18 Jul 2017

ލޯބީގެ ސިލްސިލާ: ހިތާއި ހިތުގެ ސައިންސާއި ސިއްރުތައް

ދިރިއުޅުމުގެ އެންމެ ލޯބި ސިފައަކީ މައްސަލަތަކާ އެކުގައި ވެސް ލޯބިން އުޅެން ދަސްވުމެއް ނޫން ހެއްޔެވެ؟ މި ހަގީގަތް ގަބޫލުކޮށް ހަޔާތުގެ ބައިވެރިޔާ އެގޮތުގައި ގަބޫލުކުރާށެވެ.

ލޯބީގެ ސިލްސިލާ: ހިތާއި ހިތުގެ ސައިންސާއި ސިއްރުތައް

ދިރިއުޅުމުގެ އެންމެ ލޯބި ސިފައަކީ މައްސަލަތަކާ އެކުގައި ވެސް ލޯބިން އުޅެން ދަސްވުމެއް ނޫން ހެއްޔެވެ؟ މި ހަގީގަތް ގަބޫލުކޮށް ހަޔާތުގެ ބައިވެރިޔާ އެގޮތުގައި ގަބޫލުކުރާށެވެ.

By: Ahmed Nadym

މިއުޅެނީ ބިޓު ކަޓައިގެންނޭ، ބިޓާ މައްސަލަ ޖެހިގެންނޭ، އޭނާ މަށަށް ކެއްސެއް ދީގެންނޭ ބުނެ ރޯން ފެށީމަ ވަރަށް ގިނަ މީހުން ކޮނޑެއް ދިއްކޮށް އޭގައި ބޯއަޅާލާށޭ ބުނާނެ އެވެ. އަދި މިވެނި އެވެނި ގޮތެއް ހަދަންވީ ނޫން ހެއްޔޭ، އޭރަށް ތިޔަ ކަންތައް ނުވާ ކަމަކަށް ބަދަލުކޮށްލަން ނަގާނީ ސިކުންތެކޭ ކިޔާފައި ނިކަން މޮޅެތި އަޅި އައިޑިއާސް ވެސް ދޭނެ އެވެ.

އެކަމަކު ވާހަކައެއް ބުނަން ހެއްޔެވެ! – އެއީ ހަމަ ހުސް އަޅި އެވެ. އެއީ ހުސް "ސޯފާގައި މާ ފޮޅުވި އެކްސްޕާޓުން" ނެވެ.

އެހެންވީމަ ހިތާއި ހިތުގެ ގުޅުމަކަށް ކެތްމަދުވެފައިވިޔަސް އެންމެ ރަނގަޅުވާނީ އެއިން އެކްސްޕާޓަކު ދޭ ނަސޭހަތް ގަބޫލުނުކުރިއްޔާއެވެ. އެކަމަކު އެންމެން ވެސް ބޭނުންވަނީ އުފާވެރި ރިލޭޝަންޝިޕެކެވެ. އަދި ވަކިން ހާއްސަކޮށް ބިޓު ކަޓައިގެން އުޅޭއިރު ނުވަތަ ބިޓު ކަޓަނީހެން ހީވެގެން އުޅޭ ހިނދު ކޮންމެ ކަހަލަ ހިޔާލެއް ވެސް އޮންނަނީ ރަނގަޅުވެފަ އެވެ.

އެކަމަކު މިފަހަރު "ސޯފާގައި މާ ފޮޅުވި އެ އެކުސްޕާޓުން" ދޫކޮށް މި ދާއިރާގެ ތަޖުރިބާކާރުންތަކެއްގެ ނަސޭހަތް އަޑު އަހައި ހިތާއި ހިތުގެ ގުޅުމެއް ފައްކާކުރަން ކިހިނެތްވާނެ ހެއްޔެވެ؟ އެގޮތުން ބަލާއިރު އެމެރިކާގެ ސައިކޮލޮޖިސްޓެއް ކަމުގައިވީ އަލްބަޓް އެލިސް އަކީ މި ރޮނގުން ބަލާ ނަމަ ޗެމްޕިއަނެކެވެ.

ސައިކޮލޮޖިސްޓުން ސާވޭކޮށް އެކުލަވާލާފައިވާ އެންމެ ނުފޫޒުގަދަ ސައިކޯތެރަޕިސްޓުންގެ ލިސްޓުގައި އޭނާ އަކީ ދެ ވަނަ އެވެ.

މީގެ އިތުރުން ރޮމޭންޓިކް ރިލޭޝަންޝިޕް އެހެން ތަޖުރިބާކާރެއް ކަމުގައިވާ ސިގްމަންޑް ފްރޭޑް އަކީ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ މި ލިސްޓުގައި ތިން ވަނަ އެވެ.

ބިޓު ކަޓައިގެން އުޅޭ ނަމަ ނުވަތަ ބައިވެރިޔާއާ މައްސަލަޖެހިގެން އުޅޭ ނަމަ މިވަރުގެ ތަޖުރިބާކާރު ބައެއްގެ ލަފާ ހޯދައި ލޯތްބާއި ގުޅުމާއި ސައިންސާ ދެމެދުގައިވީ ހެކިތަކާއި ހަގީގަތުން އިބްރަތް ހާސިލުކުރަން ކިހިނެތްވާނެ ހެއްޔެވެ؟

ބައިވެރިޔާ އޭނާގެ ގޮތުގައި ގަބޫލުކުރުން!

ލޯބީގެ ފިލްމުތަކާއި ވާހަކަތަކުން އެންމެ ގިނައިން އިވޭ ވައުދުގެ އަޑަކީ ނުވަތަ ފެންނަ އަސަރުގަދަ މަންޒަރަކީ މިއީ އެވެ. މިއީ ލޯބީގެ ނިކަން ބޮޑު ތެދެކެވެ. ލޯބިވާ މީހާ އޭނާގެ ގޮތުގައި، އެ ހުރިހާ ދެރައަކާއި މޮޅުކަމަކާއި ތަފާތުކަމަކާއި ފީކަޅާކަންކަމާ އެކުގައި ވެސް ބަލައިގަންނާށެވެ.

ކޮންމެ މީހެއްގެ ކިބައިގައި ވެސް ވިޔާނުދާ ކަންކަމާއި އަހުލާގު ހުންނާނެ އެވެ. ގޯސް ހެދޭނެ އެވެ. ޢާހިރުގައި އަހަރެމެން އެންމެން ވެސް މިއީ ހަމަ އިންސާނުންނެއް ނޫން ހެއްޔެވެ؟ ދިރިއުޅުމާއި ލޯބީގެ ހަޔާތުގެ އަމާޒަކަށް ހަދަންވީ ތިމާގެ މިޒާޖާއި އަހުލާގާއި ސިފަތަކާ ނުގުޅޭ މީހާ އަށް ވެސް ކެތްކޮށް އެމީހަކު ލޯބިވާން ދަސްކުރުމެވެ.

އަލްބަޓް އެލިސްގެ މަޝްހޫރު ފޮތެއް ކަމުގައިވާ "މޭކިން އިންޓިމޭޓް ކަނެކްޝަންސް" ގައި މި ކަމަށް ނިކަން ރީއްޗަށް އަލި އަޅުވައި އޭނާ ލިޔެފައިވެ އެވެ.

"އަނެކާ ކުށްވެރިނުކުރާށެވެ. ހަޔާތުގެ ތިޔަ ގުޅުމުގެ މަގުސަދަކީ ދިރިއުޅުމުގެ އުފާފާގަތިކަން ލިބިގަތުން ކަމަށް ހަދާށެވެ. ކަމުނުދާ ކަންކަން ފާހަގަކޮށް ހައްލުކުރަން ހަދާނެ ކަމެއް ނެތެވެ. ދިރިއުޅުމުގައި ބައިވެރިޔާގެ ރިފޯމިސްޓަކަށްވާނެ ކަމެއް ނެތެވެ. އަމިއްލަ ނަފުސުގެ ޖަޒުބާތަށް ޒިންމާދާރުވާށެވެ. ބައިވެރިޔާ އަށް ތިމާގެ ނުފޫޒު ފޯރުވިޔަސް އޭނާ ބަދަލުކުރަން ނުވަތަ ބަދަލުވާން މަޖުބޫރުނުކުރާށެވެ. އަދި ހަމަ އެއާއެކު ލޯބިވެރިޔާގެ ނުފޫޒު ތިމާ އަށް ފޯރާނެ ދޮރުތައް ވެސް ހުޅުވާށެވެ."

އެލިސްގެ މަޝްހޫރު ފޮތުގައި އޭނާ ލިޔެފައި ވަނީ މިފަދައިންނެވެ. އެލިސް އެ ބުނަނީ ނިކަން ބޮޑު ހަގީގަތެއްގެ ވާހަކަ އެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ކިބައިން ފާހަގަކުރެވޭ ކަމަކާ މެދު ހިތްހަމަނުޖެހިގެން އެކަމެއް އޭނާގެ ކިބައިން "ފޮހެލަން" މަސައްކަތްކުރުމަކީ ދެ މީހުންގެ ގުޅުން ތާއަބަދަށް ހަރާބުކޮށްލަފާނެ ކަމެކެވެ.

ދިރިއުޅުން ހަނގުރާމައަކަށްވުރެން ފިނިކޮށް އޭގެ އުފާ ހާސިލުކުރާށެވެ.

ދިރިއުޅުމުގެ އެންމެ ލޯބި ސިފައަކީ މައްސަލަތަކާ އެކުގައި ވެސް ލޯބިން އުޅެން ދަސްވުމެއް ނޫން ހެއްޔެވެ؟ މި ހަގީގަތް ގަބޫލުކޮށް ހަޔާތުގެ ބައިވެރިޔާ އެގޮތުގައި ގަބޫލުކުރާށެވެ.

ފާޑުނުކިޔައި އަގުވަޒަންކުރުން!

"މޭކިން އިންޓިމޭޓް ކަނެކްޝަންސް" ގައި އެލިސް ނަގައިދޭ އަގުހުރި އަނެއް ފިލާވަޅަކީ މިއީ އެވެ. ލޯތްބަށް ނުވަތަ ލޯބިވެރިޔާ އަށް ފާޑުކިޔަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ލޯބީގެ އަގުވަޒަންކުރާށެވެ! އެންމެ އާދައިގެ ކަންކަމުގައި ވެސް ބައިވެރިޔާގެ އަގުވަޒަންކުރާށެވެ.

"ފާޑުކިޔުން ހުއްޓާލާށެވެ. އާދައިގެ ކުދި ކަންކަމުގައި ވެސް ބައިވެރިޔާ ފާހަގަކޮށް އަގުވަޒަންކުރާށެވެ. ބައިވެރިޔާ ކަމުދާ ގޮތްތަކާއި އޭނާ ތިމާ އަށް ހާއްސަވާ ގޮތްގޮތް ހޯދައިގެން އެކަމުގެ ހާއްސަކަން އޭނާ އަށް އިހްސާސްކޮށްދޭށެވެ. އެ ވާހަކަތައް ކިޔައިދޭށެވެ. ތެދުވެރިވުން މިކަމުގައި ވަރަށް މުހިންމެވެ."

އެލިސް ބުނެފައި ވަނީ ފާޑުކިޔުމަކީ ދެ މީހުންގެ ގުޅުން ހަރާބުކޮށްލުމުގެ އިތުރުން އެ ގުޅުން މަރައިލަފާނޭ ކަމެއް ވެސްމެއެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއް ހަލާކުކޮށްލާ މަޝްހޫރު ހަތަރު ސިފަތަކުގެ ތެރޭގައި ވެސް ހިމެނޭ އެންމެ ގޯސް ސިފައަކީ އެކަކު އަނެކަކަށް ފާޑުކިޔުމެވެ.

މިހެން ބުނީމަ ފާޑުކިޔުމާއި ޝަކުވާކުރުން އޮޅުވައިނުލައްޗެވެ. ޝަކުވާކުރުމަކީ ދެ މީހެއްގެ ރިލޭޝަންޝިޕެއްގައި އޯކޭ ކަމެކެވެ. އެކަމަކު ފާޑުކިޔުން އަމާޒުވަނީ މީހާގެ އަހުލާގަށް ނުވަތަ އުޅުމަކަށް ނޫނެވެ. ސީދާ އެމީހެއްގެ ނަފުސަށެވެ. ގޯސްވަނީ އެހިސާބުންނެވެ.

އުފަލުގައި ލޯބިން އުޅެން ޝަކުވާކުރަން ޖެހެ އެވެ. އެކަމަކު ފާޑުކިޔާކަށް ނުޖެހެ އެވެ.

"ހިތާއި ހިތުގެ ސައިންސާއި ސިއްރުތައް" ސިލްސިލާގައި މިފަހަރު މި ކިޔައިދެވުނީ ކާމިޔާބު ދިރިއުޅުމެއް ބައިވެރިޔާއާ އެކު ފައްކާކުރާނެ ލޯބީގެ ދެ އުކުޅެއްގެ ވާހަކައެވެ. މިފަދަ އިތުރު އުކުޅުތަކާ އެކު އަންނަ ހަފުތާގައި ވެސް މި ސިލްސިލާ އެނބުރި އަންނާނެ އެވެ.

ޒުވާނުން

Popular