By: Aishath Mihna Nasih
ހަޔާތުގެ ކޮންމެ ދުވަހަކީ އަގުނުކުރެވޭނެ ފަދަ ވަގުތުތަކަކަށް ވާއިރު، އޭގެ ބޭނުން ހެޔޮގޮތުގައި ހިފާ އުޖާލާ މުސްތަގްބަލެއް ހޯދުމަކީ ކޮންމެ މީހަކުވެސް ދެކޭނޭ ހުވަފެނެކެވެ. އުމުރުން ދުވަސްވެ ގައިބާރު ދޫވާ އިރު، އެދެވޭ މަސައްކަތްތަކެއް ކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެ އުފާވެރި ދުވަސްތަކެއް ހޭދަކުރަން އެންމެން ވެސް ބޭނުންވާނެ އެވެ.
އެ ހުވަފެން ހަގީގަތަކަށް ހެއްދެވި އެއް ބޭފުޅަކީ އަބްދުލް އަޒީޒު ޔޫސުފް (އަޒީ) އެވެ. މީގެ 44 އަހަރު ކުރިން އުމުރުން 18 އަހަރުން ފެށިގެން އަޒީ މަސައްކަތް ކުރެއްވީ ސަރުކާރުގެ އެކި އިދާރީ ވަޒީފާތަކުގަ އެވެ. އޭގެ ތެރެއިން 35 އަހަރު ޚާއްސަ ވެވަޑައިގެންނެވީ ފޮރިން ސާވިސްގެ ދާއިރާއިންނެވެ. ގައުމު ފަޚުރުވެރިވާ ފަދަ އަގުހުރި މަސައްކަތްތަކެއް ކޮށްދިނުމުގެ އުންމީދުގަ އެވެ. އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާގައި ރާއްޖޭގެ ޚާރިޖިއްޔާ ތަމްސީލް ކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި 12 އަހަރު ހޭދަކުރެއްވި އެވެ.
އެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވިއިރު ވެސް އަޒީގެ ދުރު ވިސްނުމުގައި، މުޅި އުމުރު ވަޒީފާގައި އުޅުއްވުމުގެ ޚިޔާލެއް ނެތެވެ. އޭނާ ގަބޫލްކުރެއްވި ގޮތުގައި ކޮންމެވެސް ދުވަހަކުން މަސައްކަތާ ދުރަށް ޖެހި، ހަމަޖެހިލައިގެން ދިރިއުޅުމަކީ ވެސް މުހިންމު ކަމެކެވެ. އުމުރުގެ ވަކި ހިސާބަކުން ރަނގަޅު ގޮތުގައި ރިޓަޔަކުރެއްވުމުގެ އަޒުމް މާ ކުރިން ވެސް އޭނާގެ ހިތުގައި އޮތެވެ. އެއީ ދުރާލާ ރާވައިގެން މާ ގިނަ ބަޔަކު ރިޓަޔަމެންޓަށް މަސައްކަތްކުރި ޒަމާނެއް ނޫނެވެ.
"އަޅުގަނޑުމެން ސަރުކާރުގައި އުޅުނު ދުވަސްވަރު މި އޮންނަނީ ވިހި އަހަރުވުމުން ދެން ޕެންޝަން ލިބެން ޖެހޭނެއޭ. ފުރަތަމަ ޕެންޝަނާ އެކީގައި އަނެއްކާވެސް ސަރުކާރުގައި އެ މީހަކު ބަހައްޓާ، ޑަބަލް ޕެންޝަން ވެސް އޭރު އެބަ ލިބޭ،" އަޒީ ވިދާޅުވި އެވެ.
ސިއްހީ ހާލަތު ދަށްވެ މަސައްކަތް ނުކުރެވޭ ހިސާބަށް ދާއިރު ވެސް ވަޒީފާގައި ދެމިތިބުމަކީ ގިނަ ދިވެހިން ހޭނިފައި ތިބި ގޮތެވެ. އާމްދަނީ ލިބޭ އިތުރު ގޮތެއް ނޯންނާތީ ގިނަ މީހުންނަށް އެ ގޮތް މަޖުބޫރު ވެސް ވަނީ އެވެ. ނަމަވެސް ސިއްހީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ނަފްސާނީ ގޮތުން ބެލި ކަމުގައި ވިޔަސް މި ގޮތަށް މަސައްކަތްކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ރިޓަޔަމެންޓާ މެދު ދުރާލާ ވިސްނައި އުމުރުގެ ވަކި ހިސާބަކުން އެކަން ހާސިލްކުރެވޭތޯ މަސައްކަތްކުރުން މުހިއްމު ކަމަށް އަޒީ ގަބޫލުކުރައްވަ އެވެ.
"މީހަކު ރިޓަޔަ ކުރަން ޖެހޭ ކަމުގައި އަޅުގަނޑު ދެކެނީ، އެމީހާގެ ހަޔާތުގެ ކުރިއަށް އޮތް ދުވަސްތަކުގައި ދިރިއުޅުމަށްޓަކައި ކޮންމެވެސް އެހެން [ލުއި] މަސައްކަތެއް ކުރެވޭ އަދި އޭނަ އަށް ހެލިފެލިވެ އުޅެވޭ ސިއްހަތެއްގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ އުމުރެއްގައި،" އޭނާ ވިދާޅުވި އެވެ.
ރިޓަޔަ ކުރެއްވުމަށްޓަކައި އަޒީ ކަނޑައެޅުއްވި އުމުރަކީ 60 އަހަރެވެ. އެ އަމާޒަށް ވުރެ ދެ އަހަރު ފަސް ވިޔަސް އޭނާ ރިޓަޔަ ކުރެއްވީ ހިތްހަމަޖެހުމާއި އުފަލާ އެކީގަ އެވެ. އޭގެ ސިއްރަކީ އާމްދަނީ ހޯދާނެ އިތުރު ގޮތްތަކާއި އަރާމުގައި އުޅެލެވޭނޭ ވަރުގެ ދިރިއުޅުމެއް ހޯދުމަށް ދުރާލާ މަސައްކަތްކުރެއްވުމެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅެމެއް އާއިލާއާ އެކީ ވޭތުކުރުމުގެ ނަސީބު އަޒީއަށް ލިބިފައިވާއިރު، އަދިވެސް އަޒީ މަސައްކަތްކުރައްވަމުން ގެންދަވަނީ، މުޖްތަމައަށް ނުވަތަ ގައުމަށް ކޮށްދެވޭނޭ ޚިދުމަތެއް ކޮށްދިނުމަށެވެ.
ކޮންމެ މީހަކީ އަޒީ ފަދައިން އޮފީހެއްގައި ނުވަތަ ސަރުކާރުގެ މަސައްކަތުގައި ޝާމިލްވެ އުޅެވޭނެ މީހަކަށް ނުވެދާނެ އެވެ. އައިމިނަތު ވަހީދާ، 63، އަކީ ގޭގައި މަސައްކަތްކޮށް އާމްދަނީ ހޯދަމުން އައި ހީވާގި އަންހެނެކެވެ. އުމުރުން 15 އަހަރުގައި ކައިވެނިކޮށް 11 ދަރިން ލިބިފައިވާއިރު، ފިރިމީހާ މަރުވުމުން އާއިލާގެ ޒިންމާތަކާ އެންމެ އިސްކޮށް ހަވާލުވެ ހުރީ ވެސް ހަމަ އޭނާ އެވެ.
އެންމެ ކުރީއްސުރެ ވެސް ކުރަމުން އައި ފެހުމުގެ މަސައްކަތާއި އަތްތެރި މަސައްކަތްތަކުގެ އިތުރަށް ހަވާދު ހެދުން ފަދަ ކަންކަން މިހާރު ވެސް ހިތްވަރާ އެކީ ކުރަމުން އަންނައިރު، ވަހީދާގެ އުންމީދަކީ ކޮންމެ ދުވަހަކީ ވެސް އޭނާގެ ފަރާތުން ބަޔަކަށް އެދެވޭ ފައިދާތަކެއް ލިބޭނޭ ފަދަ ދުވަހަކަށް ހެދުމެވެ.
އުމުރުން ދުވަސްވަމުން އައި ވަރަކަށް ސިއްހަތަށް ބަލަން ޖެހޭ މިންވަރު އިތުރުވަމުން އައުމާ އެކު 2007 ވަނަ އަހަރުން ފެށިގެން ވަހީދާ އަންނަނީ ޔޯގާ ކްލާހަކާ ގުޅި ގަވާއިދުން ޔޯގާ ހަދަމުންނެވެ. މިއީ، ޑޮކްޓަރުންގެ ލަފައާ އެކު، އުމުރުން ދުވަސްވަމުންދާ ވަރަކަށް ހެލިފެލިވެ އުޅުން އިތުރުކުރުމުގެ ގޮތުން އޭނާ ކުރަމުން އަންނަ ކަމެކެވެ.
"އުމުރުން ދުވަސް ވާން ފެށުމުން ޑޮކްޓަރުން ލަފާދިނީ ހެލިފެލިވެ އުޅުން އިތުރުކުރަން. އެހެންވެ ޔޯގާ ފެށީ. މިހާރު އިންސްޓްރަކްޓަރުންނާ އެއްކޮށް ބަރާބަރަށް ޔޯގާ ހެދޭ،" ވަހީދާ ބުންޏެވެ.
އުމުރުން އެންމެ ހަގު ދަރިފުޅަށް މިއަހަރު 18 އަހަރު ފުރޭއިރު، ވަހީދާގެ އެންމެ ބޮޑު އުފަލަކީ މުޅި އާއިލާ އެކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމުގެ ފުރުސަތު ލިބިފައިވުމެވެ. އަދި މުސްތަގްބަލަށް ވިސްނައި، ދުޅަހެޔޮކަންމަތީ ދެމިހުރެވޭނެ އާދަތަކުގައި ހިފެހެއްޓުމެވެ.
ދިރިއުޅުމުގެ ދަތުރުގައި ކޮންމެ ދުވަހަކީ ބާއްޖަވެރި އަދި އުފާވެރި ދުވަހަކަށް ނުވެދާނެ އެވެ. ބައެއް ދުވަސް ދުވަހަކީ ހީނުކުރާވަރުގެ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނޭ ދުވަސްތަކެކެވެ. އެފަދަ ހާދިސާތަކަކީ މުޅި މުސްތަގްބަލް ބަދަލުކޮށްލާ، ކުރިން ލޯ ނުހުޅުވި ހުރި އެތަތައް ކަމަކަށް މީހާގެ ލޯ ހުޅުވާލަދީ ވިސްނުން ގެންގޮސްދޭ ކަމަކަށް ވެސް ވެދެ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އަހްމަދު ރަޝީދު މުހައްމަދާ ދިމާވީ މިފަދަ ހާދިސާއެކެވެ. ކޮންމެވެސް ވަރަކަށް ހިތުގެ މައްސަލަތަކެއް ހުރިކަން ކުރިން އެނގިފައިވީ ނަމަވެސް، މުޅި އާއިލާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ރަޝީދަށް ޖެހުނު މައިނަ ހާޓް އެޓޭކް އަކުންނެވެ. އައިޖީއެމްއެޗުގެ ކެތުލެބްގެ ފަސްވަނަ ސާޖަރީއަކަށް ރަޝީދުގެ ސާޖަރީ ކާމިޔާބުކަމާ އެކު ހަދައި، ކުރިން ހީނުކުރާ ވަރުގެ އުންމީދެއް އޭނާއަށާއި އާއިލާ އަދި ޑޮކްޓަރުންނަށް ވެސް ލިބުނެވެ.
އެ އުނދަގޫ ހާދިސާ އިން އަރައިގަތުން ވެގެންދިޔައީ ރަޝީދަށް މުޅިން އާ ދިރިއުޅުމެއް ލިބުން ކަހަލަ ކަމަކަށެވެ. އޭނާގެ ސިއްހަތާ މެދު ވިސްނާ، އަމިއްލަ ހަށިގަނޑަށް އަޅާލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
"ކުރިން އަޅުގަނޑު ސިޑިން އަރާ ފައިބާލީމަ ވެސް ނޭވާލާން އުނދަގޫވެ ހާސްވޭ. މާ ގިނައިރު މީހުންނާ ވާހަކަ ދައްކަން ވެސް ދަތިވޭ. އަބަދުވެސް އިންހޭލަ ބޭނުންކުރަންޖެހޭ. އެކަމު މިހާރު ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެ،" ރަޝީދު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި، ހާޓް އެޓޭކް ޖެހުމަށް މަގުފަހިވީ އޭނާ މާ ބޮޑަށް ފަލަވުމުންނެވެ. އެހެންކަމުން ބަރުދަން ލުއިކޮށް ހަށިގަނޑު ދުޅަހެޔޮ ކުރުމަށްޓަކައި އަވަސް އަދި ބޮޑެތި ބަދަލުތަކެއް މި އުމުރުގައި އޭނާ ކުއްލިއަކަށް ގެންނަން ޖެހުނެވެ.
އެންމެ ފުރަތަަމަ ކަމަކަށް އޭނާ ބެލީ ކެއުމަށް ބަދަލުތަކެއް ގެނެވޭތޯ އެވެ. ކޮލެސްޓްރޯލް އެކުލެވޭ ކާނާ ކެއުން ވީ އެންމެ ބޮޑަކަށް މަދުކޮށް، ދޯބުރާލި ހަކުރު ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަނީ މާމުޔެވެ. އަދި އާދައިގެ ތެލުގެ ބަދަލުގައި އޮލިވް އޮއިލް ބޭނުންކުރަން ފެށި އެވެ. ކެއުމުގައި ވަކި މިންވަރެއް ގެންގުޅެން އާދަކުރަން ފެށިއެވެ. ތަރުކާރީ އާއި މޭވާ އިތުރުކުރި އެވެ.
ރަޝީދުގެ ދިރިއުޅުމުގެ ގިނަ އާދަތަކެއް މިހާރު ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަށޭނަ ގޮތަކަށް ބަދަލުކޮށްފަ އެވެ. ގާތްގަޑަކަށް 25 އަހަރުވާންދެން އަދާ ކުރަމުންދިޔަ ވަޒީފާއިން މިހާރު ރިޓަޔަކޮށްފައިވީ ނަމަވެސް، އަވަހަށް ނިދައި އަވަހަށް ހޭލާން އޭނާ ވަނީ އާދަކޮށްފަ އެވެ. އަދި ފަތިސްނަމާދަށް ފަހު އަޑުހަރުކޮށް ގުރުއާން ކިޔެވުމަށް ވަގުތު ހުސްކުރާއިރު، މިކަމުން ނޭވާހިތްލުމަށް ފަސޭހަވާކަން ރަޝީދު ފާހަގަކުރި އެވެ. އެއަށްފަހު، ގޭގައި ލުއި ކަސްރަތުތަކެއް ކުރުމަށް ފަހު، ރަޝީދު ނުކުންނަނީ އޭނާގެ ބަައިސްކަަލުގައި މާލެ ވަށައި ބާރު ސްޕީޑްގައި ބުރެއް ޖަހާލާށެވެ.
މާގިނައިރު ޓީވީ ބަލަން އިނުމުން ލޮލަށް ގެއްލުންވެދާނޭ ކަމަށް ލަފާކުރެވޭތީ އެކަން މަދުކޮށް، އަވީގައި އުޅޭ ގިނަ ވަގުތުތަކުގައި އަވިއައިނު ބޭނުންކުރުމަކީ ވެސް އޭނާގެ އާދައެކެވެ. އަދި މާގަދަ ހޫނުގައި ނުވަތަ ފިނީގައި އުޅެން ޖެހޭ ނަމަ ތޮފި ބޭނުންކޮށް، ހަންގަނޑު ރައްކާތެރިކުރުމަށް ވެސް ސަމާލުކަން ދެ އެވެ.
"ޒުވާން ދުވަސްވަރު ދުފުމާއި ސިނގިރެޓް ބުއިން ފަދަ ކަންކަން ވެސް ކުރެވުނު. ބައެއް ފަހަރު ސިނގިރެޓެއް ނުލިބިއްޖިއްޔާ ކާއެއްޗެއް ނުދިރުވޭ ހިސާބަށް ވެސް ދޭ! އެކަމަކު މީގެ އަހަރުތަކެއް ކުރިން އެކަން ވެސް މުޅިން ހުއްޓާލައިފިން،" ރަޝީދު ބުންޏެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވަކި އުމުރަކަށް އަދި ވަކި ޖިންސަކަށް އޮންނަ ކަމެއް ނޫނެވެ. ތުއްތު އުމުރުން ފެށިގެން އުމުރުން ދުވަސްވަމުންދާ ވަރަކަށް ވެސް ސިއްހަތާ ދޭތެރޭ ވިސްނާ އެކަށޭނަ އުސޫލްތަކެއް ގެންގުޅެން އާދަކުރަންޖެހެ އެވެ. ގޭގައި ތިބެގެން އާންމު ދިރިއުޅުމަށް ގެންނަ ކުދިކުދި ބަދަލުތަކުގެ އިތުރުން އަހަރަކު އެއްފަހަރު ނަމަވެސް ސިއްހީ ހާލަތު އަންގައިދޭ މެޑިކަލް ޗެކްއަޕެއް ހަދާލުމަކީ ބުއްދިވެރި ކަމެކެވެ.