23 May 2024

ދެ މީހުން ދުރުވިޔަސް ކޯޕޭރެންޓިން ކާމިޔާބު ކުރެވޭނެ

ދެ މީހުން ދުރުވިޔަސް ކޯޕޭރެންޓިން ކާމިޔާބު ކުރެވޭނެ

By: Aishath Mihna Nasih

ދެ މީހަކު ވަކިވެ "ނޯމަލް"ކޮށް އުޅުނަސް، ކޯ ޕޭރެންޓިން އަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަމުދުން ދެމީހުންގެ ދެމެދުގައި މައްސަލަ ބޮޑުވެ، ދުރުގައި ތިއްބަސް، ވާހަކަދައްކައިން ކަންކަން ކުރުން އުނދަގޫ ހާލަތެއްގައި ތިބިނަމަ މިއީ އަދި މާ ޑިމާންޑިން ކަމެކެވެ. އެހެންނަަމަވެސް މައިންބަފައިންގެ މެދުގައި ރަނގަޅު ކޯ ޕޭރެންޓިން ގުޅުމެއް ދެމެހެއްޓުމަކީ ދަރިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. މި ކަން ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ބައެއް ކަންކަން ހިމަނާލަނަމެވެ.

މުއާސަލާތަށް އިސްކަންދިނުން

ސާފު އަދި އިހުތިރާމާއެކު މުއާމަލާތް ކުރުމަކީ ކާމިޔާބު ކޯ ޕޭރެންޓިންގެ ބިންގާ އެވެ. ކުދިންގެ ޝެޑިއުލްތަކާއި، ބޭނުންތަކާއި، ރޫޓިންއަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ގަވާއިދުން އެކަކު އަނެކަކަށް އަޕްޑޭޓް ކުރުން މުހިންމެވެ. ގުޅައިގެން ވާހަކަދައްކަން އުނދަގޫ ނަމަ، ޓެކްސްޓް މެސެޖުން ނަމަވެސް ހުރިހާ ކަމެއް ތަރުތީބުކޮށް ވާނުވާ އެކަކު އަނެކަކަަށް އަންގާށެވެ. މުހިންމު ނިންމުންތައް ނިންމުމުގައި ދެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދާށެވެ.

ބަދަލަށް ޖާގަ ދީ

އުނދަގޫ ހާލަތްތައް އަންނާނެއެވެ. މިފަދަ ވަގުތުތަކުގައި ބޭނުންވަނީ އެއިރެއްގެ އޮޔާއިވަޔަށް ފެތޭހެން ސާބިތުކަމާ އެކު ދެމިހުރުމެވެ. ނޫންނަމަ، އެ ހާލަތަކަށް އެކަށޭނަހެން ކުދިކުދި ބަދަލުތައް އެކި ކަންކަމަށް ގެންނަން ފުރުސަތު ދިނުމެވެ. މިއީ އެކަކު އަނެކަކަށް ޖަހާ ރޭހެއް ނޫންތާއެވެ. ކުރިން އެކުގައި އުޅުނު ދިރިއުޅުން ވަކިވެ ދެބައިވިޔަސް، ވަގުތު ހުސްކުރަންޖެހޭ، އަދި އަނެކާގެ ދުވެލީގެ ބާރުމިނަށް ތަންދިނުމަށްޓަކައި މަޑުޖައްސާލަން ޖެހޭ ވަގުތުތަކެއް އަތުވެދާނެ އެވެ. އެފަދަ ހާލަތްތަކުގައި ބައެއް ޒިންމާތައް އިތުރުވެ ނުވަތަ މަދުވެދާ ނެއެވެ. ހޭނެން ވަގުތު ނަގާނެއެވެ. ނަމަވެސް އެއީ ވާނޭ ކަމެއް ކަމަށް ދެކި ޕޮޒިޓިވްކޮށް ވިސްނާށެވެ.

ކުދިންނަށް އެއްގޮތްކަން ދެމެހެއްޓުން

އެއްގޮތަކަށް ކަންތައް ކުރުމުން ކުދިންނަށް ރައްކާތެރިކަމުގެ އިހުސާސެއް ކުރެވެ އެވެ. ދެ ގޭގައި ވެސް އެއްގޮތް އުސޫލުތަކާއި ރޫޓިންތަކާއި އުންމީދުތައް ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ. އެކަކު އަނެކަކަށްވުރެ މޮޅުކޮށް ކަންކަން ކުރަން، ނުވަތަ އެކަކަށްވުރެ އަގުބޮޑު ހަދިޔާ އަނެކަކު ހޯދާދޭން ނުވަތަ، ކުދިން ބޮޑަށް ގަޔާވާނޭހެން ބޭނުންހާ ކަމެއް އުޅެގެން ނުރަނގަޅު އަސަރު ކުރާނީ ކުދިންގެ ތަރުބިއްޔަތަށެވެ. އެހެންކަމުން މި ހަމަޖެހުން ނުލިބޭނަމަ ޚާއްޞަކޮށް ކުޑަކުދިންނަށް މާބޮޑަށް ނާޒުކުކަމާއި ހާސްކަން އިހުސާސް ކުރެވިދާނެ އެވެ.

ކުދިންނަށް ފޯކަސް ބެހެއްޓުން

ދަރިންނަށް އެންމެ ފައިދާހުރި ނިންމުންތައް ނިންމާށެވެ. ކޯ ޕޭރެންޓްކުރާ ބެލެނިވެރިޔާއާ ދެމެދު އުފެދޭ ކޯޅުންތަކުގައި ދަރިން ކޮންމެހެން ބޭނުންކުރަން ނުހަދާށެވެ. ނުވަތަ ކުދިންނަކީ ދެކޮޅަށް މެސެޖު އުފުލަން ހުންނަ މީހަކަށްވެސް ނުހަދާށެވެ. ބޮޑެތި މީހުންގެ މައްސަލަތަކުން އެ މީހުން ރައްކާތެރިކޮށް، ދެމީހުންގެ ފަރާތުންވެސް އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި، އިތުބާރު ކުދިންނަށް ދައްކާށެވެ. ކުދިންގެ މުސްތަގުބަލުގެ ޒަވާޖީ ހަޔާތް ބައްޓަންކުރަން ނަމޫނާ އަކަށް ބަލާނެ ބަޔަކީ ތިއީއެވެ.

ޕްރޮފެޝަނަލް ސަޕޯޓް ހޯދުން

ތެރަޕިސްޓުންނާއި، މީޑިއޭޓަރުންނާއި، ނުވަތަ ކޯ ޕޭރެންޓިން ކައުންސެލަރުންގެ އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭށެވެ. ޕްރޮފެޝަނަލް މީހުންގެ ސަބަބުން މުއާސަލާތު ރަނގަޅުކުރުމާއި، ކޯޅުންތައް ހައްލުކުރުމާއި، ސްޓްރެސް މެނޭޖްކުރުމަށް ސްޓްރެޓެޖީތަކެއް ލިބި، ތިމާއާއި ދަރިންނަށްވެސް ފައިދާ ކުރާނެއެވެ. އަދި ކައިވެނި ރޫޅުމަށްފަހު ކުދިން ބެލުމުގައި އަމަލުކުރެވޭނެ ހަމައެކަނި ގޮތަކީ މިއީ އެއް ނޫނެވެ. ތި އާއިލާގެ ހާލަތަށާއި ވަގުތަށްބަލައި ޕެރަލަލް ޕޭރެންޓިން ފަދަ އުކުޅެއް ވެސް ބޭނުންކުރެވިދާނެ އެވެ.

ދިގުމުއްދަތުގެ ލަނޑުދަނޑިތަކަށް ފޯކަސްކުރުން

ކޯ ޕޭރެންޓިން ގެ ހުރިހާވެސް އަމާޒަކީ ދަރިންނަށް އުފާވެރި މުސްތަގްބަލެއް ހޯދައިދިނުމެވެ. އެއްވެސް ވަރަކަށް މައިންބަފައިން އެކުގައި ނޫޅޭކަމުގެ އިހުސާސް ވިޔަނުދިނުމެވެ. އުފާވެރި އާއިލީ ވެއްޓެއް ހޯދައިދިނުމެވެ. ކުދިކުދި ޚިޔާލުތަފާތުވުންތަކެއް ނުވަތަ ދަތިތަކެއް ކުރިމަތިވުމަކީ ދަރިންނަށް ލޯބިވެރި އަދި އެއްބާރުލުންދޭ މާހައުލެއް ހޯދައިދިނުމުގެ މުޅި އަމާޒު ރޭލުން ފަހަނައަޅައި ދާވަރު ކަމެއް ނޫންތާއެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular