11 Jun 2024

ސިޒޭރިއަން ހެދީމާ މައިވަންތަ ކުލުނު ކުޑަވޭތަ؟

ސިޒޭރިއަން ހެދީމާ މައިވަންތަ ކުލުނު ކުޑަވޭތަ؟

By: Aishath Mihna Nasih

މަންމައެއް ވާނީ މަންމައަކަށް ނޫން ހެއްޔެވެ؟

މިފަހުން ވައިރަލްވި ޕޯސްޓްތަކެއްގައި ހިނގި ބަހުސެކެވެ. ސިޒޭރިއަން ހެދުމަކީ "ޝޯޓް ކަޓެއް" ހެއްޔެވެ. ވިހެއުމުގެ ރިހުމާއި ސިޒޭރިއަންއާ އަޅާކިޔޭނެ ހެއްޔެވެ؟ ވިހެއުމުން އުފުދޭ މައިވަންތަކަމުގެ ކުލުނު، ސިޒޭރިއަން އަކުން އަންނާނެ ހެއްޔެވެ. މީހުން ސިޒޭރިއަން ހަދަނީ ފަސޭހައަކަށް ހެއްޔެވެ؟

ސިއްހީ ބަހުސަކަށްވުރެ މިއީ މުޖްތަމައު އިން މިކަމާ ދޭތެރޭ ދެކޭ ވަކިގޮތެއްގެ ސަބަބުން ނުކުންނަ ބަހުސެކެވެ. ވަކި ގޮތަކަށް ދަރިއަކު އުފަންވުމަކީ، އެ މަންމައަކާ ދޭތެރޭ ދެކޭގޮތް ބަދަލުވާ ކަމެކެވެ. އެ މަންމައަކަށް ފާޑުކިޔުން އަމާޒުވާކަމެކެވެ. ނުވަ މަސް ދުވަސްވަންދެން އެ އަންހެނަކު އުފުލި ބުރަ އާއި ތަކުލީފު ގެއްލި އޭނާގެ މައިވަންތަ ކުލުނާ މެދު ސުވާލުކުރެވޭ ކަމެކެވެ.

ފުރަތަމަ ކަމަކީ، މަންމައަކާއި ދަރިއަކާ މެދު އޮންނަ ލޯތްބާއި ގުޅުމަކީ އެ ދަރިފުޅު އުފަންވުމުގެ ހާލަތަށްވުރެ މާ މާތް އަދި މާކުރިން އުފެދިފައި އޮންނަ ގުޅުމެކެވެ. މާބަނޑުކަން އެނގޭ ހިސާބުން ފެށިގެން އެ ގުޅުން އަންނަނީ އުފެދި އާލާވަމުންނެވެ. މަންމަގެ އަޑާއި އިހުސާސްތަކާއި ފިރުމުންތައް ދަރިފުޅަށް އިހުސާސްކުރެވޭނެ އެވެ. އަދި އެ ކުލުނު މަންމަގެ ހިތުގައި ވެސް އެހާމެ ފުރިހަމައަށް އުފެދެމުން އަންނާނެ އެވެ.

އަނެެއްކޮޅުން ބަލާއިރު، ސިއްހީ ސަބަބެއް މެދުވެރިވެގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހެދި ސިޒޭރިއަން އެއް އިހްތިޔާރުކުރުމަކީ ދެމައިންގެ ދެމެދުގައި އުފެދޭ "ބައޮލޮޖިކަލް" ލޯތްބަށް ނޭދެވޭ އަސަރު ފޯރުވާނެ ކަމެއް ނޫނެވެ. ގުޅުން އުފައްދައިދޭ ނުވަތަ ގިނަފަހަރު ލޯބީގެ ހޯމޯންގެ ނަން ދެވިފައިވާ އޮކްސިޓޯސިން އަކީ ވިހެއުމުގެ ތެރެއިންނާއި އަދި ގާތުން ދޭއިރު ހަށިގަނޑުން ރިލީޒްވާ ހޯމޯންއެކެވެ. ގިނަފަހަރު ސިޒޭރިއަންއަކީ ވިހެއުމުގައި ދިމާވާ ކޮންމެވެސް މައްސަލައެއް ނުވަތަ "ކޮމްޕްލިކޭޝަން" އަކުން ދުރުކޮށްދީ ދެމައިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކަ އެވެ. މިކަމާ މެދު ޑޮކްޓަރުން ގިނަފަހަރު ގޮތެއް ނިންމާނީ ވެސް ވިހަން ކައިރިވުމުންނެވެ. ނުވަތަ ވިހެއުމުގެ ތަދާއި ރިހުން ނުވަތަ އަލާމާތްތައް ފެށޭ ފަހުންނެވެ. ކޮންމެއަކަސް، އޮކްސިޓޯސިން ނެރޭ މިންވަރު ވިހެއުމާއި ސިޒޭރިއަންއެއްގައި ތަފާތުވިޔަސް، ލޯބި އުފެދުމާއި އެ ކުލުނު އުފެދުމަށް އޮތް ފުރުސަތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ހަމައެޔާ އެކު، ސިޒޭރިއަންއަކީ ވިހެއުމުގެ ރިހުމުން ރެކެން ކުރާ ކަމެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރިއަސް، ސިޒޭރިއަންއަކީ ވެސް ތަދާއި ރިހުން އަދި އޭގެ އަސަރު ދިގުދެމިގެންދާ ކަމެކެވެ. ބަނޑުގެ ތަފާތު ހަތް ޓިޝޫއެއް ނުވަތަ ފަށަލައެއް ކަފާލުމަށް ފަހު ކުރާ މި އޮޕަރޭޝަނަށް ފަހު ރިކަވާވާން ވެސް މަދުވެގެން 6 ހަފްތާ ނަގާކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެހެންވެ ވިހެއުމުގައި އަންހެނަކު އެ އުފުލާ ތަދާއި ތަކުލީފާއި އެއްހަމަ ނުވިއަސް، އަދި ވިޔަސް، މިއީ ވެސް ހަމަ އެހާމެ ވޭންހުރި ކަމެކޭ ބުނެވިދާނެ އެވެ.

ސިޒޭރިއަން އަކަސް، ނުވަތަ ގުދުރަތީ ވިހެއުމަކަސް ނުވަތަ އެސިސްޓެޑް ޑެލިވަރީއަކަސް، ދަރިއަކު ދުނިޔެއަށް އުފަންކުރާ ކޮންމެ ގޮތަކީ ވެސް އަންހެނެއްގެ ހަށިގަނޑުގެ ބާރާއި، ވަރުގަދަކަމާއި، އޭނާގެ ކެތްތެރިކަމާއި އަދި ދަރިފުޅަށްޓަކައި ވާ ލޯބި ހާމަކޮށްދޭ ކަމެކެވެ. ކޮންމެ މީހެއްގެ ތަޖުރިބާއަކީ ވެސް ތަފާތު ތަޖުރިބާއެކެވެ. އަދި މިކަމުގައި ވަކިގޮތެއް މޮޅޭ، ވަކި ގޮތެއް ގޯހޭ ބުނެ އަޅާ ކިއުމަކީ މި ނާޒުކު ވަގުތުކޮޅުގައި ހިތްދަތި އެތައް އަސަރެއް ކުރިމަތިކޮށްފާނެ ކަމެކެވެ. މައިވަންތަކަމަކީ އެއަށްވުރެ މާ މާތް، މާ ވަރުގަދަ ގުޅުމެކެވެ.

އަންހެނުން

Popular