17 Jan 2023

ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރެވޭނެ؛ ލުއިކޮށްލާ!

By: Aminath Ibrahim

ކަސްރަތު ކުރުމުން ސިކުނޑީގައި "ހެޕީ ކެމިކަލް" ނުވަތަ އެންޑޯފިން ގިނައިން އުފައްދައިދެ އެވެ. ގަވާއިދުން ކަސްރަތުކުރުމުން މިޒާޖު އުފާވެރިކޮށް، ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭ މައިގަނޑު އެއް ސަބަބަކީ މިއެވެ. އެހެންވީމާ، ޕީރިއަޑް ދުވަސްވަރު ވެސް ކަސްރަތާ ދުރަށް ދިއުމުގެ ބޭނުމެއް ނެތެވެ. އެކަމަކު، ހޯމޯނާ އެކު ހަށިގަނޑަށް އަންނަ ބަދަލުތަކުން ޕީރިއަޑް ދުވަސްވަރު ކަސްރަތުކުރަން އުނދަގޫވެދާނެ އެވެ. މިކަމަށް އޮތް ގޮތަކީ، ޕީރިއަޑް ރަނގަޅުވަންދެން ބަރު ކަސްރަތާއި މީހާ މާ ބޮޑަށް ފުމެ، ދުވެ ކުރާ ކަސްރަތު ޕްލޭނުން އުނިކޮށްލުމެވެ.

ޕީރިއަޑް ދުވަސްވަރު ހަށިގަނޑަށް ބުރަ ނުވާ ގޮތަށް ލުއިކޮށް ކަސްރަތު ކޮށްލުމަކީ މޫޑު ރަނގަޅުވެ، ޕީރިއަޑްގެ ތަދަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެން އެހީތެރިވެދޭނެ ކަމެކެވެ.

ގިނައިން ލޭ އައިސް، ބޮޑަށް ތަދުވާ ނަމަ ހުއްޓާލަންވާނެ

މެޑިކަލް ވެބްސައިޓް، މަޔޯ ކްލިނިކްގައި ބުނެފައިވާ ގޮތުން، މާ ބޮޑަށް ވަރުބަލިވެ، ނުވަތަ އާދަޔާ ހިލާފަށް ލޭ އަންނަ ނަމަ ނުވަތަ ތަދު ބޮޑުވާ ނަމަ ކަސްރަތުކުރުން ހުއްޓާލަން ވާނެ އެވެ. އަދި ކުރާ ކަސްރަތުގެ ސަބަބުން ތަދު އިތުރު ވިޔަސް ހުއްޓާލުން މުހިންމެވެ.

ހެވީ ފްލޯ ދުވަސްތަކުގައި ލޭ އަންނަ މިންވަރު އަންދާޒާކުރާއިރު ޕެޑެއް އެއްކޮށް ތެމޭ ވަގުތު ބަލައިލެވިދާނެ އެވެ. ގާތްގަނޑަކަށް ގަޑި އިރެއް ތެރޭ ޕެޑު އެއްކޮށް ތެމޭ ވަރަށް ބްލީޑްވާ ނަމަ ކަސްރަތު ކުރާނެ ކަމެއް ނެތެވެ. ބައިގަޑިއިރު ތެރޭގައި ޕެޑެއް އެއްކޮށް ތެމޭ ވަރަށް ބްލީޑްވާ ނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ - އެވަރަށް ހެވީކޮށް ލޭ އައުމަކީ މައްސަލައެކެވެ.

އެންމެ ރަނގަޅީ ޔޯގާ ސްޓްރެޗްތަކާއި ހިނގުން

ޕީރިއަޑް ވާ ދުވަސްވަރު ކަސްރަތާ މުޅިން ދުރުވާން ބޭނުން ނުވާ މީހުންނަށް އެންމެ ރަނގަޅު އަދި އެންމެ ސޭފް އޮޕްޝަނަކީ ޔޯގާ އެވެ. ދުވާ މީހަކު ނަމަ، ދުވުމުގެ ބަދަލުގައި ހިނގުމަށް ސްވިޗްކޮށްލެވިދާނެ އެވެ. އެކަމަކު ޔޯގާގެ ސްޓްރެޗްތައް ހަދާއިރު އެކޮޅުކޮޅުން އޮވެގެން ކުރާ ކަސްރަތު އުނިކޮށްލަންވާނެ އެވެ.

ސަމާލުކަން ދޭންވީ ހަށިގަނޑަށް ބުރަ ނޫން، ލުއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށެވެ.

ކަސްރަތުކުރިޔަސް ޑައިޓް ނުކުރާތި

ޕީރިއަޑް ދުވަސްވަރު ސިއްހަތަށް ރަނގަޅު ކާއެއްޗެހި ކެއުމަށް އިސްކަން ދޭންވާނެ އެވެ. ހާއްސަކޮށް ދަގަނޑުގެ ބައި ގިނަ ކާއެއްޗެހި ކެއުމަށް އާދަކުރަން ވާނެ އެވެ. ކެއުމުގައި ހިމޮގްލޮބިން ގިނައިން ލިބިދޭ ގިނަ ކާނާގެ ތެރޭގައި ސްޕިނެޗް އާއި ރެޑް މީޓް ފަދަ ކާއެއްޗެހި ހިމެނުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެހެންވީމާ، ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރަން ކޮންމެހެން ބޭނުންވާނަމަ ކަސްރަތު ވެސް ކުރަންވީ އެވެ. އެކަމަކު އެންމެ އިސްކަންދޭންވީ ގަޑިން ގަޑިއަށް ކެއުމަށެވެ. ހަށިގަނޑު މާބޮޑަށް ވަރުބަލި ނުކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށެވެ.

ސިއްހަތު

Popular