7 Jun 2024

ހޫނު ކޮފީ އާއި ފިނި ކޮފީ ކަމުދިއުމުގައި ވެސް ސިއްރެއް

ހޫނު ކޮފީ އާއި ފިނި ކޮފީ ކަމުދިއުމުގައި ވެސް ސިއްރެއް

By: Aishath Mihna Nasih

ކޮފީ އަކީ އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އެއީ ބަހުސެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ބޮޑަށް ކަމުދަނީ ހޫނު ކޮފީއެއްތޯ، ނުވަތަ ކޮންމެ ގަޑިއަކަށް ވެސް އެންމެ ހެވީ އައިސް ކޮފީއެއްތޯ މިއީ ފަހަރުގައި ޚިޔާލު ތަފާތުވެދާނެ ކަމެކެވެ. ރަހަޔާ އެއްވަރަށް މިކަމުގައި ސައިކޮލޮޖިސްޓުން ގަބޫލުކުރާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.

ހޫނު ކޮފީއާއި އައިސްކޮފީގެ ވާހަކަ ފަށާނީ މި ކޮފީގެ ތަފާތުތަކުންނެވެ. ހޫނު ކޮފީ ތައްޔާރުކުރަނީ ހޫނު ފެނުން ކޮފީ ގްރައުންޑްސް ބްރޫ ކޮށްގެން، 160 ޑިގްރީ ފަރެންހައިޓް އަށް ވުރެ މަތީ ފިނިހޫނުމިނެއްގަ އެވެ. އައިސްޑް ކޮފީ އަައިސް ކިއުބްތަކާ އެކު އަހަރެމެންގެ އަރުތެރެއަށް ފޯރަނީ ފިނިކޮށެވެ. ހޫނު ކޮފީއާ އަޅާބަލާއިރު، އައިސްކޮފީގައި ހިތިކަން މަޑުވެފައި، އެސިޑިޓީކަން ވެސް ދަށްވެ ރަހަ މާ އޮމާންވާނެ އެވެ.

އެއާއެކު ކޯލްޑް ބްރޫ އަކީ އާންމު ފިނިހޫނުމިނުގައި ނުވަތަ ފިނި ފެނުގައި 16 ނުވަތަ 20 ގަޑިއިރުވަންދެން ސްޓީޕްކުރުމަށް ފަހު ބޭނުންގޮތަކަށް ތައްޔާރުކުރެވޭ ބާވަތަކެވެ. އައިސްޑް ކޮފީއާ ޚިލާފަށް ކޯލްޑް ބްރޫއެއްގައި ކޮފީގެ ރަހަ މާ މުއްސަނދިވެ އެވެ. އަދި އެސިޑިޓީ އާއި ހިތިކަން މަޑުވެ، ފޮނި ރަހައެއް ހުންނާނެ އެވެ.

ދެން އޮތީ އަސްލު ސުވާލެވެ. ކޮފީ ފިިނިކޮށް ބޯ މީހުން ކޮފީ ދެކެ މިވަނީ ހާއްސަ ލޯތްބެއް ހެއްޔެވެ. މިގޮތުން ސައިކޮލޮޖިސްޓުން ފާހަގަކުރާ ގޮތުގައި އާންމުކޮށް ވެސް އައިސްޑް ކޮފީއެއް ބޯ ނަމަ މިއީ އާދައެއްގެ ގޮތުގައި ހަރުލާން ވަރަށް ފަސޭހަ ކަމެކެވެ. އަދި ކަމެއް އާދަވުމަކީ އެކަމެއް ކުރުމުން ހަމަޖެހުމުގެ އިހުސާސް ކުރުވަދޭނެ ކަމެކެވެ. އެހެންވެ އާދަވެގެން މިގޮތަށް ކޮފީ ބޯން ފެށިއްޖެ ނަމަ އެ ބުއިމުން އެ ލިބޭ ހިތްހަމަޖެހުމާ އެކު، ކޮންމެވެސް ވަރަކަށް ހާސްކަމާއި އުދާސްކަން ވެސް ފިލައިގެން ދިއުމަށް އެހީތެރިވެދޭނެ އެވެ.

ހަމައެޔާ އެކު، އެކި ސިރަޕްތަކާއި އެޑްއޮންތަކާ އެކު މީރު އައިސްޑް ކޮފީއެއް ޚިޔާރު ކުރެވިއްޖެ ނަމަ ފަސޭހައަކަށް ވެސް ކޮންމެ ދުވަހަކު އެ ބުއިމެއް އިޚްތިޔާރުކޮށްލަން ބޭނުންވެ އެވެ. މިއީ ބޯނެ އެއްޗެއް ނޭނގިގެން ގޮތެއް ނުނިންމިގެން އުޅުމުން ރެކިގަތުމަށް ހަށިގަނޑަށް އަމިއްލަ އަށް ދެވޭ ރެސްޕޮންސެކެވެ.

ދެން އޮތީ ރަހައިގެ ވާހަކަ އެވެ. ގިނަފަހަރު ހިތިކަން ގަދަ "ސްޓްރޯންގް" ކޮފީތައްޓެއް ކަމުނުގޮސްފާނެ އެވެ. އެކަމަކު ކޮފީން އެ ކުރާ އަސަރުތައް ބޭނުންވެ އެވެ. ހަށިގަނޑު ހޭލައްވާލުމާއި، ސަމާލުކަންދެވުމެވެ. އެހެންކަމުން ހިތިކަންގަދަ ކޮފީއެއްގެ ބަދަލުގައި ރަހަމަޑު، އަނގަޔަށް މީރު، ބާވަތްތައް ގިނަފަހަރު ހުންނަނީ އައިސްޑް ކޮފީގަ އެވެ. އެއާ އެކު ހޫނު ބުއިމަކުން ހަށިގަނޑަށް ބޮޑަށް ލިބޭނީ ހަމަޖެހުމެވެ. ފިނި ބުއިމަކުން އިތުރުވާނީ ސަމާލުކަމެވެ. އެހެންކަމުން ނޭނގި ނަމަވެސް ފަހަރުގައި އަހަރުމެންނަށް އައިސްޑް ކޮފީގެ މި އަސަރު ކަމުދަނީ ކަމުގައި ވެސް ވެދާނެ އެވެ.

ކޮފީ

Popular