24 Mar 2023

ރޯދަމަހު ތައިރޮއިޑް ބޭސް ކާނީ ކިހިނެއް؟

ރޯދަމަހު ތައިރޮއިޑް ބޭސް ކާނީ ކިހިނެއް؟

By: Aminath Ibrahim

އެމެރިކަން ނެޝަނަލް އިންސްޓިއުޓް ފޯ ހެލްތް ގައި ބުނެފައިވާ ގޮތުން، ރޯދަ މަހާ ވިދިގެން، ތައިރޮއިޑް ބަލީގެ ބޭސް ކާ މީހުން ބޭސް ބޭނުންކުރާ ގޮތަށް ބަދަލުތަކެއް ގެންނާކަށް ނުޖެހެ އެވެ. އާންމު އުސޫލުން ބޭސް ބޭނުންކުރަމުން ހަށިގަނޑަށް ގެއްލުން ނުލިބޭގޮތަށް ގަވާއިދުން ރޯދަ ހިފޭނެ އެވެ.

ތައިރޮއިޑް ބަލި ހުންނަ މީހުންގެ ތެރެއިން ހައިޕޯތައިރޮއިޑިޒަމް ހުންނަ މީހުން ބޭސް ކާންޖެހޭނީ ހުސް ގޮހޮރާ ހުރުމަށްފަހު، ކެއުމުގެ ތިރީހަކަށް މިނިޓު ކުރިންނެވެ. ހައިޕާތައިރޮއިޑިޒަމް ހުންނަ މީހުން މެތިމަޒޯލް ނުވަތަ ކާބިމަޒޯލްގައި، ދުވާލަކު އެއްފަހަރު ނުވަތަ ދެ އިރު ކާންޖެހޭ ގޮތަށް ނަގައެވެ.

ތައިރޮކްސިން ނަގަން އެންމެ ރަނގަޅީ ކޮން ގޮތެއް؟

އައިޖީއެމްއެޗްގެ އެންޑޯކްރިނޮލޮޖިސްޓް، ޑރ. މުހައްމަދު ސިރުހާން ވިދާޅުވީ، ރޯދަމަހު ތައިރޮއިޑް ހޯމޯން ނަގަން އެންމެ ރަނގަޅު ގޮތަކީ، ކެއުމަށްފަހު މަދުވެގެން ތިން ގަޑިއިރު ހުސް ގޮހޮރާ ހުރުމަށްފަހު ބޭސް ކެއުމެވެ. އަދި ބޭސް ކެއުމަށްފަހު، ކާއެއްޗެއް ނުކައި މަދުވެގެން 30 މިނިޓު މަޑުކުރުމެވެ.

މި އުސޫލުން، ރޯދަ ވީއްލާ ވަގުތުގައި ބޭސް ކެވިދާނެ އެވެ. ނުވަތަ، ތަރާވީސް ދަމު ކެއުމަށްފަހު ނިދަން އޮށޯތުމުގެ ކުރިން ވެސް ބޭސް ނެގިދާނެ އެވެ. އަދި ހާރު ކާން ހޭލައިގެން ވެސް ބޭސް ބޭނުންކުރެވިދާނެ އެވެ. އެމީހަކަށް ފަސޭހަ ރޫޓިން އެއް ފޮލޯ ކުރުމުން ރަނގަޅުވާނެ އެވެ.

އިސްކަންދޭންވީ، ބޭސް ބޭނުންކުރުމުގެ ކުރިން ހުސްގޮހޮރާ މަދުވެގެން ތިން ގަޑިއިރު ހުރުމެވެ. އަދި ބޭސް ކެއުމަށްފަހު މަދުވެގެން 30 މިނިޓް ކޮށްފައި އެއްޗެއް ކެއުމެވެ.

ރޯދައަށް ހުރުމަކީ ގިނަ ފައިދާތަކެއް ހިމެނޭ ކަމެކެވެ. އެމެރިކަން ނެޝަނަލް އިންސްޓިއުޓް ފޯ ހެލްތްގައި ޝައިއުކޮށްފައިވާ ގޮތުން، ރޯދައަށް ހުރެގެން ނޯމަލް މީހެއްގެ ޓީ3 ޓީ4 އަދި ޓީއެސްއެޗް ލެވެލަށް މާބޮޑު ބަދަލުތަކެއް ނާދެ އެވެ.

ސިއްހަތު

Popular