މިހެން އާންމުކޮށް ކުންޏަށް އުކާލާ ބާވަތްތަކުގެ ތެރެއިން އޮރެންޖުގެ ތޮއްޓަކީ ގިނަ ބޭނުންތަކެއް ކުރެވިދާނެ އެއްޗެކެވެ. ހާއްސަކޮށް، މޭޒުމަތި ފޮޅައި ސާފުކޮށް ބަދިގޭގެ އެކިދިމާތައް ޑިސްއިންފެކްޓްކޮށް މީރު ވަސް ދުއްވަން ބޭނުން ނަމަ މިއީ ޖީބަށް ލުއި ފަސޭހަ ގޮތަކަށްވާނެ އެވެ. އަދި އެންމެ ބޮޑު އެއް ފައިދާއަކީ ގޭގައި ބޭނުންކުރާ ތަފާތު އެކި ބާވަތްތަކުގެ ކެމިކަލްތަކުން ދުރުވެ، "ޓޮކްސިކް ފްރީ" އުފެއްދުމަކަށް މި އުފެއްދުންވާނެތީ އެވެ.
އާންމުކޮށް ލިބެން ހުންނަ މިފަދަ ސާފުކުރާ ފުޅިތަކަކީ ވީއޯސީ އާއި މިނޫން ވެސް ބާވަތްތަކުގެ ކެމިކަލް ގިނަ އަދަދަކަށް އެކުލެވޭ އެއްޗިއްސެވެ. އެއާ އެހެންވެ މިފަދަ ސްޕްރޭތައް ބޭނުންކުރުމުން، ނޭވާލާ ނިޒާމުގެ އެކި ބަލިތަކަށް މަގުފަހިވުމާއި، އެލާޖިކް ރިއެކްޝަންތައް ކުރިމަތިވުމާއި، ބޮލުގެ ރިހުންތަކަށް މަގުފަހިވެ އެވެ.

އެހެންވީމާ، ގެއަށް ފަނިގިރަން ތި ގެންނަ އޮރެންޖް ތޮށިތައް އެއްކޮށް ބިއްލޫރި ޖަގަކަށް އަޅައި، ވިނެގާއާ އެއްކޮށް ދެ ހަފްތާވަންދެން ބަހައްޓާށެވެ. އޭގެ ފަހުން ތޮށިތައް ފުރާނާލުމަށް ފަހު ފެނާއި ވިނެގާ އެއްވަރަކަށް އަޅާށެވެ. ދެން ބިއްލޫރި ފުޅިއަކަށް އެ އަޅައި، ކާ މޭޒު މައްޗާއި ބަދިގޭގެ ކައުންޓަރުތައް ފަދަ އެކި ދިމާތައް ސާފުކުރަން މި ސޮލިއުޝަން ބޭނުންކުރެވިދާނެ އެވެ.
ވަރަށް ގިނަ އަދަދެއްގެ އޮރެންޖު އެއްކޮށް ބޭނުންކުރާ ނަމަ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެން ވެސް މި ސޮލިއުޝަން ބޭނުންކުރެވިދާނެ އެވެ. މި ސޮލިއުޝަން ސްޕްރޭކުރުމަށް ފަހު، މައިކްރޮފައިބާ ފޮތިކޮޅަކުން ސާފުކޮށްލަން ވަރަށް ފަސޭހަވާނެ އެވެ