18 Oct 2017

ފިނިފެންމަލާއި ލޯބި: ހިތަށް ހެރި އެންމެ ތޫނު ކަށި

ފިނިފެންމަލާއި ލޯބި: ހިތަށް ހެރި އެންމެ ތޫނު ކަށި

By: Ahmed Nadym

އެންމެ ފުރަތަަމަ، ފިނިފެންމަލުގެ ނިކަން ކުރު އެކަމަކު ކުލަގަދަ ތާރީޚެއްގެ ވާހަކަ ކިޔައިދޭނަމެވެ. މި މަލަށް ގާތްގަނޑަކަށް 35 މިލިއަން އަހަރު ވެއްޖެ އެވެ. އަހަރެމެންގެ ބަގީޗާގެ އެންމެ ފަރި މަލަށް ފިނިފެންމާ ބަދަލުވީ މީގެ ގާތްގަނޑަކަށް 5،000 އަހަރު ކުރިން ޗައިނާގެ ސަގާފަތާއި އާދަކާދައިގެ ތެރެއިންނެވެ. ރޯމަނުންގެ ޒަމާނުގައި ފިނިފެންމަލަކީ މެދުއިރުމަތީގައި ނިކަން ގަދައަށް އިންދައި ސެންޓާއި ބޭސްފަރުވާގެ އެކި ބޭނުންތަކަށް މަޝްހޫރު މަލެކެވެ.

އެއަށް ފަހު 15 ވަނަ ގަރުނުގައި ފިނިފެންމާ މަޝްހޫރުވީ އިންގްލޭންޑްގެ ދާޙިލީ ލޭއޮހޮރުވުމުގައި ބޭނުންކުރި ރަމްޒެއްގެ ގޮތުގަ އެވެ. އެ ހަނގުރާމަ އަށް "ފިނިފެންމަލުގެ ހަނގުރާމަ"ގެ ނަން ދިނީ މި ސަބަބާ ހެދި އެވެ.

ފިނިފެންމަލަށް ޔޫރަޕުގެ ހިތް ގެންބުވީ ޗައިނާ އިން އެތެރެކުރި މަލުގެ ކުލަތަކާއި އޭގެ ހިތްގައިމުކަމެވެ. އެއީ 18 ވަނަ ގަރުނުގެ ފަހުކޮޅެވެ. އެއަށް ފަހު ދެން އައި ވިކްޓޯރިއަން ޒަމާނާ އެކު ފިނިފެންމާ ބަދަލުކޮށްލީ ލޯތްބާއި ޖަޒުބާތުގެ އިހްސާސްތައް ކުލަކޮށް ބުނެދިން މާނަ ފުން މަލަށެވެ. ދުލުން ބަޔާންކޮށްނުދެވުނު އިހްސާސްތައް ފިނިފެންމަލުގެ ކުލަތަކުން ބުނެދޭން ފެށި ހިސާބަކީ މިއީ އެވެ.

މި މަލެއް މިހާރު ވެސް އެންމެ މަޝްހޫރީ މި ގޮތަށެވެ. ފިނިފެންމަލާ ނުލައި ލޯތްބެއް ތެދުވެރި ނުވަތަ ފުރިހަމައެއް ވެސް ނުވާނެއޭ ބުނެވިދާނެ އެވެ. އެ ވަރަށް ވެސް މި މަލުގެ މުހިންމުކަން ލޯތްބަށް މި ވަނީ ބޮޑުވެފަ އެވެ.

އެކަމަކު ފިނިފެންމާ މިއަދު މަޝްހޫރުވެފައި ވަނީ ހަމައެކަނި އިޝްގީ ލޯބި ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތަކު ނޫނެވެ. އެއަށް ވުރެ ބޮޑަށް އިންސާނީ ތަފާތު އެކި އިހްސާސާއި ގުޅުންތަައް އޭގެ ފިޔަ އާއި ކުލައިން ތަރުޖަމާކޮށްދޭ މަލަކަށެވެ. އެހެންވީމަ މިހައި ހިސާބުން އޭގެ ތެރެއިން ބައެއް ކުލަތަކަށާއި އެ ކުލަތަކުގެ ސިއްރު އިހްސާސްތަކަށް ބަލައިލަމާ ހިނގާށެވެ.

ރަތް ކުލަ: އިޝްގީ ލޯތްބަށް ހާއްސަ ފިނިފެންމަލަކީ މިއީ އެވެ. ވަކިން ހާއްސަކޮށް ރަތް ފިނިފެންމާ މަޝްހޫރުވެފައި ވަނީ ލޯބިވެރިޔާ އަށް ފިރިހެނުން ދޭ އެންމެ އަގުބޮޑު އެއް ހަދިޔާގެ ގޮތުގަ އެވެ. ގިނަ ފަހަރަށް ރަނާއި ރިހީގެ ހަދިޔާއަކަށް ވުރެ ވެސް އަންހެން ކުދިންނަށް ބޮޑަށް ކަމުދަނީ މިފަދަ ފިނިފެންމަލެކެވެ. މި ކުލައިގެ އެންމެ މަލަކުން ވެސް އަންހެން ކުއްޖެއްގެ ހިތް ފުރިގެން ބަންޑުންވެދާނެ އެވެ.

ފިޔާތޮށި ކުލަ: މިއީ ފުރިހަމަ ކަމާއި ހިތްގައިމުކަމުގެ ވާހަކަ ބުނެދޭން ބޭނުންކުރާ ކުލައެކެވެ. އިހްތިރާމާއި ގަދަރުވެރިކަން އަންގައިދޭން ބޭނުންކުރާ ކުލައެކެވެ.

ރީނދޫ ކުލަ: މިއީ އަޅާލުމާއި އޯގާވެރިކަމާއި އެކުވެރިކަމުގެ ސިފަ ބަޔާންކޮށްދޭ ކުލަ އެވެ. ނަމަވެސް ވިކްޓޯރިއަން ޒަމާނުގައި ފިނިފެންމަލުން އިހްސާސްތައް ބަންޑުންކުރަން ފެށިއިރު ރީނދޫ ކުލައިގެ ފިނިފެންމަލުން ބޭރުކުރީ ހަސަދަވެރިކަމެވެ.

އޮރެންޖު ކުލަ: މީހަކަށް ހިތްކިޔައިގެން އުޅޭ ހާލަތެއްގައި އޮބިނޯވެގެން އުޅޭ ނަމަ އެ ވާހަކައެއް ބުނެދޭން އެންމެ ރަނގަޅު ކުލައަކީ މިއީ އެވެ. މިއީ ޝައުގުވެރިކަމާއި އެދުންވެރިކަން ބަޔާންކޮށްދިނުމަށް ބޭނުންކުރާ ފިނިފެންމަލުގެ ކުލަ އެވެ.

ހުދު ކުލަ: ސާފު ތެދުވެރި ލޯތްބެއް ސިފަކޮށްދޭން ހުދު ފިނިފެންމާ ބޭނުންކޮށް އުޅެ އެވެ. ތިމާގެ ހިތުގައި އޮތީ ހަމައެކަނި އެދުންވެރިކަން ނޫންކަން ސާބިތުކޮށް، ލޯބީގެ ހަގީގީ އިހްސާސްތައް ބުނެދޭން ވެސް މި ކުލައިގެ ފިނިފެންމާ އިހްތިޔާރުކުރެ އެވެ. މިއީ އިހްސާންތެރިކަމާއި ތެދުވެރިކަމާއި މައޫސޫމް ނަފުސު ސިފަކޮށްދޭ މަލެކެވެ.

ފިނިފެންމަލާއި އޭގެ ކުލަތައް އަހަރެންނާ ހަމައަށް އައިސް ފަރިވެ ފޮޅިފައިވަނީ މިފަދަ އެތައް ބައިވަރު އިހްސާސްތަކެއް ގޮވައިގެންނެވެ. އެކަމަކު ވެސް އަންހެން ކުއްޖަކަށް ފިނިފެން މަލެއް ހާއްސަވާ ސަބަބަކީ މިހާ ގިނަ ގޮތްގޮތަށް ކިޔައިދޭން އެނގޭ ވާހަކައެއް ނޫނެވެ. ޚުދު އަންހެން ކުދިންނަށް ވެސް ކިޔައިދޭން އެންމެ އުނދަގޫ ވާހަކައަކީ އެއީ އެވެ.

ލޯބި ސިފަކޮށްދޭ ނިޝާނަކަށް ނުވަތަ ލޯބިވެރިޔަކަށް ހާއްސަ ހަދިޔާއަކަށް ފިނިފެންމަލެއް ވާ ސަބަބު ކިޔައިދޭން އުނދަގޫ ނުވާންވީ ސަބަބެއް ވެސް ނެތެވެ. ހަގީގަތަށް ބަލާއިރު ލޯބީގެ ދިމާ އިދިކޮޅު ހުރިހާ ސިފައެއް ފިނިފެންމަލުގައި ހިމެނެ އެވެ. ލޯބި ފުރިހަމަވަނީ ނުވަތަ އަގެއް ހުރި އިހްސާސަކަށް ބަދަލުވަނީ އެ ލޯބީގެ ވަރުގަދަ ކަމާއި ފުންކަމުންނެވެ. ނަމަވެސް ވަރުގަދަ ފުން ލޯބި ސިފަކުރަން އަހަރެމެން ބޭނުން މިކުރަނީ މާތަކުގެ ތެރެއިން ވެސް އެންމެ ބަލިކަށި ނުވަތަ ދެރަވަރު މަލެވެ.

ފިނިފެންމަލަކީ ފަސޭހައިން ގޯނާކޮށް ހަލާކުކޮށްލެވޭ ބަލިބަލި މަލެކެވެ.

އަނެއްކޮޅުން ހިތުގެ އިހްސާސްތަކާ އެކު އަންހެން ކުއްޖާ އަށް ހަދިޔާކުރާ ފިނިފެންމާ މޯޅިވެ ބަލަން ނުކެރޭވަރުގެ ހުތުރު ސިފައަކަށް ބަދަލުކޮށްލަނީ ދެ ތިން ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން ފިނިފެންމަލުން ކިޔައިދޭ ލޯބީގެ ވާހަކައިގައި ހުރި އަސަރެއް ބައެއް މީހުންނަކަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

އެކަމަކު އަދިވެސް ފިނިފެންމަލާއި ލޯބީގެ އެހެން ވާހަކައެއް އެބަ އޮތެވެ. ބައެއް މީހުން ބުނާ ގޮތުން ފިނިފެންމަލަކީ އަންހެން ކުއްޖެއްގެ ރީތިކަމާއި ނާޒުކު ސިފަތައް ރަމްޒުކޮށްދޭ މަލެކެވެ. މިސާލަކަށް ބުނަނީ ނަމަ އޭގެ ފިޔަތަކާއި އެއިން ދުވާ މީރު ވަސް އަންހެން ކުއްޖާގެ ސިފަތައް ކަމަށް ވެދާނެ އެވެ. އަދި ތަނޑީގެ ވަކި ހިސާބެއްގައި ވީ ކަށިތަކަކީ، އަންހެން ކުއްޖާގެ ހިތް ފަތަހަކުރަން އުކަން ޖެހުނުހާ ތީރުކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އެއީ ތަހުތުގައި ވީ އަންހެން ކުއްޖާ ގެއްލުމާއި ހަލާކުން ސަލާމަތްކޮށްދޭން ފިރިހެން ކުއްޖާ ތައްޔާރަށް ހުރިކަން ބުނެދޭ ކަށިތަކެކެވެ. އަންހެން ކުއްޖާއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ތައްޔާރަށް ހުރިކަން ސާބިތުކޮށްދޭ އެއްޗެކެވެ.

ފިނިފެންމަލާއި ލޯތްބާ ދެމެދު އޮތް ގުޅުން މިފަދަ އެތައް ގޮތަށް ވެސް ކިޔައިދެވިދާނެ އެވެ. އެކަމަކު ލޯބީގެ ފުންކަމާއި އޭގައިވީ ހުރިހާ ކުލަތަކެއްގެ ވާހަކަ ހަމައެކަނި މަލަކުން ސިފަކޮށްދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

ޒުވާނުން

Popular