3 Oct 2024

މި އުޅެނީ ބަނޑުގެ ވާތްފަރާތުގައި ރިއްސާތީ

By: Aishath Mihna Nasih

ބަނޑުގެ ވާތްފަރާތުގައި ރިއްސާތީ އެ ވާ ގޮތެއް ބަލަން "ގޫގުލް ގާތު އެހިން" ހެއްޔެވެ؟ މިހެން މި ބުނީ މި ފަހުން ރާއްޖޭގައި އިންޓަނެޓުން ސިއްހަތާ ގުޅޭ ގޮތުން އެންމެ ގިނަ މީހުން ހޯދާފައިވާ މައުލޫމާތުގެ ތެރޭޣައި އެ ސުވާލު އޮތީމަ އެވެ. މި މައްސަލަ މިހާ އާންމުވެގެން މި އުޅޭ ސަބަބެއް ބަލަން އެބަ ޖެހެ އެވެ.

މާ ގިނައިން ހެދިކާ ކެވުނީތަ؟

މިއީ ހަމަ ރަނގަޅަށްވެސް ދައްކަންވެއްޖެ ވާހަކައެކެވެ. ހެނދުނެއް މެންދުރެއް ހަވީރެއް މިކަމުގައި މިހާރު ނޯވެއެވެ. ހެނދުނު ސަޔަށް ވެސް މަސް ރޮއްޓަކާއި، ތެއްލި ބޮޑު ބަޖިޔަލަކާއި ފުށް ގުޅައެއް ކާން ބޭނުންވެދާނެ އެވެ. ކަންމަތީ ހޮޓަލާއި، ކުޑަ ކެފޭއިން ވެސް އެންމެ ފަސޭހައިން އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނީވެސް މި އެވެ. އެކަމަު މާ ގިނައިން، މާ ނޫން ގަޑިތަކުގައި ފަރުވާލެއްނެތި ތި ކައިއުޅޭ ތެއްލި ހެދިކާތަކުން ހީނުކުރާވަރުގެ ބޮޑު ގެއްލުންތަކެއް ހަށިގަނޑަށް ލިބިދާނެ އެވެ. ހާއްސަކޮށް، މާ ގިނައިން ކެއުމުން "ބްލޯޓިން" އާއި ހަޖަމުކުރަން އުނދަގޫވުން (އިންޑައިޖެޝަން) ފަދަ މައްސަލަތައް ކުރިމަތިވެދާނެ އެވެ. އެހެންވީމާ، ބަނޑުގެ ރިހުމެއް އުޅޭ ނަމަ ތެޔޮ ހެދިކާތަކާ ވީހާ ވެސް ދުރުވެލާށެވެ.

ކާށި ކިރު

ދެކުނު އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، އަހަރެމެންގެ ކެއުމުގައި ވެސް އެންމެ މުހިންމު އެއްބާވަތަކީ ކާށިކިރެވެ. މުގުރިހައަކަސް، މަސް ރިހައަކަސް ނުވިތާކަށް ބަތްކޮޅެއް ކެއްކިޔަސް، ކާށި ކިރާ ނުލައި ރަހަ ހެޔޮވަރެެއް ނުވެ އެވެ. އެކަމަކު ރަހަމީރުކުރަން ހަދައިގެން ބޮނޑި ލިބެނީ އަހަރެމެންގެ ބަނޑަށެވެ. ހާއްސަކޮށް "ލާޖް އިންޓެސްޓައިން" އަށް ކާށިކިރަކީ އެހާ ރަހުމަތްތެރި އެއްޗެއް ނޫނެވެ. ގޭސްޓްރިކްގެ މައްސަލަ އަހަރެމެންގެ ތެރޭގައި އެހާ އާންމުވަނީ މިކަހަލަ ކެއިންބުއިމުގެ އާދަތަކާ ހެދިކަމަށް ވުން އެކަށީގެންވެ އެވެ. ކެއުމަށްފަހު މާ ބޮޑަށް ބަނޑަށް އުނދަގޫވާ ނަމަ ބަނޑުދަމާލުމުގެ ބަދަލުގައި ކުޑައިރުކޮޅަކަށް ހިނގާލަން ދިއުން ފަދަ ކަމެއް ކޮށްލާށެވެ.

ކިޑްނީ ސްޓޯންސް

ކިޑްނީގައި ހިލަ އުފެދުމަކީ ވެސް އަހަރެމެންގެ ތެރޭގައި އާންމުވަމުންދާ ކަމެކެވެ. މި ތަދަކީ އެކަމަކު އާންމު ބަނޑަށް އުނދަގޫވުމަކާއި، ނުވަތަ ގޭސް ތަދަކަށް ވުރެ ތޫނު އަދި ވަރުގަދަ ތަދެކެވެ. ކިޑްނީގައި ހިލަ އުފެދުމަކީ ވަކި އުމުރަކަށް ހާއްސަ ކަމެއް ނޫނެވެ. ހާއްސަކޮށް، ހޫނުގަދަ ދުވަސްވަރުގައި ފެންބުއިމާ ދުރު ނަމަ މި މައްސަލަ ކުރުމަތިވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ގިނައިން ދިޔާތަކެއްޗާއި ފެން ބުއިމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ސްޓްރެސް

އާއެކެވެ. ތި އަންނަ ހާސްކަމާއި ކަންބޮޑުވުމަކީ އަދި ތި ހީކުރާހާ އާދައިގެ ކަމެއް ނޫނެވެ. ހީނުކުރާ ކިތަންމެ ގޮތަކަށް ސްޓެރެސްގެ ނުރަނގަޅު އަސަރު ކޮށްފާނެ އެވެ. އެހެންވެ، ދުޅަހެޔޮ ކާނާ ކެއުމާ އެއްވަރަށް ހެލިފެލިވެ އުޅުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އިސްކަން ދޭށެވެ.

މި ނޫނަސް، ބަނޑުގެ ރިހުމެއް ހުރެދާނެ އެހެން ބައިވަރު ސަބަބުތަކެއް ހުރެދާނެ އެވެ، ތަދު ނުފިލައި، އިތުރަށް ގޯސްވާ ނަމަ، ގޫގުލް ކުރެން ނާހައި، ޑޮކްޓަރެއްގެ ލަފާ ހޯދުން މާ ބުއްދިވެރި އެވެ.

ސިއްހަތު

Popular