6 Sep 2023

By: Aishath Mihna Nasih

ފަތިހު ހޭލިއިރު އެހެން ދުވަސްތަކާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އާ ދުވަހެކެވެ. ގައިގައި ވަރު ހުއްޓެވެ. ރަނގަޅު ސަޔަކުން ދުވަސް ފަށައި އޮފީހުގެ ކަންކަން ވެސް ދިޔައީ ނުލާހިކު ރަނގަޅަށެވެ. ހެނދުނުގެ މަސައްކަތްތައް ނިންމާލައި ދެތިން ބައްދަލުވުން ނިންމާލެވުނުއިރު ގައިން ވަރުދާން ފަށައިފި އެވެ. ވަރުބަލިވެ ޖައްސާލަން ބޭނުންވެއްޖެ އެވެ. މަސައްކަތްކުރާ މޫޑު ގޮސް، އެކަނިވެލާހިތް ވާން ފަށައިފި އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ކުއްލިކުއްލިއަށް މޫޑު ބަދަލުވުމުގެ ފަހަތުގައި ތަފާތު ސަބަބުތަކެއް ހުރެދާނެއެވެ.

ނިދި ހަމަނުވުން

އަހަރެމެންގެ ހަށިގަނޑާއި ސިކުނޑި ތާޒާވެލައި އާ ދުވަހަކަށް ތައްޔާރުވަނީ ނިދި ފުރިހަމަވުމުންނެވެ. ބޭނުންވާ ވަރަށް ހަށިގަނޑަށް އަރާމު ނުލިބޭ ނަމަ އަދި ދެތިންގަޑިއިރު ނިދާލުމަކުން ސިކުނޑިއަށް މި ބޭނުންވާ ކާނާއެއް ނުލިބޭނެ އެވެ. އެހެންވެ، ނިދި ހަމަނުވާ ނަމަ މޫޑު ގޯސްވުމަކީ ވަރަށް ގާތުގައިވާކަމަކެވެ. އަވަސް އަވަހަށް ސިނގުރުޅި އައިސް، ކުދިކުދި ކަންކަމާ ބޯގޮއްވާލެވިދާނެ އެވެ. އަދި މިއީ ޑިޕްރެޝަނަށް ހުށަހެޅުމުގެ ބިރު ވެސް އޮތް ކަމެކެވެ.

ހަކުރު ދަށްވުން

ބަނޑުހައިވުމުން ރުޅިގަދަވޭ ހެއްޔެވެ؟ ރުޅި އާއި ބަނޑުހައިހޫނުކަން އެއްވުމުން ގިނަ ފަހަރު މަސްލަހަތު އެހާ ރަނގަޅު ނުވެދެ އެވެ. ރުޅިގަދެވެ، ހިތްހަމަނުޖެހި، އެކަނިވެރިވެ، ކުޑަކޮށް ބޯގޮވައި ވާނުވާ ނޭނގޭ ކަހަަލަ ގޮތެއް މިވަނީ ހަކުރު ދަށްވުމުން ކަމުގައިވެދާނެ އެވެ. ގިނަފަހަރު މިހެންވަނީ ދެ ކެއުން ދޭތެރޭ މާ ގިނައިރުވުމުންނެވެ. ހާއްސަކޮށް، ހަކުރުބަލި ހުންނަ މީހުން މިކަމަށް ހާއްސަ ސަމާލުކަން ދޭންޖެހެ އެވެ. އެއީ ހަކުރު ދަށްވެ މާ ގިނައިރުވެއްޖެ ނަމަ ބޯއަނބުރައި ހޭނެތުމުގެ ފުރުސަތު އޮންނާތީ އެވެ.

ސްޓްރެސް

ހާސްވެ ކަންބޮޑުވާ ނުވަތަ ސްޓްރެސްވާ ފަދަ ކަމެއް ކޮންމެ ތަނެއްގައި ވެސް ދިމާވެދާނެ އެވެ. ގިނަ ދުވަހަށް ދިގުދެމިގެންދާހެން ސްޓްރެސްވެފައި ހުންނަ ނަމަ އެކަމުގެ ސަބަބުން ރަނގަޅުނޫން އަސަރުތަކެއް ސިއްހަތަށް ކޮށްފާނެ އެވެ. މީގެތެރޭގައި މޫޑު ބަދަލުވުމާއި، ނިދުމަށް އަސަރުކުރުން ހިމެނެ އެވެ. ސްޓްރެސް ވާން ދިމާވާ ކަންތައްތައް ދެނެގަނެ ވީހާ ވެސް އަވަހަށް އެކަންކަމާ ދުރުވާން މަސައްކަތްކޮށްފި ކަމުގައިވާ ނަމަ ތި އަންނަ ގޮތްނޭނގޭ މޫޑު ބަދަލުވުންތަކުން ދުރުވެވިދާނެ އެވެ. ކަސްރަތުކުރުމަކީ ދިރިއުޅުމުގެ އެކި ކަންކަމުން އަންނަ ޕްރެޝަރުތަކާ ދުރުވެ، ހިންދެމިލުމަށް ލިބޭނޭ ރަނގަޅު ފުރުސަތެކެވެ.

ޕީރިއަޑް ކްރޭމްޕިން

ހޯމޯންސް

މިހެން މޫޑު ބަދަލުވުމަށް ދިމާވެދާނެ އިތުރު އެއް ސަބަބަކީ ޕީރިއަޑެވެ. ޕީރިއަޑްވުމުގެ ކުރިން އަންނަ ދުވަސްތަކުގައި މޫޑު ބަދަލުވުމާއި، ބޮލުގައި ރިއްސުމާއި، ދަށް ބަނޑުގައި ރިހުން ހިމެނެ އެވެ. މިހެން ދިމާވަނީ މި ދުވަސްވަރު ހަށިގަނޑުގެ ހޯމޯން ލެވެލްތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. މި ނޫނަސް ސިއްހީ އެކި މައްސަލަތަކާ ގުޅިގެން އެއްވެސް ކަހަލަ ހޯމޯން ތެރަޕީއެއް ނަގާ ނަމަ ވެސް މިފަދަ އަލާމާތްތަކެއް ފެނުން އެކަށީގެންވެ އެވެ. އެއާ އެކު ފުރާވަރުގައި ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން ވެސް މިފަދަ ކަންކަން ތަޖުރިބާ ކުރަންޖެހެ އެވެ. "ޓީނޭޖް ޕްރޮބްލަމްސް" އޭ ބުނެއުޅެނީ އެހެންވެ އެވެ.

ކެފެއިން

އާންމުކޮށް ކޮފީ އާއި ސޯޑާ އާއި މި ނޫނަސް ކެފެއިން ހުންނަ އެކި ބާވަތުގެ ބުއިންތަކާ ގާތްމީހުން ކެފެއިން ބޯ މިންވަރު މަދުވުމުން ވެސް މޫޑަށް ބަދަލުތަކެއް އަތުވެދާނެ އެވެ. ސަބަބަކީ ކެފެއިންއަކީ ނާރުގެ ނިޒާމް ސްޓިމިއުލޭޓްކޮށްދޭ އަދި ސަމާލުކަން އިތުރުކޮށްދޭ އެއްޗަކަށް ވުމެވެ. އަދި މިފަދަ ބުއިންތަކަށް އާދަވެފައި ހުރުމަށް ފަހު ކުއްލިއަކަށް ހުއްޓާލުމުން ނުވަތަ މަދުކޮށްލުމުން ވަރުބަލިވެ، ރުޅިގަަދަވެ އެންޒައިޓީގެ އަލާމާތްތަކެއް ވެސް ބައެއް ފަހަރު ފެނެ އެވެ.

މެންޓަލް ހެލްތް

Popular