10 Apr 2024

By: Aishath Mihna Nasih

ކުޑަ އީދަކަސް، ބޮޑު އީދަކަސް މިހާރު އެންމެން އެންމެ ފޯރީގައި ކުރާ ކަމަކީ ކުލަ ޖެހުމެވެ. އީދު ފެންޖެހުމުން ފެށުނު މި ހަރަކާތް ބަދަލުވަމުން އައިސް މިިހާރު މިއޮތީ ފެންކުޅިއަކަށް ވުރެ ކުލަ ގަދަވެފަ އެވެ. ކުރިއަށް އޮތް ދެތިން ދުވަސް އުޅެންޖެހޭނީ މޫނުންނާއި ގައިގެ އެތަން މިތަނުން މި ކުލަތައް ނުފޮހިވެގެނެވެ. އަހަރެމެން މި ކިޔާދެނީ ސްޓެޕް ބައި ސްޓެޕް މި ކުލަތައް ފިލުވާނެ ގޮތެވެ.

ރިމޫވަލް ޓެކްނިކްސް އަށް ފީނުމުގެ ކުރިން މި ކުލަތަކުގެ ހަގީގަތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އިހުގައި މި ކުލަތައް އުފައްދަނީ މަލާއި ގަސްގަހާގެހި އަދި ރަހަ ފަދަ ގުދުރަތީ ތަކެތިންނެވެ. ނަމަވެސް މިޒަމާނުގެ ސިންތެޓިކް ކުލަތައް އާންމުވެފައިވާއިރު، އެ ކުލަތަކުގައި ހަންގަނޑަށް ހަރުކަށި ވެދާނެ ކެމިކަލްތައް ހިމެނިދާނެ އެވެ. އެހެންކަމުން ކުލަތައް ފިލުވަން ގިނައިރުވިޔަސް، ކެތްތެރިކަމާއި އެކީ ހަންގަނޑަށް ލުއިކޮށް މިކަން ކުރުން މުހިންމެވެ.

ނައްތާލުމުގެ ފައިދާހުރި އުކުޅުތައް:

- އެންމެ މުހިންމީ ކުލަޖަހަން ދިއުމުގެ ކުރިން ހަންގަނޑު ތައްޔާރުކުރުން

ކުލަ ޖަހަން ނިކުތުމުގެ ކުރިން ރަނގަޅު ވަރަކަށް މޮއިސްޗަރައިޒާ ނުވަތަ ކާށިތެޔޮ ހަންގަނޑުގައި އުނގުޅާށެވެ. މިހެން ހެދުމުން ރައްކާތެރިކަމުގެ ލޭޔާއެއް އުފެދި، ފަހުން ކުލަތައް ފޮހުމަށް ފަސޭހަވެގެންދެ އެވެ.

ލޫކްވާމް ވޯޓާ އިން ދޮވެލުން

ފެނާއި ކުލައިގެ ސަކަރާތުގައި އުޅުމަށް ފަހު އެނބުރި އައިސް ތާފަނާ ފެނުން ހަންގަނޑު ދޮވެލާށެވެ. ހޫނު ފެން ބޭނުންކުރުމުން ދުރުހެލިވާށެވެ. އޭރަށް ފަހަރުގައިި ކުލަ ހުރިވަރަށްވުރެ އިތުރަށް ގަދަވުމުގެ ފުރުސަތު އޮންނާނެ އެވެ.

މައިލްޑް ކްލީންސަރެއް ބޭނުންކުރުން

އެއަށް ފަހު އެމީހެއްގެ ހަންގަނޑާ އެންމެ ގުޅޭ އަދި އެންމެ އެކަށީގެންވާ ކްލީންސަރެއް ބޭނުންކުރާށެވެ. އަދި މަޑުމަޑުން ކްލީންސާއިން މޫނުގައި މަސާޖުކޮށްލާށެވެ.

ގުދުރަތީ ފަރުވާތައް

ގްރާމް ފުށް (ބެސަން) ފަދަ ގުދުރަތީ މާއްދާތައް ޔޯގަޓް ނުވަތަ ކިރާ އެއްކޮށްލުމުން، ގަދަޔަށް ހަމުގައި ހިފާފައި ހުރި ކުލަތައް ނައްތާލުމަށް އެހީތެރިވެދެ އެވެ. މި ޕޭސްޓް ހަންގަނޑުގައި އުނގުޅާލުމަށްފަހު މަޑުމަޑުން ސްކްރަބް ކުރުމުގެ ކުރިން ހިއްކުމަށް ދޫކޮށްލާށެވެ.

ލުނބޯ އަދި ކަދުރު ޕޭސްޓް

ލުނބޯ ޖޫހާއި ކަދުރު ޕައުޑަރު ބޭނުންކޮށްގެން ޕޭސްޓެއް ތައްޔާރުކޮށް ހަންގަނޑުގައި އުގުޅުމަކީ ވެސް ކުލަ ރީތިކޮށް ފުހެވުމަށް ފަސޭހަވާ ކަމެކެވެ. ލުނބޯ، ގުދުރަތީ ބްލީޗިން އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ކަދުރަކީ ކުލަކަން ލުއިކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މި ޕޭސްޓް ކުލަޖެހިފައިވާ ތަންތަނުގައި އުނގުޅާފައި 10-15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފެނުން ދޮވެލާށެވެ.

ތެޔޮ މަސާޖު

ކާށިތެޔޮ، ޒައިތޫނި ތެޔޮ ނުވަތަ އާމަންޑް ތެލުން ހަންގަނޑު މަސާޖު ކުރުމަކީ ކުލަ ޕާރޓިކަލްސް ފައިދާހުރި ގޮތެއްގައި ފުހެލުމަށް އެހީތެރިވާނެ ކަމެކެވެ. މަޑު ފޮތިގަނޑަކުން ފޮހެލުމުގެ ކުރިން ހަންގަނޑުގައި ވަގުތުކޮޅެއް ވަންދެން ތެޔޮ ބެހެއްޓުމަށްފަހު ތެޔޮ ފޮހެލާށެވެ.

ވަރުގަދައަށް ސްކްރަބް ނުކުރާތި

ކުލަ ނުފޮހެވިގެން ވަރުގަދަ ސްކަރަބްތައް ބޭނުން ނުކުރާށެވެ. އެއީ ހަންގަނޑު ހަލާކުވެ ރަތްވެދާނެ އެއްޗެކެވެ. އޭގެ ބަދަލުގައި މަޑުމަޑުން ކުލަތައް ނައްތާލުމަށް މަޑުމަޑުން އެކްސްފޯލިއޭޝަން ޓެކްނިކްސް ބޭނުން ކުރާށެވެ.

ކުލަ ޖަހަން ނުކުންނައިރު، ބޭނުންތިކުރާ ކުލަތަކަކީ ތިމާގެ ހަމަށް ރައްކާތެރިއެއްޗެއްތޯ ޔަގީން ކުރުން ވަރަށް މުހިންމެވެ. އަދި ވަކިން އަމުދުން ހެނދުނާއި މެންދުރުގެ ގަދަ އައްވަށް ނުކުންނައިރު، ސަންސްކްރީން ބޭނުންކުރަން ކޮންމެހެން ވެސް ސަމާލުވާށެވެ.

ފިތުރު އީދު

Popular