5 Dec 2023

By: Aishath Mihna Nasih

ރައްޓެއްސެއްގެ ކައިވެންޏެއް އަންނަ ނަމަ މިހާރު އެއީ ކުޑަވަރެއްގެ އީދެކެވެ. ރަން ކިޔުމާއި، ވަލީމާ އާއި ޕާޓީގެ ކުރިން ބްރައިޑަލް ޝަވާއެއް ވެސް އޮންނަންޖެހެ އެވެ. މިއިން ކޮންމެ ހަފްލާއަކަށް ހެދުންފަހައި، ކޭކުއަޅައި މޭކަޕްކޮށް ތަންތަން ބުކްކޮށް ނިމޭއިރު، މުޅި އަހަރުގެ މުސާރައާ ދާދި އެއްވަރަކަށް ހޭދަވެ އެވެ. ކައިވެނި ޕާޓީތަކުގެ ވާހަކަ އެއްފަރާތްކޮށް މިވަގުތުގެ ސަމާލުކަން "ބްރައިޑަލް ޝަވާ" ތަކަށް ދޭން ހިނގާށެވެ.

އަހަރުތަކެއް ކުރިން ނަމަ، "ބްރައިޑް ޓު ބީ" ގެ ސޭޝް އެއް ނުވަތަ ވެއިލް އަކާއި ދެތިން ހަދިޔާއަކާ އެކު، ކޭކެއް ފަޅައި ފޮޓޯ ނެގުމުން ނިމުނީ އެވެ. ނަމަވެސް މިފަހަކަށް އައިސް ބްރައިޑަލް ޝަވާތަކަށް ސަމާލުކަން ބޮޑުވެ މިވެސް ހަފްލާއަކަށް ބަދަލުވެއްޖެ އެވެ. އެއްކުލައިގެ އެއް ފޮތިން ހެދުން ފަހައި، ބޮޑެތި ޑެކަރޭޝަންތަކާ އެކު ފޯރިގަދަ "ޕާޓީ" އަކަށް މިކަންވެސް ވެއްޖެ އެވެ. އެކަމަކު އަސްލު ސުވާލަކީ، ދެތިން ގަޑިއިރަށް ދިގުދެމިގެންދާ މި ހަފްލާއަކުން، ބްރައިޑަށް ދޭންވާ އަސްލު ހަދިޔާ، ނުވަތަ އުފާ ދެވޭބާ އެވެ. ނުވަތަ ތަފާތު އާ ގޮތަކަށް މި ދުވަސް ފާހަގަކުރުން ކިހިނެއްވާނެ ހެއްޔެވެ؟

ތެރަޕީ ސެޝަނެއް!

ތެދަށް ބުނާ ނަމަ، އަހަރެމެން ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ފުނިޖެހިފައި ހުރި ޒަމާންތަކެއްވީ މައްސަލަތަކެއް އެބަހުއްޓެވެ. ޅައުމުރުގެ ޓްރޯމާ އާއި ލޯބިވެރިންގެ ބޭވަފާ އާއި ވަޒީފާ އާއި ކެރިއާގެ އެކި ޕްރެޝަރުތަކުން ހިންދެމިލާނެ ފުރުސަތެއް މި އޮންނަނީ ނުލިބިފަ އެވެ. އަނެއްކޮޅުން، މި ހުރިހާ ކަމަކާ އެކު، އާ ދިރިއުޅުމެއް އެހެން މީހަކާ އެކު ފެށުމަކީ ގިނަފަހަރު ދެނެގަންނަން އުނދަގޫ ނަމަވެސް ހަމަ ބޮޑު ޒިންމާއެކެވެ. އެހެންވެ، އަގުބޮޑު ޕާޓީއެއްގެ ބަދަލުގައި، އާ ހަޔާތެއް ފަށަންއުޅޭ ތިމާގެ އެންމެ ގާތް އެކުވެރިޔާއަށް ރަނގަޅު ތެރަޕީ ސެޝަނެއް ކިހިނެއްވާނެ ހެއްޔެވެ؟ ނަފްސާނީގޮތުން ދުޅަހެޔޮވެ ހުރެ، މި އާ މަގާމަށް ތައްޔާރުވާނެ ފުރުސަތެއް ދެވުނީ އެވެ. މުޅި އުމުރަށް ވެސް މި ހަދިޔާ އޭނާއާ އެކުގައިވާނެ އެވެ.

ބްރައިޑަލް ޝަވާއަކަށް މި ހަދިޔާތައް މާ ރަނގަޅު!

ޝައުގުވެރިވާ ކޮންމެވެސް އާ ކަމެއް!

ކައިވެނި ކުރުމަކީ ހުރިހާކަމެއްގައިމެ ފިރިމީހާއަށް ބަރޯސާވުމެއް ނޫނެވެ. ދެމީހުން އެކުގައި ދިރިއުޅުމެއް ފެށި ނަމަވެސް، ތިމާގެ ރަހުމަތްތެރިޔާ، ކޮއްކޮ ނުވަތަ ދައްތަ ނަމަވެސް ވެދެވޭނެ އެހީތެރިކަމަކީ "އެކަނިވެރިކަން" ފަޅުފިލުވައިދޭނެ ގޮތްތަކެއް ހޯދައިދިނުމެވެ. ތިމާގެ އުފަލާއި ހިތްހަމަޖެހުން ކޮންމެ ފަހަރަކު ގުޅިފައިވަނީ ބައިވެރިޔާ ކޮށްދޭ ކަމަކުން ކަމަށް ހީކުރެވުމަކީ ހެދޭނެ ގޯހެކެވެ. ދެތިން ޚިޔާލެއް ދެން ހެއްޔެވެ. ބޮޑު ޕާޓީއަކަށް ތިޔަ ކުރާ ހޭދަ މަދުކޮށް، އޭނާ ޑްރައިވިން ކްލާހެއްގައި ބައިވެރިކުރަންވީއެއް ނޫންހެއްޔެވެ؟ ނޫން ނަމަ ފެހުން، ކޭކުއެޅުން، ކައްކާ ކްލާސް ނުވަތަ ކުރު މޭކަޕްކޯސް، މިކަހަލަ އާ ކަމެއް ދަސްކޮށްދޭންވީއެއް ނޫންހެއްޔެވެ؟ މިއިން ކޮންމެ ކަމަކީ ވެސް މި ފަށާ އާ ދިރިއުޅުމުގައި ބޭނުން ހިފޭނެ، އަދި އެކަނިވެ، ފޫހިވާ ވަގުތުތަކުގައި ވެސް އޭނާއަށް ކުރެވޭނެ، އަދި އެއިން އާމްދަނީއެއް ލިބޭނެ އަދި ބާރުވެރި ދިރިއުޅުމެއް އުޅެން މަގުފަހިކޮށްދޭނެ ކަމެކެވެ.

ހެލްތް ޗެކަޕެއް!

މިވެސް އަމިއްލައަށް އެކަނި ކުރަންއުޅޭ ނަމަ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެކަމަކު ކައިވެންޏަކަށް ފަހު ހެޔޮ ސިއްހަތެއްގައި ހުރުމާއި، ދަރިއެއް ހޯދަން ޖިސްމާނީ ދުޅަހެޔޮކަން ހުރުން މިއީ ހައްތާ ވެސް މުހިންމުކަމެކެވެ. ބްރައިޑްސްމެއިޑަކަށްވުމަކީ ހަމައެކަނި ކައިވެނި ޕާޓީއަށް އޭނާވާ ތައްޔާރީތަކުގައި ބައިވެރިވުމެއް ނޫނެއް ނޫންހެއްޔެވެ. ކައިވެނީގެ ކޮންމެ އަޑިގުޑަން ގަނޑެއްގައި ވެސް، ތެދުވެ ސާބިތުވެ ހުރުމަށް އެހީތެރިވުމަކީ ވެސް ހަމަ ކުރެވެންވާނެ ކަމެކެވެ. އެހެންކަމުން އަނެއްކާވެސް ބޮޑު ކޭކެއް ފަޅާ އޭނާ ފަލަކުރުމަށްވުރެ، ދުޅަހެޔޮކޮށްހުރުމަށް އެހީއެއް ވެބަލާށެވެ.

މަޑު ޖެހިލުމެއް، އެކުގައި ކޮލިޓީ ވަގުތުކޮޅެއް!

ޕޮއިންޓަކީ ޕާޓީއެއް ނޫނެވެ. ފޮޓޯއެއް ވެސް ނޫނެވެ. އެ ވަގުތުކޮޅެވެ. އެ ވަގުތުކޮޅުން އެ ލިބިދޭ ހިތްހަމަޖެހުމެވެ. ދިރިއުޅުމަށް މި އަންނަ ބޮޑު "ޓްރާންސިޝަނުން" ހިންދެމިލާނެ ފުރުސަތެކެވެ. ހިތުގައިވާ ނުތަނަވަސްކަމާއި، ޖަވާބުނެތް ސުވާލުތަކުން އެ ލިބޭ މޮޅިވަރިކަން ފިލުވާލަދޭނެ ވަގުތުކޮޅެކެވެ. އެ އިހުސާސް އޭނާއަށް ލިބޭނީ ކިހިނެއްތޯ އެނގޭނީ ތި އެކުވެރިންނަށެވެ.

Popular