޭދަކުރާނަމަ ނައިޓް ފިޝިން އާއި ބާބަކިއު ހެދުމާއި ސްނޯކެލިން ފަދަ ކަންކަން ފަސޭހައިން އިންތިޒާމް ކޮށްލެވިދާނެ އެވެ. ރާއްޖޭގައި މަންތާ ފެންނަ މަޝްހޫރު ހަނިފަރު ބޭ އޮންނަނީ ވެސް ދޮންފަނާ ކައިރީގައި ކަމުން މިތަނަށް ސްނޯކެލް ކުރަން ވެސް ދެވިދާނެ އެވެ.

ބ ގޮއިދޫ

ގޮއިދޫ އަކީ ޕާސަނަލް ފޭވަރިޓް އެކެވެ. ކައިޓް ސާފަރުންގެ ރަށުގެ ގޮތުގައި މަޝްހޫރު މިރަށަށް ޗުއްޓީއަށް ދާ ބަޔަކަށް ކައިޓް ސާފަރުންގެ ހުނަރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހެން ބަލައިލުމުގެ ޗާންސް މިރަށުން ލިބޭނެ އެވެ.

ދަނޑުބިމަށް ބޮޑު ސަރަހައްދެއް އޮންނަ ރަށަކަށް ވާތީ ދަނޑުތައް ބަލާލައި ތަޖުރިބާކޮށްލަން ވެސް މި ރަށް ރަނގަޅުވާނެ އެވެ.

View this post on Instagram

A post shared by Baa Goidhoo Water Sports (@baagoidhoowatersports)

ގޮއިދޫއަކީ މެހުމާންދާރީ ރަނގަޅު، ރީތި ގޮނޑުދޮށްތަކެއް އޮންނަ ރަށެކެވެ. ރީތި ކުޅިއެއް އޮވެ އެވެ. ވޯޓާ ސްޕޯޓްސްގެ އެކި ކަންކަން ކުރެވޭނެ ފުރުސަތުތަކާއި ފޮޓޯ ޝޫޓް ހަދާލުމުގެ ފުރުސަތު ވެސް މިރަށުން ފަސޭހައިން ލިބޭނެ އެވެ.

ތ ބުރުނީ

ބުރުނީގެ އެންމެ ހާއްސަ އެއް ސިފައަކީ އެރަށުގެ ރީތި މޫދާއި ބީޗް ތަކެވެ. މިރަށުގައި ވެސް ވޯޓާ ސްޕޯޓްސް ހިދުމަތް ލިބެން ހުރެއެވެ. އެހެންކަމުން އާއިލާއާ އެކު މަޖާ، ހިތްގައިމު ދަތުރެއް ހަދާލެވޭނެ އެވެ.

View this post on Instagram

A post shared by Visit Buruni (ބުރުނި) (@visitburuni)

އިންސްޓަގްރާމަށް ފޮޓޯ ނަގާހިތްވާ މީހުންނަށް ތަފާތު، ރީތި ފޮޓޯ ނަގާލެވޭނެ ގިނަ ލޮކޭޝަންތަކެއް މިރަށުން ފެންނާނެ އެވެ.

ހދ ނޮޅިވަރަމް

މިރަށުގައި ރީތި ކުޅިއެއް އޮވެއެވެ. އަތޮޅުގެ އެހެން ރަށްތަކަށްވުރެ ބިންބޮޑުވެފައި ނޭޗާ ފޮޓޯ ޝޫޓެއް ހަދާލަން ވެސް މި ރަށް ކަމުދާނެ އެވެ. އިރުއޮއްސޭ ގަޑީގައި މިރަށުން ފެންނަ ސަންސެޓް ތަފާތުވެފައި ހިތްގައިމުކަމަށް ޝާން ބުންޏެވެ.

ގއ ގެމަނަފުށި

މިރަށަށް ދާނަމަ ކައިރީގައި ހުންނަ ފަޅުރަށްތަކަށް ފަސޭހައިން ޕިކްނިކް ދަތުރު ވެސް ހަމަޖެއްސިދާނެ އެވެ. ގެމަނަފުށީގެ އައިކޮނިކް ބީޗްތަކުގައި އިންސްޓަގްރާމް ކޮށްލަން ރީތި ފޮޓޯ މިރަށުން ނަގާލެވޭނެ އެވެ. ގެމަނަފުށީގެ އެންމެ ހާއްސަ އެއް ސިފަ އަކީ މިރަށަކީ މުޅި ރާއްޖޭގެ ނިސްބަތުން ވެސް އެންމެ ކުށްކުރުން މަދު، މަސްތުވާތަކެތީގެ ނުފޫޒު ކުޑަ ރަށެކެވެ.

ހުވަދު އަތޮޅުގެ ރަށްތަކަށް ބަލާއިރު މެހުމާންދާރީ އާއި ހިތްހެޔޮކަމުގައި ވެސް އެރަށަށް ދާ މީހުންގެ ފަރާތުން ގިނައިން ތައުރީފު ލިބޭ ރަށެކެވެ.

ދ ރިނބުދޫ

ރިނބުދޫ އަކީ ރަންރިހީގެ މަަސއްކަތުގެ މަޝްހޫރު ރަށެކެވެ. އެހެންވީމާ އެކްސްޕްލޯކޮށްލައި ތަފާތު ތަޖުރިބާއެއް ބަލައިލަން މިރަށަކީ ރަނގަޅު ރަށެކެވެ.

މި ރަށުގައި އެހެން ރަށްރަށުން ފެންނަ ވަރަށްވުރެ ގިނައިން ރީތި ކުރެހުން އެޅި ފާރުތައް ހުރެއެވެ. ތަފާތު ރީތި ފޮޓޯ ނަގާލެވޭނެ ސްޕޮޓް ފެންނާނެ އެވެ.

އާއިލާއާ އެކު މޫދު މަޖާކޮށްލަން ވެސް މިއީ ހިތްގައިމު ރަށަކަށް ވާނެ އެވެ.

ހއ ވަށަފަރު

މިއީ ވެސް ހިތްގައިމު ބީޗްތަކެއް އޮންނަ ރީތި ރަށެކެވެ. ޗާލު ތުނޑިއެއް މިރަށުގައި އޮވެއެވެ. ނައިޓްފިޝިން އާއި ވޯޓާސްޕޯޓް ހިދުމަތް ލިބެން ހުންނާތީ އާއިލާއާ އެކު ހަނދާނުން ނުފިލާވަރުގެ މަޖާ ދަތުރެއް މިރަށުގައި ހޭދަކޮށްލެވޭނެ އެވެ.

ތާރީހީ ކަންކަމަށް ލޯބިކުރާ މީހަކަށް، މިރަށުގެ ތާރީހީ މިސްކިތަކީ ވެސް ބަލައި ތަޖުރިބާކޮށްލަން ކަމުދާނެ ތަނެކެވެ.

މިއީ ޝާންގެ ލިސްޓެކެވެ. ހުރިހާ ރަށެއްގެ ނަން މި ލިސްޓުގައި ނުހިމެނުނަސް، ރާއްޖޭގެ ކޮންމެ ރަށަކީވެސް ހާއްސަ ސިފައެއް ލިބިފައިވާ ހާއްސަ ރަށެކެވެ. ޝާން ބުނީ އޭނާގެ މި ލިސްޓެއްގައި މާލެއާ އެންމެ ކައިރީގައި ހުރި ރަށްތަކާއި އާންމުކޮށް ދަތުރު މަންޒިލްތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ރަށްރަށް ވީހާވެސް މަދުން ހިމަނަން މަސައްކަތްކުރި ކަމަށެވެ. އެހެންވީމާ، މިއީ ވެސް އެހީއެކެވެ. ފޫހިނުވެ، ނިކަން ދަތުރެއް ޕްލޭން ކޮށްލަބަލާށެވެ.

ދިވެހިރާއްޖެ

Popular