By: Aminath Shifleen
ހަލީމާ މުހައްމަދު، 54، އާއި އޭނާގެ އެކުވެރި ފާތުމަތު ނާސިރާ، 52، އެންމެ އިންތިޒާރު ކުރަނީ ބޮޑު ޗުއްޓީ ފެށޭނެ އިރަކަށެވެ. ނާސިރާގެ އެންމެ ހަގަށް ހުންނަ އަންހެން ދަރީގެ އޯލެވެލް ފަހު އިމްތިހާން ނިމުމާއެކު، ދެ އެކުވެރިން ރާވާފައި އޮތީ ޗުއްޓީ ހަދާލަން ސްރީލަންކާ އަށް ދިޔުމަށެވެ. މި ދަތުރުގައި ބައިވެރިވަނީ ހަމައެކަނި ހަލީމާ އާއި ނާސިރާ އެކަންޏެއް ނޫނެވެ. ހަމަ އެ އުމުރު ފުރައިގެ އެހެން ދެތިން އަންހެނުން ވެސް މި ދަތުރުގައި ބައިވެރިވެ އެވެ.
"ދަރިން ބޮޑެތި ވެއްޖެ. ގިނަ ކުދިން އެ އުޅެނީ އެ މީހުން އަމިއްލަ ދިރިއުޅުމެއް ފަށައިގެން ވަކިން. ފުދޭވަރަކަށް ފައިސާ އެބަހުރި އަތުގައި. ދެން ކީއްވެ މިހެން ދަތުރެއް އަޅާނުލަންވީ،" ހަލީމާ ބުންޏެވެ.
"ޝޮޕިންކޮށްލައިގެން، ތަންތަން ބަލާލާފައި ހަފުތާއެއްގެ ތެރޭގައި އެބަ އަންނަން."
މިއީ ހަމައެކަނި ހަލީމާމެންގެ އެކަނި ވާހަކައެއް ނޫނެވެ. މި ފަހަކަށް އައިސް، މިގޮތަށް ގުރޫޕުތައް ހަދާލައިގެން ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަންހެނުންގެ އިތުރުން އެކި އުމުރުގެ ފިރިހެން ގުރޫޕުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެންމެ ކައިރި ސްރީލަންކާއިން ފެށިގެން ދުބާއީ އާއި ތުރުކީ އާއި ޖަޕާނު ފަދަ ގައުމުތަކަށް ވެސް އަންނަނީ މި މީހުން ދަތުރުކުރަމުންނެވެ.
ބޭނުމަކީ ވިޔަފާރިކޮށްލުމާއި ތަންތަން ބަލާލުމާއި އާވައްތަރުގެ ކެއުންތައް ކައި، ތަފާތު ތަޖުރިބާއެއް ކޮށްލުމެވެ. އެންމެ ފުރަތަމަ، މި ގޮތަށް ދަތުރުކުރާ ތަންކޮޅެއް އުމުރުން ދޮށީ މީހުންގެ ވާހަކަތައް އަޑުއަހާލަމާ ހެއްޔެވެ؟
އެ މީހުން ބުނާގޮތުން މިގޮތަށް، އެކުވެރިންނާ އެކު ބޭރު ގައުމުތަކަށް ދަތުރުކުރުމަކީ "ވަރަށް އަރާމު އަދި އެހާ މަޖާ" ކަމެކެވެ. ދަރިން ސްކޫލަށް ގެންގޮސް، އެ ކުދިންގެ ގޭތެރޭގެ ކަންކަން ބަލަހައްޓަމުން، ޅަދަރިމައި ބެލެނިވެރިންނަށް އާއްމުކޮށް މި ފަދަ ފުރުސަތެއް ނުލިބޭ ކަމަށް އެ މީހުން ބުނެ އެވެ. އެހެންވެ، ރަހުމަތްތެރިންނާ އެކު މި ފަދަ ދަތުރުތައް އާއްމުކޮށް ކޮށް އުޅެނީ ކުދިން ބޮޑެތިވެ، އަމިއްލަ އަށް ކަންކަން ކޮށްލެވޭ ވަރުވުމުން ކަމަށް ބުންޏެވެ.
"އެ ކުދިން ތިބެންޏާ ބަހައްޓާފައި ދާކަށް ވެސް ނުކެރޭނެ އެއްނުދޯ! އަވަށްޓެރި ދެތިން މީހަކު އެކުގައި މިހާރު ދެ ފަހަރަކު ބޭރަށް ހިނގައްޖެ. އަހަރެން މި މަޑު ކުރީ އެންމެ ހަގު ދަރި ކިޔަވާ ނިމެންދެން،" މި ބޮޑު ޗުއްޓީގައި ލަންކާއަށް ދާން ނިންމައިގެން ހުރި ނާސިރާ ބުންޏެވެ.
ނާސިރާ އާއި އޭނާގެ އެކުވެރިން ދެން ނިންމާފައިވަނީ އަންނަ ޖެނުއަރީގައި، ފައިސާކޮޅެއް އެއްކޮށްލައިގެން އިންޑިއާގެ ގުޖުރާތަށް ދާށެވެ.
ފަހަރެއްގައި ނާސިރާ އާއި ހަލީމާ އަދި އޭނާގެ އެކުވެރިން ފަދައިން ހުރިހާ މައިން ފްރީ ނުވެދާނެ އެވެ. އެކަމަކު މި ފަދަ ބިޒީ މަންމައިން، ދަރިންގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ނުވަތަ ހަފުތާ ބަންދާ ދިމާކޮށް ވެސް ބޭރު ބައެއް ގައުމުތަކަށް ދެ އެވެ. ހަމަ ގުރޫޕު ހަދާލައިފަ އެވެ.
ޝަހީމާ އަލީ އަކީ މި ފަދަ މަޔެކެވެ. އޮފީހުގައި އުޅޭ ދެތިން ރައްޓެއްސަކާ އެކު، "ވީކެންޑް" އަށް ސްރީލަންކާ ފަދަ ގައުމުތަކަށް ދަނީ މާލޭން ނުލިބޭ އެއްޗެހި ގަނެލައި ޝޮޕިން ކޮށްލާށެވެ.
"ދަރިން ގޮވައިގެން އެހެން ގޮސް އުޅޭއިރު ގިނަ ފަހަރަށް ޝޮޕިން ނުކުރެވިފައި އޮންނަނީ. އެހެންވެ، ވީކެންޑާ ދިމާކޮށް ރައްޓެހިންނާ އެކު ލަންކާ ފަދަ ތަންތަނަށް ގޮސް އެބަ ޝޮޕިން ކޮށްލެވޭ. ބުރާސްފަތި ދުވަހު ހަވީރު ފުރައިގެން، ހޮނިހިރު ދުވަހު އެބަ އާދެވޭ،" ޝަހީމާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިއީ ގިނަ ދިވެހިންގެ ތެރޭގައި މިހާރު އާއްމުވަމުން އަންނަ ލައިފްސްޓައިލެކެވެ.
ލަންކާ ނުވަތަ އިންޑިއާ ފަދަ ގައުމުތަކަށް ދާކަށް، މިހާރު މާބޮޑު ހަރަދެއް ކުރާކަށް ނުޖެހެ އެވެ. ހާއްސަކޮށް ފެއާއަކާ ދިމާކޮށް، އަގުހެޔޮކޮށް ޓިކެޓް ނަގައިގެން، މާލެއަށް ވުރެ މާހެޔޮ އަގުގައި ލަންކާ ފަދަ ތަންތަނުން އެބަ ޝޮޕިން ކޮށްލެވެ އެވެ.
މިއީ ތައިލެންޑަށް ދާ ފިރިހެން ގުރޫޕެއް!
ވިޔަފާރިތަކުގައި ފިރިހެނުން ތައިލެންޑަށް ހާއްސަކޮށް، ވެރިރަށް ބެންކޮކަށް ދިޔުމަކީ އާ ވާހަކައެއް ނޫނެވެ. ވިޔަފާރީގެ ބޭނުމުގައި ދިޔަ ނަމަވެސް، ބައެއް ފަހަރަށް ނުގޮތަކަށް އަޑު އަރާފާނެ އެވެ. އެކަމަކު ހަމަ ހަގީގަތުގައި ވެސް ބެންކޮކާއި ޕުކެޓާއި އެ ގައުމުގެ މަޝްހޫރު މާޔާ ބޭ ފަދަ ތަންތަން ބަލާލައި، ހިތް ހަމަޖައްސާލަން ދާ ދިވެހިންގެ އަދަދު ގިނަ އެވެ.
މާޔާ ބޭ ފަދަ ހިތްގައިމު މަންޒިލްތައް މަޝްހޫރުވެފައި އޮންނަނީ ހަނީމޫނަށް ދާ ނުވަތަ ލޯބިވެރިންގެ މެދުގައި ނަމަވެސް، އެތަންތަނުން ހިތްހަމަޖެހުން ހޯދަންދާ، ދިވެހި ގުރޫޕުތައް ވެސް އުޅެ އެވެ.
"ތަފާތު އެކްސްޕީރިއަންސެއް. ރާއްޖެއާ އެއްގޮތް އެކަމަކު ތަފާތު މަޖާ ކަންތައްތަކެއް ކުރެވޭ ތަނެއް މިއީ،" ރީތި ގޮނޑުދޮށްތަކާ އެކު ފަރުބަދަ މަތީ އެ ރަށްތަކުގައި، ރައްޓެހިންނާ އެކު ޗުއްޓީ ހޭދަކުރަން ގޮސްފައި އިސްމާއިލް ހުޒާމް ބުންޏެވެ.
ދިހަ ދުވަހުގެ ޗުއްޓީ ނިންމާލުމަށް ފަހު، އޭނާގެ ގުރޫޕު ޕްލޭން އެ ކުރަނީ އަނެއްކާ ވެސް އެހެން ގައުމަކަށް ދާށެވެ.
މި ފަދަ ގުރޫޕުތަކުގައި ގިނަ ފަހަރަށް ފަސް ވަރަކަށް މީހުން ހިމެނޭއިރު، މީހުންގެ އަދަދު ބައެއް ފަހަރު އޭގެ ދެ ގުނައަށް ވެސް އަރަ އެވެ.
"ދަތުރަށް ބަޖެޓެއް ކަނޑައަޅައިގެން ހަމަ ސޭވްކޮށްގެން މި ޓްރެވެލް ކުރަނީ. ދަތުރު ކުރެވޭ ވަރަށް ލާރި އެއްވީމައި، އެންމެން ޗުއްޓީ ނަގައިގެން ނައްޓާލަނީ،" ރައްޓެހިންނާ އެކު މީގެ ކުރިން މެލޭޝިޔާ އަދި ފިލިޕީންސް އަށް ވެސް ގޮސްފައިވާ ހުމާމް ބުންޏެވެ.
މި ގޮތަށް ގުރޫޕު ޓުއާތައް އިންތިޒާމު ކުރާ މީހުން ވެސް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ދުބާއީ އާއި ސިންގަޕޫރާއި ޗައިނާ ފަދަ ގައުމުތަކަށް، ވަކި ޕެކޭޖެއްގެ ދަށުން މި ކުންފުނިތަކުން މީހުން ގެންގޮސް ދެ އެވެ. ހުރުމާއި ކެއުމާއި ތަންތަން ބަލާލުން މި ޕެކޭޖުގައި ގިނަ ފަހަރަށް މިއީ ގިނަ ދިވެހިންނަށް އަތްފޯރާ އަގުތަކެކެވެ.
ރާއްޖޭން ބޭރަށް މިގޮތަށް ދަތުރުކުރުމަކީ މީގެ ކުރިން އެހާ އާއްމު ކަމެއް ނޫނެވެ. އެކަމަކު އެކި ގައުމުތަކަށް ދަތުރުކޮށް، އެހެން މީހުންގެ ސަގާފަތާއި އުޅުން ތަޖުރިބާކުރުމުގެ ހޭލުންތެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ގުރޫޕު ހަދާލާފައި ރައްޓެހިންނާއެކު މިގޮތަށް ކުރާ ދަތުރުތައް އިތުރުވުން މިކަމަށް ހެކި ދެ އެވެ.