20 Mar 2023

ރޯދަ މަހު ތަޖުރިބާކޮށްލަން "ގުރުއާން ޖާނަލިން"

ރޯދަ މަހު ތަޖުރިބާކޮށްލަން "ގުރުއާން ޖާނަލިން"

By: Aishath Mihna Nasih

ޖާނަލިން އަކީ މިހާރު އަހަރެމެންނަށް އާ ކަމަކަށް ނުވާނެ އެވެ. އަމިއްލަ ޚިޔާލުތަކާއި ވިސްނުންތަކާއި އުދާސްތައް ލިޔެ ބޭރުކޮށް، އެކަންކަން އަމިއްލައަށް ވިސްނައި ދެނެގަތުމަށް ބޭނުންކުރާ މި އުކުޅަކީ ގިނަބަޔަކަށް އެއިން ލުއި ލިބޭ އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް ނަފްސާނީ ދުޅަހެޔޮކަން ލިއްބައިދޭ ކަމެކެވެ.

ހަމަ މިފަދަ ގޮތަކަށް މިފަހަކަށް އައިސް އަހަރެމެންގެ ތެރޭގައި މިހާރު ގިނަ ބަޔަކު ކުރަމުން އަންނަ އެއްކަމަކީ "ގުރުއާން ޖާނަލިން" އެވެ. މިއީ ކީރިތި ގުރުއާނާއި ތިމާއާ އޮންނަ ގުޅުން ވަރުގަދަކޮށްދީ، ގުރުއާނުގެ އާޔަތްތަކުގައިވާ ކަންކަން ތިމާގެ ދިރިއުޅުމާ ގުޅުވާލަދޭ އެންމެ ބޮޑު އެއް އެހީ އެވެ.

View this post on Instagram

A post shared by sacide | Quran student 🇲🇾 (@hertadabbur)

ގުރުއާން ޖާނަލިންއަކީ ކޮބާ؟

ގުރުއާން ޖާނަލިންއަކީ ގުރުއާނުގެ އާޔަތްތަކުގެ މާނަ ހޯދައި ބަލައި، އޭގެ ތަފްސީރަށް ވިސްނައި އަދި އެކަންކަމުގެ މައްޗަށް ރިފްލެކްޓްކުރުމެވެ. ނުވަތަ އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ގުޅުވައި ވިސްނުން ހިންގުމެވެ. މިކަމަށް ވަކި ހާއްސަ އުމުރެއް ނެތެވެ. އަދި މިކަން ކުރުމަށް ކޮންމެހެން އަރަބި ބަސް އެނގޭކަށް ވެސް ނުޖެހެ އެވެ. ކީރިތި ގުުރުއާނާއި، އެމީހަކަށް ފަސޭހައިން ކިޔައި ދޭހަވާނެ ބަހަކުން ލިޔެފައިވާ ތަރުޖަމާއަކުން ފުދޭނެ އެވެ. އަދި ގުރުއާނުގެ ތަފްސީރު ފޮތްތައް ހުރި ނަމަ އިތުރު އެހީއަކަށްވާނެ އެވެ. އެއަށްފަހު ބޭނުންވާނީ ޖާނަލް ކުރާނެ ފޮތެކެވެ. ބޭނުން ނަމަ މި ހުރިހާ ކަމެއް ޑިޖިޓަލްކޮށް ވެސް ކުރެވޭނެ އެވެ.

View this post on Instagram

A post shared by sacide | Quran student 🇲🇾 (@hertadabbur)

ގުރުއާން ޖާނަލްކުރާނީ ކިހިނެއް؟

މިކަން ކުރަން ފަށައިގަންނައިރު އެންމެ މުހިންމީ އެމީހެއްގެ ނިޔަތެވެ. މިކަމުން އެމީހަކު ހާސިލްކުރަން ބޭނުންވާ އަމާޒެވެ. ފަހަރެއްގައި އެއީ ގުުރުއާނުގައިވާ އެއްޗެއް އިތުރަށް އުނގެނުމެވެ. ނޫނީ އެއީ ގުރުއާނާ އޮންނަ ގުޅުން ވަރުގަދަކުރުމެވެ. ނޫނީ ތަފާތު ހަރަކާތެއްގެ ތެރެއިން އީމާންތެރިކަން ވަރުގަދަކުރުމެވެ. އެ ނިޔަތް އަބަދުވެސް ހަނދާން ބެހެއްޓުމުގެ ގޮތުން، ބޭނުންކުރާ ފޮތެއްގެ ފުރަތަމަ ސޮފްހާގައި ނަމަވެސް ނުވަތަ އަބަދުވެސް ފަސޭހައިން ފެންނަން ހުންނާނެ ދިމާލެއްގައި ބަހައްޓާށެވެ. އޭރަށް މިކަން ކުރަން ދަތިވެ، ދުރަށް ޖެހިލެވޭ ވަގުތުގައި ވެސް ހިތްވަރު ލިބޭނެ އެވެ.

View this post on Instagram

A post shared by Quran Journal ﷽ (@quranjournal)

ދެން އެއަށްފަހު އޮންނާނީ އާޔަތް އިހްތިޔާރުކުރުމެވެ. އެމީހެއްގެ ދިރިއުޅުމާ އެވަގުތަކު އެންމެ ގުޅޭ، އަދި އެންމެ ހިތްވަރު ލިބެން ބޭނުންވާ ކަމަކާ ގުޅޭ އާޔަތެއް އިހްތިޔާރު ކުރުމަކީ މިކަން ވީހާ ވެސް އިފެކްޓިވްކޮށް ކުރިއަށްގެންދިއުމަށް ލިބޭނެ އެހީއެކެވެ.

އެއަށްފަހު އެ އާޔަތަކާއި އާޔަތުގެ މާނަ ލިޔެލުމަށް ފަހު ރިފްލެކްޓްކުރަން ފަށާށެވެ. ރިފްލެކްޝަނެއްގައި ހިމަނާލެވޭނެ ބައިތަކަކީ މިއެވެ.

View this post on Instagram

A post shared by sacide | Quran student 🇲🇾 (@hertadabbur)

- މި އާޔަތުން އަހަންނަށް ދަސްވި ފިލާވަޅުތަކަކީ ކޮބާ؟ ނުވަތަ ލިބޭ އިބްރަތްތަކަކީ ކޮބާ؟

- ތަދައްބަރު ނުވަތަ އެނަލައިޒްކޮށް ފުންކޮށް ވިސްނުން. ނުވަތަ އާޔަތުގެ މާނައިގެ ހިކްމަތް

- އެކްޝަން ޕްލޭން. ހަޔާތުގައި މިކަންކަން އެޕްލައިކުރާނީ ކިހިނެއް؟

ޖާނަލްކޮށްގެން ލިބޭނެ ފައިދާއަކީ ކޮބާ؟

ގުރުުއާން ޖާނަލްކުރުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމް އިންފްލުއެންސަރުންގެ މެދުގައި މަގުބޫލުކަމެކެވެ. ގިނަބަޔަކު ބުނާ ގޮތުން މިއީ ދިރިއުޅުމުގެ ހަލަބޮލިކަމާއި ހައިޖާނުތަކުން އެކަހެރިވެލައި، ހިތްހަމަޖައްސާލައި، މީހާ ތާޒާވެގެންދާ ކަމެކެވެ. އަދި ހަމައެޔާ އެކު މިއީ، ގުުރުއާނުގައި ފޮރުވިފައިވާ އެތައް ޝައުގުވެރި ވާހަކަތަކެއްގެ ތެރެއަށް ފީނާލައި ހެއްދެވި ފަރާތާއި ދީނާ އޮންނަ ގުޅުން ވަރުގަދަ ވެގެންދާ ކަމެކެވެ.

ހަޔާތުގައި ދިމާވާ ކޮންމެ ދަތި އުނދަގުލަކަށް އަދި ނުތަނަވަސްކަން ލިބޭ ކޮންމެ ދަނޑިވަޅަކަށް ވެސް ގުރުއާނުގައި ފަރުވާއެއްވެ އެވެ. މި ރޯދަމަހު މިކަންކަން ބަލައި ހޯދާލަން ގުރުއާން ޖާނަލްއެއް ފަށަމާ ހިނގާށެވެ.

ޤުރުއާން

Popular