24 May 2025

By: Asima Nizar

އާޓިސްޓިކް ހާއްސަ ހުނަރެއް ހުރިކަން އާމިނަތު ނަސްމާއަށް އެނގުނީ އަލަތު ދަރިފުޅު ވިހައިގެން ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނު ދުވަސްވަރު އެވެ. ކޮވިޑުގެ ދުވަސްވަރު ކުރިމަތިވި އެކަނިވެރިކަމާ އެކު އެހެން އެތައް ބަޔަކު ވެސް އެކި ކަންކަން ފެށި ގޮތަށް ނަސްމާ ވެސް އާޓުގެ ތެރެއަށް ވަނީ އެވެ.

އަބަދު ވެސް ތަފާތު އެކި ވައްތަރު ކުރަހަމުން އާޓުގެ ދުނިޔޭގައި އުޅެމުން ދިޔަ ނަމަވެސް އިސްލާމިކް ކެލިގްރަފީ އަކީ ނަސްމާ، 26، އަށް އޭރު މުޅިން އާ ކަމެކެވެ. އެ ތަޖުރިބާގެ ތެރެއިން މި މަސައްކަތަށް ހިތް ދެވުނީ އެވެ.

އެ ހިސާބުން އޯޑަރަށް ހުޅުވާލައި އަދި އޭގެ އަހަރެއް ފަހުން ފޭސްބުކް އަދި އިންސްޓަގްރާމުގައި "އަލްފުނުން އެމްވީ" ގެ ނަމުގައި ހުޅުވި ޕޭޖާ އެކު ރަސްމީކޮށް އާޓުގެ ތެރެއަށް ވަނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، އާޓް އެގްޒިބިޝަނަށް ނަސްމާ ހުށަހެޅި އާޓު ޕީސް ބައްލަވާލައްވާއިރު ކައިރީގައި ނަސްމާ މަޑުކޮށްލައިގެން.

އާޓިސްޓް ކޮމިއުނިޓީން ކެލިގްރަފީއަށް ހާއްސަކޮށްގެން މިދިޔަ ހަފުތާގައި ބޭއްވި އެގްޒިބިޝަނަކީ، ރ. އިނގުރައިދުއަށް އުފަން ނަސްމާ ބައިވެރިވި ފުރަތަމަ އިވެންޓެވެ.

އެ އިވެންޓަށް އޭނާ ވަނީ އިސްލާމިކް ކެލިގްރަފީގެ ހުނަރު ފެންނާނެ އާޓުގެ ހަތަރު އުފެއްދުމެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން ވެސް އޯވަލް ޝޭޕް ކެންވާގައި ލިޔެފައިވާ މުލްކު ސޫރަތުގެ އާޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ނަސްމާ ބުނީ ނެދަލެންޑްސްގެ މަޝްހޫރު ކުރެހުންތެރިޔާ ވެން ގޯގެ ސްޓާރީ ނައިޓުގެ ތީމަށް ނުލާއި ރީނދޫ ކުލައިން ކެންވާގައި ފަރުމާކޮށްފައިވާ އެ ޕީސް ތައްޔާރުކުރީ އެއް މަސް ދުވަހުން ކަމަށެވެ. އޭގެ އިތުރުން ބަގަރާ ސޫރަތް ކެލިގްރާފްކޮށް ހުށަހެޅި އުފެއްދުން ގަތުމަށް މީހަކު ވަނީ ހުށަހަޅައިފަ އެވެ.

ދަރިފުޅާ އެކު މާލޭގައި ދިރިއުޅެމުން އަންނަ ޒުވާން މަންމަ ބުނީ ބައިވެރިވި ފުރަތަމަ އިވެންޓުން އުއްމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

"[ފުރަތަމަ އެގްޒިބިޝަން] ވަރަށް ބެސްޓު. އާ އާޓިސްޓުންނާ ވެސް ދިމާވެއްޖެ. އާ ރަހުމަތްތެރިން ލިބިއްޖެ،" ނަސްމާ ބުންޏެވެ.

އޭނާ ބުނީ އާޓުގެ އެހެން ކަންކަމާއި އިސްލާމިކް ކެލިގްރަފީގައި ތަފާތު ހުންނަ ކަމަށެވެ. އޭގެ ތެރޭގައި އިސްލާމިކް ކެލިގްރަފީގައި އަކުރުތައް ލިޔުމުގެ ގެންގުޅެންޖެހޭ ވަކި ގޮތްތަކެއް ހުރެ އެވެ. އެހެންވެ، އެގްޒިބިޝަނަށް ތައްޔާރުވުމަށް ކޮންމެ އަކުރެއް ވެސް ވަކިން ލިޔެ، ވަރަށް ބޮޑަށް ފަރިތަކުރި ކަމަށް އޭނާ ބުންޏެވެ.

އިސްލާމިކް ކެލިގްރަފީގައި އުޅޭތާ ފަސް އަހަރު ފަހުން ފުރަތަަމަ އެގްޒިބިޝަންގައި ބައިވެރިވިޔަސް ނަސްމާ ބުނީ އޭނާގެ ކެލިގްރަފީގައި އޭނާގެ ތަފާތު އުފެއްދުންތައް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށެވެ.

އަންހެނުން ޒުވާނުން

Popular