21 May 2023

By: Aishath Mihna Nasih

ކައްކާއިރު ހިތު ހިސާބަށް މިންކޮށްގެން އެކި ބާވަތްތަކުން ރަހަ ހެޔޮވަރުކުރުމަކީ އަހަރެމެން ވަރަށް ގިނައިން ކުރާ ކަމެކެވެ. ކައްކާކައްކާ އާދަވާއިރު ކޮންމެ ފަހަރަކު މޭޒުމަތީ ސަމުސަލެއް ނުވަތަ ސައިސަމުސަލެއް ނަގައިގެން އެ ސަކަރާތްޖަހަން ފަރުވާ ނުބެހެއްޓެނީ އެވެ. އެކަމަކު، މިހެން އުޅޭއިރު މާ ގިނައިން ލޮނު އެޅިގެން ލަނޑުލިބުން ވެސް މަދެއް ނޫނެވެ.

އާންމުކޮށް މިހެން ދިމާވުމުން ކުރެވިދާނެ އެންމެ ފަސޭހަކަމަކީ އެ ކައްކަމުންދާ އެއްޗެއް ގިނަކޮށްލުމެވެ. މިސާލަކަށް ރިހަ ކައްކަމުންދާނަމަ ކިރާއި، ފެން ، އަދި ހަވާދުކޮޅެއް އަޅާ ގިނަކުރެވިދާނެއެވެ. ސޫޕްފަދަ ބާވަތެއްނަމަ ފެން ފޮދެއް ނުވަތަ ލޮނު ނުހިމެނޭ ޗިކަން ސްޓޮކް ފަދަބާވަތެއް އިތުރުކުރެވިދާނެއެވެ. މި ނޫނަސް ފަސޭހައިން ލިބެންހުރި ދެތިން ބާވަތެއް ބޭނުންކޮށްގެން ލޮނު މަޑުކުރެވެން އެބައޮތެވެ. މި ހިމަނާލަނީ އެކަހަލަ ދެތިން ޓިޕްސް އެވެ.

1. އެސިޑްގެ ބާވަތެއް އިތުރުކޮށްލުން

މުގުރިހަ، ހިކިކޮށް ތައްޔާރުކުރާ ތަރުކާރީގެ ބާވަތެއް ނުވަތަ މަސްހުނިގަނޑެއް ނަމަވެސް ލޮނުރަހަ މާ ގަދަހެން ހީވާނަމަ ލުނބޯހުތްކޮޅަކުން މިކަން ރަނގަޅުކުރެވިދާނެ އެވެ. ލުނބޯނެތް ނަމަ ކުޑަ އޮރެންޖް ދިޔަފޮދެއް ނުވަތަ ވިނެގާ، އެޕަލް ސައިޑާ ވިނެގާ ފަދަ ބާވަތެއް ވެސް އިތުރުކުރެވިދާނެ އެވެ. ނޫންނަމަ ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ޕިއުރީ ޓޮމާޓޯ ސޯސް ފަދަ ބާވަތްތަކަކީވެސް މިފަދައިން ލޮނުރަހަ މަޑުކޮށްދޭނެ ބާވަތްތަކެކެވެ.

2. ކްރީމް ، ޗީޒް، ކިރު

މަޝްހޫރު ކުކިން ޝޯ "ޗޮޕްޑް" ގައި، ލޮނު މަޑުކުރުމުގެ ގޮތުން ޗެފް މާކް މެރަން ބޭނުންކުރި އުކުޅަކީ ގިނަބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. މިގޮތުން އެއްވެސް ބާވަތެއްގެ ސޯސްއެއް ތައްޔާރުކުރާއިރު މާ ބޮޑަށް ލޮނުގަދަވެއްޖެ ނަމަ އެންމެ މޮޅުގޮތަކީ ކުޑަ ޔޯގަޓްކޮޅެއް އިތުރުކޮށްލުމެވެ. ޔޯގަޓްގެ ކްރީމީކަމާއި އެ ހުންނަ ހުތް ރަހައިން ލޮނު ރަހަ ކުޑަކޮށް ކޮންޓްރޯލްކޮށް، ސޯސްވެސް އިތުރަށް ފުރިހަމަ ވެގެންދާނެ އެވެ.

އެއާއެކު، އެކި ބާވަތްތަކުގެ ޗީޒްއާއި، ސޭންޑްވިޗް، ސެލެޑް ނުވަތަ ސަލްސާ ފަދަ ބާވަތްތައް ތައްޔާރުކުރާއިރު މާ ލޮނުގަދަވެއްޖެ ނަމަ އެވަކާޑޯ ބޭނުންކުރުމުން ވެސް މި ރަހަ ކޮންޓްރޯލް ކުރެވިދާނެ އެވެ.

3. ސްޓާޗްގެ ބާވަތެއް އިތުރުކޮށްލުން

އަހަރެމެން އެންމެ ގިނައިން ކައްކާ ރިހަައިގައި މާ ލޮނުގަދަވެއްޖެނަމަ އަބަދުވެސް ކުޑަ އަލުވިކޮޅެއް އަޅާލާށޭ ބުނާއަޑު އިވެއެއް ނޫންހެއްޔެވެ. އެއީ މިހެންވެއެވެ. މި އަލުވިން ލޮނުތައް ދަމައިގަނެ އަދި ސްޓާޗް ބޭރުކުރާނެއެވެ. އެހެންކަމުން ކައްކާ ނިމުމުން ެއ އަލުވިކޮޅު ކެއުމުގައި ބޭނުންކުރުމަކީ އަދި އެންމެ ބުއްދިވެރިގޮތަކަށް ނުވެދާނެއެވެ. މި ނޫނަސް، ޕާސްޓާ، ބަތް، ކީނުއާ، ކުސްކުސް ފަދަ ބާވަތްތައް އިތުރުކޮށްލުމުން ނުވަތަ އެފަދަ ބާވަތަކާއި އެއްކޮށްފައި ކާ ނަމަ ލޮނުރަހަ ކުޑަވާނެކަން ސަމާލުގައި ބަހައްޓަންވާނެ އެވެ.

މި ނޫނަސް، ލޮނުމަޑުކުރަން އެކި ކެއްކުންތެރިން ބޭނުންކުރާ ތަފާތު އުކުޅުތަކެއް ހުރެ އެވެ. ކައްކާއިރު އެންމެ ރަނގަޅީ މަޑުމަޑުން ލޮނު އިތުރުކުރަމުން ދިއުމެވެ. ހުރިހާ ލޮނެއް އެއްފަހަރާ އަޅައިފިނަމަ މިކަހަލަ ލަނޑުތައް ލިބުން ވަރަށް ގާތެވެ. އެއާއެކު އެމީހަކު ބޭނުންކުރާ ލޮނުގެ ބާވަތަކީވެސް ފަހަރެއްގައި އޭގެ ޒާތުގައި ލޮނުކަން ގަދައެއްޗަކަށްވެސް ވެދާނެއެވެ. އެހެންކަމުން ވަކި ރެސިޕީއެއް ބަލަމުންދާނަމަ އެކަން ޔަގީންކޮށްލަންވާނެ އެވެ. މީގެއިތުރުން ބައެއްފަހަރު ތައްޔާރުކުރި އެކި ބާވަތްތަކުގެ ހަވާދާއި، ސޯސްއާއި ބޭނުންކުރާއިރު އޭގައި ލޮނު އެކުލެވޭ މިންވަރަށްވެސް ބަލާލުން ރަނގަޅުވާނެއެވެ.

ތިގޭގައި ލޮނުމަޑުކުރަން ކުރާ ކަމެއް އަޅެ ނިކަން ބުނެބަލާށެވެ.

Popular