30 Mar 2023

ބުލެޓަށް ނުފެނުނަސް، އެންމެންނަށް އޭނާ ފެނިއްޖެ!

By: Aminath Ibrahim

މުހައްމަދު ޒަޔާނުގެ އުމުރުން ދިހަބާރަ އަހަރުގައި ކުއްލިއަކަށް ލޮލުގެ ބޮޑު މައްސަލައެއް ދިމާވި އެވެ. ދެ ލޯ ފުސްވަމުން ގޮސް ނުވަދިހަ ޕަސެންޓާ ގާތަށް، ފެނުން ގެއްލުނެވެ. ކުރެވޭނެ ކަމެއް، ހޯދޭނެ ފަރުވާއެއް އޭރު ވުޖޫދަކު ނެތެވެ. ކުދިކުދިވި ހިތާ އެކު ކަރު އެލުވައިނުލީ މިންވަރަށް އީމާންވީތީ އެވެ. ހާސިލުކުރަން ބޭނުންވި ހުވަފެންތަކެއް ހުރީމަ އެވެ.

"ފެނުން ގެއްލުނީމާ ނުއެއް ކިޔެވުނު. ގުރޭޑް ނުވައަކާ ހަމައަށް ދިޔައިމަ ސްކޫލުން ބުނެފި ޖީސީ ހެދޭ ވަރަށްވުރެ މާ ދަށޭ. ދެން ޖެހުނީ ސްކޫލުން ވަކިވާން." ހިނިގަނޑަކާ އެކު ގޮނޑީގައި ހަމަޖެހިލަމުން ޒަޔާނުގެ ވާހަކަ އޭނާގެ އަސްލު މައުޟޫއަށް ވައްޓާލި އެވެ.

"އަހަރެން ތަންކޮޅެއް ކުޑައިރު ޝެގީގެ 'ވޮޒަންޓް މީ' އަޑު އިވުނީ. އެ އިވުނު ގޮތަށް ލަވަޔަށް މޮޔަވީ. ރެޕު ލަވަޔަށް ދެވި ހިފީ،"

އެ ދިޔަ ގޮތަށް ގޮސް ޅެމާއި ޅެންވެރިކަމާއި ރެޕަށް އޭނާގެ ހިތް ގެނބުނީ އެވެ. ސްކޫލް ނޯޓު ފޮތްތަކުގައި ފިލާވަޅަށްވުރެ ގިނައިން ލިޔެ އުޅުނީ ޅެމާއި ލަވައެވެ. ގުރޭޑް އަށެއްގައި ސްކޫލުގައި ހިންގި ޅެންހެދުމުގެ ކޯހެއްގައި ބައިވެރިވެގެން ފުރަތަމަ ދުވަހު ފެންވަރު ބެލި މުދައްރިސް ވަގުތުން ވަގުތަށް އޭނާ އަށް އޭ ފާހެއް ދީ، ކިޔަވައިދިނުމުގައި އަތްގާތްކޮށްދީ އުޅެން ދައުވަތު ދިނީ އުމުރާ ބަލައި ލައްކަ މޮޅުވީމައި ކަމަށް ބުންޏެވެ.

"ޅެންވެރިކަމަކީ އަހަރެންގެ ބޯން ޓެލެންޓެއް ކަންނޭނގެ. މަންމަ ކުރިން ލަވަ ލިޔެ ހެދި. ބައްޕަ ބޮޑުބެރު ޖަހައި ލަވަކިޔައި ހެދި. އެހެންވީމާ އަޑުއެހި ވަރަކަށް އޭގެ ޖޯޝު ގަދަ ވީ،" ޒަޔާނު ބުންޏެވެ.

ސްކޫލުން ކަނޑާލި ފަހުން، ހަދަމުންދިޔަ ރިސޯޓެއްގައި ބަގީޗާ ހައްދަން އުޅެފައި، ހދ. ނެއްލައިދޫ އަށް ގޮސް ކެފޭއެއްގައި ވެއިޓަރުކަން ނޫން އެހެން ހުރިހާ ރޯލެއް ކުޅެފައި ވެސް ހިފި ނުހުރެވިގެން މާލެ އައީ އެވެ. ހިތާއި ސިކުނޑީގައި ހިނގަނީ، ނަށަނީ އެންމެ ކަމެކެވެ. ދިވެހި ރެޕު ލަވައިގެ ދުނިޔޭގައި މީހުންނަށް ފެންނަ ވަރުގެ މީހަކަށް ވުމުގެ ގަސްދެވެ.

"އޭރު، ލަވަ އެއްޗެހި ލިޔުމުގެ ހުނަރު ހުންނަކަން ދަންނަން މީހުންނަށް އެނގޭ، އެ މީހުންގެ ފަރާތުން ކޮންމެވެސް ވަރަކަށް އެހެން މީހުންނަށް އެނގެން ފެށީމާ ހިންދީ ލަވަ ދިވެހިކުރަން ވެސް ލިބުނު. ޕެންޑެމިކް ތެރޭގައި އެގޮތަށް ވަރަށް ގިނަ ލަވަ ލިޔުނިން. އެކަމަކު އެއްވެސް މީހަކު އެ ރިލީޒެއް ނުކުރޭ. އެކަމާ ދެރަވެގެން، އަމިއްލަ އަށް ލަވައެއް ލިޔެގެން، ފޯނުން އެ ރިކޯޑުކޮށްގެން ޔޫޓިއުބް މިއުޒިކް ކޮޅެއް ހިމަނާފައި ލަވައެއް ހަދާފައި ޔޫޓިއުބަށް ލީ،" ޒަޔާނު ބުނަނީ އޭނާގެ ހަޔާތުގެ ކްލައިމެކްސް އަކީ މިއީ ކަމަށެވެ. ސުރުހީގައި އަޅާފައި އެވާ "ބުލެޓް" އުފަންވި ހިސާބަކީ މިއީ ކަމަށް ވާތީ ކަމަށް ވެސް ވެދާނެ އެވެ.

"ބުލެޓް" ނަމުގައި އަމިއްލަ އަށް ހަދައިގެން، ޔޫޓިއުބަށް އެފަހަރު އޭނާ ލީ އަށެއްކަ ލަވައެވެ. އެ ލަވަތަކުގެ ކޮލިޓީ މާ މޮޅު ނޫނަސް، ރާގާއި ލިރިކްސް އަޑުއެހި ކޮންމެ މީހަކު އޭނާއަށް ތައުރީފުކުރި އެވެ.

"ވަރަށް ބޭސިކްކޮށް ހަދާފައި ދޫކޮށްލި ލަވަތަކެއް އެއީ. އެކަމަކު ޅެން ހަދާފައި ހުންނާނީ ވަރަށް ރިލޭޓް ކުރެވޭ ކަހަލަ ޓޮޕިކް ތަކަކަށް. ފުރަތަމަ ލީ ރަހުމަތްތެރިންނާ ބެހޭ ލަވައެއް،" ޒަޔާން ކިޔައިދިނެވެ.

އޭގެ އަހަރެއް ފަހުން، މި އާޓިކަލް ލިޔަން ޒަޔާނު ހޯދަން ޖެހުނީ މި ކިޔައިދިން ހުރިހާ އުންމީދަކާއި ހުވަފެނެއް ކުލަވެގެން އެންމެންނަށް ޒަޔާން ނުވަތަ "ބުލެޓް" ފެންނަން ފެށީމަ އެވެ. ރާއްޖޭގެ ރެޕުގެ އުދަރެހުގެ ތަހުތުގައި އޮތް ސިމްބޮލިކުން މިދިޔަ މަހު ނެރުނު "ރާނީ" ލަވައިގައި ޓޯއީ އާއި ސިރާޖާ އެކު ތިންވަނައަށް ފީޗާކުރި އާޓިސްޓަކީ ޒަޔާނެވެ.

ޒަޔާން/ބުލެޓް

"އެއީ ވަރަށް އުފާވި ދުވަހެއް. ހުވަފެން ހަމަ އަސްލަށް ވެސް ހަގީގަތަކަށްވީ ދުވަސް އެއީ. މިހާ ދުވަސް ވީ އިރު މަންމަމެން ކައިރީ ވެސް ނުބުނަން ލަވަކިޔުމުގެ މި ޝައުގެއް މިވަރަށް ހުރެގެން މިހާ ހިސާބަށް އާދެވުނު ވާހަކައެއް. މަންމައަށް ނުވެސް އެނގޭނެ ލަވަ ކިޔާ ކަމެއް ވެސް. ރަނގަޅު ހިސާބަކަށް އާދެވުނީމަ ސަޕްރައިޒެއް ދޭން މަޑުކޮށްގެން މި ހުރީ،" ޒަޔާން ބުންޏެވެ.

"މިހާރު އެދުވަސް އެކަމަކު މިއޮތީ އައިސްފައި. މި އާޓިކަލުން މަންމަ ސަޕްރައިޒްކޮށްލަން ބޭނުންވަނީ،"

އިންޓަވިއުގެ މިހާ ހިސާބުން އޭނާ ދިނީ ވަރުގަދަ މެސެޖެކެވެ. މީހެއްގެ ނުކުޅެދުންތެރިކަމަކީ އުނި ކަމެއް ކަމުގައި ނުބެލުމަށެވެ. ހުނަރާއި އަހުލާގު ފާހަގަކުރުމަށް އެދުނެވެ. އެއްވެސް މީހެއްގެ ގާބިލުކަން އެމީހަކަށް ލިބިފައިވާ ނުކުޅެދުންތެރިކަމަށް ލިމިޓު ނުވާނެ ކަމަށް ވެސް ބުންޏެވެ.

ޒަޔާން ވަނީ ސިމްބޮލިކުން އެންމެ ފަހުން ނެރުނު "ފަސް ތަރީގެ ލަޝްކަރީން" ގައި ވެސް ފީޗާކޮށްފަ އެވެ. އެ ލަވައަށް ވެސް ވަރުގަދަ ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

Popular