މަހާ އަކީ މާސްޓާ ޝެފެއްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސެވެ. ކްރިއޭޓިވް ކަލިނަރީން ކަލިނަރީ އާޓްސް އެންޑް ކުޒީން އިން ޑިގްރީ ހާސިލް ކޮށް، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރަމުން އަންނަ މަހާ އަކީ ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. ރާއްޖޭގައި މިހާރު ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރޭގައި ހިމެނޭ ޝެފެކެވެ.
މިފަހަރު މަހާގެ އެހެން ހެޑްލައިނެކެވެ - ޝެފް މަހާ ނަސީރު، ހުޅަނގުގެ އެންމެ މަތީ ފަންތީގެ ޝެފުންނާ އެކު ގްލޯބަލް ޝޯއެއްގެ ފަނޑިޔާރުކަން ކޮށްފި އެވެ.

އެހެންވީމާ، މަހާ ހާސިލުކުރަމުން އެދަނީ ރާއްޖޭގައި ހުރެ ޝެފަކު އޭނާގެ ކެރިއަރާމެދު ދެކޭނެ ހުރިހާ ހުވަފެނެކެވެ.
މާސްޓާ ޝެފްގެ ލަގަބާއި މަހާގެ "ގްލޯބަލް ޝެފް ޗެލެންޖް" ޖާނީ
މާސްޓާ ޝެފްގެ ލަގަބަކީ ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީ އިން ވަކި ކަންތައްތަކަކަށް ބެލުމަށްފަހު ޝެފުންނަށް ދޭ ހާއްސަ ޝަރަފުވެރި ލަގަބެލެވެ. އެ ސޮސައިޓީ އަކީ ވޯލްޑް މާސްޓާ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަަމަ އެކަނި ސޮސައިޓީ އެވެ.
ދުނިޔޭގެ 50 ގައުމެއްގެ 200 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ އެ ސޮސައިޓީ އަކީ ހާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުން ތަމްސީލުކުރާ ބައެކެވެ. މާސްޓާ ޝެފް ގެ ލަގަބު މަހާއަށް ލިބުމާ އެކު އޭނާ ވެފައިވަނީ މި ކާމިޔާބީ ހާސިލްކުރެވުނު ފުރަތަމަ ދިވެއްސަށެވެ. އެހެންވީމަ އެއާ އެކު މަހާއަށް ހުޅުވިގެންދާނީ އިތުރަށް ކުރިއަށްދާނެ އެތަކެއް ފުރުސަތުތަކަކަށެވެ.

އިޓަލީގެ ރިމިނީގައި މިހާރު ކުރިއަށްދާ "ގްލޯބަލް ޝެފް ޗެލެންޖް" ގެ ސެމީފައިނަލް ގައި ދިވެހިންނަށް ފެނިގެންދިޔަ އެންމެ ޝައުގުވެރި އެއް މަންޒަރަކީ އެ މުބާރާތުގެ ސެމީފައިނަލްގެ ޖަޖުންގެ ޕެނަލުން މަހާ ފެނުމެވެ. ޔޫރަޕުގެ 40 ޓީމެއްގެ ސެފުން ވާދަކުރި ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި އޭނާ ފެނުނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޝެފުން ހިމެނުނު ފަނޑިޔާރުންގެ ޕެނަލުގަ އެވެ. ފައިނަލްގައި ފެންނާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަމަކު ޔަގީނުން ވެސް ރާއްޖެ ކަހަލަ ކުޑަ ގައުމަކުން މުޅި ދުނިޔެ ބަލާ ސްޓޭޖެއްގެ ފަނޑިޔާރު މޭޒާ ހަމައަށް ދެވުމަކީ ކުޑަ ކާމިޔާބީއެއް ނޫނެވެ.
މަހާ ދައްކަނީ ވެދާނެ ކަމެވެ. ކާމިޔާބީގެ އިމެއް، ލިމިޓެއް ނޯންނާނެ ކަމެވެ.