14 May 2023

By: Aishath Mihna Nasih

މަންމައަކަށް ވުމަކީ އެމީހެއްގެ ހުރިހާ އުފާތަކާއި ހުވަފެންތަކާއި އުންމީދުތައް ދޫކޮށްލަންޖެހޭ ކަމެއް ހެއްޔެވެ؟

މަންމައަކަށްވުމަކީ މިފަހަކަށް އައިސް ބައެއް މީހުން އެހާ ގަޔާވާ ކަމަކަށް ނުވެ އެވެ. ނިކަން ލޯބިން ކައިވެންޏެއްކޮށް، ބޮޑު ހަފްލާއެއް ބާއްވައި ދުނިޔެ ވަށައި ދަތުރުކޮށް ބަކެޓް ލިސްޓުގެ ހުރިހާ ކަމެއްގައި ހެޔޮ ފާހަގަލިޔަސް، ދަރިއެއް ހޯދުމަކީ ކުރަން ފަސްޖެހޭ ކަމަކަށްވެއްޖެ އެވެ.

ފަހަރެއްގައި، އުފުލަން ހުރި ޒިންމާތައް ބޮޑީ ކަމަށް ވެދާނެ އެވެ. ނުވަތަ އެވަރުގެ މަތިވެރި މަސްއޫލިއްޔަތެއް އުފުލަން ޖެހިލުންވަނީ ކަމަށް ވެސް ވެދާނެ އެވެ. ނޫން ނަމަ، ދަރިއަކާ އެއްކޮށް ތިމާގެ މުޅި ހަޔާތް ބަދަލުވެދާނެހެން ހީވެ އެކަން ކުރަން ބޭނުންނުވަނީ އެވެ.

މި ހުރީ މުޅިން ވެސް ވެދާނެ ކަންކަމެވެ. ނަމަވެސް، މަންމައަކަށް ވުމަކީ ފަސޭހަކަމެއް ނޫނެވެ. މައްސަލައަކީ، މަންމައަކަށްވުމުން ތިމާގެ ހަޔާތަށް އެ އަންނަ ބަދަލަށްވުރެ އެހެން މީހުން ތިމާއާ ދޭތެރޭ ދެކޭ ގޮތް ކަމަށް ވެސް ވެދާނެ އެވެ.

މަންމައަކަށްވުމުން ފަހަރެއްގައި ކުރިން އުޅުނުހެން ކޮންމެ ރެއަކު ކޮފީއަކަށް ނުދެވިދާނެ އެވެ. ބޭނުން ކޮންމެ އިރަކު ރަށްޓެހިންނާއެކީ ކާން ނުވަތަ ފިލްމެއް ބަލަން ނުދެވިދާނެ އެވެ. ގުޅާ ކޮންމެފަހަރަކު ފޯނު ނަގައި، ކޮންމެ ގްރޫޕް ކޮންވަޒޭޝަނަކަށް ރިޕްލައި ނުކުރެވިދާނެ އެވެ. އެކަމަކު އެއީ ރައްޓެހިންގެ ޕްލޭންތަކުން އެމީހަކު ބާކީކޮށްލައި އެކަހެރިކުރަންޖެހޭވަރުގެ ކަމެއް ނޫނެވެ.

މަންމައަކަށްވުމަކީ ހަމަ ހަގީގަތުގައިވެސް ދިރިއުޅުން ބަދަލުކޮށްލާކަމެކެވެ. ގޯސް ގޮތަކަށް ނޫނެވެ. ހެޔޮ ގޮތަކަށެވެ. ތުއްތު ދަރިފުޅާއެކު ދިރިއުޅުމަށް އާ އުންމީދެއް އާ ސަބަބެއް ލިބިދެއެވެ. އެ ދަރިފުޅު ފިރުކި، ފުރަތަމަ ފިޔަވަޅު އަޅައި އަދި ފުރަތަމަ ބަސް ބުނެ މިހެން ތަޖުރިބާކުރާ ކޮންމެ އާ ކަމަކާ އެކު ބޮޑު ޓްރޮފީއެއް ލިބޭ ކަހަލަ އެވެ.

ޒުވާން އުމުރުގައި މަންމައަކަށްވުމަކީ އެމީހެއްގެ މަތީ ތައުލީމާއި، ވަޒީފާގެ ކުރިމަގަށް އެޅޭ ހުރަހެއްކަމަށް ބުނެ ބައެއްފަހަރު މައިން މާޔޫސް ކުރެވެ އެވެ. އެކަމަކު އާއިލާ އާއި ރަހުމަތްތެރިންގެ އެހީ ލިބޭ ނަމަ އެއީ ނުވާނެ ކަމެއް ހެއްޔެވެ؟ އަތްފޯރާ އަގުތަކެއްގައި ޑޭ ކެއާގެ ޚިދުމަތްތައް ތައާރަފްވެއްޖެ ނަމަ ކޮންމެ މަންމައަކަށް ވެސް ބޭނުން ނަމަ ވަޒީފާތަކަށް ދެވޭނެ އެވެ. ދަރިފުޅު ބަލިވެ އުޅޭއިރު އާއި އެނޫންވެސް ކުއްލި ކަންކަމުގައި ލުއި ފަސޭހަ ގޮތްތައް ނުވަތަ ދަރިފުޅަށް ވަގުތު ދެމުން ވެސް ނުވަތަ ދަރިފުޅާ އެކީ ގޭގައި ހުރެގެން ވެސް މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމްތަކާއި، ޕާޓްޓައިމް ވަޒީފާތައް ހުންނަ ނަމަ މަންމައިން ޑިގްރީ ސެޓްފިކެޓާއި މާސްޓާޒް ނަގައިގެން ގޭގައި ނުތިބޭނެ އެވެ.

ދުނިޔެ ތަހުޒީބުވެއްޖެ އެވެ. މިކަންކަން ކޮށް ކުރެވޭނެ ކަމުގެ މިސާލުދައްކަ އެވެ. ނަމަވެސް އަހަރެމެންގެ ވެށި އަދި މި ކަންކަމަށް އާވެގެން އުޅެނީ ކަމަށް ވެދާނެ އެވެ.

ވަޒީފާއަށް ދިއުމާއި ނުދިއުމަކީ އެމީހެއްގެ އިޚްތިޔާރެކެވެ. ނަމަވެސް އެކަން ނުވާނެއޭ ބުނެ މާ ކުރިން ގޮތްނިންމައި އެހީތެރިކަމެއް ނުދީ ނުވަތަ އެކަންކަން ވާނެގޮތަށް މަގުފަހި ނުކުރުމަކީ މަންމައިންގެ މައްސަލައެއް ނޫނެވެ.

ގޭގައި އިންނަ ނަމަ ކަންނެތީ އެވެ. ކިޔެވި ކިޔެވުން ބޭކާރުކޮށްލީ އެވެ. ވަޒީފާއަކަށްދާ ނަމަ ދަރިފުޅު އެއްލައިލީ އެވެ. ދަރިފުޅަށްވުރެ އަމިއްލަ އެދުން އިސްކުރަނީ އެވެ. ދެކަން އެއްކޮށް ކުރަން އެހީތެރިއަކު ހޯދާނަމަ ދަރިން ބަލައިބޮޑުކުރުމުގެ ޒިންމާއިން ރެކެން އުޅެނީ އެވެ.

ކުށް ދެއްކުމާއި ޝަކުވާ އާއި ޖަޖުކުރުމެވެ.

މިއަދުގެ މުޖްތަމައުގައި މަންމައަކަށް ވުމަށްވުރެ ނުވުން ވެސް އެއްބަޔަކަށް މާ ރަނގަޅީ ފަހަރެއްގައި މި ސަބަބުތަކަށްޓަކައެވެ. ދަރިފުޅު ބަލައި ބޮޑުކުރާނެ ތަނަވަސް ބޯހިޔާވަހިކަމާއި ލިބޭހާ ލާރި ކުއްޔަށް ދައްކައިގެން ރަނގަޅު ތައުލީމެއް ހޯދައިދޭން އެ ވާންޖެހޭ ގުރުބާނީ އާއި މުޖްތަމައުގެ މަތީ "ސްޓޭންޑެޑަށް" ފެތެން އެ ކުރަންޖެހޭ މަސައްކަތް މާ ބުރައީ އެވެ.

މައްސަލައަކީ މަންމައެއް ނޫނެވެ. އެ މަންމަގެ ވަށައިގެންތިބި މީހުންނެވެ. އެ މަންމަ ދިރިއުޅޭ މުޖްތަމައެވެ. އެ މުޖްތަމައުގެ ކަންކަން ނިންމާ އިސްވެރިންނެވެ. އަހަރެމެންނެވެ. އަހަރެމެންގެ ވިސްނުމެވެ.

ގޭގައި އިނަސް، ވަޒީފާގައި ހުއްޓަސް، ދަރިފުޅަށް އަޅާލައި ލޯބިދޭ، ވަގުތު ދޭ މަންމައިންނާއި ދުރުގައި ތިބެގެންވެސް ދަރިފުޅަށްޓަކައި އެތައް ގުރުބާނީއެއް ވާ މަންމައިންނާއި މަންމައެއްގެ ޒިންމާ އުފުލަމުން އަންނަމ މީހުންނާއި މަންމައަކަށް ވިޔަސް ތުއްތު ދަރިފުޅު ދުރުގައިވި އެންމެހާ މައިންނަށް މަންމައިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular