31 May 2023

ދަރިންނަށް މަސައްކަތް ދަސްކޮށްދޭން މި ބައްޕަގެ ފޯމިއުލާ ކާމިޔާބު

By: Aminath Ibrahim

ފޭސްބުކުން ދެ ދުވަހެއް ކުރިން ދުށް ވީޑިއޯއެކެވެ. ކުޑަ ދެ ފިރިހެން ކުދިން ވާދައަށް މަސް ކަނޑަނީ އެވެ. ހަލުވިކޮށެވެ. ފާޑުވެރިކަން ހުއްޓެވެ.

އެ ވީޑިއޯ ފޭސްބުކަށް ލީ އެތަނުން އެއް ކުއްޖެއްގެ ބައްޕަ، ވޭވަށު އަބްދުﷲ ފައިސަލް (ތުއްތުބެ) އެވެ. ވީޑިއޯ އިން ފެންނަ އޭނާގެ ފިރިހެން ދަރިފުޅަށް 13 އަހަރެވެ. ދެން ވެސް ހުރީ ހަމަ އެ ފުރައިގެ ކުއްޖެކެވެ. ދެ ކުދިން މަސް ކަނޑަމުން ދިޔަ ސްޕީޑުން، އެއީ ގިނަ ދުވަހުން ފައްކާވެފައިވާ ހުނަރެއްކަން އެނގެ އެވެ.

އެ ދެކުދިންނާ ބެހޭގޮތުން ތުއްތުބެ އަށް ގުޅައިގެން ސުވާލުކޮށްލުމުން ނިއުޅުވައިލީ ކުދިން މަސައްކަތަށް ލޯބިކުރާ، މުރާލި ބަޔަކަށް ހަދަން އޭނާ ބޭނުންކުރި ކާމިޔާބު ފޯމިއުލާ އެވެ. ހުރިހާ ތަފްސީލަކަށް ދިއުމުގެ ކުރިން މި ދައްކަން އުޅޭ ވާހަކައެއް ސާފުކޮށްދިނުމުގެ ގޮތުން ބުންޏެވެ.

"އިއްޔެ އަކީ އަހަރެންގެ ދޮށީ އަންހެން ދަރިފުޅުގެ އުފަންދުވަސް. އޭނާގެ އުފަންދުވަހުގެ ހަދިޔާއަކަށް އަހަރެންގެ ނުވަ އަހަރުގެ އީޝަލް ދިނީ 55 ރުފިޔާގެ ސެންޓުފުޅިއެއް. އެ ފުޅި ހަދިޔާކުރި ވަގުތު ދޮށީ އަންހެން ދަރިފުޅުގެ ލޮލުން ކަރުނަ އައި. ސަބަބަކީ، އެ 55 ރުފިޔާ އަކީ އީޝަލް އަމިއްލައަށް މަސައްކަތް ކޮށްގެން ދާ އޮހޮރުވައިގެން ހޯދި ފައިސާއިން ގަނެފައި ދިން ހަދިޔާއެއް. މި ބުނަން އުޅެނީ، ކުޑަ ކުއްޖަކަސް، އެކުއްޖާ ލައްވައި މަސައްކަތެއް ކުރުވައިފި ނަމަ އޭގެ ހައްގު އަގު ދިނުމަކީ މުހިއްމު ކަމެކޭ. އެއީ ކޮންމެހެން ރުފިޔާ އަށް ވާކަށް ވެސް ނުޖެހޭ،"

ފަންސާސް ފަސް އަހަރުގެ ތުއްތުބޭގެ ހަތަރު ދަރިން ތިބެ އެވެ. އޭނާ އަކީ ވޭވަށުގައި ފުޅާކޮށް މަސް ކައްކައި ހިއްކުމުގެ ވިޔަފާރިކުރާ މީހެކެވެ. މަސައްކަތްތެރިއެކެވެ. އަހަރުތަކެއް ވަންދެން ކިޔަވައިދިން މުދައްރިސެކެވެ.

ތުއްތުބޭގެ ދެމަފިރިންނާއި ހަގު ދެ ދަރިން - ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމަކީ ތުއްތު ގެންގުޅޭ ފިލޯސަފީއެއް

ކުދިންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމަކީ އޭނާގެ ތަރުބިއްޔަތު ކުރުމުގެ ސްޓައިލްގެ އެންމެ ބޮޑު އެއް ބައެވެ.

"ވީޑިއޯ އިން ފެންނަ އިޒާނު ތަންކޮޅެއް ކުޑައިރުއްސުރެ ވަޑާމުގެ މަސައްކަތްކުރާއިރު ބައިވެރިކުރަން. މޮހޮރު ޖަހަން ދަސްވުމުން އެކަން ސެލެބްރޭޓް ކުރިން. ކުއްޖާ މޮޅުކަމެއް ކުރީމާ އެކަން ޑިސްޕްލޭކޮށްފި ކަމަށް ވަންޏާ އެ ފެންނަ ކޮންމެ މީހަކު ތައުރީފުކުރަމުން ދާނެ. އެއީ ކުއްޖާއަށް ލިބޭ ރިވޯޑެއް. ތަރުހީބު ލިބޭ ވަރަކަށް ކުއްޖާ އެ ކަމެއް ދެކެ ލޯބިވާނެ. އިތުރަށް ކުރާހިތްވާނެ. ކުދިން މަސައްކަތަށް ހޭނުވޭނީ ތަރުހީބު ދީގެން، ލޯބި ދީގެން،" ތުއްތު ބުންޏެވެ.

މި ގޮތަށް ވިސްނުން ހުންނާތީ، ރަށުގައި އޭނާ ކުރާ މަސްވެރިކަމުގެ މަސައްކަތްތަކުގައި ކުއްޖަކު އަމިއްލައަށް އަތްގާތްކޮށްދޭން ބޭނުންވެގެން އައިސްފި ނަމަ އެ ކުއްޖަކަށް ކުރެވޭނެ ވަރުގެ މަސައްކަތެއް ދެއްކުމަށް ފަހު އެއަށް އެކަށޭނަ އުޖޫރައެއް ދިނުމުގެ އުސޫލެއް ވެސް އޭނާ ގެންގުޅެ އެވެ. އޭނާގެ ދަރިންނަށް ވެސް އެ ފުރުސަތު އެގޮތަށް ދެ އެވެ.

ނުވަ އަހަރުގެ އީޝަލް މަސް ކަނޑަނީ

"ދުވާލަކު ގިނަވެގެން ތިން ކުދިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެނީ. ކުޑަ ކުދިން ވީމާ އެކުދިން ކުރާ ކަމެއް ވަރަށް ރަނގަޅަށް ބަލަހައްޓަން ވެސް ޖެހޭނެތީ އެގޮތަށް ހަދަނީ. އެ ފުރުސަތު ދޭތީ ވަރަށް ގިނަ ކުދިން ބޭނުންވާނެ އެގޮތަށް އައިސް މަސައްކަތް ކުރަން، އެއީ ވެސް ކުދިން މަސައްކަތްކުރުމަށް ލޯބިޖައްސަން ކުރާ ކަމެއް،" އޭނާ ބުންޏެވެ.

ކުދިންނަށް ހުނަރާއި މަސައްކަތް ދަސްކޮށްދިނުމަކީ ގިނަ ދުވަހުން ހާސިލްކުރެވޭ ކާމިޔާބީއެއް ކަމަށް ބުންޏެވެ. އަމަލީ މަސައްކަތުގެ ތަޖުރިބާ ދިނުމުގެ ކުރިން ކުޅުމުގެ ތެރޭން ކުއްޖާއަށް ދަސްކޮށްދެވިދާނެ ކަންތައްތަކެއް ވެސް ތުއްތު ފާހަގަކުރި އެވެ.

އިޒާން ކުރި ވަޑާމުގެ މަސައްކަތަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

"މިސާލަކަށް ބިލްޑިން ބްލޮކްސް ބޭނުންކޮށްގެން އެއްޗެހި ހެދުން ކަހަލަ ކުޅުން. ކަރުދާސް ގަނޑެއްގެ އޭރިއާ ދައްކާފަ އެ ގަނޑު ފިލް ކުރަން ކިތަށް ބްލޮކްސް ތޯ ބޭނުންވާނީ. ކުއްޖާ އެންމެ ކުޑައިރު އެކަހަލަ ގޮތަކަށް ކުޅުމުގެ ތެރޭން ދަސްކޮށްދިނުމަށް ފަހު، ދެން މިސާލަކަށް އެ ކުއްޖާ ގެންގޮސް ވަޑާމުގެ މަސައްކަތެއް ދެއްކީމާ އެބަ އެނގޭ އެ ލޮޖިކް އަސްލު ދިރިއުޅުމުގަ ވޯކް ކުރާ ގޮތް،" ތުއްތު ކިޔައިދިނެވެ.

ތުއްތު ބުނާ ގޮތުން މަސައްކަތަށް ކުދިން ހާނުވާއިރު ހެދޭ އެންމެ ބޮޑު އެއް ގޯހަކީ، މަޖުބޫރުކުރުވުން ކަމަށެވެ. ތަކުރާރުކޮށް ބުނެ ކިޔައިގެން ކަންކަން ކުރުވުމުން އެ ކަމެއް ދެކެ ކުދިން ފޫހިވާނެ ކަމަށް ބުންޏެވެ.

އީޝަލް އާއި އިޒާން މަސައްކަތުގައި

"ކިޔެވުން ވެސް ހަމަ އެހެން. ކަމެއް ކުރަނިކޮށް ފޫހިވެއްޖެ ނަމަ އެހެން ކަމަކަށް ޝައުގުވެރިކަން ޝިފްޓު ކޮށްލުމަކީ ރަނގަޅު ގޮތެއް. ދެން މި އަންނަނީ ކުއްޖާ ރަނގަޅަށް ކުރާ ކުދިކުދި ކަންކަން ވެސް ފާހަގަކޮށް ހިތްވަރު ދިނުން. މި ދެގޮތަށް ވިސްނުމާ އެކު ކުދިންނަށް އަމަލީ ގޮތުން މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ކުޑައިރުއްސުރެ ދިނުމަކީ މުހިއްމު ކަމެއް." ތުއްތު ބުންޏެވެ.

ވާހަކަ ކުރުކޮށްލަމުން އިޒާން އާއި އިތުރު ކުއްޖަކު މަސް ކަނޑަނިކޮށް ފެންނަ ވީޑިއޯއަށް ނިސްބަތްކޮށްފައި ތުއްތު ބުންޏެވެ. މަސް ކަނޑަން މޮޅު ވަރަށް ކުރާ އެހެން މަސައްކަތްތައްކުގައި ވެސް އިޒާން ހަމަ އެހާ މޮޅޭ އެވެ. ނުވަ އަހަރުގެ ކުޑަ އަންހެން ދަރިފުޅު ވެސް ހަމަ އެގޮތް ކަމަށް ވެސް ބުންޏެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular