By: Aishath Jazlee
ޓީނޭޖު އުމުރަށް އަޅާ 18 އަހަރާ ކައިރިވީ އިރު ފެށުނު ސުވާލަށް އަދިވެސް މަޑުޖެހުމެއް ނާދެ އެވެ. އިންނާނެ މީހަކު ލިބިއްޖެތޯ އާއި އިންނަ އިރަކާއި ގުޅޭ ސުވާލުތަކެވެ. އިނދެގެން އަވަހަށް ދަރިއަކު ހޯދަން ވާނެ ކަމަށް ބުނެ ދޭ ނަސޭހަތްތަކެވެ. އަމުދުން 23 އިން މަތިވެ, މިޑް ޓު ލޭޓް ޓުވެންޓީޒްއަށް އަޅަންވާއިރަށް އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރު ވަރަށް ބޮޑުވެ އެވެ. ބައެއް ރިލޭޝަންޝިޕްތަކުގައި އެކަކު އަނެކަކަށް އަވަހަށް އިންނަން ޕްރެޝަރު ކުރަނީ ވެސް ރިލޭޝަންޝިޕުން ބޭރުން މީހުން ކުރާ ޕްރެޝަރުތަކާ ހެދި އެވެ.
ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ވީހާ ވެސް އަވަހަކަށް މީހަކާ އިންނަން ޖެހެ އެވެ. އަށާރަ އަހަރު ވާ ތަނުން ދަރިފުޅު މީހަކާ ދެވަން ހިފާ މައިންބަފައިން ތިބެ އެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޅަ އުމުރުގައި މީހަކާ އިނުމަކީ ގޯހެކެވެ. ކިޔަވަން ވަގުތު ހޭދަކުރަންވީ ދުވަސްވަރު މީހަކާ އިނުމުން އެކަމަށް ބުރޫ އަރާނެ ކަމަށް މި ފަދަ ހިޔާލުތައް ގެންގުޅޭ މީހުން ބުނެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި އުމުރުން 23 އަކީ މީހަކާ އިންނަން ރަނގަޅު އުމުރެކެވެ. ފަންސަވީސް އަހަރުން މަތިވާ އިރު, އަމުދުން އަންހެން ކުއްޖަކު މީހަކާ ނީނދެ ހުރުމަކީ މައްސަލަ އެކެވެ. އުމުރުން 30 އަހަރާ ގާތްވެ، ނުވަތަ 30 އަހަރު ވާއިރު ވެސް މީހަކާ ނީންނަ ނަމަ, ދެން އެ މީހަކާ އިންނާނެ މީހަކު ވެސް ނުވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
މީހަކާއި އިނދެ އާއިލާއެއް ފެށުމަކީ ވަރަށް ޕާސަނަލް ކަމެކެވެ. ރާއްޖޭގައި ވަކި އުމުރެއްގެ ކުރިން އިނދެ, ދަރިން ހޯދުމުގެ ނަތީޖާ އަކީ ކައިވެނި ކުރުން މުހިންމުވެ, ކައިވެނި ދެމެހެއްޓުމަށް ބޭނުންވާ ކަންތައްތަކަށް އިސްކަން ނުދެވުމެވެ. ކައިވެނީގެ ކުރިން ފައިނޭންޝަލް ސްޓެބިލިޓީ އާއި މެންޓަލް ސްޓެބިލިޓީ އަދި އަމިއްލަވަންތަކަން ދަސްކޮށް, އުފެދޭ އެކި މައްސަލަތަކުން އަރައިގަތުމަށް ބޭނުންވާ މެޗުއަރިޓީ ބިލްޑު ނުވަނީސް އަވަހަށް މީހުންނާ އިނުމަކީ ވަރި ގިނަވާ ސަބަބަކަށް ވެދާނެ އެވެ. ގިނަ ފަހަރު ރައްޓެހިވެ, މީހާގެ ގޮތް ނޭނގެނީސް ވަކި އުމުރެއްގެ ކުރިން އިންނަން ހަދައިގެން ދެ މީހުންގެ ކޮމްޕެޓިބިލިޓީ ވެސް ނޭނގެ އެވެ.
މީހުނާ އިނުމުގައި އެކި މީހުންނަށް މުހިންމުވެ, ބަލަން ބޭނުން ވާނީ އެކި ކަންކަމެވެ. މީހުންނާއި އިނުމާއި ދަރިން ހޯދުމަށް ވަކި އުމުރެއް ނޯވެ އެވެ. އޮންނަނީ އެކަމަށް މީހާ މެންޓަލީ އަދި ޕްރެކްޓިކަލީ ރެޑީވުމެވެ. އެކި މީހުންނަށް މި ހިސާބަށް ދެވޭނީ އެކި އުމުރުގަ އެވެ. ބައެއް މީހުންނަށް އެއީ އުމުރުން 18 އަށް ވެދާނެ އެވެ. އަނެއް ބަޔަކަށް އުމުރުން 23 ނުވަތަ އުމުރުން 25 ނުވަތަ އުމުރުން 30 އަށް ވެސް ވެދާނެ އެވެ. ކައިވެންޏަކީ ވަކި އުމުރަކަށް ބަލާ ކުރަންވީ ކަމެއް ނޫނެވެ.
ކައިވެނި ކުރުމުގެ ކުރިން އުޅޭނެ ތަނަކާއި ފައިނޭންޝަލް ސްޓެބިލިޓީ ހުރެ, ނޫނީ ހަރަދުތައް ދެކޮޅު ޖެއްސޭނެ މިންވަރު ހުރެ, ނަފްސާނީ ގޮތުން ވެސް އެކަމަށް ރެޑީވުމުން އިންނަންވީ އެވެ. ކައިވެނި ދަމަހައްޓަން ބޭނުން ނަމަ ބޭރުގެ ޕްރެޝަރުތަކުގެ އަޑުތައް މަޑުކޮށް އަމިއްލަ މީހާ އާއި ރިލޭޝަންޝިޕަށް ފޯކަސް ކުރާށެވެ.