17 Oct 2017

ކައިވެންޏަށް ފަހު ފަލަވަނީ ކީއްވެ؟

ކައިވެންޏަށް ފަހު ފަލަވަނީ ކީއްވެ؟

By: Aishath Mihna Nasih

އަލަތު ކައިވެންޏަށް ތައްޔާރުވާން ހަ މަސް ދުވަހު ޖިމަށް ދިޔަ އެވެ. ކެއީ ހުސް ޑައެޓް ފުޑެވެ. ބުއީ ގްރީން ޓީ އާއި ކަޅު ކޮފީ އެވެ. އުޅުނީ ހިނގައިފަ އެވެ. ނަތީޖާ ވެސް ރަނގަޅެވެ.

ކައިވެނީގެ ހެދުމުގައި އޭނާ ހުރިއިރު ބައްޓަން ރީއްޗެވެ. ދެން ފެށުނީ ހަނީމޫނެވެ. ވަޒީފާއިން ޗުއްޓީ ނަގައިގެން ގޭގައި ނިކަން އުފަލުގައި އުޅެނިކޮށް ބަރުދަން އިތުރުވާހެން ހީވާން ފެށި އެވެ. ހެދުންތައް ބާރުވެ ބަނޑުވެސް ނިކުންނަހެން ހީވި އެވެ. ރައްޓެއްސަކާ ދިމާވިޔަސް ފޭސްބުކަށް ފޮޓޯއެއް ލިޔަސް "ހާދަ ފަލަވެއްޖޭ" ނޫނީ ބުނާ މީހަކާ ދިމައެއް ނުވި އެވެ.

މިއީ ވަކި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ދިމާވާ ކަމެއް ނޫނެވެ. އަލަތު ކައިވެނި ކުރާ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ކީއްވެ ހެއްޔެވެ؟ ހަމަ އެހާ ގިނައިން ކެވެނީ ހެއްޔެވެ؟ ނޫނީ މިއީ ކައިވެންޏާ ގުޅިގެން އަންނަ "ނޯމަލް" ބަދަލެއް ހެއްޔެވެ؟

މިކަން ތަޖުރިބާކުރަން ޖެހުނު ޒުވާން ފިރިހެނަކު މިކަމުގައި ގަބޫލުކުރާ ގޮތް "ދޯ" އަށް ކިޔައިދިނެވެ.

"ފަހަރެއްގައި ވެދާނެ ޖިމަށް ދިޔުން ހުއްޓާލީމަ ކަމަށް. ކެއުމަށް ވެސް ބަދަލުތަކެއް އަންނާނެތާ ކައިވެނި ކުރީމަ. ގޭގަ އަންހެނުން ކައްކާނެ. ކުރިއާ ޚިލާފަށް ކޮންމެ އިރަކަށް މިހާރު ކާންޖެހިފަ ހުންނަނީ. އަމިއްލަ ގެއިން، ނޫނީ މަންމަމެން ކައިރިން. އެހެންވީމަ ހެން ހީވަނީ،" އޭނާ ބުންޏެވެ.

އޭނާ ކައިވެނިކުރީ މިދިޔަ ޖުލައި މަހު އެވެ. ދެމަފިން ވެސް ތިބީ ހަމަ ހެޔޮވަރުވަރެއްގެ ބަރުދަނެއްގަ އެވެ. ނަމަވެސް މި ދެމީހުންގެ ޝަކުވާއަކީ ވެސް ހަމަ މިއެވެ.

"އަސްލު މަންމަމެންނާ އެކީގައި އުޅުނުއިރު މަންމަ އެއްވެސް ވަރަކަށް ކޫސަނި އެއްޗެހި ކެޔަކަ ނުދޭނެ. އެކަމަކު މިހާރު މަންމަމެންނާ ވަކީން ފިރިމީހާއާ އެއްކޮށް އުޅޭއިރު އެކަހަލަ އެއްޗެހި ވަރަށް ކެވޭ. އެންމެ ގިނައިން ކެވެނީ ވެސް ގިނައިން ކާބްސް ހުންނަ އެއްޗެހި. ދެން ޕޭސްޓްރީސް. އެހެންވީމަ ފަލަވާނެ އެއްނު؟،" އަންހެން މީހާ ބުންޏެވެ.

ދެން އެހެން މީހެއްގެ ވާހަކަ އެވެ. ކައިވެނި ކުރީ އުމުރުން 19 އަހަރުގައެވެ. އޭރު ބަރުދަނުގައި 38 ކިލޯ އެވެ. އެކަމަކު ކައިވެނިކޮށްގެން ތިން މަސްވީއިރު ބަރުދަން 47 ކިލޯއަށް އަރައިފި އެވެ. ފަލަވުމުގެ ސަބަބެއް ކަމަށް ޑޮކްޓަރަށް ދެއްކުމުން ބުނީ ކައިވެންޏަށް ފަހު، މައްސަރުގެ ކަންތައްތަކަށް އައި ބަދަލާ އެކު ޖެހުނު މައްސަލަތަކެވެ.

ކައިވެންޏަށްފަހު މާ ބޮޑަށް ފަލަވެގެން ދަނީ ހަމައެކަނި ކައިގެންނޭ ހީވިޔަސް މިކަމުގައި އެހެން ސަބަބުތައް ވެސް ހިމެނެ އެވެ. ކައިވެންޏަށް ގާތްގަޑަކަށް އަހަރެއް ފުރުނު އިރު 10 ކިލޯ ބަރުވެފައި ހުރި އަންހެނަކު އޭނާގެ ވާހަކަ ހިއްސާ ކުރަމުން ބުނިގޮތުގައި ކުއްލިއަކަށް ކުރަންޖެހުނު ކައިވެންޏަށް ފަހު ކެއުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ކާ މިންވަރު މަދުކޮށް ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުން ބެހެއްޓޭތޯ މަސައްކަތް ވެސް ކުރި އެވެ. އުފާވެރި ދިރިއުޅުމެއް އުޅެމުން އައިނަމަވެސް ބަރުދަން ދިޔައީ ހަމަ އިތުރުވަމުންނެވެ. ކީއްވެހެއްޔެ؟

ޑައިޓިޝަން އާސިޔާ އަބްދުލް ރަހީމް މި ސަބަބުތައް ކިޔައިދިނެވެ. އާސިޔާ ބުނާގޮތުން ކައިވެންޏަށް ފަހު ދެމަފިރިންގެ ބަރުދަން އިތުރުވެދާނެ ސަބަބުތައް ގިނައެވެ. ކެއިންބުއިން އިތުރުވުމާއި ލައިފްސްޓައިލަށް އަންނަ ބަދަލުތަކާއި ހޯމޯންސް އަށް އަންނަ ބަދަލުތަކެވެ. އެކަމަކު މިއީ އެހާ ހާސްވާންޖެހޭ ކަންކަމެއް ނޫނެވެ. މިއީ އިޔާދަ ނުކުރެވޭނެ ބަދަލެއް ނޫނެވެ.

މައްސަލަ ހައްލުކުރަން މަސައްކަތްކުރަންވީ ދެމަފިރިން އެކުގަ އެވެ.

"ބޭބީއެއް ހޯދާއިރު ވެސް ހީވެފައި އޮންނަނީ ހަމައެކަނި އަންހެނުންނޭ ހިކެން ޖެހޭނީ. އެކަމު ރިޕްރޮޑަކްޓިވް ހެލްތަށްބަލާއިރު ފިރިމީހާ ވެސް އެކަށީގެންވާ ބަރުދަނެއްގައި ހުރުން މުހިންމު،" އާސިޔާ ކިޔައިދިނެވެ.

ގޭގެ މަސައްކަތްތަކުގައި ދެމަފިރިން އެކަކު އަނެކަކާ ބައިވެރިވާ ފަދައިން ކެއްކުމާއި ކެއުމުގައި ވެސް ދެ މީހުން އެއްކޮށް، ސިއްހަތަށް ފައިދާހުރި ގޮތަށް ކެއުން ބައްޓަންކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އާސިޔާ ބުންޏެވެ. އަދި ކަސްރަތުކުރުމުގައި ވެސް ދެމީހުން އެއްކޮށް ބައިވެރިވުމަކީ ދެމީހުންގެ ގުޅުން ވަރުގަދަކޮށް ދެމީހުންނަށް ވެސް ލިބޭނޭ ހިތްވަރެއްކަން އޭނާ ފާހަގަކުރި އެވެ.

ހަގީގަތުގައި، ކައިވެންޏާ އެކު ބަރުދަން އިތުރުވާ މައްސަލަ ހައްލުކުރުމަކީ ބޮޑު ކަމެއް ނޫނެވެ. ކުރަން ޖެހެނީ ވަރަށް އާދައިގެ ކުދިކުދި ކަންކަމެވެ. ހާސްނުވާށެވެ.

ސިއްހަތު ކައިވެނި ބަރުދަން ލުއިކުރުން

Popular