26 May 2024

By: Aishath Mihna Nasih

މީހުން ބުނާއެއްޗިއްސާ ކުރާ ކަންކަމާ ދޭތެރޭ މާ ބޮޑަށް ޚިޔާލުކުރެވި، މާ ބޮޑަށް ވިސްނުމަކީ ނޭންގި ނަމަވެސް އަހަރެމެންގެ ތެރެއިން އެއްބަޔަކަށް ކުރެވޭ ކަމެއް ދޯ އެވެ. ހާއްސަކޮށް، ލޯބިވާ ގާތް މީހަކު ދޫކޮށްފައި ދިއުމުން، ނުވަތަ ހިތް އެދޭ ގޮތަށް ވަކި ކަމެއް ހާސިލް ނުވުމުން، އެކަމާ މާ ބޮޑަށް ވިސްނި، ތިމާގެ ވިސްނުމަށާއި އުޅުމަށް ވެސް އޭގެ އަސަރު ފޯރާ ވަރުވޭދޯ އެވެ.

ސެންސިޓުވް ވުމަކީ ކޮންމެހެން ކޮންމެ ފަހަރަކު އަދި "ގޯސް" ކަމެއް ނޫނެވެ. މި ސިފަ ހުންނަ ނަމަ އޭގެ މާނައަކީ ތިމާއަކީ ވަރަށް އޮބްސާވްކުރާ، ކޮންޝަސް އަދި ވިސްނުންތެރި މީހެއް ކަމެވެ. އެހެންނަމަވެސް، ސެންސިޓިވްވުމަކީ، އިޖްތިމާއީ ބައެއް މައްސަލަތައް ޖެހުމުން ނުވަތަ، މީހަކު ތިމާ ރިޖެކްޓް ކުރުމުން ނުވަތަ ފާޑުކިޔުމުން ބައެއްފަހަރު މާ ބޮޑަށް ހާސްކުރުވާ، އޯވާވެލްމިން އިހުސާސްތަކެއް ކުރުވަފާނެ ކަމެކެވެ.

މާ ބޮޑަށް ކަންކަމާއި ސެންސިޓިވް ވާހެން ހީވާ ނަމަ، ދެރަވާން ޖެހޭ ކަހަލަ ހާލަތްތަކާ ދުރުހެލިވުން ބުއްދިވެރިއެވެ. މިފަދައިން ވާހެން ހީވާނަމަ މާ ބޮޑަށް ފިކުރު ނުކުރާށެވެ. ދެހާސް ސާދަ ވަނަ އަހަރު ހެދި ދިރާސާއެއްގައި އެނގޭގޮތުން ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 20 ޕަސެންޓް މީހުންނަކީ "ސެންސިޓިވް" ބައެކެވެ.

ސެންސިޓިވިޓީގެ މި އިހުސާސް މެނޭޖްކުރުމަކީ، މީހުންގެ އިހުސާސްތަކަށް ރަހުމުކުރާ، އަދި މާ ޒާތީ ނުވެ ކަންކަން ދެނެގަތުމަށް އެހީވެދޭނެ ކަމެކެވެ.

އިމޯޝަންސް ރެގިއުލޭޓްކުރަން ދަސްކުރޭ

އިމޯޝަނަލް ރެގިއުލޭޝަންއަކީ ތިމާގެ އިހުސާސްތަކާއި، ވިސްނުމާއި، އަދި އުޅުން ކޮންޓްރޯލްކުރަން އެނގުމެވެ. ރަނގަޅަށް ތިމާގެ އިހުސާސްތައް ރެގިއުލޭޓްކުރެވޭ ނަމަ ސްޓްރެސްވެ، އުނދަގޫ ބައެއް ވަގުތުތަކުގައި ވެސް، ކުރެވޭ ކޮންމެ އިހުސާސެއްގެ މައްޗަށް އަމަލުކުރުމުގެ ކުރިން ވިސްނާލުމުގެ ގާބިލްކަން ހުންނާނެއެވެ. މިސާލަކަށް ބުނާނަމަ، ރުޅި އަންނަ ކޮންމެ ފަހަރަކު އަދި އަނެކާއާ ދިމާލަށް ގޮސް އެއްޗެހިކިޔާ ޒުވާބު ކުރުމުގެ ބަދަލުގައި ހަމަޖެހިލާ، ރުޅި ކޮންޓްރޯލް ކުރެވުމުން އެ މައްސަލަ ހައްލުކުރާނެ ގޮތަކާ ބެހޭގޮތުން އަނެކާ އާ މަޝްވަރާކުރެވިދާނެއެވެ.

މައިންޑްފުލްނަސް

މައިންޑްފުލްނަސްއަކީ ކުރިން ވެނިމިފައި ހުރި ކަމަކާއި އަދި ކުރިއަށް ވެދާނެ ކަމަކާއި ދޭތެރޭ ފިކުރު ކުރުމުގެ ބަދަލުގައި އެ ހިނދަކަށް ސަމާލުކަން ދިނުމަށް ދަސްކުރުމެވެ. މިއީ ތިމާގެ އިހުސާސްތައް ޕްރޮސެސްކުރުމަށް ވެސް އެހީތެރިވާނެ ކަމެކެވެ.

ޖޯނަލިން

ތިމާގެ ޖަޒުބާތުތައް ލިޔެ ރިކޯޑުކުރުމަކީ ދިމާވާ އެކި ކަހަލަ އުނދަގޫ ހާލަތްތަކަށް އެޑްރެސްކުރެވޭ ގޮތްތައް ދެނެގަނެވި އެކަންކަން ރަނގަޅުކުރުމަށްވެސް ލިބޭނެ ފުރުސަތެކެވެ. ހާއްސަކޮށް އެކަމެއް ހިނގާ ވަގުތު އެ އިހުސާސްތައް ތާޒާ ކަމާއެކު ހަރުލާފައި ހުންނައިރު، ރަނގަޅަށް ވިސްނައިގަންނަން އުނދަގޫވާނެއެވެ. އެހެންކަމުން ވަގުތުކޮޅެއް ދިނުމަށްފަހު އަލުން އަނބުރާ އެކަމެއް ހިނގައިދިޔަ ގޮތާއި ތިމާއަށް ކުރެވުނު އިހުސާސާއި އަދި އަމަލުކުރެވުނު ގޮތް ބަލައި، އެ ހިތްދަތި ތަޖުރިބާތަކުން އަރައިގަންނަން ވެސް ޖޯނަލިން އެހީތެރިވާނެއެވެ. ދިރާސާތަކުން އެނގޭގޮތުން، ތިމާގެ އިހުސާސްތަކަށް ނަންދީ ދެނެގަތުމަކީ އެފެކްޓް ލޭބަލިން ނަމަކަށް ކިޔާ އުކުޅެކެވެ. މިއީ އެފަދަ އިހުސާސްތަކުން އިންޓެންސިޓީ ނުވަތަ ކުރާ އަސަރު ލުއިކުރުމަށް އެހީވެދޭނެ ކަމެކެވެ.

ކޮންމެ ކަމެއް އެހާ ޕާސަނަލްކޮށް ނުނަގަބަލަ

ކޮންމެކަމެއްވެސް މާ ބޮޑަށް ޕާސަނަލްކޮށް ނެގުމަކީ ސެންސިޓިވް ވުމުން ނިކުންނަ ނަތީޖާއެކެވެ. މީގެ ސަބަބުން ތިމާގެ އެއްވެސް ކުށެއްނެތި ހިނގާ ކަންކަމަށް ވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ. އަދި ކޮންމެކަމަކީ ވެސް ތިމާއަށް ވަކި ގޮތަކަށް އަމަލުކުރެވުމުން ކަން ހިނގައިދިޔަ ކަމެއްގެ ގޮތުގައި ގަބޫލުކުރެވެއެވެ. ކަންކަން ޕާސަނަލްކޮށް ނުނެގުމަށްޓަކައި މި ސުވާލުތަކާ މެދު ވިސްނާލާށެވެ.

- އެކަމެއް ހިނގައިދިއުމުގައި އެހެން ސަބަބުތަކެއްވޭ ހެއްޔެވެ؟

- އެހެން މީހުން ބުނާ އެއްޗިއްސަށް ވިސްނައިގެން މާ އަވަހަށް ގޮތް ކަނޑައެޅެނީ ހެއްޔެވެ؟

- މިކަމާ މެދު އަމަލުކުރަންވީ އެހެން ގޮތެއް އެބައޮތް ހެއްޔެވެ؟

ސެލްފް އެކްސެޕްޓަންސް

ސެންސިޓިވް މީހުންނަކީ ގިނަ ފަހަރު ވަރަށް ބޮޑަށް ސެލްފް ކްރިޓިކަލް ވެސް ބައެކެވެ. އެހެންކަމުން، ތިމާގެ އަމިއްލަ ގާބިލިއްޔަތުކަމާއި، ތިމާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ދެނެގަންނާށެވެ. އެހެން މީހުންނާއި ތިމާއާއި އަޅާކިއުމުގެ ބަދަލުގައި ތިމާގެ ހުރި ބާރުވެރި ސިފަތައް ކުރިއެރުވޭތޯ މަސައްކަތްކުރާށެވެ. އަދި އެކި ކަހަލަ ގުޅުންތަކަށް ބައުންޑަރީސް ބަހައްޓާށެވެ. އޮފީހާއި، އާއިލާއާއި، ރަހުމަތްތެރިންނާއި މިއިން ކޮންމެ ބަޔަކާއިވެސް ގާތްކަން ބަހައްޓަންޖެހޭ މިންވަރު ތަފާތުވާނެއެވެ. ހަމައެޔާއެކު އެންމެ މުހިންމު ކަމަކީ މާފުކުރާށެވެ. އެއްވެސް ކަމަކީ އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ކަމެއް އަދި އެންމެ ހިތް އެދޭ ގޮތަށް ނުވުމުން، މާ ބޮޑަށް މާޔޫސްވެ ހިތްވަރު އެލުވާ ނުލާށެވެ.

މެންޓަލް ހެލްތް

Popular